November 22, 2024 16:13
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ތޭވީސްވަނަބައި)

އަލިފާން ނިއްވާލެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. އެއްބަޔަކު ލިބިފައިވާ ގެއްލުން ބެލުމަށް ނުވަތަ އެއްވެސް އެއްޗެއް ސަލާމަތުން އަތުޖެހޭތޯ މަސައްކަތް ކުރަމުން ދިޔައިރު އަނެއްބަޔަކު މިސްރާބު ޖެހީ ކިޔެވެލި ކިޔެވުމަށް ތައްޔާރުކޮއްފައިވާ ސަރަހައްދަށް ދިއުމަށެވެ. ކުއްލިއަކަށް މީހަކު ހަޅޭލަވައިގަތް އަޑަށް އެންމެންކަހަލަ ގޮތަކަށް އެދިމާލަށް ދުއްވައިގަތެވެ.

"މީހަކު. މީހަކު. އަނދާ އަޅިއަށް ވަނީ" އެމީހާ ގޮވަމުން ދިޔައެވެ.

އެމީހުން ދުވެފައި އައިސް އެތަން ހާވަން ފެށިއެވެ. ތެދެކެވެ. އަނދާފައިވާ މޭޒެއް ދަށުގައި މަރުވެފައި އޮތީ ނައުފަލެވެ. ހަށިގަނޑުގެ ބޮޑުބައެއް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފައެވެ. މޫނުމަތީގައި ހީވަނީ ކޮންމެވެސް މީހަކު ވަކި އަޅާފައި ހުރިހެންނެވެ. މޫނުގެ ކުލަ ކަޅު ކުލައަށް ވަނީ ބަދަލުވެފައެވެ. ދެއަށް އޮތީ މައްޗަށް ނެގިފައެވެ. މީހަކު ކައިރިން ސަލާމަތަށް އެދެން އާދޭސް ކުރާ ކަހަލައެވެ. ނަމަވެސް މޫނަށް އެހާ ބޮޑަށް ގެއްލުމެއް ވެފައި ނުވާތީ އެއީ ސީދާ ނައުފަލްކަން ޔަގީން ކުރަން ފަސޭހަވިއެވެ. އެވަގުތު އެހިސާބުގައި ރީމާވެސް ހަރަކާތްތެރިވަމުން ދިޔައީ ބިރުވެރިކަމާއި އެކުގައެވެ. ކައިރީގައި ރީމާގެ މަންމަ އޭނަގެ އަތުގައި ހިފަހައްޓައިގެން ރޮވިފައި ހުއްޓެވެ. ގޭގައި ކުޑަ ދަރިފުޅާއި ނުކުޅެދޭ ހާލުގައި އޮތް ބައްޕަ ދޫކޮއްލާފައި ދުވެފައި އައީ ފިހާރައިގައި ރޯވެފައި ހުރި ޚަބަރު ލިބިގެންނެވެ. ބައްޕަ ބުރަ މަސައްކަތުން ނަގާ ކޮޅަށްޖެހި ވިޔަފާރި ނެތި ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. ރީމާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ކުރިމަތިން ނައުފަލްގެ ހަށިގަނޑު ނަގައިގެން ދިޔައިރު ވެސް ފާޑަކަށް ހުއްޓިފައި ރީމާއަށް ހުރެވުނެވެ. ފިރިމީހާވެސް އެންމެ ފަހުން ނިމިދިޔައީއެވެ. ދިރިއުޅުމަށް ލިބެމުން ދިޔަ އާމްދަނީއަށް ވެސް ހުއްޓުމެއް އައުމުގެ އިތުރަށް ބަލި ބައްޕައަކުވެސް ބަލަން ޖެހުނީއެވެ. ރީމާގެ ކުޑަކުޑަ ދަރިފުޅަށް އޭނާގެ ބައްޕަ ލޮލުން ދެކުމުގެ ނަސީބުވެސް ގެއްލުނީއެވެ.

Advertisement

ނައުފަލްގެ ހަށިގަނޑާއި ހަވާލުވުމަށް ދެތިން މީހަކު ބަހައްޓާފައި ދެންތިބި މީހުން ގޮވައިގެން ރަޝީދު އަނެއްކާވެސް މިސްރާބު ޖެހީ އޭނާއަށް ހަވާލު ކޮއްފައިވާ މަސައްކަތާއި ދިމާލަށެވެ. މައިދާނަށް މީހުން ވަނީ އެއްވެފައެވެ. ކުރީ ރޭގައި ދިމާވި ކަންތައް އިބްރަތަކަށް ބަލައިގެންނެވެ. އެންމެންވެސް ތިބީ ވަރަށް ހުށިޔާރުވެގެންނެވެ. ދިމާވެދާނެ ކޮންމެ ހަމަލައަކުންވެސް ސަލާމަތްވާން ތައްޔާރު ވެގެންނެވެ. މިރޭ އެހެން ރޭތަކާއި ތަފާތެވެ. ރަޝީދު ވަށައިގެން މީހުން ވަށް ބުރަކަށް އަތުރާފައި ތިބި އިރު ރަޝީދު އިނީ އެމީހުންގެ މެދުގައެވެ. އޯޑަރު ދެނީ ރަޝީދެވެ. ކިޔެވުމާއި އެހެނިހެން ކަންތައް ކުރަންޖެހުނީ އެރަށުގެ ޒުވާނުންނަށެވެ. ގަޑިން ހަގަޑި ތިރީސް ވުމާއި އެކު ރަޝީދު ދެލޯ މަރައިގެން އިނދެ އެއްޗެއް ކިޔަވަން ފެށިއެވެ. އެހެން މީހުންގެ ނަޒަރު ވަނީ އޭނައަށް ހުއްޓިފައެވެ. ދުނިޔެމައްޗަށް އަނދިރިވަމުން ދިޔައީ ވަރަށް އަވަހަށެވެ. ފަނަރަ ވަރަކަށް މިނިޓް ވަންދެން ދެލޯ މަރައިގެން އިނުމަށްފަހު ކޮޅަށް ތެދުވެ ވަށައިގެން ހޯދަން ފެށިގޮތުން ހީވަނީ އެހެން މީހުންނަށް ނުފެންނަ އެއްޗެއް އޭނައަށް ފެންނަ ހެންނެވެ. އެގޮތަށް ދެތިން ފަހަރު ހެދުމަށްފަހު އައިސް ކުރިންވެސް އިން ތަނުގައި އިށީނެވެ. އަދި އޭނަގެ އަޑުދަށުން ކިޔަވަން އެންގިއެވެ. އެވަގުތު ރީމާގެ މަންމަވެސް އެތަނަށް އައިސް ހަޅޭލަވަން ފެށިއެވެ. ނައުފަލަށް އެވަރު ވެފައި އޮތް އިރުވެސް ރަޝީދު އިސްކަން ދިނީ އޭނަގެ މަސައްކަތަށޭ ކިޔާފައެވެ. ނަމަވެސް އެއްވެސް ބަޔަކު އެކަމަށް އަޅައިނުލުމުން އެނބުރި ދިޔައީ ޖަނާޒާއަށް އަންނާށޭ ކިޔައި ގޮވަމުންނެވެ. ކިޔެވެލި ހުއްޓުމެއްނެތި ކުރިއަށް ދިޔައެވެ. އިރުއޮއްސި މުޅި ހިސާބަށް އަނދިރިވަމުން ދިޔަ ނަމަވެސް އެމައިދާނަށް ވަނީ ގަދައަށް އަލި ކޮއްފައެވެ. ނަމަވެސް އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް އެ މައިދާނަށް ވާރޭ ވެހެންފެށިއެވެ. ވައިމަޑު ނަމަވެސް ވާރޭ ތިކިތަކުގެ ތޫނުކަން އިންތިހާއަށް ތޫނެވެ. ނަމަވެސް މިރޭ މައިދާނުގައި ތިބީ ހިތްވަރު ގަދަ ކެރޭ ބައެއްކަން އަންގަން އެމީހުން ބޭނުމެވެ. ކުރިންވެސް އެމީހުން ތިބީ މިކަމަށް ތައްޔާރުވެގެންނެވެ. ވާރޭގެ ކަނިތައް ހުއްޓުމެއްނެތި މީހުންނަށް އަމާޒު ވަމުން ދިޔައެވެ. ތޫފާނެއްހެން ވައިގަދަވާން ފެށީ ހަމަ ކުއްލިއަކަށެވެ. ވަށައިގެން ދޫނިތައް ގޮވާ އަޑު ގަދަވަމުން ދިޔައެވެ. އެދޫނިތައް އެމީހުންގެ އަތްފޯރާފަށުން އުދުހެމުން ދިޔަ ނަމެސް އެއަށް އެއްވެސް ގޯނާއެއް ނުކުރުމަށް ރަޝީދު ވަނީ އަންގާފައެވެ. އެއަށް ގޯނާއެއް ކޮއްފިއްޔާ މިރޭ ކަންތައް މާ ގޯސްވެދާނެތީއެވެ. މަޑުމަޑުން މިކަން ހައްލު ކުރަން ރަޝީދު ދީފައިވަނީ އެންމެ ފަސް ރެއެވެ. އެހެން ވީމާ އެފަސްރޭގައިވެސް ހިތްވަރާއިއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން މީހުން ކިޔެވުން ކިޔަވަމުން ދާއިރު ރަޝީދު ހުންނަނީ ކޮޅަށް ހުއްޓިއެވެ. އަނގައިން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމީހުންނަށް ކެތްތެރިވެވުނީ ވަކިވަރަކަށެވެ. އެދޫނިތައް އެމީހުންނަށް ހަމަލަދޭން ފެށީއެވެ. އެވަރުންވެސް އެއަށް ގޯނާ ނުކޮށް ކިޔެވުމަށް އިރުޝާދު ދެމުން ދިޔުމުން ބައެއް މީހުން އެކަމާއި ދެކޮޅު ހެދި ނަމަވެސް އިރުކޮޅަކުން އެމީހުންވެސް މައިތިރިވެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ކިޔެވުން ގަދަވާން ފަށާއިރަށް އެދޫނިތަކުގެ ހަމަލަ އެމީހުންނަށް ދަނީ އަމާޒުމަވުންނެވެ.

"ރަޝީދު ކަލޭ ކީއްކުރަނީ" އެތަނުން މީހަކު ގޮވައިލިއެވެ.

އޭނާގެ ބޮލުން ލޭ ފައިބަމުން ދިޔައިރު ވެސް އެކަކު ވެސް އެހީއެއް ނުވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދިޔައެވެ. ދޫނިތަކުގެ ހަމަލާ އާއި އެކު އިތުރުވީ ވަޔާއި ވެއްޔެވެ. ވެލީގެ ސަބަބުން ދެލޯ ހުޅުވާލަން ނުކެރެއެވެ. ވަށައިގެން ތަނެއް ނުފެނެއެވެ. ނަމަވެސް އެކަކުވެސް މައިދާން ދޫކޮއްލާފައި ދާކަށް ނުކެރުނެވެ. އެވެސް މަރު މިވެސް މަރޭ ހިތައިގެން ތިބީއެވެ. ކުއްލިއަކަށް އެންމެނަށް ސިހުން ލިބިގެން ދިޔައީ ރަޝީދުގެ ފައިބުޑުން ދުން އަރަން ފެށުމުންނެވެ. ހަމަ އެއާއި އެކު އަލިފާން ކަނި ބުރަން ފެށީ ވަށައިގެން ތިބި މީހުންނާއި ދިމާލަށެވެ. އެއްބަޔަކު ބިރުން ހަޅޭލަވަމުން ދުއްވައިގަތް ވަގުތު ބަލާފައި ބިލާލް އެތަނަށް ދުވެފައި އައެވެ. އެކަމަށް ހުރަސް އަޅަން ބައެއް މީހުން މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ. ދުވެފައި އެއައި ބާރުމިނުގައި އައިސް އަތުގައި އޮތް ދަނޑިބުރިއަކުން ރަޝީދުގެ ބޮލުގައި ޖެހުމާއި އެކު ރަޝީދު ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ކޮޅަށް ތެދުވަން ރަޝީދު މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވެސްވީ ބޭކާރެވެ. އެއަށް ވުރެ ބިލާލްގެ ހުށިޔާރުކަން މާބޮޑެވެ. ރަޝީދަށް ފުރުސަތެއް ނުދީ ދެވަނަ ހަމަލަވެސް ރަޝީދުގެ ބޮލަށް އަމާޒުކޮއްލިއެވެ. އެވަގުތު މީހުން ދުވެފައި އައިސް ބިލާލް ހުއްޓުވިއިރު ރަޝީދު ހަރަކާތެއް ނެތިފައި ބިންމަތީގައި އޮތެވެ. ނަމަވެސް ފުން ނޭވާއެއް ލަމުން ދިޔައިރު ހީވަނީ ކޮންމެވެސް މީހަކު ކަރަށް ބާރު ކޮއްލައިގެން ހުރިހެންނެވެ. މީހުން ރަޝީދު ކޮނޑަށް ލައިގެން ސިއްޚީމަރުކަޒާއި ދިމާލަށް ދުއްވައިގަތެވެ. ރަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ލަސްތަކެއް ނުވެ ރަޝީދަށް ފަރުވާ ދެވުނު ނަމަވެސް ރަޝީދު ފުރާނަ ސަލާމަތެއް ނުވިއެވެ. ޑޮކްޓަރުން ބުނީ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އަނެއްކާވެސް ރަށަށް ބިރުވެރިކަން ކުރިމަތި ވެދާނެ ކަމުގެ އިހުސާސް އެންމެން ކުރަން ޖެހުނީއެވެ. ފަންޑިތަ ހަދަން ގެނައި ދެމީހުންވެސް މަރުވީއެވެ. އެކަމަށް ޚަރަދު ކުރި މީހާވެސް މިހާރު އޮތީ ނުކުޅެދޭ ހާލަތުގައެވެ.

އެންމެން އެތަނުން ދަންދެން ބިލާލް މަޑުކޮއްލައިގެން ހުރީ ކުރެވުނު ކަންތަކާއި ފަޚްރުވެރިވެފައެވެ. އެންމެން އެތަނުން ދިއުމުން ބިލާލް ހިނގައިގަތީ ގެއަށް ދާށެވެ. ގޭތެރެގައި ބިލާލް ހުރިއިރުވެސް އެމީހުން އެހަދާ ފަންޑިތައިގެ ބާރު ރީޝާއަށް ކުރަމުން ދިޔަ މަންޒަރު ފެނިފައި ގައިން ހީބިހި ނަގައިގެން ދެއެވެ. އެމަންޒަރު ބަލަން ހުރި ބިލާލަށް ކެތް ނުކުރެވިގެން އެންމެފަހުން ރަޝީދަށް ހަމަލަދީ މަރައިލީއެވެ. ބިލާލް ބާރު ބާރަށް ދުވެފައި އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ކޮޓަރީގެ ކަނަކުން ރީޝާގެ ވޭނީ އާހްގެ އަޑު އިވެމުން ދިޔައެވެ. ބިލާލް ދުވެފައި އެދިމާލަށް ދިޔައެވެ. ރީޝާގެ މުޅި ހަށިގަނޑުވަނީ ފިހިފައެވެ. ނޭވާލާން އުނދަގޫވެގެން ތެޅި ފޮޅެނީއެވެ. މުޅި ހަށިގަނޑު އޮތީ ވާން ވެފައެވެ. އުނދަގޫ ނޭވާއަކަށްފަހު އެންމެ ފަހުގެ ނޭވާ މި ދުނިޔެއަށް ދޫކޮއްލީ އަހަރެންގެ ދަރިފުޅު ބަލައި ދޭށޭ ބުނެފައެވެ. ބިލާލަށް ބާރަށް ރޮއި ގަނެވުނެވެ. ނަމަވެސް ރީޝާގެ ގައިގައި ބައްދާލާކަށް ނުކެރުނެވެ. މުޅި ހަށިގަނޑު އަނދާފައި ވުމުންނެވެ.

"ބައްޕާ އަހަރެން މިހުރީ" ކޮޓަރި ތެރެއިން ގޮވައިލި އަޑަށް ބިލާލް ސިއްސައިގެން ދިޔައެވެ.

ތެދެކެވެ. ކޮޓަރި ތެރޭގައި ކުޑަ ފިރިހެން ކުއްޖަކު ހުއްޓެވެ.

"ދަރިފުޅާ" ބިލާލް ގޮސް އެކުއްޖާގެ ގައިގައި އޮޅުލައިގަތެވެ.

"މި ހުރިހާ ދުވަހަކު ކޮންތާކު ދަރިފުޅު ތި އުޅުނީ" ބިލާލް ޝަކުވާ ކުރިއެވެ.

"މަންމަ ބުންޏެއްނު ސަޕްރައިޒެއް ދޭނަމޭ. މީ އެސަޕްރައިޒް. ދެރަނުވޭ ބައްޕާ" އެކުއްޖާ ބިލާލްގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ.

"މަންމަ ނިމި ދިޔައީ" ބިލާލް އަށް ރޮވުނެވެ.

"ބައްޕާ ދެރަނުވޭ. ހުރިހާ ކަމެއް އަޅުގަނޑަށް އެނގޭ. އެންމެ ފުރަތަމަ މިކަންތައް މެދުވެރިވީވެސް ބައްޕަމެން ކައިވެނި ކުރިޔަ ނުދޭން އާއިލާއިން ހަދަމުންދިޔަ ފަންޑިތައިގެ ސަބަބުން. އެހުރިހާ ކަމެއް ކުރީ ބައްޕަމެން ކުޅެންދާ ނިކަ ގަސްދޮށުގައި" އެކުއްޖާ އަށް އެހުރިހާ ވާހަކައެއް އެނގެއެވެ.

"ދެން ކިހިނެއް ހަދާނީ މަންމަގެ ޖަނާޒާގެ ކަންތައް" ގޮތް ހުސްވެފައިވާ ކަހަލަ ގޮތަކަށް ބިލާލް ބުނެލިއެވެ.

"މަންމަގެ އާއިލާގެ މީހުން ގެންދާނެ. ދެރަނުވޭ. އެކަމަކު އަޅުގަނޑު ހުންނާނީ ބައްޕަ ގާތުގައި" ދަރިފުޅު އައިސް ބިލާލް ގާތުގައި އިށީނެވެ.

"ރަޝީދުގެ ކަންތައްވެސް މިހާރު އެމީހުންނަށް އެނގޭނެ. އަދި ބައްޕަ ކުއްވެރިއެއްވެސް ނުވާނެ" ބިލާލް ހަމަޖައްސަން ދަރިފުޅު މަސައްކަތް ކުރަމުން ދިޔައެވެ.

ދޮރުގައި މީހަކު ޓަކިޖެހިއަޑަށް ބިލާލް ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ދަރިފުޅު ފޮރުވަން މަސައްކަތް ކުރިއެވެ. ދަރިފުޅު ނުފެންނާނެހެން ބަހައްޓާފައި ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ބިލާލް ބޮޑުބޭބެ ކިޔާ މީހެކެވެ. ހުރިހާ ދުވަހަކު އަނގައިންވެސް ނުބުނެ ހުރެފައި މިރޭ މިއައި ސަބަބެއް ބިލާލަކަށް ނޭނގުނެވެ.

"މަޢާފަށް އެދެން މިއައީ" އޭނާ ބިލާލާއި ހަތަރުކަޅި ހަމަކޮއްފައި ބުނެލިއެވެ.

"ކޮން ކަމަކާއި" ބިލާލް ސުވާލު ކުރިއެވެ.

އަޑު އަހާށޭ ބުނެފައި އޭނާގެ ވާހަ ކުރިއަށް ގެންދިޔައެވެ. ފުރަތަމަ ބިލާލްގެ އާއިލާ އިން ކައިވެނި ކުރުވަން އުޅުނީ އެހެން މީހަކާއެވެ. ނަމަވެސް އެކަން އެގޮތަށް ނުވާނޭކަން ޔަގީން ވުމުން އެމީހުން ދިމާ ކުރީ ފަންޑިތަ ވެރިކަން މީގެ ތެރެއަށް ވައްދާށެވެ. މިހުރިހާ ކަމެއް ބިލާލްގެ މާމައަށް އެނގޭނެއެވެ. މާމަ ބޭނުންވީ މިކަން ބިލާލަށް ނާންގާ ހުންނާށެވެ. އަދި ބިލާލް މަންމަ އާއި ބައްޕަވެސް ނިޔާވީ ފަންޑިތަވެރިއެއްގެ ސިހުރުންނެވެ. މައިންބަފައިން ނިޔާވުމަށްފަހު ބިލާލްގެ ހުރިހާ ކަމަކާއި ހަވާލުވީ މާމައެވެ. އެ ސިހުރު ގެންގޮސް ނިކަ ގަސްދޮށުގައި ވަޅުލީ މި ބޭބެގެ ދެއަތުންނެވެ. އަދި އެކަންތައް އެންމެފަހުން ބިލާލަށް ޖެހި މިހާރު މި އޮތީ މުޅި ރަށަށް ފެތުރިފައެވެ. އަހަންނަށްވެސް މަޖުބޫރުވެފައި އޮތީ ބިލާލުމެންނާއި ވާހަކަ ނުދައްކާށެވެ.

"ބޭބޭ ދެރަނުވޭ. ބިރު ނުގަނޭ އަހަރެން އެބަހުރިން. މަންމަ މިރޭ އެ މަރުވީ. މަންމަ ތި ހުރިހާ ވާހަކައެއް ކިޔައިދިން" ބިލާލްގެ ދަރިފުޅު އައިސް ބިލާލްގެ ބޮޑުބޭބެ އާއި ވާހަކަ ދައްކަން ފެށިއެވެ.

"ކޮއްކޯ ބޭބެ ވަރަށް އުފާވެއްޖެ" ބިލާލްގެ ބޮޑުބޭބެ އައިސް އޮޅުލައިގަތެވެ.

"ކީއްކުރަން ލޯބިވާ ދެމީހެއްގެ މެދަށް ވަންނަންވީ. ކީއްކުރަން ފަންޑިތަ ހަދަންވީ. އެއަށްވުރެ މާ ރަނގަޅުވީސް ނަމާދު ކޮއްލައިގެން ދުޢާއެއް ކޮއްލިޔަސް. ޔަގީނުންވެސް ފައިދާއެއް ވާނެތާ. ގިނަ ފަހަރަށް ތި ފަންޑިތަ ހަދާ މީހުން ހަދަނީވެސް ދޮގު. އެމީހުން އުޅެނީ ފައިސާގެ ދަހިވެތި ކަމުގައި" ބިލާލް ބޭބެއަށް ވިސްނައިދެވޭތޯ އުޅުނެވެ.

"ކޮއްކޯ މަންމަ މަރުވީވެސް ހަމަ މިކަހަލަ ރެއެއްގައި" ބިލާލްގެ ބޮޑުބޭބެ ބުނެލިއެވެ.

ތެދުވާހަކައެކެވެ. ބިލާލްގެ މައިންބަފައިންވެސް މަރުވި ދުވަސް ތަކަކީ މިކަހަލަ ދުވަސް ތަކެކެވެ. ލޯބިވާ ދެމީހުން މެދަށް އެހެން މީހުން ވަންނަންވީ ކީއްކުރަން ހެއްޔެވެ. އެދެމީހުންނަކީ ރަނގަޅު ދީނަށް އުޅޭ މީހުން ކަމަށް ވަންޏާ ހުއްދަ ނުދޭންވީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ. އެކަމަކު ގިނަ ފަހަރަށް މިހެންވަނީ ފައިސާގެ ދަހިވެތި ކަމުގައި ބަޔަކު މީހުންވާ ގުރުބާނީއެއްގެ ސަބަބުންނެވެ. ޔަގީނުންވެސް ބިލާލަށް އެނގޭ ކަމަކީ މި ހުރިހާ ކަމެއްވެސް މެދުވެރިވާން ފެށީ އެރެއަށް ފަހުގައެވެ. މި ކަހަލަ ރެއެއް އެހެން ބަޔަކަށް ދެއްކުވުމަކަށް ބިލާލެއް ނޭދެއެވެ. ނަމަވެސް އެރެއަށް ފަހު ކަންތައް މިވީ ގޮތް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެއެވެ.

= ނިމުނީ =

+1
0
+1
9
+1
2
+1
0
+1
1
+1
0
+1
2

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް