ރަމަޟާންމަހަށް ތައްޔާރުވުން:
ރަމަޟާންމަހަށްޓަކައި ޢަޒުމް ވަރުގަދަ ކުރުން. މާތްﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމާއި އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންކަމުން ދުރުވުން. ހެޔޮ ޢަމަލު ކުރުމަށް ތައްޔާރުވުމާއި، ހިތްވަރު ކުރުމަށް ނަފްސު ތައްޔާރު ކުރުމާއި، ޤުރްބާނީ ވުމަށް ތައްޔާރުވުން.
ރޯދައިގެ ޙުކުމްތައް ދެނެގަތުން:
ޚާއްޞަކޮށް ރަމަޟާންމަހާއި ގުޅުން ހުރި ޙުކުމްތައް (މީގެ ތެރޭގައި ރޯދަ ގެއްލޭ ކަންތައްތައް، ރޯދަމަހު ދުވާލު ޖިމާޢުވުން، މަނި ބޭރުވެއްޖެ މީހާ ޢަމަލުކުރާނެ ގޮތް، ވާޖިބުތައް، ރުކުންތައް، މިފަދަ ކަންކަން އުނގެނުމެވެ.) ކޮންމެ މުސްލިމަކުވެސް ދަސްކުރަންޖެހޭ ކަންކަމެވެ. ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ ފައިދާހުރި ކަމަކީ، ރޯދައާއި ގުޅުން ހުރި ޢިލްމު ހޯދުމެވެ. ޚާއްޞަ ގޮތެއްގައި ތަޤްވާވެރިކަމާއި ގުޅުން ހުރި ކަންކަމެވެ. ރަމަޟާންމަހުގައި ތަޤްވާވެރިކަމާއެކު ރޯދަ ހިފާނެ ގޮތް އުނގެނުމަކީ މިމަހުގެ ދަރުމަ ޙާޞިލުވާނެ ގޮތެވެ.
ރަމަޟާންމަހުގެ ރޯދައަށް ރައްކައުތެރިވުން:
ރޯދަ ގެއްލޭފަދަ ނުވަތަ ޘަވާބާއި ދަރުމަ އުނިވާނެފަދަ ހުރިހައި ކަމަކުން ދުރުވުން މިއެވެ. މިކަމުގެ ދަލީލަކީ: ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނީ:" مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ ممَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ" މާނައީ: "ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅަށް ދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.
އީމާންތެރިކަމާއެކު ރޯދަ ހިފުން:
ރޯދައަކީ މާތްﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހަކު މާތްﷲ އަށް ތަޤްވާވެރިވާނެއެވެ. އެކަލާނގެއަށް ބިރުވެތިވާނެއެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރާނެއެވެ. އިޚްލާޞްތެރިކަމާއެކު މާތްﷲ ގެ ވަޖުހުފުޅު އެދިގެން ރޯދަ ހިފުމެވެ. އެކަލާނގެ ދަރުމައާއި ޘަވާބަށް އެދުމެވެ. ވީމާ އެއީ ތެދުވެރިކަމާއި އިޚްލާޞްތެރިވުމެވެ. އަމިއްލަ ނަފްސަށް ތެދުވެރިވުމެވެ. މީހުންގެ ޘަނާއާއި ތަޢުރީފަށް ނޭދުމެވެ. ޖަޒާއަކަށްވެސް ނޭދުމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ: " مَنْ صَامَ رَمَضَانَ إِيْمَانًا وَ إِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ " މާނައީ: " ތެދުވެރިކަމާ އީމާންކަމާއެކު، ﷲގެ ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހެއްގެ ވޭތުވެދިޔަހައި ފާފައެއް ފުހެވިއްޖެއެވެ."
ހެޔޮ ޢަމަލުތައް ގިނަ ކުރުން:
ތެދުވެރިވުމުގެ މާނައަކީ އޭނާގެ ޢަމަލުގައި ތެދުވެރިވުމެވެ. މާތްﷲ އިޚްލާޞްތެރިކަމާއެކު ރަމަޟާންމަހުގެ ޘަވާބަށް އެދޭ މީހާ ހެޔޮ ޢަމަލުތައް ކުރާނެއެވެ. ވީމާ، އޭނާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ދުލުން ނުބުންޏަސް ޢަމަލުން ފެނިގެންދާނެއެވެ. މި މަހުގެ ޘަވާބާއި ދަރުމައަށް އެދި ޤުރްއާން ކިޔެވުމާއި، ސުންނަތް ނަމާދުތައް ކުރުމާއި، ރޭ އަޅުކަން ކުރުމާއި، ދުޢާ ކުރުމެވެ.
ޤުރްއާނާއިއެކު ދިރިއުޅުން:
ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރެވެ. ރޯދައާއި ޤުރްއާން ތިބާއަށްޓަކައި ޤިޔާމަތް ދުވަހުން ޝަފާޢަތްތެރިވާނެއެވެ. ފަހެ، ރޯދައަކީ ކެއުމާއި ބުއިމާއި ޝަހުވަތްތައް މަނަޢުކުރާ ކަމެކެވެ އަދި ޤުރްއާނަކީ އެފޮތް ކިޔަވާ އުޅޭ މީހެއްގެ ރޭގަނޑުގެ ނިދި ގެއްލުވާލައިކަމެވެ. އެއީ ޤުރްއާނަށް އޮންނަ ލޯތްބެއްގެ ސަބަބުން އެކިޔެވުމަށްޓަކައެވެ. މި ސަބަބާހުރެ އެމީހަކަށް އެހައި މަތިވެރި އަޖުރައާއި ޝަފާޢަތް ލިބިގެންދެއެވެ.
މާތްﷲ ގެ ވަޢުދުފުޅު ތެދުކުރުން:
އެއީ އެކަލާނގެ ރޯދަވެރިންނަށް ދެންވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ހެޔޮ ޖަޒާއެވެ. ޘަވާބާއި ދަރުމައެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ: " إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانْ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أُغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدْ" މާނައީ: " ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއްވެއެވެ. އެދޮރުކޮޅަށް ރައްޔާނޭ ކިޔެއެވެ. ޤިޔާމަތްދުވަހުން ރޯދަވެރިން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންނާއެކު އެހެން އެއްވެސް ބައެއް އެދޮރުކޮޅުން ނުވަންނާނެއެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމަށްފަހު އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެހެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ."
މާތްﷲ އަށް ކިޔަމަންގަތުމުގައި ނަފްސާއި ޖިހާދު ކުރުން:
ހެޔޮ ޢަމަލުކުރުމަށް ކުރާ ޖިހާދެވެ. ޙަރާމް ކަންކަމުން ދުރުވުމަށް ކުރާ ޖިހާދެވެ. އެއީ ހަވާ ނަފްސުގެ އެދުންތަކާ ޚިލާފުވެ މާތްﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށް ކުރާ ޖިހާދެވެ. ބައެއް ފަހަރު ތިމާ ކުރާ ހިތްވާ ކަމަކީ މާތްﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ނަފްސު އެދުނު ކަމުގައިވިޔަސް މާތްﷲ އަށްޓަކައި އެކަމެއް ދޫކުރުމީ ނަފްސުގެ ޖިހާދެވެ. ރަމަޟާންމަހަކީ ކިޔަމަންގަތުމުގެ މަހެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ: "މުޖާހިދަކީ، އެމީހެއްގެ ނަފްސު މާތްﷲ އަށް ކިޔަމަންތެރިކުރުމުގައި ޖިހާދުކުރާ މީހާއެވެ." (أخرجه أحمد، وصحَّحه الألباني في الصحيحة).
ޙަލާލު ކަންތައްތަކުން ރޯދަ ހިފުމުގެ ކުރިން ޙަރާމް ކަންކަމުން ރޯދަ ހިފުން:
ތިބާ ކެއުމާއި ބުއިން ފަދަ ހުއްދަ ކަންތައް ރޯދަ މަހު ދޫކޮށްލާ ފަދައިން މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންކަން ކަމުގައިވާ ޣީބަ ބުނުމާއި، ނެތިމޮށުމާއި ފުރައްސާރަ ކުރުން ފަދަ ކަންކަމުން ދުރުވާށެވެ. ޙަޤީޤީ މާނައިގައި ރޯދަ ހިފުމަކީ މިއީއެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. ((مَن لم يدَعْ قول الوزر والعملَ به، فليس لله حاجةٌ في أن يدَعَ طعامَه وشرابه))؛ (رواه البخاري).
ރޭ އަޅުކަން ކުރުމުގައި މުރާލިވުން:
ފަރުޟު ނަމާދަށްފަހު އެންމެ ހެޔޮ ނަމާދަކީ ރޭގަނޑުގައި ކުރެވޭ ނަމާދެވެ. އެއީ ވިތުރި، ތަރާވީހް، އަދި ދަނމު ނަމާދު ވިޔަސްމެއެވެ. "މުއުމިނުންގެ ޝަރަފުވެރިކަމަކީ ރޭ އަޅުކަމެވެ." މިހެން ޖިބުރީލުގެފާނު މާތް ނަބިއްޔާއަށް ޚަބަރު ކުރެއްވިއެވެ.
އިސްތިޣްފާރު ކުރުމާއި ދުޢާ ކުރުން އަދި ޛިކުރުކުރުން:
އިސްތިޣްފާރު ކުރުމަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މާތް އެއް އަޅުކަމެވެ. ޤިޔާމަތް ދުވަހުން އެމީހެއްގެ ފަތުގައި އިސްތިޣްފާރު ގިނަވެއްޖެ މީހަކަށް ކާމިޔާބު ލިބިއްޖެއެވެ. ކީރިތި މާތް ނަބިއްޔާ ދުވާލަކު 70 ނުވަތަ 100 ފަހަރު އިސްތިޣްފާރު ކުރައްވައެވެ. އެއީ އެކަލޭގެފާނުގެ ހުރިހައި ފާފައެއް ފުއްސަވާފައިވާއިރުވެސް މެއެވެ. ވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ ގިނަގިނައިން އިސްތިޣްފާރު ކުރާ އަޅުންގެ ތެރެއިން ވޭތޯއެވެ.
އިޢްތިކާފުގައި އިނުން:
ރަމަޟާން މަހަށް ޚާއްޞަ އެއް އަޅުކަމަކީ އިޢްތިކާފުގައި އިނުމެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭ ތަކުގައި އިންނަ އިނުމެކެވެ. މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފު ކުރައްވައެވެ." (ބުޚާރީ).