November 23, 2024 09:34
Advertisement

-Advertisement-

ކުރުވާހަކަ: ހުންނަންތަވީ އުމުރަށް މިހެން

ރިޝްތާ ސިއްސައިގެން ދިޔައީ ބޮލަށް ބާރުވެގެންނެވެ. ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ. ގާތުގައި ހުރީ ފިރިމީހާއެވެ. ހަތަރު ކުދިންގެ ބައްޕައެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ދުވަހުގެ ވަރުބަލިކަން ފިލުވައިލުމަށް ޖައްސާލެވެނީވެސް ރޭގަނޑެވެ. ނަމަވެސް އެވަގުތަކީވެސް އަނިޔާއިން ފުރިގެންވާ ވަގުތެކެވެ. މަދު ރެއެއް ނޫނިއްޔާ ހަމަ ޖެހިލައިގެން ނިދާލެވޭކަށް ނޯވެއެވެ.

"ކިހިނެއްވީ" ރިޝްތާ ލޯހުޅުވައި ބަލައިލިއެވެ.

"އަނގަމަޑުން ލައިގެން އޮވޭ" ފިރިމީހާގެ ހަރުކަށި ޖަވާބަކީ ރިޝްތާއަށް މިހާރު އާ ކަމެއް ނޫނެވެ. އަނިޔާއެއް ނުކޮށް ނިދާލުމަކީ އޭނައަށް އުނދަގޫ ކަމެކެވެ. މިހާލުގައި އުޅެމުން ހަތަރު ދަރިން ލިބުނީމަވެސް އަދިވެސް ކެތް ކޮއްލައިގެން ހުންނަނީ ދަރިންގެ ހައްގުގައެވެ. އެދަރިންނަށް ރަަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމުގެ އުންމީދުގައެވެ. އާރިފްގެ އުޅުން ބަދަލު ކޮއްލެވޭތޯ ރިޝްތާ ނުވާ ގުރުބާނީއެއް ނެތެވެ. އުމުރުން ސާޅީސް އަހަރު މިވަނީވެސް ހަމަ މިހާލެއްގައެވެ.

Advertisement

ރަށު ސްކޫލުން އޯލެވެލް ނިމިނުތަނާހެން ރިޝްތާގެ މަންމަ ބޭނުންވީ ވީހާވެސް އަަވަހަކަށް މީހަކާއި ދެވާށެެވެ. އަންހެން ކުދިން އެހާ ގިނަ ދުވަހު މީހުންނާއި ނީދެ ތިބޭކަށް ނުވާނެކަމަށް ބުނެއެވެ. ނަމަވެސް ރިޝްތާގެ އުމުރުން ހަނގު ކަމާއި އެކު ވިސްނުން ހުރީ އިތުރަށް ކިޔެވުމަށެވެ. ނަމަވެސް އެކަމާއިވެސް މަންމަ ދިޔައީ ދެކޮޅު ހަދަމުންނެވެ. ބައްޕަ ނިޔާވުމަށްފަހު ރިޝްތާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ މަންމަ އެކަންޏެވެ.

ހަވީރު ފިނީގެ އެންމެ ހިތްގައިމު ވަގުތެވެ. ގޭތެރޭގައި ކުރަން ހުރި ހުރިހާ ކަމެއް ނިންމާލާފައި ރިޝްތާ ހިނގައިގަތީ ބޭރަށް ގޮސްލުމަށެވެ. ގޭތެރޭގައި އަބަދު އިނުމަށްވުރެ ސިކުނޑިއަށް ލުޔެއް ލިބޭނީވެސް ބޭރަށް ނިކުމެލައިގެން ކަމަށް ވާތީއެވެ.

"ކޮންތާކަށް ތިދަނީ" ރިޝްތާ ފެނުމާއިއެކު މަންމަ އަޒީޒާ އަހައިލިއެވެ.

"އަންނާނަން ބޭރަށް ގޮސްލާފައި" ވަަރަށް އަދަބުވެރިކަމާއިއެކު ރިޝްތާ ބުނެލިއެވެ.

ރިޝްތާ ހިނގަމުން ދިޔައީ ރަށުގެ ފުޓްބޯޅަ ދަނޑާއި ދިމާލަށެވެ. ކޮންމެ ދުވަހަކު އެހިސާބުގައި ރަށުގެ ޒުވާނުން ކުޅިވަރު ކުޅެން އުޅޭތީއެވެ. އަންހެނުންނާއި ފިރިހެނުންވެސް އެހިސާބުގައި ކުޅެން އުޅެއެވެ. ނަަމަވެސް ދުވަހަކުވެސް ރިޝްތާ އަކީ ފިރިހެނުންނާއި އެކީގައި މަޖާކޮށް ވާހަކަ ދައްކާ އުޅޭ ޒުވާނަކަށް ނުވާތީ އަބަދުވެސް ކުޅެނީ އަންހެން ކުދިން ކުޅޭ ކަހަލަ ކުޅިވަރެކެވެ.

"ކޮންތާކަށް ތިދަނީ" ސައިކަލެއްގައި އައިސް ރިޝްތާ ގާތަށް ހުއްޓުނީ ނާއިފެވެ. ސްކޫލްގައި އެއް ކުލާހެއްގައި އުޅުނު ޒުވާނެކެވެ.

"ދަނޑާއި ދިމާލަށް" ރިޝްތާ ކުރު ޖަވާބެއް ދީފައި ހިނގައިގަތެވެ.

"މަޑުކޮއްލަބަލަ" ނާއިފް އަނެއްކާވެސް އައިސް ރިޝްތާ އާއި އަރައި ހަމަ ކޮއްލިއެވެ.

"ކިހިނެއްވީ. މީހަކަށް ފެނިދާނެ" ރިޝްތާ މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ.

"އަހަރެން ރިޝްތާ ދެކެ ވަރަށް ލޯބިވޭ. ޖަވާބަކަށް އިންތިޒާރު ކުރާނަން" އެހެން ބުނެފައި ނާއިފް ސައިކަލް ދުއްވައިލިއެވެ.

ނާއިފަކީ ރަށުގެ ޒުވާނުންގެ ތެރެއިންވެސް އަޚްލާގު ރަނގަޅު ކަމަށް އަބަދުވެސް މީހުން ވާހަކަ ދައްކާ ޒުވާނެކެވެ. ސްކޫލް ދައުރުގައިވެސް އެކަން ރިޝްތާއަށް އޮތީ ފާހަގަވެފައެވެ. އެހެން ކުދިން އުޅޭހެން އަންހެން ކުދިންގެ ފަހަތުން ދުވާ ތަނެއް ދުވަހަކަވެސް ނުފެނެއެވެ. ބަރާބަރަށް ނަމާދަށް ދިއުމަކީ ނާއިފްގެ އެންމެ ރަނގަޅު ސިފައެވެ. އާއިލާގެ ތަނަވަސްކަން ނެތުމުން ކިޔެވީވެސް ވަރަށް ހާލުގައެވެ. އޭނަގެ މަންމަ މީހުންގެ ގޭގެއަށް ގޮސް ނޯކިރީ ކޮއްގެން ލިބޭ ލާރިން ފުއްދައިލެވެނީ ހަމަ ކިރިޔާއެވެ. ނަމަވެސް ހިތްވަރާއި އެކު ކިޔެވުން ހުއްޓައި ނުލައި ސްކޫލް ނިންމާލީ އެންމެ މަތީ ދަރަޖައިގައެވެ.

ހަވީރު ބޭރަށް ދިޔަ ގޮތަށް ރިޝްތާ ގެއަަށް އާދެވުނު އިރު ހުރީ އިރު އޮއްސެން ގާތް ވެފައެވެ. ގޯތިތެރެއަށް ވަދެގެން ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަވަހަށް ފެންވަރައިގެން ނަމާދުކޮއްލާނީއޭ ހިތައި ގޭތެރެއަށް ވަނެވެ. މަންމަ އާއި އެހެން މީހަކު ސޯފާގައި ވާހަކަ ދައްކަން ތިބުމާއި އެކު ރިޝްތާ ހިނގައިގަތީ ކޮޓަރިއަށް ދާށެވެ.

"ދަރިފުޅާ. އާދެބަލަ. މިއިނީ އާރިފް" މަންމަ ގޮވައިލިއަޑަށް ރިޝްތާ ހުއްޓުނެވެ. އަދި އެނބުރި ގޮސް މަންމަގެ ގާތުގައި އިށީނެވެ.

"މިއީ އާރިފް. މާލޭގެ ވިޔަފާރިވެރިއެއް. ތަނަވަސް ދިރިއުޅުމެއް އުޅެމުންދާ އެކަނިވެރިއެއް" މަންމަގެ ވާހަކަ ހުރިގޮތުން ރިޝްތާގެ ބޮލުގައި ރިއްސައިލިއެވެ.

"ލައްބަ. އާރިފް ކިހިނެއްތަ" ރިޝްތާ އަހައިލިއެވެ.

"ދަރިފުޅު އިންނަން ރަނގަޅު ކުއްޖެއް. އަދި އިނދެގެން މާލޭގަޔޯ ދިރިއުޅޭނީ" އަނެއްކާވެސް މަންމަ އެވާހަކަ ދައްކަން ފެށިއެވެ.

"އަދި އަހަރެން މީހަކާއި އިންނާކަށް ނުވޭ" ރިޝްތާ ބުނެލިއެވެ.

އެހެން ބުނެލާފައި ރިޝްތާ ގޮސް ކޮޓަރީގެ ދޮރު ލެއްޕިއެވެ. މުޅި ދުނިޔެ ބަނަވި ކަހަލައެވެ. ކުރަމުންދާ އުންމީދު ފުނޑުފުޑުވީއެވެ. ރަށުން ރަނގަޅު ޒުވާނެއް ކައިވެނި ކުރަން ލިބިފައި ހުއްޓައި ނުވެސް ދަންނަ ބީރައްޓެއްސަކާއި ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ. އަދި އެވެސް ފައިސާގެ ދަހިވެތި ކަމުގެ ދަލުގައި މަންމަ ޖައްސާފައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށް ރިޝްތާ ދިޔައީ ސިއްސައިގެންނެވެ. ދޮރު ހުޅުވާލައިގެން ބަލަހައްޓައިގެން މަންމަ ހުއްޓެވެ.

"ކޮބާ އާރިފް އާއި ކޮން އިރަކުން ކައިވެނި ކުރާނީ" މަންމަ އައިސް ރިޝްތާގެ ގާތުގައި އެނދުގައި އިށީނެވެ.

"އެއަށްވުރެ ރަނގަޅު ކުއްޖެއް މިރަށުގައި އެބަހުރި" މަންމަގެ ވިސްނުން ބަދަލު ކުރެވޭތޯ ބެލިއެވެ.

"ކާކު. އެއީ ކާކުހޭ" މަންމަގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނެވެ.

"ނާއިފް. އެއީ ވަރަށް ރަނގަޅު ކުއްޖެއް. ވަރަށް ބަސްއަހާ އޯގާތެރިއެއް" ރިޝްތާ މަންމަގެ ހަރުކަށި ސުވާލު ތަކަށް ޖަވާބު ދެމުން ދިޔައެވެ.

"އޭނައަަށް ކޮންކަމެއް ވާނީ. އެއީ ފަގީރެއް. އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ނެތް" މަންމަ ގޮތް ދޫނުކޮށް އަޑުގަދަ ކުރަން ފެށިއެވެ.

މަހެއްހާ ދުވަސްފަހުން މަންމަގެ އެދުމުގެ މަތިން ރިޝްތާ އާރިފް އާއި ކައިވެނި ކުރިއެވެ. ލޯބި ނުވިޔަސް މަންމަ އަށް ކުރާ އިޚްތިރާމެއްގެ ސަބަބުންނެވެ. ކައިވެނި ކުރުމަށްފަހު އާރިފް ބޭނުންވީ މާލޭގައި ދިރިއުޅުމަށެވެ. އެއީ އާރިފްގެ ވިޔަފާރި އޮތީ މާލޭގައި ކަމަށް ވުމުންނެވެ. މާލެ ބަދަލުވުމަށްފަހު އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކައިވެންޏަށް އަހަރެއްވީއިރު ރިޝްތާ އިނީ ބަލިވެއެވެ. އަލަށް ބަލިވެ އިނުމުގެ ސަބަބުން ވަރަށް ބޮޑަށް ބަލިވިއެވެ. ރިޝްތާ ބަނޑުބޮޑުވި ފަހުން އާރިފަށް ބުނަން ނޭގޭ ބަދަލެއް އަތުވެއްޖެއެވެ. ގެއަށް ވަންނަނީ ވަރަށް މަދުންނެވެ. ގިނަ ވަގުތު ހޭދަ ކުރަނީ ބޭރުގައެވެ. އެންމެ ފަހުން ގެއިން ކެއުންވެސް ހުއްޓުނީއެވެ. އެކަމާއި ސުވާލެއް ކޮއްފިއްޔާ ވަރަށް ބުރަކޮށް އުޅެނީ ކަމަށް ބުނެ ނިންމާލައެވެ. ނަމަވެސް ރަށުތެރޭގައި އެކި ވާހަކަތައް އިވެމުން ދިޔައެވެ. އާރިފް އާއި ގުޅޭ ގޮތުންނެވެ. ނަމަވެސް އެއީ މީހުން ދައްކާ ތޯތޯ ވާހަކަ ކަމަށް ރިޝްތާ ނިންމިއެވެ.

އެއްރޭ ދަންވަރުގެ ދޭއްޖަހާ ބޮޑުވިފަހުން އާރިފް ގެއަށް ނާންނާތީ ރިޝްތާ ގުޅައިލިއެވެ. ޖަވާބުުގައި މިއަންނަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ. އާރިފްގެ އިންތިޒާރުގައި ރިޝްތާ އޮންނަތާ ލައްކަ އިރުވީ ފަހުން އާރިފް އައިސް ކޮޓަރިއަށް ވަނެވެ. ހުރީ ވަރަށް ހެވިލާފައެވެ.

"މިއައީ ހުއްދައެއް ހޯދަން" އާރިފް ހެވިފައި ހުރި މަންޒަރު ފެނުމުން ރިޝްތާވެސް އުފަލުން ހެވުނެވެ.

"އާރިފް ހުއްދަ އެދެންޖެހޭ ކަމެއް ނޯންނާނެ. އަބަދުވެސް ހުއްދަ އޮންނާނެ. ތިއީ މަގޭ ފިރިމީހާ" ރިޝްތާ އެނދުން ތެދުވެ އިށީނެވެ.

"ދެއަންބަށް މީހަކާއި އިންނަން މިއުޅެނީ" އާރިފް އެހެން ބުނެލުމާއި އެކު ރިޝްތާއަށް ހީވީ މީހަކު އޭނަގެ ބޮލުގައި ބާރަށް ޖެހިހެންނެވެ. ބާރަށް ރޮވެން ފެށިއެވެ.

"ނޫން. ނުވާނެ ތިކަމެއް" ރިޝްތާ ގޮސް އާރިފްގެ ގައިގައި ބައްދައިލިއެވެ.

"އެހެން ނޫނިއްޔާ ކަލޭ ޖެހޭނީ ވަރިކުރަން" އާރިފް ރިޝްތާގެ އިސްތަށިގަނޑުގައި ބާރަށް ހިފައިލިއެވެ.

"އޯކޭ" ރިޝްތާއަށް ލިބެމުން ދިޔަ އަނިޔާއަށް ކެތް ނުވެގެން އެއްބަސްވީއެވެ.

އެރޭގެ ފަހުން ކޮންމެ ރެއަކީވެސް އަނިޔާ ލިބެމުންދާ ރޭތަކެވެ. އާރިފް އުފަލުގައި ބަހައްޓަން ދެ އަންބަށް މީހަކާއި އިނުމަށްވެސް އެއްބަސްވީއެވެ. ނަމަވެސް ލިބެމުންދިޔަ އަނިޔާތަކުން ހަށިގަނޑުގެ އެކި ތަންތާގައި ޒަޚަމްތައް ހުރެއެވެ. އެއީ ހަމަ އެކަނި ބޭރުން ފެންނަ މަންޒަރެވެ. އެތެރެއިން ވެފައިވާ ޒަޚަމެއް ރިޝްތާ ދައްކާކަށް ބޭނުމެއް ނޫނެވެ. ފައިސާގެ ދަހިވެތި ކަމުގައި މަންމަ ރިޝްތާ ގުރުބާން ކޮއްލީއެވެ. މަންމަ އުފަލުގައި ބަހައްޓަން މިއިން އެއްވެސް ވާހަކައެއް ހިއްސާ ނުކުރަމެވެ. ހަމަހިމޭން ކަމާއެކު މަރުވަންދެން އުޅުން ނޫން ގޮތެއް ނެތެވެ.

= ނިމުނީ =

+1
1
+1
2
+1
3
+1
1
+1
2
+1
3
+1
3

Advertisement

ގުޅުންހުރި ލިޔުންތައް