ސެންޓު ވިއްކާ ފިހާރައަކަށް ވަދެލުމުން އެންމެ ފާހަގަވަނީ ކޮންކަމެއްބާ؟ ސެންޓު ވިއްކާ ފިހާރަތަކުގައި ކޮފީ އަޅާފައި ހުންނަ ޖާ އެއް ހުންނަކަން ފާހަގަކުރެވޭބާ؟ އޭގެ ސަބަބު އެނގެނީ ކިތައް މީހުންނަށް؟ ކޮފީގެ ވަސް ބަލަނީ ކީއްވެގެންކަން ވިސްނާލިންތޯ؟ ހަމަގައިމުވެސް ވިސްނާލުމުން އެނގެެނީ އެކި ގައުމުތަކުގައި ސެންޓު ވިއްކާ ފިހާރަތަކުގައި ކޮފީ ހުންނަ ކަމާއި އަދި ސެންޓު ގަންނަނަމަ އެތަނުގައި ސެންޓު ވިއްކަން ތިބޭ މީހުން ކޮފީގެ ވަސްބަލާލުމަށް އެދޭ ކަމެވެ. އެއީ ކީއްވެގެން ވަސްބަލަންދޭ އެއްޗެއްތޯ ސުވާލު އުފެދިގެން އެސުވާލު ކޮންލިންތޯއެވެ؟. އޭގެ އަސްލު ހަގީގަތް ބަލާލަމާ ހިގާށެވެ. ބައެއް މީހުންގެ ސިކުނޑިން އެކަމަށް ވިސްނާލާނެ ޖާގައެއްވެސް ނުދީ ގަންނަން ދަނީ ސެންޓު ކަމުގައިވާނަމަ ސެންޓު ގަނެގެން ދެން އެމީހަކު ކުރަން ހުރި އެހެން ކަމަކާއިގެން ބިޒީވެއެވެ. ނޫންނަމަ އެހިސާބުން ދެން ބަލާނީ ގަނެވުނު ސެންޓު ކަމުދޭތޯއެވެ.
ހަމަގައިމުވެސް ސެންޓު ފިހާރަތަކުގައި ކޮފީ ބަހައްޓާފައި ހުންނަނީ ރީއްޗަކަށް އެތަން ޑެކަރޭޓު ކުރާކަށް ނޫނެވެ. އޭގެ ފަހަތުގައިވެސް ކޮންމެވެސް ސިއްރެއް އޮންނާނެއެވެ. އެކަމުގެ އަސްލު ސިއްރު ހޯދާލުމަށް ކުޑަކުޑަ މައުލޫމާތުކޮޅެއް ހިމަނާލާނަމެވެ.
ބައެއް މީހުން ބުނާގޮތުގައި ސެންޓު ފިހާރަތަކުގައި ކޮފީ ހުންނަނީ ނޭފަތުގަ ހަރުލާފަ ހުންނަ ސެންޓުގެ ވަސް އެއްކޮށް ދުއްވާލާ ވަސް އާކޮށްލުމަށެވެ. ހަގީގަތަކީ އެއީ ކަމަށް ނިންމައިގެންވާކަށް ނެތެވެ. ސަބަބަކީ ޚާއްސަކޮށް ކޮފީ ބަހައްޓާފައި ހުންނާތީއެވެ. ކޮފީގެ ވަސް ނޫން އެހެން ވަހަކުންވެސް ނޭފަތުގައި ހުންނަ ސެންޓުވަސް ކަނޑުވާލެވޭނެ އެހެން އެއްޗެހިވެސް ހުންނާނެތާއެވެ. ހަމަގައިމުވެސް ކޮފީގެ ވަހަކީ ވަރަށް ގަދަ ވަހެއް ހުންނަ އެއްޗެކެވެ. ދެން އަނެއްވާހަކައަކީ ކޮފީގެ ވަސް އެހާ ގަދައީ ކީއްވެގެންބާއެވެ. ކޮފީ އަކީވެސް ރޯކޮށް ހުންނައިރު ފެހިކުލައިގައި ހުންނަ އެއްޗެކެވެ. އޭގެ ވަސް ގަދަވަނީ ރޯސްޓްކޮށްފައި ހުންނަ ގޮތުންނާއި އޭގެ ފެންވަރަށް ބަލާއިރުއެވެ. ކޮފީ އަކީ ކާއެއްޗެހީގެ ވަސް އަތުން ނުފިލުމުންވެސް ބޭނުންކޮށްލަން ރަނގަޅު އެއްޗެކެވެ. ކޮފީގެ ވަހުން ނޭފަތުގައި ހަރުލާފައި ހުންނަ އެހެން ވަސްތައް ފިލުވާލުމަށް އެހީވެދެއެވެ. ބައެއް މީހުންގެ މެދުގައި ބަހުސް ކުރެވެނީ ކޮފީއިން "ރީސެޓް ޔުއަރ ސްމެލް" މިގޮތަށެވެ. އަދި މާގިނައިން ސެންޓުގެ ވަސް ބެލުމުން ނޭފަތް އެއްކޮށް ބެދެއެވެ. އޭގެ ސަބަބުން އެކި ސެންޓުގެ ވަސްތައް ދެނެގަންނަން އުދަގޫވެއެވެ. މާގިނަ ވައްތަރުތަކުގެ ސެންޓުގެ ވަސް ބަލަން ފަށައިފިނަމަ ނޭފަތް ބެދި އެއްވެސް ސެންޓެއްގައި މީރުވަސް ނުދުވާހެން ހީވާން ފަށައެވެ. ކޮންމެ އެއްޗެއްވެސް ވައިގައި ހިފުމުން ނުވަތަ މާގިނައިން ވަސްބަލަން ފަށައިފިނަމަ އެވަހެއް ދެނެގަންނަން އުދަގޫވެއެވެ. ގިނަ ސެންޓުގެ ވަސް ނޭފަތުގައި ޖެހުމުން ސިކުނޑިން އެފޮނުވާދޭ ސިގުނަލުގެ ސަބަބުން އޭގެ ވަސްތައް ދެނެގަންނަން އުދަގޫވެ ނުވަތަ އެއްވަހެއް ދުވާހެން ހީވާން ފަށައެވެ. އެކަމުގެ ސަބަބުން ދެން ޖެހޭނީ ތަފާތު އެއްޗެއްގެ ވަސް ބަލާލުމަށްފަހު ކުރިން ދުވިވަސް ނޭފަތުން ދުއްވާލާށެވެ.
އަނެއް ވާހަކައަކީ ވަކިން ޚާއްސަކޮށް ކޮފީގެ ވަސް ބޭނުންކުރަނީ ކީއްވެގެންބާވައެވެ. ހަގީގަތުގައި ކޮފީ ނޫނަސް އެހެން ތަފާތު އެއްޗެހީގެ ވަސް ބެލުމުންވެސް ސެންޓުގެ ވަސް ފިލާދެއެވެ. މިސާލަކަށް ލުނބޯ ނުވަތަ އޮރެންޖަކީވެސް ވަރަށް ގަދަ ވަހެއް ހުންނަ މުޅިން ތަފާތު ވަސްތަކެއް ގެނެސްދޭ އެއްޗެކެވެ. މިދެބާވަތަކީވެސް ވަރަށް ވަސްގަދަ އެހެން ވަސްތައް ކަނޑުވާލުމަށް އެހީވެދޭ ބާވަތްތަކެކެވެ. ނަމަވެސް އޮރެންޖު ނުވަތަ ލުނބޯ ކަހަލަ އެއްޗިއްސަކީ ގިނަ ދުވަހު ބަހައްޓައިގެން ގެންގުޅެން ފަސޭހަ ބާވަތައްތަކެއް ނޫނެވެ. މިބާތަތްތަކަކީ ހަލާކުވެ ކުނިވާނެ އެއްޗެހި ކަމަށްވާތީ އެގޮތަށް ބަހައްޓައިގެން ގެންގުޅެން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކޮފީ އަކީ ގިނަ ދުވަހު ހަލާކުނުވެ ގެންގުޅެން ފަސޭހަ ކުޑަ ޖާގައެއްގައި ރީތިކޮށް ބެހެއްޓޭނެ އެއްޗެކެވެ.
ސެންޓު ވިއްކާ ފިހާރަތަކުގައި ކޮފީ ބަހައްޓަނީ މިސަބަބުތަކަށްޓަކައެވެ. އަބަދު އެއްވަހަކަށް ހޭނިއްޖެނަމަ އެތަނަކުން އެއްވެސް ވަހެއް ދުވާކަމަކަށް އިހުސާސެއް ނުވާނެއެވެ. އެންމެ ފަސޭހައިން މިކަން ދެނެގަނެވޭނީ ތިމާގެ އަމިއްލަ ގެ ނޫން ތަނަކަށް ގޮސްފިނަމަ އެހެން ތަނެއްގައި ވަހެއް ހުރެއްޖެނަމަ ވަރަށް އަވަހަށް ފާހަގަކުރެވޭނެއެވެ. ނަމަވެސް ތިމާ އަމިއްލަ ގޭގައި ވަހެއް ހުއްޓަސް ފާހަގަ ނުކުރެވި ހިގައިދާނެއެވެ. އަބަދު އުޅޭ ތަނަށް ވުމުން އެވަހަކަށް ހުންނާނީ ހޭނިފައެވެ. ސެންޓު ގަންނަން ދާނަމަ އެތަނެއްގައި ބަހައްޓާފައި ހުންނަ ކޮފީގެ ބޭނުން އެނގުން މުހިއްމެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ސަބަބެއް އެކުލެވިގެންވާނެއެވެ. ސެންޓު ގަންނަންގޮސް ކޮފީގެ ވަސް ބަލާލުމުން ހަމަގައިމުވެސް ގަންނަން ބޭނުންވާ ސެންޓު ޚިޔާރުކުރަން ފަސޭހަވާނެކަން ޔަގީނެވެ.
މައުލޫމާތު: ކޮފީޔޮޓް
ކިޔުންތެރިންގެ ހިޔާލު
މާކުރިންވެސް އިގޭ އަދިކިރިޔާ ތިއެގުނީ ނޫސްވެރިންނަށް އަޅެ!
ކޮމެންޓްސް ބަންދުކުރެވިފައި