މީރު ވަހަކީ ހަމަގައިމުވެސް އެތައްބައަކަށް ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. މީރުވަސްދުވާ އެއްޗިއްސަށް ލޯބި ނުކުރާނީ ކާކުހެއްޔެވެ. މިޒަމާނަށް ބަލާއިރު މީރުވަސް ދުއްވަން ތަފާތު ވައްތަރުގެ ސެންޓާއި ސްޕްރޭ ހުރެއެވެ. ކުރީ ޒަމާނުގައި ހެދުންތަކުގައި މީރުވަސް ދުއްވަންވެގެން އަލަމާރި ތެރެއަށް ހުވަދުމާ އަދި ފިނިފެންމާ ކަހަލަ މީރުވަސްދުވާ މާތައް އަޅާފައި ބަހައްޓައެވެ. އަދި ގޭތެރޭގައި މީރުވަސް ދުއްވުމަށްޓަކައި ކެލާ ކަހަލަ އެއްޗެހި އަންދައިގެން އޭގެތެރެއަށް ތަފާތު ވައްތަރުގެ އެއްޗެހި އަޅައެވެ. ގެއެއްގެ ތެރޭގައި މީރުވަސްދުވާ މާމެލާމެލީގެ ގަސް ހުންނަ ނަމަވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ތާރީޚުން އެނގޭގޮތުގައި ސެންޓު އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ މިސްރެވެ. އެންމެ ކުރިއްސުރެވެސް ދެގޮތެއްނުވާ ބައެއް ސެންޓްތައް ބާޒާރުގައި ލިބެން އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ސެންޓުގެ ތަފްސީލް ހިމަނާލާނަމެވެ.
އަކްއާ ދި އެސް.އެމް. ނޮވެލާ
މިއީ 1533 ވަނަ އަހަރު ކެތެރިން ދި މެޑިސިގެ ފިރިމީހާއަށް ޑޮމެނިކަން ފްރިއާސް އޮފް ސަންޓާ މާރިއާ ނޮވެލްގެ ފަރާތުން އޭނަގެ ކައިވެނީގެ ހަދިޔާއަކަށް ވެދުމަށް އެރުވި ސެންޓެކެވެ. މިސެންޓަކީ އެންމެ ފުރަތަމަ ދުނިޔޭގައި އަލްކަހޯލް އަޅައިގެން ތައްޔާރު ކުރެވުނު ސެންޓުވެސް މެއެވެ. މިއީ ސިޓްރަސްގެ ވަހާއި، ރޯސްމެރީ އަދި ލެވެންޑާގެ ވަސް އެކުލެވިގެންވާ އަދި މީގެ އިތުރުން ކުޑަކުޑަ ފޮނި ވަހެއްވެސް އެކުލެވިގެންވާ އާދަޔާ ޚިލާފަށް މީރުވަސް ދުވާ ސެންޓެކެވެ. މިއީ އެންމެ ފުރަތަމަ އުފެއްދި ބާޒާރުގައި ލިބެންހުރެ ވަހަށް ބަދަލެއް ނާންނަ ގަންނަ މީހުންގެ ޑިމާންޑަށް ބަދަލެއް ނައަންނަ ސެންޓެކެވެ.
ފޮގްރޭ ރޯޔަލް
މިއީ ފިރިހެނުންނަށް ޚާއްސަކޮށް ނެރެވުނު ވަރަށް މީރުވަސްދުވާ ގަޔާވާ ހިތްގައިމުކަމެއް ގެނެސްދޭ ސެންޓެކެވެ. ހަމަގައިމުވެސް މީގެ ވަހަކީ އަންހެންކުދިންގެ ހިތްތަކަށް އަސަރުކުރުވާ ކަހަލަ ޖާޒުބީ ވަހެއް ހުންނަ ސެންޓެކެވެ. ސިޓްރަސް ވަހާ އެކުވެގެން އަންނަ ވުޑީ ވަހާއި އެމްބާގެ ވަސް އެކުވުމުން ދެންއަންނަ ލެވެންޑާގެ ވަސްވެސް މީގައި އެކުލެވިފައިވެއެވެ. މިސެންޓަކީ 1882 ވަނަ އަހަރު ފްރާންސްގެ ޕެރިސްގައި އުފައްދާފައިވާ ސެންޓެކެވެ. މިސެންޓް އުފެއްދުން އަހަރުތަކަކަށް މެދުކެނޑިގެން ދިޔަނަމަވެސް އަނެއްކާވެސް 2010 ވަނަ އަހަރު މިސެންޓް ބާޒާރަށް ނެރުނެވެ. އެއަށްފަހު މީގެ ޖާދޫގައި ޖެހިފައިވާ މީހުން ދުވަނީ މީގެ ފަހަތުންނެވެ.
ނާސިސޯ ނޮއި
މިއީ 1911 ވަނަ އަހަރު ފްރާންސްގެ ޕެރިސްގައި އަނެސްޓް ޑަލްޓްރޮފް އޭނާގެ ޕެޝަނެއްގެ ގޮތުން އުފައްދާފައިވާ ސެންޓެކެވެ. މިއީ ހަމަގައިމުވެސް ވަހަށް ދެގޮތެއްނުވާ އޮރެންޖާއި މަސްކް އަދި ކެލާގެ މީރުވަސްތަކުން މީހުންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ސެންޓެކެވެ. މިއީ އެހާ މަޝްހޫރު އެހާމެ ކޮލިޓީ ސެންޓެކެވެ.
ޓަބަކް ބްލޮންޑް
މިއީ އޭރު އެޒަމާނުގައި ސިނގިރެޓްއަށް ލޯބިކުރާ ފިރިހެނުންނަށް ފްރާންސްގައި ތައްޔާރު ކުރެވުނު އެންމެ ކަމުދާ އެންމެ ކުރިހޯދާފައިވާ ސެންޓެކެވެ. ސިނގިރެޓް ބޯ މީހުން މިސެންޓް ބޭނުންކުރުމުން ސިނގިރެޓްގެ ވަހާއެކުވެގެން އަންނައިރު ގަޔާވާ ވަހަކަށް ވެގެންގޮސްފައިވެއެވެ. ޓާކިޝް ރޯސް، މަސްކް އަދި ވެނީލާގެ ނޯޓް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މިސެންޓުން ހިތްތަކުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރުވައެވެ.
ޝެނާލް ނަމްބަރ 5
މިއީ ލޯބިވެރިންގެ މެދުގައި ބޭނުންކުރަން އެންމެ ކަމުދާ އެއް ސެންޓެވެ. މިއީ ފްރެންޗް ރަޝިއަން ޕާފިއުމާއެއް އުފެއްދި ސެންޓެކެވެ. ނަމްބަރ 5 ދެވިފައިވަނީ އޭނާއަކީ އަބަދުވެސް 5 ވަނަ ދުވަހު އަދި 5 ވަނަ މަހު އެއްޗެހި ލޯންޗްކުރާ މީހަކަށްވެފައި އެގޮތަށް ގުޅުވާފައި 5 ދެވިފައިވަނީއެވެ. މި ބްރޭންޑަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ލިބެން ހުންނަ އެންމެން ދަންނަ މަޝްހޫރު ބްރޭންޑެކެވެ. އޭރުވެސް މިބްރޭންޑްގެ ސެންޓްތަކަކީ އަގު ބޮޑު އަދި މީހާގެ ޝަހުޝިއްޔަތު ދައްކުވައިދޭ ބްރޭންޑެއްގެ ގޮތުގައި ފާހަގަކުރެއެވެ.
މައުލޫމާތު: އޯލްޑަސްޓް.އޯ.އާރ.ޖީ