ރަށުގައި ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ އިސްމާއީލަކީ އަރޫމާގެ މަންމަގެ ވަރަށް ގާތް އެކުވެރިއެކެވެ. ބައްޕަ ނިޔާވިފަހުން ވަރަށް އެހީތެރިކަން ފޯރުކޮއްދެއެވެ. އަތޮޅު ކީއްކުރަން މުޅި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނާއި އޭނައާއި ގުޅުން އޮންނާނެވެ. ސަކަމިޒާޖު މީހުންނާއި ވަރަށް ގުޅުން އޮންނަ މީހެކެވެ. ވަރަށް ގިނައިން އަރޫމާމެންގެ ގެއަށް އައިސް އުޅޭ ރަނގަޅު މީހެކެވެ. އަރޫމާއަށް ކިޔެވުމަށްވެސް ވަރަށް ގިނަ އެހީތެރިކަން ވަނީ ފޯރުކޮއްދީފައެވެ. ފަސް ދަރިން ލިބުނުއިރު އެންމެ ދަރިއެއް ފިޔަވައި ހުރިހާ ކުދިންވަނީ ނިޔާވެފައެވެ. ދުނިޔޭގައި ހުރި ދަރިފުޅަކީވެސް ރާއްޖޭން މަޝްހޫރު މެޑިކަލް ޑޮކްޓަރެކެވެ. މަންމަ ބުނާގޮތުގައި އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. ކުޑައިރުއްސުރެ އެމީހުން ރާވަމުން ދިޔައީ އިސްމާއީލްގެ ދަރިފުޅު އައްލާމް އާއި ކައިވެނި ކުރުވާށެވެ. ނަމަވެސް އައްލާމް ކިޔަވައި ނިމެންދެން އެވާހަކަ ނުދައްކާ މަޑުކޮއްލީ އަރޫމާވެސް އެކަހަލަ ކަމަކާއިގެން ނޫޅޭތީއެވެ. ތެދެކެވެ. އަރޫމާ ހީކުރަނީ އަދިވެސް އޭނައަކީ ކުޑަކުއްޖެއް ކަމަށެވެ. މަންމަ އެވާހަކަ ދެއްކި ވަގުތުން ފެށިގެން އަރޫމާ އައީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އަރޫމާއާއި މަންމަ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި ތިއްބާ އިސްމާއީލް ދޮރާށިން ވަދެގެން އަންނަނިކޮށް އަރޫމާއަށް ފެނުނެވެ. ފަހަތުން އައްލާމުވެސް ވަދެގެން އައެވެ. ބަލައިލާން ރީތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ރާއްޖޭގެ މޮޅު މެޑިކަލް ޑޮކްޓަރެކެވެ.
"މިއައީ އައްލާމު ގޮވައިގެން. ވަރަށް ދުވަސް ވެއްޖެއެއްނު ނާންނަތާ" އިސްމާއީލް އޭނަގެ ދަރިފުޅު އައްލާމު ތަޢާރަފް ކުރަން އުޅުނު ކަހަލައެވެ.
"ކޮބާ މިހާރު ބަދަލުވާން އުޅުނު ހޮސްޕިޓަލަށް ބަދަލު ވެއްޖައިންތަ" އަރޫމާގެ މަންމަ އައްލާމާއި ވާހަކަ ދައްކަން ފެށިއެވެ.
އަރޫމާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. މެހެމާނުންނަށް ސައި ތައްޔާރު ކޮއްލާށެވެ. އެއިރު ފަހަތުން އެތިންމީހުން ގެއާއި ދިމާއަށް ހިނގަމުން ދެއެވެ. އަރޫމާ އަވަސް އަވަހަށް ބަދިގެއަށް ވަދެ ބިސްކޯދާއި ސައި ތައްޔާރުކޮށް ބޭރަށް ނިކުތްއިރު މަންމަމެން ތިބީ ވަރަށް އޮލަ ވާހަކައެއްގައެވެ. އައްލާމުމެން ސައިބޯން ފެށުމާއިއެކު އަރޫމާ ގޮސް މަންމަ ގާތުގައި ގޮނޑީގައި އިށީނެވެ.
"އަރޫމާ އަދިވެސް މީހަކާއި އިންނަ ޚިޔާލެއް ނުކުރޭތަ" އިސްމާއީލް ވާހަކަ ދައްކަން ފެށިއެވެ. އިސްމާއީލް ބޭނުންވީ ކޮންމެވެސް ދިމާލަކުން އެވާހަކަ ފަށާށެވެ.
"އިންނާނެ ރަނގަޅު މީހަކު ނުވެފައި އެހުންނަނީ ނޫނީ ކަނޑު ގުރުވަ ނޫނީ ނުކާން ދޯ ދަރިފުޅާ" އިސްމާއީލަށް ޖަވާބު ދިނީ އަރޫމާގެ މަންމައެވެ. އަރޫމާ އިނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ.
"އައްލާމަކީވެސް ހަމަ ތިކަހަލަ ކުއްޖެއް. ބޭނުމެއް ނުވާނެ އެހެން އަންހެން ކުއްޖަކާއި ދިމާލަށް ބަލައިލާކަށްވެސް" އިސްމާއީލް މަޢުޟޫ ބަދަލު ކުރަމުން ދިޔައެވެ. އަދި އައްލާމަކީ ރަނގަޅު ކުއްޖެއްކަން ސާބިތު ކުރަން ބޭނުންވިއެވެ.
"އައްލާމު ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ތަމްރީނަށް ފުރަން އުޅެނީ. ކިހިނެއް ވާނެތަ މި ދެކުދިން ކައިވެނި ކުރިއްޔާ" އެންމެފަހުން އިސްމާއީލް ބޭނުންވާ ޕޮއިންޓް ހާމަ ކުރިއެވެ. އެއަކަށް އެއްވެސް މީހަކު ޖަވާބެއް ނުދެއެވެ. ނަމަވެސް ވަމުން މިދާ ގޮތް ކޮންމެވެސް ވަރަކަށް އަރޫމާއަށް އެނގުނެވެ.
މާ ގިނައިރަކު އެމީހުން މަޑު ކުރާކަށް ގަސްތެއް ނުކުރެއެވެ. ދެމީހުން ނިކުމެގެން ގޮސް ގެއްލެންދެން އަރޫމާއާއި އޭނަގެ މަންމަ ބަލަހައްޓައިގެން ތިއްބެވެ. މަންމަ ބޭނުންވަނީ އައްލާމް ފުރުމުގެ ކުރިން ކައިވެނީގެ ކަންތައް ހަމަޖައްސާށެވެ. ކައިވެނި ލަސްކުރާކަށް ބޭނުމެއް ނުވެއެވެ. ލިބުނު ފުރަސަތުގެ ބޭނުން ހިފަން މިކަހަލަ ރަނގަޅު ވަގުތެއް ނުލިބޭނެއެވެ. އެއިރުން އަރޫމާއަށްވެސް ފަސޭހަ ވާނެތާއެވެ. އަދި މީހަކާއި އިންނާކަށް ބޭނުން ނުވާ ވާހަކަ ކިތައް ފަހަރު މަންމަ ގާތުގައި ބުނެވިއްޖެހެއްޔެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މަންމަ އެކަމަށް ދެނީ ބީރު ކަންފަތެކެވެ
އައްލާމު ފުރީ ހަވީރު ހަތަރެއް ޖެހިއިރު ލޯންޗުންނެވެ. އޭނަ ފުރުވަން އަރޫމާއި އަރޫމާގެ މަންމަ އަތިރިމަތީގައި ތިއްބެވެ. އައްލާމު ގޮވައިގެން ދިޔައީ އޭނަގެ ބައްޕަ އިސްމާއީލެވެ. އިސްމާއީލަކަށް ދުވަހަކުވެސް އައްލާމު ބޮޑު މީހަކަށް ނުވެއެވެ. އަބަދުވެސް ގެންގުޅެނީ ކުޑަކުއްޖެއް ހެންނެވެ. ފުރަން ދިޔައިރުވެސް އިސްމާއީލް ދިޔައީ އައްލާމުގެ އަތުގައި ހިފައިގެންނެވެ. ލޯންޗަށް އަރައި ފަހުގެ ސަލާމުގެ ގޮތުން އަތް ހޫރުވައިލިއެވެ. ބާރު ދުވެލީގައި ލޮލުކޮޅަށް ގޮސް ލޯންޗް ގެއްލެންދެން ދެމީހުން އަތިރިމަތީގައި ތިއްބެވެ. އަރޫމާ ހިނގައިގަތީ މަންމަވެސް ގެއަށް ދާން ހިނގައިގަތުމުންނެވެ. ގެއަށް އާދެވުނުއިރު ހުރީ އިރުއޮއްސެން ގާތްވެފައެވެ. އަރޫމާއަށް ގޯތިތެރެއަށް ވަދެވުނީ ކިރިޔާއެވެ. މަންމަގެ ހަރުކަށި ބަސްތައް އިވެންފެށިއެވެ. މުއްސަނދި މީހަކު އަތުން ދޫވެގެން ދާކަށް މަންމަ ބޭނުމެއް ނޫނެވެ.
"އަދިވެސް ގަބޫލެއް ނޫން ދޯ" އަރޫމާގެ މަންމަ ސުވާލު ކުރިއެވެ.
"ލައްބަ. ތިބުނާ މުއްސަނދިކަން ގެއްލި ހިނގައިދާނެ" އަރޫމާ ޖަވާބު ދިނެވެ.
"ކަލޭ ޖެހޭނީ ގަބޫލުވާން. އެހެން ނޫނިއްޔާ ކުޅިދައްކާލާނަން" މަންމަ އައިސް އަރޫމާގެ ކަރުގައި ހިފިއެވެ.
"މަރައިލިޔަސް ނުކުރާނަން" އަރޫމާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.
އަރޫމާ ދުއްވައިގަތީ ގޭތެރެއަށް ވަދެ ހިމާޔަތެއް ހޯދުމަށެވެ. ފަހަތުން މަންމަވެސް ދުވެފައި އައެވެ. އަރޫމާ ގޭތެރެއަށް ވަންނަން އުޅެނިކޮށް އަރިއަޅާލައިގެން ވެއްޓުނީ ދޮރު ކަނީގައި ޖެހިފައެވެ. އަރޫމާ ތެދުވާނެ ފުރުސަތެއް މަންމަ ނުދިނެވެ. އަތުގައި އޮތް ކަތުރުން އަރޫމާގެ އިސްތަށިގަނޑުން ބައެއް ބުރިކޮއްލިއެވެ. އަރޫމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެނެވެ. ހިތްވަރު ކޮއްލާފައި މަންމަ ކިބައިން ސަލާމަތްވާން މަސައްކަތް ކުރީ ވީހާވެސް ބޮޑަކަށް މަންމައަށް އަނިޔާ ނުވާނެ ގޮތަކަށް ވިސްނައިގެންނެވެ. މަންމައަށްވުރެ ހުޝިޔާރުކަން އަރޫމާގެ ބޮޑެވެ. ދުވެފައި ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މަންމަ އައިސް ދޮރުގައި ދެތިން ފަހަރަކު ޖެހި އަޑު އިވުނެވެ. ފަހުން ޚަބަރެއް ނުވެއެވެ. ގައިން ނަގަމުން ދިޔަ ދިލައިން އަރޫމާއަށް ކެތްވާ ވަރެއް ނޫނެވެ. ދެއަތުގެ އެކި ހިސާބުން ހުރީ ހަން ގޮސްފައެވެ. އަރޫމާ ވިސްނަމުން ދިޔައީ މިކަމުން ސަލާމަތްވާނެ ގޮތެކެވެ. މިރޭ ބޭރަށް ނިކުމެއްޖެއްޔާ އިތުރު ޒަޚަމް ލިބުން ނޫން ކަމެއް ނުވާނެއެވެ. އައްލާމާއި ކައިވެނިކުރަން އެއްބަސް ވެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ. ނަމަވެސް އަދިވެސް ހިތްވަރު ކޮއްލާނީއެވެ. ފަހަރެއްގައި މަންމަގެ ޚިޔާލު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
ރިހްލާ އަކީ އަރޫމާއަށް ވުރެ ދޮށި ނަމަވެސް ކުޑައިރުއްސުރެން ފެށިގެން އަރޫމާގެ ގާތް ރައްޓެއްސެކެވެ. އަރޫމާގެ ގިނަ ކަންތައް ރިހްލާ އަށް ހިއްސާ ކުރަމުންދެއެވެ. އަދި އަރޫމާ ކުޑައިރު މަންމަ އަރޫމާ ގެންގުޅުނު ގޮތް ވެސް ރިހްލާއަށް ފެންނާނެވެ. މިހާރު ރިހްލާ އަކީ ހަތަރު ދަރިންގެ މަންމައެކެވެ. ދުވާލު ހަތަރުދަމު ދަރިންގެ ކަންތައް ކޮއްލާފައި އިތުރު ވަގުތެއް ނުލިބެއެވެ. އަރޫމާގެ އެދުމަށް ރިހްލާ ދެކޮޅެއް ނުހަދައެވެ. ވެވުނު ކޮންމެ އެހީތެރިކަމެއް ދޭން ރިހްލާ ހުރީ ތައްޔާރަށެވެ. އަރޫމާ ބޭނުންވީ މަންމަ އާއި ރިހްލާ ވާހަކަ ދައްކައިގެން މިކަމުގައި ރަނގަޅު ގޮތެއް ފެނޭތޯ ބެލުމެވެ. އެކަމަށް ވެސް ރިހްލާ ވަގުތުން އެއްބަސްވިއެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ކަމެއްކަންވެސް ރިހްލާއަށް ނޭގެނީކީ ނޫނެވެ.
މެންދުރު އަރޫމާ އާއި މަންމަ ތިބީ މެންދުރުގެ ކެއުމަށް ތައްޔާރު ކުރާށެވެ. އަވަދިނެތި މަންމަވެސް ގޭތެރޭގައި އުޅުނެވެ.
ބޭރުން ސަލާމް ގޮވައިލިއަޑަށް އަރޫމާގެ މަންމަ ނިކުތުއެވެ.
"ކާކު" އަރޫމާގެ މަންމަ ސުވާލު ކުރިއިރު ރިހްލާ ހުރީ ގޭތެރެގައެވެ. ބަލާބެލުމަށް ވަރަށް ހަމަޖެހިފައިހެން ހީވެއެވެ.
"ޒުލޭދައްތާ. މިއައީ ވަރަށް ބޮޑު ކަމަކު ކިޔަން ކަމަށް" އަރޫމާގެ މަންމަ އާއި މުޚާތަބުކޮށް ރިހްލާ ބުނެލިއެވެ.
"ކޮންކަމެއް ބޭނުންވަނީ" ރިހްލާގެ ގާތަށް ޖެހިލަމުން ޒުލޭޚާ ބުނެލިއެވެ.
"ރިހާކުރު ކޮޅެއް ބޭނުންވެގެން މިއައީ" ރިހްލާ ގަސްދުގައި ދޮގު ހެދިއެވެ.
އެމަންޒަރު ބަލަން އަރޫމާ ދުރުގައި ހުއްޓެވެ. އަދި ރިހްލާއަށް އަރޫމާ ފެނުމުން އޭނާގެ ގާތަށް އައިސް ހުއްޓެނެވެ.
ޒުލޭޚާ ބަދިގެ ތެރެއިން ރިހާކުރު ފުޅި ހިފައިގެން އައިއިރު އަރޫމާ އެތަނުން ދިޔައެވެ. އަރޫމާއަށް މި ވާން އުޅޭ ގޮތް އެނގޭތީއެވެ.
"ކޮބާ އަރޫމާ އަދިވެސް މީހަކާއި އިންނާކަށް ނޫޅޭތަ" ރިހްލާގެ ވާހަކަ ބަދަލު ކުރަމުން ދިޔައެވެ.
"އަހަރެން ތިވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެ މިހާރު" އަރޫމާގެ މަންމަ ޒުލޭޚާ ބުނެލިއެވެ.
"އެކަމަކު މިހާރު އެމަންޖެ އެ އުޅެނީ އައްލާމް އާއި ކައިވެނި ކުރަން. އެކަހަލަ ވާހަކައެއް މަންޖެ ގާތުގައި ވެސް ނުބުނޭ ދޯ" ޒުލޭޚާ އެހެން ބުނެލުމުން ރިހްލާ ބޯ ޖަހައިލީ ނޭގޭކަމަށް ހަދާފައެވެ.
"އެކަމަކު އެއްވެސް މީހަކާއި ގަދަކަމުން ކައިވެނި ނުކުރުވާތި. އެއީ މުސްތަޤްބަލަށް އެޅޭ ހުރަހެއް" ރިހްލާ އަރޫމާގެ މަންމައަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
"އޯ. ރިހްލާ ތިއައީ މަށަށް ކްލާހެއް ނަގައިދޭންދޯ. ތި ރިހާކުރު ފުޅި ހިފައިގެން އަވަހަށް ދެވޭތޯ ބަލާބަލަ" ޒުލޭޚާ ރުންކުރު ފާޑަކަށް ބުނެލިއެވެ.
ރިހްލާ ހިނގައިގަތީ ގެއަށް ދާށެވެ. އެހެން ފަހަރަކުން އަންނާނެކަމަށް ބުނެފައެވެ. އެވަގުތު އަރޫމާއަށް ވެސް ބޭރަށް ނިކުވެނު ވަގުތެވެ. މަންމަގެ މޫނުމަތިން ރުޅިވެރިކަން އިންތިހާއަށް ހާމަވަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ރުޅިގަނޑު ބާލަފާނެހެންނެވެ. އަރޫމާ އައިސް މަންމަގެ ގާތުގައި އިށީނެވެ. މަޑުމަޑުން މަންމަގެ ކޮނޑުގައި ބޯއަޅައިލިއެވެ. މަންމަ ވެސް އަރޫމާގެ ބޮލުގައި ފިރުމައިލީ ވަރަށް އޯގާތެރި ކަމާއި އެކުގައެވެ.
"ކޮބާ ދަރިފުޅާ މިހާރު އެއްބަސްވީތަ" އަނެއްކާވެސް މަންމަ އެސުވާލު ތަކުރާރު ކުރިއެވެ.
"އެބަ ވިސްނަން" އަރޫމާ ދިނީ ކުރު ޖަވާބެކެވެ.
"އެ ރިހްލާވެސް ހިނގައްޖެ މަށަށް ކްލާހެއް ނަގައި ދީފައި. ހީވަނީ އެމީހުންނަށްހެން ހުރިހާ ކަމެއް އެނގެނީ. ދެން ތިބޭނީ ގަމާރުން" ޒުލޭޚާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.
އެކަމާއި އަރޫމާ އަޅައެއް ނުލިއެވެ. އަޅާލައިގެން ވާނެ އެއްވެސް ކަމެއް ނޯންނާނެތީއެވެ. އެއްވެސް ކަމެއް ދަންނަ ކަމަކަށް ވެސް އަރޫމާ ނުހެދިއެވެ. މިއަދު މަންމަގެ ހަރުކަށި ބަސްތަކުން ސަލާމަތްވާން އަރޫމާ ބޭނުމެވެ. އެހެން ނޫންނަމަ އަނިޔާވުން ނޫން ކަމެއް ނުވާނެކަން އަރޫމާއަށް އެގެއެވެ.
އިރުއޮއްސި އަނދިރިވަމުން ދިޔައިރު އަރޫމާ އެކަނި ޖޯލިފަތީގައި އޮށޯވެލައިގެން އޮތީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. މިހާރު ދިމާވެގެން އުޅޭ ކަންތަކުން ސަލާމަތްވާނީ ކޮން ދުވަހަކުން ބާވައެވެ. ނޫނީ މަންމަގެ އެދުމަށް ދީލައިލާނީ ބާއެވެ. ނޫނެކެވެ. އަރޫމާއަކީ އަދި އެހާ ފަސޭހައިން ބަލި ގަބޫލުކުރާ މިޒާޖެއްގެ ކުއްޖެއް ނޫނެވެ. ދިމާވި ކޮންމެ ކަމެއް ހުރަސްކޮށް އެކަމެއް ކާމިޔާބު ކުރުމަކީ އަރޫމާގެ ސިފައެކެވެ. އިރުއޮއްސި އަނދިރިވަމުން ދިޔަކަމެއް އަރޫމާއަކަށް އިހުސާސްވެސް ނުވާ ކަހަލައެވެ. އިޝާ ނަމާދަށް ބަންގި ގޮވި އަޑަށް އަރޫމާ ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދައިލީ ބިރުވެރި އެއްޗެއް ފެނިގެން އުޅޭކަހަލަ ގޮތަކަށެވެ. މަޑު ހިނގުމެއްގައި ގޮސް ގޭތެރެއަށް ވަންނަން ދިމާކޮއްލި ވަގުތު އެކަމަށް ހުރަސް އެޅީ އަރޫމާގެ މަންމަ ޒުލޭޚާއެވެ. އަތުގައި އޮތް ކަތުރު އަރޫމާއާއި ދިމާއަށް ދިއްކޮއްލިއެވެ. ބިރުން އަރޫމާ އެތެރެއަށް ވަންނަން ދުއްވައިގަތެވެ. ނަމަވެސް މަންމަ އެއްލި އަތުން އަރޫމާގެ ހެދުމުގައި ހިފެހެއްޓުނެވެ. އަރޫމާ އަރިއަޅާލައިގެން ވެއްޓުނީ މަންމަ އާއި ފޫޓެއްހާ ދުރަށެވެ.
"މިގެއަށް ވަންނާނެ ކަމެއް ނެތް. ގޮސް އޮވޭ ޖޯލީގައި. އައްލާމް އަންނަންދެން އެތާ އޮންނާތި" އަރޫމާގެ ފައިގައި ހިފައި ދަމަމުން ގެންގޮސް ގޯތިތެރޭގައި ބޭއްވިއެވެ. އަރޫމާ އާދޭސް ކުރަމުން ދިޔައީ އެ އަނިޔާއިން ސަލާމަތް ކޮއްދޭށެވެ. އެކަމަކު އެއަޑު މިވަގުތު އަހާނެ މީހަކު އެތާގައި ނެތެވެ.
"އަދިވެސް ވަރަށް ލޯބި އިސްތަށިކޮޅެއް އެބައޮތް ދޯ" އަރޫމާގެ އިސްތަށިގަނޑު ދެވަނަ ފަހަރަށް މަންމަ ބުރި ކޮއްލިއެވެ.
އެއިރުވެސް އަރޫމާގެ ރުއިމުގެ އަޑު ނުކެނޑެއެވެ.
"ދެން ކޮން ފިރިހެނަކަށް ތިޔަ ތިއްތިކަން ދައްކާނީ" އަރޫމާގެ މަންމަ ލާނެތް ފާޑަކަށް ހެމުން ދިޔައެވެ.
"ކާކަށް ސަލާމަތަށް ތި ގޮވަނީ. ކަލޭގެ ބަފަޔަށްތަ. އޭނަ ނާންނާނެ ކަލޭ ސަލާމަތް ކުރަން" އަނެއްކާވެސް އަރޫމާގެ މަންމަ ހޭންފެށިއެވެ.
"އޭތް ބައްޕައާއި ނުބެހޭތި" އަރޫމާއަށް އާދަޔާ ޚިލާފް ބާރެއް ލިބުނު ކަހަލައެވެ. ތެދުވެގެން އައިސް މަންމަގެ ކަރުގައި ހިފެހެއްޓިއެވެ.
"ތިއީ އަހަރެންގެ މަންމަ ނޫންނަމަ މިރޭ މަރާލާނަން" އަރޫމާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ހިޔާލު
ހާދަ ވަރެއްގެ މަންމައެކޭ ދޯ މަށަށް ލިބިފަ މިހިރީ.
ކޮމެންޓްސް ބަންދުކުރެވިފައި