November 24, 2024 01:59
Advertisement

-Advertisement-

ވާހަކަ: އާދޭސް (ތިންވަނަބައި)

މަންމައަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ދެލޯ ބޮޑުކޮއްލައިގެން އަރޫމާއަށް ބަލަން ހުއްޓެވެ. އެވަގުތު އަރޫމާ ހުރީ މަންމަގެ ކަރަށް ބާރުކޮއްލައިގެންނެވެ. މަންމަ ނޭވާ ނުލެވިގެން ތެޅޭ ތަން ބަލަން އަރޫމާއަށް ކެތެއް ނުވިއެވެ. ހިތަށް އަސަރު ކުރީއެވެ. މަންމައަށް ވާނެ ތަދު އިހުސާސް ވީއެވެ. އަރޫމާގެ އަތް މަންމަގެ ކަރުން ދޫކޮއްލުމާއިއެކު މަންމަ ފުން ނޭވާއެއް ދޫކޮއްލިއެވެ.

"ހެޔޮ މަރާލިޔަސް. ކަލޭ ޖެހޭނީ އިންނަން" އަރޫމާގެ މަންމަ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

މަންމަ ދިޔުމުން އަރޫމާ ވިސްނައިލިއެވެ. އަދި ދުވަސްކޮޅެއް އެބައޮތެވެ. އެހެން ނޫނިއްޔާ މި އަނިޔާވެރިކަމުން ސަލާމަތެއް ނުވާނެކަން އަރޫމާއަށް އެނގެއެވެ. މަންމަ ގޮސް ކޮޓަރިއަށް ވަންނަންދެން އަރޫމާ ބަލަހައްޓައިގެން ހުއްޓެވެ. މަންމަ ކޮޓަރިއަށް ވަނުމުން ބާރަށް ދުވެފައި ގޮސް އަރޫމާވެސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މަންމަ ވަދެފާނެތީ ބިރުންނެވެ. މިދާވަރުން ދަންޏާ ކޮންމެވެސް އެއް ގޮތެއް ހޯދަން އެބަޖެހެއެވެ. އެހެން ނޫނީ ފުރާނައަށްވެސް ނުރައްކާވެދާނެއެވެ. ނަމަވެސް އެހީއަކަށް އެދެނީވެސް ކާކުގެ ގާތުން ހެއްޔެވެ. މިހާރު އިތުބާރު ކުރެވޭވަރުގެ ބައެއް ހޯދުމަކީވެސް އެހާ އުނދަގޫކަމެކެވެ. އަރޫމާ އެނދުގައި އިށީނުމާއިއެކު ރޮވެން ފެށުނެވެ. އުޅެން ޖެހިފައިވާ ހާލުންނެވެ. އަދި ލިބެމުންދާ އަނިޔާ އަކީ ކެތް ކުރެވޭވަރުގެ ކަންތަކެއް ނޫނެވެ. އަރޫމާ މަންމަ ދޫކޮއްލާފައި ގޮސްފިއްޔާ އެމަންމަ ކިހާ އެކަނިވެރިވާނެ ހެއްޔެވެ. މިހާ ހިސާބަށް އަރޫމާގެ ހުރިހާކަމެއް ކޮއްލަދެމުން އައީ އެމަންމައެވެ. ލޯބި ފިރުމުންތަކުންނެވެ. ދިމާވާ ކޮންމެ ހުރަހެއް ނައްތާލަމުންނެވެ. އެހެން މީހަކަށް ނުދަރާ އެކި މަސައްކަތް ކޮއްލައިގެން އަރޫމާ ބެލެހެއްޓީ މަންމަ އެކަންޏެވެ. ނަމަވެސް މަންމަގެ އެންމެ އެދުމަކަށް ފުރަގަސް ދޭންވީ ހެއްޔެވެ. އެއީ އެހާ ރަނގަޅުކަމެއް ހެއްޔެވެ. މި ޚިޔާލު ތަކުގައި އޮއްވައި އަރޫމާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އަރުމާއަށް ހޭވެރިކަންވީ ކޮޓަރީގައި މީހަކު ބާރަށް ޖަހާ އަޑަށެވެ. އަރޫމާ ލޯ ހުޅުވައި ފާރުގައި އަޅުވާފައި އިން ގަޑިއަށް ބަލައިލިއެވެ. ފަތިސް ވީއެވެ. މަންމަ އެ ގޮވަނީ ފަތިސް ނަމާދަށެވެ. ކިހާ އޯގާތެރި މަންމައެއް ހެއްޔެވެ. އަރޫމާ އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި މަންމަ ހުއްޓެވެ.

Advertisement

"ނަމާދު ކޮއްފިންތަ" މަންމަ ސުވާލު ކޮއްލިއެވެ.

"ނޫން. ދެންމެ މިހޭލެވުނީ" އަރޫމާ ޖަވާބު ދިނެވެ.

މަންމަގެ މޫނުމަތިން އެއްވެސް ކަހަލަ ރުޅިވެރިކަމެއް ފެންނާކަށް ނެތެވެ. ހަމައެކަނި ފެންނަނީ އޯގާތެރި ކަމެވެ. މައިވަންތަ ކަމެވެ. އެހެން ނޫންނަމަ ފަތިސް ނަމާދަށް ގޮވާކަށް ނައީހެވެ.

"ކޮބާ ކިހާއިރަކު ނިދީ" މަންމަގެ ސުވާލުތައް ކުރިމަތި ކުރަން ފެށިއެވެ.

"ނޭނގެ" އަރޫމާ ދިނީ ކުރު ޖަވާބެކެވެ. މަންމަ ކުރިމަތީގައި ޒުވާބު ކުރަން ބޭނުން ނުވާތީއެވެ.

"އެހެންވިއްޔާ މިހާރު ވިސްނައިފިންތަ އައްލާމުއާއި ކައިވެނި ކުރަން" މަންމަގެ މަޢުޟޫއަށް އެޅުނެވެ.

"އަދި ނުވިސްނަން" މާ ވާހަކަ ގިނަ ކުރާކަށް އަރޫމާ ބޭނުމެއް ނުވިއެވެ. ވީހާވެސް އަވަހަކަށް އެ ވާހަކައިން ސަލާމަތްވާން ބޭނުމެވެ.

"ބަލަ މޮޔަޔާ. މަންމަ ގާތުގައި އޭނަގެ ބައްޕަ އަހައިފި އިންނަން. އެއީ ސަޅި ބިޓެއް ދޯ" މަންމަ ތުއިފާޑެއް ޖައްސަމުން ބުނެލިއެވެ.

"މަންމަ. މަންމަ އިނދޭ. މަށެއް ނީންނާނަން" އަރޫމާ އެކަމާއި ދެކޮޅުކަން އަނެއްކާވެސް ހާމަ ކުރިއެވެ.

"ނީންނާނަމޭ. ބަލަ ދެމީހުން އެދެމީހުންނާއި އިނީމަ އެއްފަހަރުން މުއްސަނދިވީ. ކަލޭތީ މޮޔައެއްތަ" އަރޫމާގެ މަންމަ ހޭންފެށިއެވެ.

ނަމަވެސް އެކަމާއި އަރޫމާ ތަކުރާރުކޮށް ދެކޮޅުހަދަމުން ދިޔައެވެ. ނަމަވެސް މަންމަވެސް ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. މަންމަ އެނބުރި ހިނގައިގަތެވެ. ކުރިއެރުމެއް ނުލިބޭނެކަން އެނގޭތީއެވެ.

"މަންމާ. މަންމާ. މަޑުކޮއްބަލަ" މަންމަ ހިނގައިގަތުމުން އަރޫމާ ގޮވައިލިއެވެ.

"މަންމާއޭ. ކަލޭގެ މަންމައެއް ހުރޭތަ" މަންމަ ވައިރޯޅިއެއްހެން އައިސް އަރޫމާގެ އިސްތަށިގަނޑުގައި ހިފައިލިއެވެ. އަދި އަތަށް އޮޅާލުމަށްފަހު ބިންމައްޗަށް ވައްޓައިލިއެވެ. އަރޫމާއަށް ވީ ތަދުން ރޮވެން ފެށުނެވެ.

"އަދިވެސް މަންމައަށް ގޮވާތި. ކަލޭގެ މަންމައެއް ނުހުންނާނެ. ކަލޭގެ ބަފާ އޮތީ ކަށްވަޅުގައި. ދެން ކާކަށް ގޮވާނީ" މަންމަގެ ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓުނެވެ. އަރޫމާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުން އަނިޔާ ކުރިއެވެ. ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް މިއަދު އަރޫމާ ނުކުރެއެވެ. މަންމަ ހަދާނެ އެއްޗެއް ހަދަން ދޫކޮއްލީއެވެ. މަރުވިޔަސް ވާނީ މަންމަގެ އަތުންތާއެވެ. ރަހުމެއްނެތް އަނިޔާ ތަކަކުންތާއެވެ.

"އަދިވެސް ގޮވާނަންތަ. ނޫނީ އައްލާމު އާއި ކައިވެނި ކުރަން އެއްބަސްވޭ" އަރޫމާގެ ކަރަށް ބާރު ކޮއްލަމުން މަންމަ ބުނެލިއެވެ.

"މަންމާ. މަންމާ. އަހަރެން މަރުވަނީއޭ. މަރުވަނީއޭ. ނޭވާއެއް ނުލެވޭ. ޕްލީޒް" އަރޫމާ އާދޭސް ކުރަމުން ދިޔައެވެ.

"ކަލޭ މަރުވިއްޔާ އަހަންނަށް ކީއްތަ" މަންމަގެ ރަހުމެއް ނެތް ޖުމްލަތައް އަޑުއިވެމުން ދިޔައެވެ.

"މަންމާ އަހަންނަށް ތިހެން ނުހަދާ" އަރޫމާގެ ހަށިގަނޑުން ބާރު ދޫވާން ފެށިއެވެ. ނޭވާ ކުރުވެ ދެލޯ ބޮޑުވިއެވެ.

"އަހަރެން ގަބޫލު" އަރޫމާއަށް ބުނެވުނީ އެހިސާބަށެވެ. މުޅި މީހާ ބިންމައްޗަށް ދެމުނެވެ.

އަރޫމާގެ އެ ޖުމްލަ އަޑުއިވިފައި މަންމަ އުފަލުން ފޮޅުނެވެ. އަދި އަރޫމާގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ.

"ދަރިފުޅާ ތަދުވިތަ" އަރޫމާގެ ޚަބަރެއް ނުވުމުން ބާރަށް ގޮވަން ފެށިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން އަރޫމާ ބޯ ޖަހައިލިއެވެ. މަންމަ އެދިޔަ ގޮތަށް ގޮސް ފެންތަށްޓެއް ގެނެސް އަރޫމާގެ މޫނުގައި ފެން ހާކައިލިއެވެ. އަދި ބާކީ ފެންފޮދު އަރޫމާއަށް ބޯން ދިނެވެ.

އަރޫމާގެ އެއްބަސްވުމާއިއެކު މިހާރު މަންމަ އާއި ދެބަސްވާނެ ކަމެއް ނުވެއެވެ. ދެމައިން އުޅެމުން ދިޔައީ ވަރަށް އުފަލުންނެވެ. ދެމީހުން ވެސް ތައްޔާރު ވަމުން ދިޔައީ އެމީހުން އުންމީދު ކުރަމުންދާ ދުވަސްތައް އަންނަންދެނެވެ. އައްލާމް ރާއްޖެ އައުމާއިއެކު މަންމަ އައްލާމުގެ ބައްޕަ އާއި އަރޫމާ އައްލާމު އާއި ކައިވެނި ކުރާށެވެ. އޭގެ ކުރިން ނިންމަންޖެހޭ ކަންތައް ނިންމާ އެދުވަހަށް އެއްވެސް ކަމެއް ނުވެ އޮންނާކަށް ބޭނުމެއް ނޫނެވެ. އެހެންވެއްޖެއްޔާ އެމީހުންގެ ކުރިމަތީގައި އަރޫމާމެންގެ އަގު ވެއްޓިދާނެތީ މަންމަ ވަރަށް ހުށިޔާރުކަމާއެކު ދުރާލާ ކަންތައް ރާވަމުން ދިޔައެވެ. ލިބެން އޮތް އެއްޗެއްގެ ބޮޑުކަމާއެވެ. އަރޫމާވެސް ކިޔަވައިގެން ހުރި ފައިސާވެރިއަކާއި ކައިވެނި ކުރެވޭތީ މަންމަ ހުރީ ވަރަށް އުފަލުންނެވެ. މަންމަ އަވަދިނެތި އުޅެމުން ދިޔައީ އެމީހުން އަންނަ ދުވަހަކަށެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އަރޫމާ އާއި އޭނާގެ މަންމަ ތައްޔާރުވަމުން ދިޔައީ އިސްމާއީލް އާއި އައްލާމު ރަށަށް އަންނާތީ އެކަމުގައި ކުރަންޖެހޭ ކަންތައް ކުރުމުގައެވެ. ހަވީރު ހަތަރެއް ޖަހާއިރު އަންނަ ލޯންޗުން އެމީހުން ރަށަށް އަންނާތީ ދެމީހުންވެސް ބަނދަރަށް ދާން ބޭނުންވީ ވަރަށް ނަލަ ހެދިގެންނެވެ. އެމީހުންނަށް މަރުހަބާ ކިޔަން ދާންވާނީ ނަލަހެދިގެންތާއެވެ. ގަޑިން ހަތަރެއް ޖެހިއިރު އަރޫމާ އާއި އޭނާގެ މަންމަ ތިބީ ބަނދަރުމަތީގައި ހުރި ޖޯލިފަތީގައެވެ. އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ މާދުރުން ފެންނަމުންދާ ލޯންޗަށެވެ. ބާރު ދުވެލީގައި ރަށާއި ދިމާލަށް ދަތުރު ކުރަމުން ދިޔައިރު އަރޫމާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އިރު އިރުކޮޅާ މަންމަ އަރޫމާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރަށް ބަލަމުން ދެއެވެ. އެންމެފަހު ވަގުތު އަރޫމާ ކޮއްފާނެ ކަމަކަށް މަންމަ ހުރީ ވަރަށް ތައްޔާރު ވެގެންނެވެ. ލޯންޗް ރަށާއި ގާތް ވިތަނާހެން އަރޫމާމެން ތެދުވެގެން ގޮސް ތޮށިގަނޑުމަތީގައި މަޑުކޮއްލިއެވެ. ލޯންޗް ތެރޭގައި އައްލާމު އާއި އޭނާގެ ބައްޕަ ހަނާއަޅަމުން ދިޔައެވެ. ލޯންޗްގެ ޑްރައިވަރުގެ ހުރި މޮޅުކަން ދައްކަމުން އައިސް ރަށުގެ ފަޅުތެރެއަށް ވަދެ ބަނދަރާއި ގާތް ކޮއްލަން އަނބުރައިލީ ވަރަށް ހުޝިޔާރު ކަމާއި އެކުގައެވެ. ނަމަވެސް ޑްރައިވަރުގެ ކޮންޓްރޯލުން ނެއްޓި ލޯންޗް އައި ބާރު މިނުގައި އައިސް ބަނދަރުގެ ތޮށިގަނޑުގައި ޖެހުނެވެ. ބާރު އަޑުފަތްގަނޑަކާއި އެކު އޭގައި ތިބި މީހުން ވިއްސައިގެން ގޮސް މޫދަށް ވެއްޓުނެވެ. މަންޒަރު ބަލަން އަރޫމާމެން ތިބީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ލޯންޗް ބަންޑުން ޖެހުނީއެވެ. އައްލާމާއި އޭނާގެ ބައްޕަ މޫދުގައި އޮވެ އެހީއަށް އެދި ގޮވަމުން ދިޔައެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު ބަނދަރުގައި ފުދޭވަރަކަށް މީހުން ތިއްބެވެ. އެތަނުން ގިނަ ފިރިހެނުން ބަލާކަށް ނުތިބެ މޫދަށް ފުންމައިލިއެވެ. މޫދުގައި ތިބި މީހުން ސަލާމަތް ކުރުމަށް އެމީހުންނަށް ވެވޭނެ އެހީއެއް ވެދިނުމަށެވެ. 

މޫދުން އެމީހުން ނަގައިގެން ރަށުގެ ސިއްޚީ މަރުކަޒަށް ގެންދިޔައިރު ހަށިގަނޑުން ޒަޚަމް ތަކުން ލޭ ފައިބަމުން ދިޔައެވެ. ނަމަވެސް ލިބިފައި ވަނީ ކިހާ ވަރެއްގެ އަނިޔާއެއް ނުވަތަ ޒަޚަމެއް ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަރޫމާގެ މަންމަ ރޮމުން އެމީހުންގެ ފަހަތުން ސިއްޚީ މަރުކަޒަށް ދިޔައެވެ. އަރޫމާވެސް މަޑުހިނގުމެއްގައި މަޖްބޫރީ ކަހަލަ ގޮތަކަށް ހިނގަމުން ގޮސް ސިއްޚީމަރުކަޒުގެ ބޭރުގައި މަޑުކޮއްލިއިރު އެތަނަށް ރަށުގެ ގިނަބަޔަކު ޖަމާވެފައި އޮތެވެ. އެކި މީހުން ދައްކަމުން ދިޔައީ އެކި ވާހަކައެވެ. މީހުން ދައްކަމުން ދިޔަ ވާހަކަތަކުން އެއްވެސް ކަހަލަ މަޢުލޫމާތެއް ލިބޭވަރެއް ނުވިއެވެ. އަދި އެތަނަށް މީހުން ވަނުން މަނާކޮއްފައި ވާތީ އަރޫމާއަށް ވެސް ނުވަދެވުނެވެ. ނަމަވެސް އެނގޭހާ އެއްޗަކީ އެމީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމެވެ. އެމީހުން ސިއްޚީމަރުކަޒަށް ގެންދިޔައިރުވެސް ލޭ ފައިބަމުން ދިޔަތަން އަރޫމާއަށް ވަނީ ފެނިފައެވެ. އެއްވެސް ބަޔަކު އެތަނަށް ވަންނަން ހުއްދަ ނުދޭތީ އަރޫމާ އާއި މަންމަ ހިނގައިގަތީ ގެއަށް ދިއުމަށެވެ. މަޢްރިބު ނަމާދު ކޮއްލައިގެން އަނެއްކާވެސް އަންނާށެވެ. އެއިރުން ފަހަރެއްގައި އައްލާމުމެންގެ ގާތަށް ދެވިދާނެ ކަމުގެ އުންމީދުގައެވެ. އަރޫމާގެ މަންމަ ގެއަށް ދިޔައިރުވެސް ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

"ދަރިފުޅާ. އެމީހުންނަށް ދުޢާއެއްވެސް ނުކުރަންދޯ. ދެންވެސް ދުޢާ ކޮއްލަބަލަ" މަންމަ ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

"މަންމާ އެމީހުންނަށް ރަނގަޅުވާނެ. އެކަމަކު އެންމެންގެ ތެރޭގައި މަންމަ ކީއްވެ ރޮނީ" އަރޫމާ އޭނަގެ މަންމަގެ ކޮނޑުގައި ހިފަހައްޓަމުން ބުނެލިއެވެ.

"ދަރިފުޅުގެ ހިތުގައި އެއްވެސް ކަހަލަ ކުލުނެތް، ރަހުމެއް، ހަމްދަރުދީއެއް ނެތްތާ އެއްވެސް ކަހަލަ އަގަލެއްވެސް ނެތްދޯ" މަންމަ ހިތްހަމަ ނުޖެހުނީ އަރުމާ ވާހަކަ ދެއްކި ގޮތުންނެވެ. މަންމަ ބޭނުންވަނީ މަންޒަރު އެހެން މީހުންނަށްވެސް ދައްކާށެވެ. އެމީހުން ދެކެ ލޯބިވާކަން އެހެން މީހުންނަށްވެސް އަންގާށެވެ. ނަމަވެސް އަރޫމާއަށް އެއީ ރަނގަޅު ކަމަކަށް ނުވިއެވެ. ދެމީހުންގެ ވާހަކައިގައި ތިބެ ހިނގަމުން އައިސް ގެއަށް ވަނެވެ. އަރޫމާ އަވަސްވެގަތީ އަވަހަށް ނަމާދު ކޮއްލާށެވެ. މަންމަ ނިމެންވާ އިރަށް ނިމިގެން ހުންނާށެވެ. އަވަސް ކޮއްލައިގެން ނަމާދު ނިމިގެން ބޭރަށް ނިކުތްއިރު އަރޫމާގެ އިންތިޒާރުގައި މަންމަ ބޭރުގައި އިނެވެ. ބަލާ ބެލުމަށް ކޮންމެވެސް ކަމަކާއި ފިކުރު ކުރާހެން ހީވެއެވެ.

"ދެންވެސް އަވަސް ކޮއްލަބަލަ. ދެންމެ މިހެން ދިޔަ ބަޔަކު ކިޔާ އަޑު އިވުނު އެމީހުންގެ ހާލު ކުއްލިއަކަށް ވަރަށް ދެރަވެއްޖެއޭ" މަންމަ ހުރީ ވަރަށް ހާސްވެފައެވެ.

"މީހުން ކިޔާ އެއްޗެއް އަޑުއަހާކަށް ނުވާނެ. ތެދަށް ވާހަކަ ދައްކާނެ މީހަކު ނުހުންނާނެ މިހާރު" މަންމަ ހަމައަކަށް އަޅުވަން އަރޫމާ މަސައްކަތް ކުރިއެވެ.

"ހެވޭ. ދަރިފުޅުގެ އަނގަޔަކުން އެއްވެސް މީހަކަށް އަރައެއް ނުގަންނާނެ އެއީ ވާނެކަމެއް ނޫން. އަދި މިވީހާ ހިސާބަށް ވެފައި އޮތް ކަމެއްވެސް ނޫން" އަރޫމާގެ މަންމަ ރޫޑު ގޮތަކަށް ބުނެލިއެވެ.

= ނުނިމޭ =

+1
2
+1
6
+1
10
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް