September 20, 2024 09:12
Advertisement

-Advertisement-

ދުނިޔަވީ ޙަޔާތުގައި އަޅުތަކުންނާ ބައްދަލުކުރާ އެންމެ މަތިވެރި ދުވަސްތައް

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ އެކަލާނގެ އަޅުން ހެޔޮ ޢަމަލުތައް ކުރުމުގައި ހީވާގި ކުރުމުގެ މަޤްޞަދުގައި ޚާއްޞަ ދުވަސްތަކެއް ލައްވާފައެވެ. އެ ދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް އެހެން ދުވަސް ދުވަހަށްވުރެ މަތިވެރި ކުރެއްވިއެވެ. ޘަވާބާއި ދަރުމައިގެ ގޮތުން އިތުރު ކުރެއްވިއެވެ. އެހެން މަސްމަހުގައި ނުވަތަ އެހެން ދުވަސްތަކުގައި ކުރާ އަޅުކަންތަކަށްވުރެ އެ ދުވަސްތަކުގައި ކުރާ އަޅުކަންތަކުގެ ޘަވާބު އިތުރުވެގެންވެއެވެ. މިގޮތުގެ މަތިން މި ދުނިޔޭގައި ލައްވާފައިވާ އެންމެ މަތިވެރި ދުވަސްތަކަކީ ހައްޖު މަހުގެ ދިހަ ދުވަހެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެވެސް މި ދުވަސްތަކުގެ މަތިވެރިކަން އިތުރުވެގެންވެއެވެ. ސަބަބަކީ މި ދިހަ ދުވަހުގައި ހުރިހައި އަޅުކަމެއް އެކުލެވިގެންވުމެވެ. ނަމާދާއި ރޯދައާއި، ޙައްޖާއި، ޞަދަޤާތާއި ޛިކުރުކުރުމާއި، އުޟްޙިޔާ ކަތިލުމާއި، އަދި އެހެންވެސް ހުރިހައި ހެޔޮ ޢަމަލެކެވެ. މި ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ބަޔާން ކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَفْضَلُ أَيَّامِ الدُّنْيَا أَيَّامُ الْعَشْرِ "މާނައީ: ދުނިޔޭގެ (ދުނިޔެ ދެކޭ) އެންމެ މަތިވެރި ދުވަސްތަކަކީ (ޛުލް ޙިއްޖާމަހުގެ) ދިހަ ދުވަހެވެ." ބުޚާރީ އިބުނު ޢައްބާސު رضي الله عنهما ގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "މިދުވަސްތަކުގައި ( އެބަހީ: ޙައްޖުމަހުގެ ދިހަދުވަސް)  ކުރެވޭ ހެޔޮއަމަލު ފިޔަވައި މާތް الله ގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ޢަމަލެއް ނުވެއެވެ. އެބޭކަލުން (އެބަހީ: އަޞްހާބުބޭކަލުން ދެންނެވިއެވެ.) الله ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ތޯއެވެ؟ ޙަދީޘުކުރެއްވިއެވެ. ޢާނއެކެވެ. الله ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑެވެ. އެކަމަކު الله ގެމަގުގައި ޖިހާދުކުރުމުގައި، އެމީހެއްގެ ނަފުސާއި މުދަލާއިގެން ނުކުމެގޮސް އެއިން އެއްވެސް އެއްޗެއް އަނބުރާ ނުގެންނަ މީހާ ފިޔަވައެވެ." އެބަހީ الله ގެ މަގުގައި ޖިހާދުކޮށް ޝަހީދުވެ ދުނިޔެ ދޫކޮށްދާ މީހާފިޔަވައެވެ."

މި ދިހަ ދުވަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް އަތުކުރި އޮޅާލަން ޖެހެއެވެ. މި ދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މަސައްކަތް ކުރަންޖެހެއެވެ. މުރާލިވެ ހީވާގިވާންޖެހެއެވެ. ސަބަބަކީ މިއީ ހެޔޮ ކަމުގެ ދުވަސްތަކެވެ. މިއީ ތިބާގެ ހެޔޮކަމުގެ ތިލަފަތް ބުރަކުރަން ލިބޭ ރަނުގެ ފުރުޞަތެވެ. އާޚިރަތް ބާއްޖަވެރިކުރުމަށް ކޮށާލެވޭ މަގެވެ. މި މަގު ހުރަސްކޮށް ދެވޭނީ ސުވަރުގެއެވެ. ސުވަރުގެއަށް ދިއުމަށް އޮތް ވަޞީލަތަކަށް މި ދިހަ ދުވަސް ހަދަމާތޯއެވެ. އެންމެ މާތް ދުވަސްތަކުގެ ޘަވާބާއި ދަރުމައަށް އެދޭ މީހާ ކުރަންވީ ކަމަކީ ކޮބައި ހެއްޔެވެ؟

ހެޔޮކަމާއި މަތިވެރިކަމުން ފުރިގެންވާ މި މޫސުމާއި ބައްދަލު ކުރާއިރު ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ. ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ހާލު މެނުވީ މި ދުވަސްތަކާއި އިސްތިޤްބާލު ނުކުރާށެވެ. ފާފަތަކަކީ އިންސާނާއާއި އޭނާގެ ރައްބުގެ ރަހުމަތާއި ފަޟުލުވަންތަވެރިކަމުން މަހުރޫމު ކުރާ ސަބަބެކެވެ.  ވީމާ ތެދުވެރި ތައުބާއަކުން ތައުބާވެ މި ދިހަ ދުވަސް ފަށާށެވެ. އެންމެ ފުރިހަމަ ތައުބާއަކީ ފުރިހަމަ ވުޟޫއަކަށްފަހު، ދެ ރަކުޢަތް ނަމާދެއްކޮށް މާތްﷲގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް ދެންނެވުމެވެ.

Advertisement

ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމުގެ އިތުރުން ސުންނަތް ނަމާދުގެ ޢަދަދު އިތުރުކުރާށެވެ. ކުރެވޭ އެންމެ ގިނައެއްކޮށް ސުންނަތް ނަމާދުކޮށް މާތްﷲ އާއި ކުށްތަންވުމަށް މަސައްކަތްކުރާށެވެ. ރަވާތިބު ސުންނަތްތަކާއި ވިތުރި ޟުޙާ ނަމާދުތައް ތިބާގެ ޙަޔާތުގެ ޝެޑިއުލްގައި ހިނމަނާށެވެ.

ތަކުބީރު ކިޔުމަކީ މި ދިހަ ދުވަހުގައި ކުރުމަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. މި ދުވަސްތަކުގައި ކިޔުމަށް އައިސްފައިވާ ތަކުބީރުތަކުގެ ތަފާތު އުޞްލޫބުތައްވެއެވެ. اللهُ أكبر اللهُ أكبر، لا إلهَ إلَّا الله، واللهُ أكبر اللهُ أكبر، ولله الحَمْد. ތަކުބީރު ކިޔުމަށް ވާރިދުވެފައިވާ އެހެން ޞީޣާތަކުން ކިޔުންވެސް ހުއްދަވެގެންވެއެވެ. ތަކުބީރު ބެހިގެންވަނީ ޢާއްމު ތަކުބީރު: ކޮންމެ ވަގުތެއްގައިވެސް ކިޔޭ ތަކުބީރެވެ. މި ތަކުބީރު ފެށެނީ ޛުލް ޙިއްޖާ މަހުގެ 1 ކުން 13 ވަނަ ދުވަހާއި ހަމައަށެވެ. ހިފެހެއްޓޭ ތަކުބީރު: ފަސް ނަމާދުގެ ފަހުގައި ކިޔާ ތަކުބީރެވެ. މި ތަކުބީރު ކިޔާނީ ޙައްޖުމަހުގެ 9 ވަނަ ދުވަހުން ފެށިގެން ޛުލް ޙިއްޖާ މަހުގެ13 އަށެވެ.

މާތްﷲ އަށް ގިނަގިނައިން ޛިކުރުކުރާށެވެ. ޛިކުރުގެ ތެރެއިން އެންމެ މާތް ޛިކުރަކީ ކީރިތި ޤުރްއާނެވެ. މި ދިހަ ދުވަހުގައި ޤުރްއާން ކިޔެވުން އިތުރުކުރާށެވެ. ޚަތިމެއް ކުރެވޭ މީހާ ޚަތިމެވެ. 15 ފޮތް ކިޔެވޭ މީހާ އެމިންވަރެވެ. އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ޤުރްއާން ކިޔަވައިގެން މި ދުވަސްތަގެ ދަރުމައާއި ޘަވާބު އިތުރުކުރުންވެއެވެ. ޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ޘަވާބު ލިބެއެވެ.

ތަހުލީލާ ތަކުބީރު ކިޔުމެވެ. މާތް ﷲއަށް ހަމްދުކުރުން ގިނަކުރުމެވެ. އަދި ތަޞްބީޙަ ކިޔުމެވެ. ފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. އެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ(لا إله إلا الله )ތަކުބީރާ އަދި ތަޙްމީދު(ޙަމްދުކުރުން) ގިނަކުރާށެވެ. (أخرجه احمد7/224).

ޙައްޖު މަހުގެ ފުރަތަމަ 8 ދުވަހު ރޯދަ ހިފުމެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. ނަމަވެސް، މިކަމުގައި ޞައްޙަ ބަސްފުޅަކީ މި ދުވަސްތަކުގައިވެސް ރޯދަ ހިފުން އެދެވިގެންވުމެވެ. އެއީ ރޯދައަކީވެސް ހެޔޮ ޢަމަލެކެވެ. އަޅުކަމެކެވެ. މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް މާތް ނަބިއްޔާ ބާރު އަޅުއްވާފައިވެއެވެ. މިގޮތުން މި އަށް ދުވަހުގެ ދަރުމައާއި ޘަވާބަށް އެދި މި ދުވަސްތަކުގައި ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ޚާއްޞަކޮށް ޢަރަފާތު ދުވަހުގައި ރޯދަ ހިފުމެވެ. ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެވެ.

އަޟްޙާ ޢީދު ދުވަހެވެ. މި ދުވަހުގައި ޢީދު ނަމާދު ކުރުމާއި، އުޟްޙިޔާ ކަތިލުމެވެ. އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ. އެ ޤުރުބާނުގެ ސަބަބުން ﷲގެ ޙަޟްރަތަށް ކުއްތަންވުން ޙާޞިލް ކުރެވޭނެއެވެ. އެއީ  ﷲގެ މަގުގައި މުދާ ހޭދަކުރުމާއި ނިކަމެތިންނަށް އިޙްސާންތެރިވުމެވެ. عَائِشَةَ رَضِيَ اللهُ عَنْهَا ގެ އަރިހުން ވާރިދުވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އުޟްޙިޔާ ކަތިލުމަށްވުރެ ﷲ ލޯބިވެ ވޮޑިގެންވާ އެހެން އެއްވެސް ކަމެއް ޢީދު ދުވަހު އެއްވެސް މީހަކު ނުކުރާނެއެވެ. ހަމަކަށަވަރުން އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެއްޗެއް ޤިޔާމަތްދުވަހު އެ އެއްޗެއް ޤުރުބާންކުރި މީހަކަށް ފާފަ ފުއްސެވުމަށް އެދިގެން އޭގެ ކެހެރިތަކާއި ދަޅުތަކާއި މޮށްގަނޑާއެކު އަންނަހުއްޓެވެ. އުޟްޙިޔާ ކަތިލުމުން ފައިބައިގެންދާ ލޭ ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފޮހެވޭނެއެވެ. ފަހެ ތިޔަބައިމީހުން ތެދު ނިޔަތުގައި ހިތްނިޔަތް ޚާލިޞްކޮށްގެން ﷲ އަށްޓަކައި އުޟްޙިޔާ ކަތިލާށެވެ!

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް