އަރޫމާ ލަސްވެގެން މަންމަ ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަ ބޭނުންވަނީ އަރޫމާވެސް ގޮވައިގެން ދާށެވެ. އެންމެ ފަހަރަކު ނަމަވެސް އެމީހުންގެ މޫނު ދެކިލާށެވެ. ކުރަމުން ދިޔަ އުންމީދު ފެނަށް ވާކަށް ނޭދޭތީއެވެ. ބަލިހާލު ޖެހުނު ދުވަހު އެމީހުން ދޫކޮށްނުލާކަން އެމީހުންނަށް އަންގަން ބޭނުންވެއެވެ. އެހެންނޫނިއްޔާ އެމީހުން ރަނގަޅުވާ ދުވަހަކުން އަރޫމާގެ އާއިލާ ދޫކޮއްލަފާނެތާއެވެ.
އެންމެފަހުން އަރޫމާ ނިމުނީމަ ގޮވައިގެން މަންމަ ހިނގައިގަތީ އަތިރި މަގުންނެވެ. އަވަހަށް ސިއްޚީމަރުކަޒަށް ދެވޭނީ އެމަގުން ކަމަށް ވާތީއެވެ. އެހިސާބަށް ދެވުނުއިރު ސިއްޚީމަރުކަޒު ކައިރީގައި މީހުން އެއްވެފައި އޮތެވެ. ކޮންމެވެސް ކަމެއް ގޯސްވީކަން އެހިސާބުން އަރޫމާ އާއި އޭނާގެ މަންމައަށް އެނގުނެވެ. މީހުންތައް ދުރަށް ޖައްސަމުން އުނދަގޫ ގޮތަކަށް މަންމަ އެތެރެއަށް ވަނެވެ. ނަރުހުން އެކި ދިމަދިމާލަށް ހަރަކާތްތެރިވަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގި ކަހަލަ ގޮތަކަށެވެ.
"ކޮބާ އައްލާމުމެންގެ ހާލަކީ" އަރޫމާ ބޭނުންވީ ތެދު މަޢުލޫމާތު ހޯދާށެވެ.
"އައްލާމު ނިޔާވެއްޖެ. އެކަމަކު އިސްމާއީލްގެ ހާލު ރަނގަޅު" އެހެން ބުނެފައި ނަރުސް ކުއްޖާ ހިނގައިގަތީ ވޯޑް ތެރެއަށެވެ.
އަރޫމާގެ ލޮލުން ކަރުނަ ހިލިގަތެވެ. އައްލާމު ދެކެ ލޯބި ނުވިޔަސް މަންމަ ކިޔަކިޔާ މިހާރު ކޮންމެވެސް ވަރެއްގެ ލޯތްބެއް ވަނީ ޖެހިފައެވެ. ހިތަށް ތަދުވިއެވެ. ދެން ދުވަހަކުވެސް އައްލާމެއް ނުފެންނާނެއެވެ. މަންމަ ބުނި ބަސް ކުރިން ގަބޫލު ކުރެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. މައިންބަފައިން ދަރިންނަށް ގޯސް ނަސޭހަތެއް ނުދޭނެކަން ކަށަވަރެވެ. އަރޫމާގެ ހިތަށް އަރަމުން ދިޔައީ މަންމަގެ އޯގާތެރިކަމެވެ. ލޮލުން ކަރުނަތައް ފައިބަން ފެށުމުން އަރޫމާ އެތަނުން ދުރަށް ދާން ހިނގައިގަތެވެ. ވީހާވެސް އަވަހަކަށް މަންމައަށް އެވާހަކަ އަންގާށެވެ. އަރޫމާއަށް ނިކުމެވުނީ މަންމަގެ ކުރިމައްޗަށެވެ. އަރޫމާ ފެނުމާއިއެކު މަންމަ ދުވެފައި އައިސް އަރޫމާގެ ހަށިނަޑުގައި ބައްދައިލިއެވެ.
"ކާކު މަރުވީ. ކާކު މަރުވީ. އިސްމާއީލްތަ" މަންމަ ހުރީ ހާސްވެފައެވެ. ފުރަތަމަވެސް ބެލީ އިސްމާއީލް ދުނިޔޭގައި ހުރިތޯއެވެ.
"އައްލާމު މަރުވެއްޖެ" އަރޫމާއަށް ރޮވެން ފެށުނުނެވެ.
"ދެން އިސްމާއީލޯ. އޭނަވެސް މަރުވީތަ" މަންމަ ސުވާލުކުރިއެވެ.
"އައްލާމު އެކަނި. އިސްމާއީލް ރަނގަޅު" އަރޫމާ އެހެން ބުނެލުމާއިއެކު މަންމަގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރު ފެންނަން ފެށިއެވެ.
"ދަރިފުޅާ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. ނަސީބެއްނު އިސްމާއީލް މަރުނުވިކަން. އެހެން ނޫނިއްޔާ މަންމަ މޮޔަވެދާނެ" މަންމަ އަރޫމާ ގޮވައިގެން ދުރަށް ޖެހިލިއެވެ. އިސްމާއީލް މަރުނުވާކަން އެނގުމުން މަންމަހުރީ ވަރަށް އުފަލުންނެވެ.
އައްލާމުގެ ޖަނާޒާ އޮތީ ރޭގަނޑު ދިހައެއް ޖަހާއިރުގައެވެ. މުޅި ރަށަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ނުރައްކާތެރި ހާދިސާއެއްގައި މީހަކު ނިޔާވުމުންނެވެ. އަރޫމާ އާއި މަންމަ ދިޔައީ ވަރަށް ކުރިންނެވެ. ވީހާވެސް ގިނަ ވަގުތު އެތާގައި ހޭދަ ކޮއްލުމަށެވެ. އައްލާމު މަރުވިޔަސް އޭނާގެ ބައްޕައަށް އެމަންޒަރު ފެންނާނެތީއެވެ. އެމީހުންނަށް ދެރައެއް ލިބުނު ދުވަހު އަރޫމާގެ އާއިލާއިންވެސް އެކަން ހަނދާންކޮއްލާކަން އަންގަން ބޭނުމުގައެވެ. މީހުންތައް އައިސް މިސްކިތުގެ ގޯތިތެރެ ފުރައިލިއެވެ. އައްލާމުގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ފަހަރަކު މީހަކު އައްލާމުގެ މޫނު ދެކިލުމަށް ވަންނަމުން ދިޔައެވެ. އައްލާމުގެ ބޮލާވީ ކޮޅުގައި ބައްޕަ އިސްމާއީލް ކޮޅަށް ހުރިއިރު އޭނަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ލިބިފައިވާ ފުން ހިތާމަ އޭނާގެ މޫނުމަތިން ހާމަކޮށް ފެންނަމުން ދިޔައެވެ. އަރޫމާއި އޭނަގެ މަންމަވެސް މޫނު ދެކިލުމަށްފަހު ބޭރުގައި މަޑުކޮއްލީ ޖަނާޒާގެ ކަންތައް ނިމެންދެނެވެ. އެންމެފަހު މީހާ އެކީ ނޫނީ އެތަނުން ނުދާށެވެ. އިސްމާއީލަކީ ރަށުގެ ތަނަވަސް އަދި މީހުންނަށް އެހީތެރިކަން ފޯރުކޮއްދޭ މީހަކަށް ވާތީ އޭނާގެ ދަރިފުޅުގެ ޖަނާޒާގައި ވަރަށް ގިނަ މީހުން ބައިވެރިވިއެވެ. ކަށުނަމާދަށް ފަހު މިސްކިތުން ސަންދޯއް ނެރުނުއިރު އޭގެ އެންމެ ކުރީގައި ހިފަހައްޓައިގެން އިސްމާއީލް ހުއްޓެވެ. އަރޫމާމެންގެ ކުރިމަތިންލާފައި ދިޔައިރު އެމީހުންނަށް ބަލާވެސް ނުލީ އޭނައަށް ކޮއްފައިވާ އަސަރު އަންގަން ބޭނުންނުވާތީ ކަމަށް ވެދާނެއެވެ. ސަހަރާ ތެރެއަށް ސަންދޯއް ހިފައިގެން ގޮސް ވަޅަށް ތިރިކުރިއިރުވެސް ސަހަރާގެ ބޭރު ފާރު ކައިރީގައި އަރޫމާ އާއި އޭނާގެ މަންމަ ފުން އަސަރާއިއެކު ބަލަހައްޓައިގެން ތިއްބެވެ. ޖަނާޒާގެ ކަންތައް ނިމުމުން އެންމެންވެސް ހިނގައިގަތީ އެމީހެއްގެ ގެއާއި ދިމާލަށެވެ. އިސްމާއީލް ސަހަރާގެ ދޮރާށި ދޮށުގައި މީހަކާއި ވާހަކަ ދައްކަން ހުރެފައި އެމީހާ ދިޔަ ދަނޑިވަޅު ބަލާފައި މަންމަ އިސްމާއީލްގެ ގާތަށް ޖެހިލިއެވެ.
"ހިތްވަރު ކުރޭ. ހިތްވަރު ކުރަންވާނެ. މިއީ ދުނިޔެ. ކޮންމެ މީހަކު ވެސް ދުނިޔެއިން ނިމި ދާނެ. އެކި މީހުން އެކި ގޮތަށް. އަހަރެމެންނަށް އޮންނާނީ ކެތްތެރިވުން" އަރޫމާގެ މަންމަ ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިލިއެވެ.
"އާނ. ކެތް ކުރާނަން" އިސްމާއީލް ދިނީ ކުރު ޖަވާބެކެވެ.
އިސްމާއީލް ގޮސް އެރީ މަގުގެ އަނެއް ފަރާތުގައި ހުރި ސައިކަލަކަށެވެ. ސްޓާޓް ކޮއްލުމަށްފަހު ބާރަށް ދުއްވައިލީ އެއްވެސް ވިސްނުމެއް ނެތް ފަދަ ގޮތަކަށެވެ. އެމަންޒަރު ބަލަން އަރޫމާގެ މަންމަމެން ތިބީ ބިރުންނެވެ. މިވަގުތުގައި އިސްމާއީލަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެކަމުގެ ބިރަށެވެ. އިސްމާއީލް ދިއުމާއިއެކު އަރޫމާމެންވެސް ހިނގައިގަތީ ގެއަށް ދާށެވެ. ފަހަރެއްގައި އިސްމާއީލް އަތުވެދާނެއެވެ. މިރޭ އިސްމާއީލް ކިހާ އެކަނިވެރިވާނެ ހެއްޔެވެ. ގެއަށް އައުމާއިއެކު ފުރަތަމަވެސް އަރޫމާގެ މަންމަ ޒުލޭޚާ ފޯނު ނަގައި އިސްމާއީލް އަށް ގުޅައިލިއެވެ. އިސްމާއީލް ފޯނެއް ނުނަގައެވެ. ދެތިން ފަހަރަކަށްވެސް ގުޅައިފިއެވެ. ޖަވާބެއް ނުދެއެވެ. އަރޫމާގެ މަންމަ ޒުލޭޚާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަނެއްކާ އިސްމާއީލަށް ކަމެއް ވީބާއެވެ. ޒުލޭޚާ ކެތް ނުވެގެން އެންމެ ފަހުން އިސްމާއީލްގެ ގެއަށް ދާން ހިނގައިގަތެވެ. ކިތަންމެ އަނދިރި ނަމަވެސް އިސްމާއީލަށް ވީގޮތެއް އޮޅުން ފިލުވަން ބޭނުވެފައިވާލެއް ބޮޑުކަމުން އެކަނިމާއެކަނި އެގެއާއި ދިމާއަށް ހިނގައިގަތެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ރަށުގެ ގިނަ މީހުން ނިދާފައި ތިބި ގަޑިއެއް ކަމުން ގެތަކުގެ އަލިކަމެއް ނެތެވެ. މަގުމަތީގައި ހުރި ލައިޓަކުން ލިބޭ އަލިކަމެއް ފިޔަވާ އެހެން އަލިކަމެއް ނެތެވެ. އެކަމަކު ވެސް އެއްވެސް ޖެހިލުމެއްނެތި ބާރަށް ހިނގަމުން ދިޔައިރު ޒުލޭޚާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އިސްމާއީލަށް ގޮތެއް ނުވާނަމަ ނުވަތަ ދުނިޔޭގައި ހުރިނަމަ ފޯނަށް ޖަވާބު ދޭނެއެވެ. އަދި އަމުދުން ޒުލޭޚާގެ ފޯނު ކޯލެއް ވިއްޔާ އަދި މިވީހާ ހިސާބަށް ޖަވާބު ނުދީ ނެތެވެ. ޒުލޭޚާ ގޮސް އިސްމާއީލްގެ ގޭގެ ދޮރުގައި ޓަކި ޖެހިއެވެ. އެގޭގައި އިސްމާއީލް ފިޔަވައި އެހެން މީހަކު ނޫޅޭނެކަން ޒުލޭޚާއަށް އެނގެއެވެ. އައްލާމު ނިޔާވުމުގެ ކުރިން އައްލާމުގެ މަންމަވެސް ބޮޑު ބައްޔެއްގައި ނިޔާވީއެވެ. އެހެން ވުމާއިއެކު އެއްވެސް ކަހަލަ ބިރުވެރިކަމެއް ނެތެވެ. ޒުލޭޚާ ދެތިން ފަހަރަކަށް ޓަކި ޖެހިތަނާހެން އެތެރެއިން ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ އިސްމާއީލެވެ. މުންޑެއް އަނދެ ޓީޝާޓެއް ލާފައި ހުރިތަން ފެނުމުން ޒުލޭޚާ ހުއްޓުން އެރިއެވެ. ބޭއިޚްތިޔާރުގައި ދުވެފައި ގޮސް ޒުލޭޚާ އިސްމާއީލްގެ ހަށިގަނޑުގައި ބައްދައިލެވުނެވެ. އަދި ބާރަކަށް ރޯންފެށުނީ ކީއްވެކަމެއް ޒުލޭޚާ އަކަށްވެސް ނޭނގެއެވެ.
"ކިހިނެއްވީ" އިސްމާއީލް ޒުލޭޚާގެ މޫނުގައި ހިފައި މައްޗަށް ހިއްލައިލިއެވެ.
ޒުލޭޚާ ލަދުރަކި ހިނިތުންވުމަކާއިއެކު އިސްޖަހައިލީ އިސްމާއީލްގެ ހަރަކާތް ހުރި ގޮތުންނެވެ.
"ވަރަށް ބިރުން މިއައީ. އިސްމާއީލްއަށް ކަމެއް ވީ ކަމަށް ހީކޮށް" ޒުލޭޚާ ލަދުން ހުރެ ވާހަކަ ދައްކަންފެށިއެވެ.
"އަހަރެންގެ ވާން އުޅޭ އަނބިމީހާ ހާދަހާ ރަނގަޅޭ ދޯ" އިސްމާއީލް ޒުލޭޚާ ގެނެސް ގަޔާއި ގާތް ކޮއްލިއެވެ.
"މިރޭ އިސްމާއީލް ދެރައެއްވެސް ނުވޭތަ" ޒުލޭޚާ މަޢުޟޫ ބަދަލު ކޮއްލިއެވެ.
"ކޮންކަމަކާއި ދެރަވާންވީ. އުފާ ކުރަންވީކީ ނޫންތަ. ޒުލޭޚާ ކަހަލަ ލޯބި ކުއްޖަކު ލިބުނީތީ" އިސްމާއީލް ހުރީ މަޢުޟޫ ބަދަލު ކުރާ ގޮތަކަށް ނޫނެވެ.
ނަމަވެސް އެވާހަކަ ބަދަލު ކުރާކަށް ޒުލޭޚާވެސް ބޭނުމެއް ނޫނެވެ. އަބަދުގެ އަބަދަށް އިސްމާއީލްގެ ބެލުމުގެ ދަށަށް އަންނަން ބޭނުމެވެ. މިރޭވެސް ތައްޔާރެވެ. އިސްމާއީލް ނުފެނި އެންމެ ސިކުންތެއްވެސް ހޭދަ ކުރުމަކީ ޒުލޭޚާ އަށް ވާވަރުގެ ކަމެއް ނޫނެވެ. ހިތުގެ ހުރިހާ ވާހަކައެއް ޒުލޭޚާ ދިޔައީ އިސްމާއީލަށް އިއްވަމުންނެވެ. ހިތް ނަގާ އިސްމާއީލަށް ހިބައިން ދީފައެވެ.
"ދެން ކޮންއިރަކުން ކައިވެނީގެ ކަންތަކާއިގެން އުޅޭނީ" އެންމެފަހުން ނުހުރެވިގެން ޒުލޭޚާ އިސްމާއީލާއި ސުވާލު ކޮއްލިއެވެ.
"އަދި ނުވެ ނެތެއްނު" އިސްމާއީލްގެ ޖަވާބު ވަރަށް ކުރެވެ.
"އާނ. އަހަންނަށް އެނގޭ މިއީ އަދި މިރެއަކީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ރޭ ނޫންކަންވެސް. އެކަމަކުވެސް ކެތް ނުވެގެން އަދި އިސްމާއީލް ބޭނުންވާލެއް ބޮޑުކަމުން ބުނެވުނީ. ސޮރީ" ޒުލޭޚާ އިސްމާއީލްގެ އަތުގައި ހިފައިގެންގޮސް ކައިރީގައި ހުރި ސޯފާގައި އިށީނެވެ.
"އަހަންނަށް އިތުބާރު ނުކުރަނީތަ. މިކަންކަން ހަމައަކަށް އެޅުނީމަ ތިކަންވެސް ކުރާނަން" އިސްމާއީލް ޔަގީންކަން ދިނެވެ.
"ތިއީ ފިރިހެނުން ދޭ ޖަވާބު އަބަދުވެސް. ބޭނުންވާނީ އަންހެންވެރިން ތަޅުވަން. ދިގު ދަންމަން" ޒުލޭޚާ އޭނަގެ ހިތުގެ ޝުޢޫރު އެއްވެސް ޖެހިލުމެއް ނެތި ހާމަ ކޮއްލިއެވެ.
"ނޫން. ނޫން. އަހަންނަށް އިތުބާރު ކުރޭ. އަހަރެންގެ ވިޔަފާރިވެސް ހަމައަކަށް އަޅުވަން ޖެހޭ. މިހާރު އައްލާމުވެސް ނެތް. އަނބި މީހާވެސް ވަނީ ނިޔާވެފައި. އަހަރެން އެކަނި ހުރިހާ ކަމެއްގައި" އިސްމާއީލް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަވަހަށް މިކަން ކުރީމަދޯ އަހަންނަށްވެސް ބައިވެރި ވެވޭނީ. އެއިރުން އިސްމާއީލަށް ކިހާ ލުއިވާނެ. އަހަރެން ހުރިހާ ކަމެއްގައި އުޅެދޭނަން. ހުރިހާ ޒިންމާއެއް ނަގާނަމޭ" ޒުލޭޚާވެސް އިސްމާއީލަށް ޔަގީންކަން ދެމުން ދިޔައެވެ.
"އަހަންނަށް އެނގޭ ތިކަން. އެހެންވެތާ މިއުޅެނީ ތި މަންޖެ އަހަރެންގެ އަނބިމީހާއަށް ހަދަން" އިސްމާއީލް ހޭން ފެށިއެވެ.
= ނުނިމޭ =