ހުވަދު އަތޮޅު ގަމަކީ މާކުރީ ޒަމާނުގައި މީހުން އުޅުނު ރަށެކެވެ. އެރަށުގައި މިހާރުހުރި އާސާރުތަކަށް ބަލާއިރު އެރަށަކީ ގިނަމީހުން އުޅުނު ބުދުކޯލު ހަދާފައިހުރި ރަށެކެވެ. އެޒަމާނުގައި އަތޮޅުގެ މުހިންމު ރަށަކަށް ވާނެކަމަށް ފެނެއެވެ.
މީހުން ބުނާގޮތުގައި އެރަށުގައި ވަރަށްބޮޑު ފަންޑިތަވެރިއަކު ހުއްޓެވެ. އަދި އެއަތޮޅު ވާދޫ ގައިވެސް އެހާބޮޑު ފަންޑިތަވެރިއަކު ހަމަ އެދުވަސްވަރު ހުއްޓެވެ. ދިމާވިގޮތުން ކޮންމެވެސް މައްސަލައެއްގައި މިދެރަށުގެ ދެފަންޑިތަވެރިން ދެބަސް ވެއްޖެއެވެ. އަދި އެކަކު އަނެކަކަށް ޖެއްސުމުގެ ގޮތުން ފަންޑިތަ ހަދާ ތުރާކޮށް އުޅެން ފަށައިފިއެވެ. މިގޮތަށް ކަންތަށްކުރަން ފެށުމުން ދެމީހުންމެ އުދަގޫތައް އުފުލަން ޖެހުނެވެ. ނަމަވެސް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. މިކަންތައް މިހެން ހިގަމުން ދަނިކޮށް ވާދޫ ފަންޑިތަވެރިޔާ ގަސްތުކުރީ ގަމުގައިހުރި ފަންޑިތަވެރިޔާ ނިމުމަކަށް ގެންނާށެވެ. މިގޮތަށް ގަސްދު ކޮށްގެން އެއްދުވަހަކު ވާދޫން ފުރައިގެން ގަމަށްދިޔަ އަންހެނުން ތަކެއް ދަތުރުކުރި ދޯންޏަކަށް މީނާ އަރައިފިއެވެ. ދޯންޏަށް މީނާއެރީ ވަރަށް ވަރުގަދަ ތަވީދެއް ލިޔެގެން އެތަވީދުވެސް ހިފައިގެންނެވެ.
ދޯނި ދަތުރުކުރަމުން ގޮސް ގަމުގެ ނެރާއި ދިމާކުރިއިރަށް އެއްކަލަ ވާދޫ ފަންޑިތަވެރިޔާ އޭނާގެ އަތުގައިއޮތް ތަވީދު އަގަޔަށްލާފައި ދިރުވާލިއެވެ. މިތަވީދު ކާލުމާއިއެކު މީނާ މަރުވެގެން މޫދަށްވެއްޓިއްޖެއެވެ. ފަންޑިތަވެރިކަލޭ މަރުވެގެން މޫދަށް ވެއްޓުމުން ދޯނީގައި ތިބިމީހުން ރޮއެ ހަޅޭއްލަވަން ފެށުމުން ގަމުގެ ރައްޔިތުން ނުކުމެއްޖެއެވެ. އަދި އެމީހުން ވާދޫ ފަންޑިތަވެރިޔާ އެއްގަމަށް ގެންގޮސް ވަޅުލީއެވެ. މިކަން ހިގިތާ ކުޑަދުވަސްކޮޅެއްވީތަނާ ގަމުގެ ރަށުތެރެއިން ބުޅަލެއް ފެންނަން ފަށައިފިއެވެ. ދެންވާންފެށިގޮތަކީ ބުޅާފެންނަ ކޮންމެ މީހަކުވެސް ވަރަށް ބަލިވެފައި ގިނަދުވަހެއް ނުވެ މަރުވަނީއެވެ. މިގޮތަށް މަރުވަމުންގޮސް ރަށުގެ މީހުން ހުސްވީއެވެ މިކަންތައް ގަމުގައި ހިގަމުން ދިޔައިރު ގަމުގެ މީހަކު މާލޭގައި ހުއްޓެވެ. މީނާ މާލެއިން ރަށަށް އައިއިރު ރަށުގައި އިނީ ހަމައެކަނި އެންމެ އަންހެނެކެވެ. އެހެން އެންމެން މަރުވެ ހުސްވީއެވެ. ދެން މާލެއިން ގަމަށްދިޔަ މީހާއާއި ރަށުގައި ދިރިހުރި އަންހެންމީހާ އާއި ދެމީހުން ވެސް ގަން ދޫކޮށްފައި އެހެން ރަށަކަަށް ދިރިއުޅެން ދިޔައީއެވެ. އޭރުއްސުރެ ހުވަދުއަތޮޅު ގަން އޮންނަނީ ފަޅުރަށެއްގެ ގޮތުގައެވެ.
މިލިޔުމަކީ ނ.ތ. ޙަސަންދީދީ ލިޔުއްވާފައިވާ ކުރީގެ "ހުވަދު އަތޮޅު" މިފޮތުގައި ހުވަދު އަތޮޅު ގަމާއިބެހޭ ގޮތުން ލިޔެފައިވާ ލިޔުމެކެވެ.