November 24, 2024 01:19
Advertisement

-Advertisement-

ވާހަކަ: އާދޭސް (ފަސްވަނަބައި)

ޒުލޭޚާ ހުރީ މިރޭވެސް ކައިވެނި ކުރަން ތައްޔާރަށެވެ. ލަސްވެއްޖެއްޔާ އިސްމާއީލް ގެއްލިދާނެތީއެވެ. އައްލާމު މަރުވުމަށްފަހު އޮތް ހަމައެކަނި ފުރުސަތު ގެއްލެން ބޭނުން ނުވާތީއެވެ. އިސްމާއީލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިން އެއްގަޑިބައި ވަނީއެވެ.

"މިރޭ މީޓްވެއްޖެއެއްނު. ދެން މާދަމާ ރޭ ދާނަން ތިގެއަށް" ގަޑިއަށް ބަލަމުން އިސްމާއީލް ބުނެލިއެވެ.

"އޯކޭ ދަނީ" ޒުލޭޚާ ހިނގައިގަތީ ދާ ހިތަކުން ނޫނެވެ. އެބުނާހެން މާބޮޑަށް ލަސްވެސް ވީއެވެ. އަރޫމާވެސް ހުންނާނީ ގޭގައެވެ. އެކަނި ވާނުވާ ނޭނގި ބިރުން ހުރެދާނެއެވެ. ބާރުބާރަށް ގެއަށް ދާން ޒުލޭޚާ ހިނގައިގަތެވެ. ޒުލޭޚާއަށް ދޮރާށިން ބޭރަށް ނިކުމެވުނީ ކިރިޔާއެވެ. ފަހަތުން މީހަކު ގޮވައިލި އަޑަށް ހުއްޓުނެވެ. ބިރުން ހުރެ ފަހަތަށް އެނބުރި ބަލައިލިއެވެ. އެއްވެސް މީހެއް ފެންނާކަށެއް ނެތެވެ. ޒުލޭޚާ ބިރު ގަންނަން ފެށިއެވެ. އެނބުރި އިސްމާއީލް ގާތަށް ދާންވީ ހެއްޔެވެ. ނުވަތަ ގޭގައި އެކަނި އިން ދަރިފުޅުގެ ގާތަށް ދާންވީ ހެއްޔެވެ. ވިސްނަން ހުރެފައި އިސްމާއީލަށް ބާރަށް ގޮވަން ފެށިއެވެ.

Advertisement

"އޭތް. ބަލަ މޮޔަޔާ. މަމީ އިސްމާއީލެއް ނޫނޭ. މިއީ މިރަށު ސިއްތި" ސިއްތިގެ އަޑު އިވުމާއި އެކު ޒުލޭޚާ މަޑުކޮއްލިއެވެ. އަދި ސިއްތި ގާތަށް ޖެހިލާފައި ވާހަކަ ދައްކަން ފެށިއެވެ.

"މިތާ ކީއްކުރަނީ" ޒުލޭޚާ ސިއްތި ގާތުން އެހިއެވެ.

"ކަލޭ ކީއްކުރަނީ. ކަލޭ ހީކުރަނީ އިސްމާއީލް ކަލެއާއި އިންނާނެ ކަމަށްތަ. ނީންނާނެ. މަވެސް އިންނަން އުޅެފިން. އެކަމަކު ވާހަކައެއް ބުނަންތަ" ސިއްތިގެ ވާހަކަ ހުއްޓުވީ ޒުލޭޚާއެވެ.

ސިއްތި އަކީ ސިކުނޑި ހަމަނުޖެހޭ މީހެއްކަން ޒުލޭޚާއަށް އެނގޭތީ ކޮންމެވެސް ގޮތަކުން ސިއްތި ހައްލާލަން ބޭނުންވިއެވެ. އެހެން ނޫނިއްޔާ މާދަމާ މުޅި ރަށުގައި އޮންނާނީ މި ވާހަކައެވެ. ކޮންމެ ގޮތަކުން ނަމަވެސް ސިއްތިގެ އަނގަ ބައްދަން ޖެހެއެވެ.

"ސިއްތި ކޮބާ ސައި ބޮއިފިންތަ" ޒުލޭޚާ އެހިއެވެ.

"މިއީ މީހުން ސައިބޯ ގަޑިތަ" ސިއްތި ހޭންފެށިއެވެ.

"ގެނޭ ލާރި ކޮޅެއް. އެހެން ނޫނިއްޔާ އިސްމާއީލްގެ ބިޓަށް މި ވާހަކަ އަންގާނަން" ސިއްތި ބޭނުންވީ ފައިސާއެވެ.

"ބިޓޭ. އިސްމާއީލްގެ ނުހުންނާނެ ބިޓެއް" ޒުލޭޚާ ބޭނުންވީ އިތުރަށް މަޢުލޫމާތު ހޯދާށެވެ.

"ތިކަން އަދި އެނގޭނެ. ކެތް ކޮއްލާ. ކޮބާ މަގޭ ފައިސާ" ސިއްތި އެހެން ބުނެލުމާއި އެކު ޒުލޭޚާގެ ޖީބުން ސަތޭކަ ރުފިޔާ ނަގައި ސިއްތި އަތަށް ލައިދިނެވެ.

ފައިސާ ލިބުމާއި އެކު ސިއްތި ދުއްވައިގަތީ ރަށުގެ އުތުރު ކޮޅަށެވެ. ސިއްތި އަކީ ހަމަނުޖެހޭ މީހަކަށް ވުމުން ރޭގަނޑު މުޅި ރަށުތެރޭގައި އެހެން އެނބުރޭނެއެވެ. އެކަމަކުވެސް ދުވަހަކު މީހަކަށް ގޯނާއެއް ނުކުރާނެއެވެ. އަބަދުވެސް މީހުންނަށް އެހީތެރިވުމަކީ ސިއްތިގެ އުފަލަކަށް އޮންނަނީ ވެފައެވެ. ސިއްތި ދިއުމާއި އެކު ޒުލޭޚާ އިރުކޮޅެއް ވަންދެން މަގުމަތީގައި މަޑުކޮއްލިއެވެ. އިސްމާއީލްގެ ގާތަށް އެހެން އަންހެނަކު އާދޭތޯއެވެ. ސިއްތިގެ ވާހަކައިން ޒުލޭޚާގެ ހިތުގައި ޝައްކު އިތުރުވާން ފެށިއެވެ. ނަމަވެސް ދުވަހަކުވެސް އެކަހަލަ ކަމެއް އިސްމާއީލްގެ ފަރާތަކުން ނުފެނެއެވެ. ނަމަވެސް ސިއްތިގެ ވާހަކަ ހުރި ގޮތުން ޒުލޭޚާއަށް ޝައްކު ކުރެވެން ފެށުނީއެވެ. ގިނަ އިރުތަކެއް މަގުމަތީގައި ހޭދަ ކުރުމަށްފަހު ޒުލޭޚާ ހިނގައިގަތީ ގެއަށް ދާށެވެ. މަޑު ހިނގުމެއްގައި ގޮސް ދޮރާށިން ވަންއިރު އަރޫމާ ގޯތި ތެރޭގައި ހުއްޓާ ފެނުމުން ޒުލޭޚާ ހުއްޓުނެވެ.

"މަންމަ ހާދަހާ ލަސްވީ" ޒުލޭޚާ ފެނުމާއި އެކު އަރޫމާ ބުނެލިއެވެ.

"ސިއްތި އައިސް މިތާ އަނގަތަޅަން ހުރެފައި އެދިޔައީ. މަންމަވެސް ހޯދި. އަދި ބުނި ޔަގީނޭ އިސްމާއީލްގެ ގާތަށް ވަދެޔޯ އޮންނާނީ" މަންމަ އާއި އެކު ގޭތެރެއަށް ވަންނަމުން އަރޫމާ ބުނެލިއެވެ. އަރޫމާގެ މަންމަ ޒުލޭޚާ ހިތް ބާރަށް ތެޅެމުން ދިޔައީ ސިއްތި އޭނާއަށް ފާރަލާފާނެތީއެވެ. ސިއްތި އަކީ ނުނިދާ މުޅި ރަށުގައި އުޅޭ މީހެކެވެ. އޭނަ ފާރަލާން ފަށައިފިއްޔާ ދެން ސަލާމަތެއް ނުވާނެއެވެ. އަދި އަރޫމާ އެބުނި ގޮތުންވެސް ސިއްތި ފާރަލާކަން ޝައްކު ވެއްޖެއެވެ. ކޮންމެވެސް މީހަކު ޒުލޭޚާގެ ފަހަތުން ފާރައަށް ސިއްތި ފޮނުވަނީބާއެވެ. ޒުލޭޚާ ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަރޫމާވެސް މަންމަ ކޮޓަރިއަށް ވަނުމުން ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަރޫމާ ބޭނުންވާ ކަންތައް ހާސިލްވީއެވެ. އެހެންނަމަވެސް ދެން އޮތީ އިސްމާއީލް މިގެއަށް އައުމެވެ. އިސްމާއީލް އަތުވެއްޖެއްޔާ މަންމައަށް ވަރަށް ފަސޭހަވާނެއެވެ. އަދި ޚަރަދުގެ ގޮތުންވެސް ރަނގަޅުވާނެއެވެ. އަރޫމާ ބޭނުންވީ ވެސް އެގޮތެވެ. އައްލާމާއި ކައިވެނި ނުކޮށް ދެން ކޮންމެ ކަމެއްވެސް ވަރިހަމައެވެ. އަދި އަމުދުން ފައިސާވެރިއެއް ދޮންބައްޕައަކަށް ނަމަވެސް ވުމީ ކިހާ ބޮޑު ނަސީބެއްހެއްޔެވެ. މިރޭ އަރޫމާ ހިތާމަ ކުރުމުގެ ބަދަލުގައި އުފާ ކުރަނީއެވެ. ހިތާއި ހިތުންނެވެ. މިއިން މަންޒަރެއްވެސް މަންމައަށް ދައްކާކަށް ނުކެރޭނެއެވެ. އެންމެ މަންޒަރެއް ކީއްކުރަން އެންމެ ލަފްޒެއްގެ އަޑު އިވުނަސް މަންމަގެ ހުރި ނުލަފާކަން ދައްކާލާކަށް ފަހެއް ނުޖެހޭނެއެވެ.

ހެދުން ބަދަލުކޮއްލައިގެން އެނދުގައި އޮށޯތީ ބޮލަށް ލިބުނު ލުޔެއްގެ ބޮޑުކަމުންނެވެ. އަރާމް ނިންޖަކުން މިރޭ ނިދާލެވޭނެތީއެވެ. ދެން މަންމަ އާއި ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުޖެހުމަކީ އަރޫމާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެނދުގައި އޮށޯތުމަށްފަހު ގައިގައި ރަޖާ އޮޅައިލިއެވެ. ދެލޯ މަރައިލީ އަރާމު ނިންޖަކުން ނިދާލުމަށެވެ. ނަމަވެސް އެނދުގައި އޮށޯވެ ލޯމަރައިލި ތަނާހެން ކުޑަ ދޮރުކައިރިން މީހެއްގެ ހިލަމެއް ވާހެން ހީވެގެން އަރޫމާ ވަރަށް ފަރުވާތެރިކަމާއި އެކު އެދިމާލަށް ބަލަން އޮތެވެ. ދޭތެރެއަކުން އެމީހަކު ގެއްލެއެވެ. ދެން އަނެއްކާވެސް ހަމަ އެމީހާ ކުޑަދޮރު ކައިރީގައި އުޅެއެވެ. އަރޫމާ ހިތް ބިރުގަންނަން ފެށިއެވެ. މަންމައަށް ގޮވާނީއޭ ހިތާ އެނދުން ތެދުވެލިއެވެ. އަދި މަންމައަށް ގޮވަން ފެށިއެވެ. އެތައްއިރެއް ވީއިރުވެސް މަންމަގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ބިރު ކަނޑާލާފައި ކުޑަދޮރާއި ދިމާލަށް ހިނގައިގަތެވެ. މަޑުމަޑުން ގޮސް ކުޑަދޮރު ހުޅުވައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މީހަކު ފެންނަން ނެތުމުން ދޮރު ލައްޕައި ތަންޑު އެޅުވިއެވެ. އަދި އެނދާއި ދިމާލަށް ހިނގައިގަތީ އެއީ ހީވި ހީއެއް ކަމަށް ނިންމައިގެންނެވެ. ނަމަވެސް އެނދުގައި ހަމަ އިށީނުމާއިއެކު އެއްކަލަ މީހާ އައިސް ކުޑަދޮރު ކައިރީގައި މަޑުކޮއްލިއެވެ.

"ތިއީ ކާކު. ކޮން ޖެއްސުމެއް ތި ކުރަނީ" އަރޫމާ ބާރަށް ހަޅޭ ލަވައިގެތެވެ.

އެއަޑަށް އަރޫމާގެ މަންމަ އައިސް ކޮޓަރީގައި ޓަކި ދޭން ފެށިއެވެ.

"ދަރިފުޅާ ކާކު. ކާކު. ކިހިނެއްވީ" އަރޫމާގެ މަންމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

"ނޭނގޭ. މީހަކު މިތާ އެބަ އުޅޭ. ދޮރު ހުޅުވާއިރަށް ފިލަނީ" އަރޫމާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.

އެއިރުވެސް އެމީހަކު ދޮރު ކައިރީގައި އުޅޭ މަންޒަރު ފެނެއެވެ. ކުރާކަމެއް ނޭނގެއެވެ. މިހާ ދަން ގަޑީގައި އިންސާނަކު މި ގޮތަށް އުޅެންވީ ކީއްކުރަން ބާއެވެ. އަރޫމާ އާއި އޭނަގެ މަންމަ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. އަދި ދޮރު ހުޅުވައިލީ ޒުލޭޚާއެވެ. ކުރިމަތީގައި ހުރީ ސިއްތިއެވެ. ސިއްތި ފެނުމާއި އެކު ޒުލޭޚާ ފުން ނޭވާއެއް ދޫކޮއްލިއެވެ. އިންސާނެއްކަން އެނގުމުން އަރޫމާވެސް ހިތްހަމަޖެހުމެއް ލިބުނެވެ.

"ސިއްތީ. ސިއްތި ކީއްކުރަނީ މިތާ" ޒުލޭޚާ ސިއްތިއާއި ދިމާލަށް ނުރުހިފައި ހުރެ ބާރަށް ބުނެލިއެވެ.

"ކަލޭ ކޮން އަޑުގަދައެއް ތި ކުރަނީ. ކަލޭގެ އަޑަށް ވުރެ އަހަރެންގެ އަޑު ގަދަވާނެ. އަދި އަހަރެން ބުނާ ބަސްވެސް މީހުން ގަބޫލު ކުރާނެ. އަދި ކަލެއަށް ވުރެ މާ ގިނަ ލާރި މީހުން އަހަންނަށް ދޭ. ކަލޭ ހީކުރަނީ ސަތޭކަ ރުފިޔާ ދިނީމާ އެވީ ކަމައްތަ ހުރިހާ ކަމެއް. ބަލަ އެއަށް ނުގަނެވޭނެ ޗޮކްލެޓެއްވެސް" ސިއްތި ހުރީ އެމީހުންނަށް ދޫދޭކަހަލަ ގޮތަކަށް ނޫނެވެ.  

"އެކަމަކުވެސް ދަންވަރު މީހުންނަށް އުނދަގޫ ކުރާކަށް ނުވާނެ ދޯ. ދެން ދޭ ބަސްއަހައިގެން. އަހަރެމެން މިއުޅެނީ ނިދަން" ޒުލޭޚާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ސިއްތި ފޮނުވާލެވޭތޯއެވެ.

"އެކަމަކު އިސްމާއީލް ގާތުގައި އުޅުނީ ދަންވަރަކު ނޫންތަ. ކަލޭ އުޅެން ވެއްޖެއްޔާ އޯކޭ. އެހެން މީހަކު ވިއްޔާ ގޯސް ހަރާމް" ސިއްތިގެ ވާހަކަ ހުރި ގޮތުން ކޮންމެވެސް ކަމަކާއި އޭނަ ހިތްހަމަ ނުޖެހިފައި ހުރިހެން ވަރަށް ބޮޑަށް ހީވެއެވެ.

"އޯކޭ. މިއޮތީ ފައްސަތޭކަ ރުފިޔާ. މިވެސް ހިފައިގެން މިތަނުން ދޭ" ޒުލޭޚާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.

ޒުލޭޚާ ފައިސާ ދިނުމުންވެސް އެއަކު އަތެއް ނުލިއެވެ. ޒުލޭޚާގެ ހާސްވެރިކަން ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ.

"ސިއްތި ބޭނުންވާ ކަމެއް އެނގޭނަމަތާ އޭނައަށް އެބުނާ ކަމެއް ކޮއްދީފައި ފޮނުވައި ލެވޭނީވެސް" އަރޫމާ އޭނަގެ މަންމަ ގާތުގައި ސިއްތި އަވަހަށް ފޮނުވާލާށޭ ބުނުމުން މަންމަ ޖަވާބު ދިނެވެ. ސިއްތި ބޭނުން ކަމެއް ނުބުނެއެވެ. އަދި އެގެއިން ބޭރަށް ދާކަށް ވެސް ނޫޅުނެވެ.

"ސިއްތި ދެން ނުދަންޏާ އަހަރެމެން ދޮރު ތަޅުލަނީ. ތިތާ ހުރޭ އިރު އަރަންދެން" ޒުލޭޚާ ދޮރު ލައްޕަން އުޅުނެވެ.

"އާނ. އަހަންނަށް ހުރެވިދާނެ. ތަޅުލައިފިއްޔާ އަމިއްލައަށް ދެރަވާނީ. ފަހުން ރޯން ޖެހޭނެކަން ހަނދާން ބަހައްޓާތި. ތަޅުލިޔަސް އަހަންނެއް ނުދާނަން. މާދަމާ އިރު އެރުމާއި އެކު މިގޭ ދޮށަށް މީހުން އެއްކޮއްލާނަން" ސިއްތި ހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިގެން ޒުވާބު ކޮއްލާ ހިތުންނެވެ. އޭނާއަކީ ހަމަނުޖެހޭ މީހަކަށް ވާތީ ކޮންމެ ކަމެއްވެސް ކޮއްފާނެތީ ޒުލޭޚާ ބިރު ގަނެއެވެ.

"ހެޔޮ. ސިއްތި ހުރޭ ތިތާ. މާދަމާ އެންމެނަށް ގޮވާތި. އަހަރެމެން މި ނިދަނީ. ދެން ލާރިއެއްވެސް ނުދޭނަން' އެންމެފަހުން ޒުލޭޚާ ރުޅިއައިސްގެން ދޮރު ލައްޕަން އުޅުނެވެ.

"ތި ދޮރު ލައްޕައިފިއްޔާ ތަޅާލާނަން. ހެޔޮވަރުގެ ބޮނޑިއެއް ދޭނަން. އަޅެ ކެރެންޏާ ލައްޕާ" ޒުލޭޚާ ދޮރު ލައްޕަން އުޅުމުން ސިއްތި ދޮރުފަތުގައި ހިފެހެއްޓިއެވެ.

"ކަލޭ ސަލާމަތް ކުރަން އަންނަން އިސްމާއީލަށް ގުޅާބަލަ. އަންނާނެ ދުވެފައި. އަދި އޭނާ އަންނާނީ އޭނާގެ ބިޓުން ކޮޅުވެސް ގޮވައިގެން" ސިއްތި އެންމެފަހުން ބުނެލިއެވެ. ޒުލޭޚާ ދޮރު ލެއްޕިއެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށެވެ. ދޮރު ލައްޕާ ކޮޓަރިތެރޭގެ ލައިޓް ނިއްވައިލިއެވެ. އަދި ސިއްތި ކުރާ ކަމެއް ބަލަން ސިއްރުން ބަލަހައްޓާއިގެން ތިއްބެވެ. ދިހަ ވަރަކަށް މިނިޓް ނުވަނީސް އަޑުގަދަކޮއްފައި ދޮރާށިން ނިކުމެގެން ހިނގައިގަތެވެ.

= ނުނިމޭ =

+1
2
+1
1
+1
10
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް