މިޝީގެ އަސްލު ނަމަކީ މިޝްކާ އެވެ.
މިޝްކާ އަށް އެންމެންވެސް ލޯބިން ކިޔަނީ މިޝީއެވެ.
މިޝީގެ ކާފައަކީ ވަރަށް ގަސް ހައްދާހިތްވާ މީހެކެވެ.
އެހެންވެ ތަފާތު ވައްތަރުތަކުގެ މާގަސްތަކުގެ އިތުރުން ތަފާތު ވައްތަރުތަކުގެ މޭވާ ގަސްތައްވެސް އެގޭގެ ޓެރަސްގައި ހައްދާފައިހުރެއެވެ.
މިޝީ ކޮންމެ ދުވަހަކު ހެނދުނު މިޝީގެ މަންމައާއި އެކު ޓެރަސް އަށް ދެއެވެ.
ވަރަށް ގިނަ ދުވަސް ދުވަހު މިޝީ ގަސްތަކުން މާތައް ބިނދެ ކުޅެހަދައެވެ. އަދި އެބަގީޗާ އަށް އަންނަ ކުދި ކޮކާތަކާއި އެއްކޮށް ކުޅެން އިނދެއެވެ.
އެއްދުވަހަކު ހެނދުނުގަޑީގައި މިޝީ މާތައް ބިނދެގެން ކުޅެންއިންދާ އެކިކުލަކުލައިގެ ކޮކާތައް އައިސް މާތަކުގަ ޖައްސަމުން އުދުހެމުން ދިޔައެވެ.
މިޝީ އަށް މަޖާވެގެން ކޮކާތައް އުދުހޭތަން ބަލަން އިންދާ އެތަނުން ކޮކާލެއް ރާސްބެރީ ގަހުގައި އަޅާފައި ހުރި ރާސްބެރީއެއް މަތީ ޖައްސާލިތަނާ މިޝީ އަހާލިއެވެ.
މިޝީ: ކޮކާލާ! ކޮކާލަށް މީރުތަ ރާސްބެރީ؟
ކޮކާ: އާނ ވަރަށް މީރު އަދި މިކަހަލަ ވިދާ ރީތި ކުލަކުލައި ފުރުޓް ކަންޏާ ގައިގެ ހަންވެސް އޮމާންވާނެ! އަހަރެމެން ކޮކާތައް މިހާ ރީތީވެސް ފުރުޓް ކާތީ ކަންނޭނގެ ދޯ މިޝީ!
މިޝީ: ވެދާނެދޯ؟ މިޝީ އަށްވެސް ވަރަށް ރީތި ކޮކާތައް! މިޝީގެ ބާރތްޑޭގައި މިޝީ ހުރީ ކޮކާލަކަށް ހެދިގެން!
ކޮކާ: އެހެންތަ؟ ކޮންކަހަލަ ކޭކެއް ހެދީ؟
މިޝީ: އެކި ކުލަކުލައިގެ ކޮކާތައް ޖަހާފަ ހުރީ ކޭކުގަ! މިޝީގެ މަންމަ އެކޭކް ހެދީ
ކޮކާ: ދެންފަހަރަކުން ހައްދައްޗޭ! ރާސްބެރީ ކޭކެއް! ރާސްބެރީއެއް ގޮތަށް އަސްލު ރާސްބެރީ ވެސް ހަރުކޮށްފައި!
މިޝީ: މިޝީ އަދި ރާސްބެރީއެއް ދުވަހަކުވެސް ނުކަމޭ
ކޮކާ: ރާސްބެރީ ވަރަށް މީރުވާނެ އާދަކޮށް ކާން ފެށީމަ! ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެއް ރާސްބެރީ އަކީ ވެސް!
މިޝީ: މިއަދު ރަހަބަލާލާނަމޭ ރާސްބެރީއެއް! އަދި މިއަންނަ ބާރތްޑޭގައި މިޝީ މަންމަ ލައްވާ އަޅުވާނީ ރާސްބެރީ ކޭކެއް! އަސްލު ރާސްބެރީ ތަތްކޮށްފައި އަދި ރީތި ކޮކާލެއް ރާސްބެރީ އެއް މަތީ ޖައްސާފައިވާ ގޮތަށް ކޭކް މަންމަ ލައްވާ ހައްދާނީ! ކޮކާތައް ވެސް އަންނަންވާނެ ޕާރޓީއަށް އިނގޭ! މިޓެރަސްގަ ޕާރޓީ ބާއްވާނީ ވެސް އިނގޭ ކޮކާލާ!
ކޮކާ: އާނ ވަރަށް އުފާވެއްޖެ ދައުވަތު ދިނީމަ! މިޝީގެ ޕާޓީއަށް މި ކޮކާޓީމް އަންނާނެ އިނގޭ!
ކޮކާތައް ދިއުމުން މިޝީ މަންމަ ގާތު ބުނެގެން ރާސްބެރީކޮޅެއް ގަހުން ބިނދެގެން ދޮވެފައި ކާލިއިރު ވަރަށް މީރެވެ.
އޭގެފަހުން އައި މިޝީގެ އުފަން ދުވަހު ރާސްބެރީ ކޭކެއް ހަދާފައި އަސްލު ރާސްބެރީ ހަރުކޮށްފައި ކޮކާތައް ކޭކް ވަށައިގެން އުދުހެމުންދާ މަންޒަރު ސިފަވާގޮތަށް ކޭކް ތައްޔާރުކޮށްފައި ޓެރަސްގައި ޕާރޓީ ބޭއްވިއެވެ.
ތަށި ތަށީގައި އަސްލު ރާސްބެރީތައްވެސް އަތުރާފައި ހުއްޓެވެ.
އެޕާރޓީއަށް އައި ހުރިހާ ކުދިންވެސް ރާސްބެރީވެސް ކެއެވެ. ގިނަ ކުދިންނަށް ރާސްބެރީ ވަރަށް މީރުވިއެވެ.
ކޮކާޓީމް ވެސް ޕާރޓީ އަށް އައިސް ރާސްބެރީ ކާލާ ކުދިންނާއި އެއްކޮށް ކުޅެ ވަރަށް މަޖާކުރިއެވެ.
އަދި މިޝީ ޕާރޓީ އަށް އައި ހުރިހާ ކުދިން ކައިރީގައިވެސް އާދަކޮށް އެކި ވައްތަރުތަކުގެ މޭވާތައް ކެއުމަކީ ވަރަށް މުހިއްމުކަމެކޭ ބުނެދީ ނަސޭހަތް ދިނެވެ.