November 23, 2024 23:08
Advertisement

-Advertisement-

ވާހަކަ: އާދޭސް (ދިހަވަނަބައި)

އުފާވެރި ކަމާއި އެކު ދުވަސްތައް ހޭދަކުރަމުން ދިޔައީ ލިބުނު ތަނަވަސް ކަމާއި އެކުގައެވެ. ރަށުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި މިހާރު އަރޫމާގެ އާއިލާވެސް ހިމެނެއެވެ. އެއްވެސް ކަމެއް ބޭނުންވެގެން ނުވެ ނުހުރެއެވެ. ރައްޓެހިން ގިނަ އަދި ކަންތައް ކޮއްލަދޭނެ މީހުންވެސް ތިބެނީ ގިނަވެފައެވެ. ކުރިން އުޅެމުން ދިޔަ ނިކަމެތި ކަމުން އަރައިގަނެވި ދިރިއުޅުން ބަދަލުވީ އަރޫމާގެ މަންމަ ޒުލޭޚާ އިސްމާއީލާއި ކައިވެނި ކުރި ހިސާބުންނެވެ. މީހުން ބަލައިގަތުމާއި ރައްޓެހިން ކުއްލިއަކަށް ގިނަ ވުމަކީ ފާހަގަ ކުރެވުނު ކަމެކެވެ.

އިރުއޮއްސިގެން ދިޔައިރުވެސް ފިހާރައިގެ މަސައްކަތް ކޮއްފައި ޒުލޭޚާއަކަށް ގެއަށް ނާދެވެއެވެ. މުވައްޒަފުންނަށް މުސާރަ ދޭ ދުވަހަށް ވުމުން ގެއަށް ނާދެވެނީއެވެ. އިސްމާއީލްވެސް މިއަދު އެއްގޮތަކަށްވެސް ގެއަކަށް ނާދެއެވެ. އެމީހުންގެ އިންތިޒާރުގައި އަރޫމާ ހުރުމަށްފަހު ކައިގެން ކޮޓަރިއަށް ވަނީ ދިހައެއްވެސް ޖެހިފަހުންނެވެ. ކޮޓަރީގެ ނިދާބޮކި ފަނޑު އައްޔަކަށް ބަދަލު ކުރުމަށްފަހު ނިދަން އެނދުގައި އޮށޯތީ ދުވަހުގެ ވަރުބަލި ކަމާއި އެކުގައެވެ. މާ ލަހުން ނިދައިފިއްޔާ ފަތިސް ނަމާދަށް ނުހޭލެވިދާނެތީ އަރޫމާ ބޭނުންވީ އަވަހަށް ނިދާށެވެ. އެނދުގައި އޮށޯވެ މާގިނައިރެއް ނުވަނީސް އަރޫމާއަށް ނިދުނެވެ. ގަދަ ނިދީގައި އޮވެފައި ހޭލެވުނީ ކޮޓަރިތެރެއިން އެއްޗެއް ވެއްޓި ތެޅުނު އަޑަށެވެ. މަޑުމަޑުން ލޯ ހުޅުވައި ބަލައިލިއެވެ. ކޮޓަރި ތެރެއިން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. އެނދުން ތެދުވެ ރަނގަޅަށް ކޮޓަރިތެރެއަށް ނަޒަރު ހިންގައިލީ ޝައްކު ޔަގީނަށް ބަދަލު ކުރާށެވެ. ހީވީ ރަނގަޅަށެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ބީއްލޫރި ތައްޓެއް ވެއްޓި ތެޅުނީއެވެ. އެކަމަކު އެތަށި ތެޅެންވީ ކީއްވެބާއެވެ. އެތަށި ހުންނާނީ ނުވެއްޓޭހެން މޭޒުގެ ބިއްދޮށުގައި ބަހައްޓާފައެވެ. ބިންމައްޗަށް އެޅިފައި ހުރި ފުޅިތޮށިތައް ނަގައި ސާފު ކުރުމަށްފަހު އަނެއްކާވެސް އޮށޯވެލީ ނިދޭތޯއެވެ. ނަމަވެސް ނިދުނުތާ ގިނައިރެއް ނުވަނީސް އަރޫމާ ސިއްސައިގެން ގޮސް ހޭލެވުނީ ކޮޓަރި ތެރޭގައި މީހަކު ހިނގާ އަޑަށެވެ. އަރޫމާ ތެދުވެ ރަނގަޅަށް ބަލައިލިއެވެ. ކޮޓަރި ތެރެއިން ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. ކޮޓަރީގައި ހުރީ އިސްމާއީލެވެ. އިސްމާއީލް އަށް ކޮޓަރިއަށް ވަދެވުނީ ކިހިނެއް ކަމެއް ނޭނގުނެވެ. އެހެން އެއްވެސް މީހަކަށް ކޮޓަރީގެ ތަޅުދަނޑި ނުލިބޭނެއެވެ. ތަޅުދަނޑި އޮންނާނީ ހަމައެކަނި އަރޫމާ އަތުގައެވެ.

"ބޭބޭ. ބޭބެ ކިހިނެއް މި ކޮޓަރިއަށް ވަނީ. ކީއްކުރަން ވަނީ. ކީއްކުރަން މިގަޑީގައި ވަނީ" އަރޫމާ ހުރީ ހާސްވެ ފިކުރު ބޮޑުވެފައެވެ.

Advertisement

"ދަރިފުޅާ. ހަމަޖެހިބަލަ. ދަރިފުޅު ނިދިތޯ ބަލަން މިއައީ" އިސްމާއީލް ވާހަކަ ދެއްކީ ސިއްރުސިއްރުންނެވެ.

"އެކަމަކު ކިހިނެއްހޭ މި ކޮޓަރިއަށް ވަނީ. އަދި ދަންވަރު ގަޑީގައި. ކޮބާ މަންމަ" އަރޫމާގެ އަޑުގައި ހުރީ ހާސްކަމެވެ.

"އާދެބަލަ އިށީންނަން. ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނީ އެއިރުންތާ" އިސްމާއީލް ގޮސް އަރޫމާގެ އަތުގައި ހިފެހެއްޓިއެވެ. އަތް ފޮޅާލައިފައި އަރޫމާ ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. ކޮޓަރިން ބޭރަށް ނިކުމެވޭތޯއެވެ. ނަމަވެސް އެއަށް ވުރެ އިސްމާއީލް މާ ހުޝިޔާރެވެ. އަރޫމާ ދޮރާއި ހަމައަށް ދެވުނު އިރު އިސްމާއީލް ގޮސް ދޮރުގައި ހިފެހެއްޓިއެވެ.

"އަހަރެން މިއުޅެނީ ކަމެއް ކުރާކަށް ނޫނޭ. ހަމަޖެހިބަލަ" އިސްމާއީލް މަސައްކަތް ކުރަމުން ދިޔައީ އަރޫމާ ހަމައަކަށް އެޅުވޭތޯއެވެ.

"ގައިގައި އަތްނުލާ. މަންމައަށް ގޮވާނަން. މަންމަ ހޭލައްވާނަން" އަރޫމާ ބާރަކަށް ބުނެލިއެވެ.

"ކީކޭ. މަންމަ ނުހޭލާނެ. އަދި މި ވާހަކަ މަންމަ ނުވަތަ އެހެން މީހެއްގެ ކަންފަތަށް އެރިޔަސް ނިމުނީ. އަހަރެންގެ ހުރި ހަޔާތްކުޑަކަން ދައްކާލާނަން" އިސްމާއީލް އަރޫމާއަށް ބިރު ދައްކަން ފެށިއެވެ.

"ހެވޭ. ހެވޭ. ހެވޭ. މަންމަ ގާތުގައި ބުނާނަން. އަހަރެން ދޫކޮއްލާ" އަރޫމާ އަތުން އިސްމާއީލްގެ މޫނުމަތީގައި ޖެހުމާއި އެކު އިސްމާއީލަށް ވީ ތަދުން ދުރަށް ޖެހިލެވުނެވެ. ދަނޑިވަޅު ބަލާފައި އަރޫމާ ދުވެފައި ކޮޓަރިން ނިކުތީ މަންމައަށް ގޮވަމުންނެވެ.

"ކިހިނެއްވީ" އަރޫމާގެ މަންމަ ހާސްވެފައި ހުރެ ކޮޓަރިން ނިކުތެވެ.

"ދަރިފުޅަށް ބިރުވެރި ހުވަފެނެއް ފެނުނީކަންނޭގެ" އިސްމާއީލް އޭނައަށް ކުރެވުނު ކަންތައް ފޮރުވަން މަސައްކަތް ކުރިއެވެ.

"ބޭބެ އަހަރެންގެ ކޮޓަރިއަށް ވަނީ. އަދި ގައިގައި އަތްލާން އުޅުނީ" އަރޫމާ ކަންތައް ވީގޮތް މަންމައަށް އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ.

"އާނ. އެއީ ތެދެއް. ދަރިފުޅު ހަޅޭލަވާ އަޑަށް އެކޮޓަރީގެ ދޮރުގައި ހިފައިލިއިރު ތަޅު ނުލާ ހުރީމަ ވަނީ ވީ ކިހިނެއްތޯ ބަލަން. ދަރިފުޅު އެހުރީ ވަރަށް ބިރުން ފެނުނު ހުވަފެނަކުން" އިސްމާއީލް ދޮގު ހެދީ އެކަމުން ސަލާމަތް ވާށެވެ.

"ދަރިފުޅާ. އެއީ އެވަރުގެ ކަމެއްތަ. ބޭބެ އެއުޅުނީ ދަރިފުޅަށް އެހީތެރިވާން. ދެން ދޭ ނިދަން" މަންމަ އިސްމާއީލްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. އަރޫމާ އެހުރި ގޮތަށް ހުއްޓުން އަރާފައި ހުއްޓެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް މަންމަ އެކަމެއް ގަބޫލު ނުކުރާނެކަން މިރޭ އަރޫމާއަށް އެނގުނެވެ. އަރޫމާގެ ސަލާމަތް ހޯދަން މިޖެހުނީ އަމިއްލައަށެވެ. ކަންތައް ވީގޮތުން އަރޫމާ އިތުރަށް ބިރުގަތެވެ. ދެން ކޮންމެ ރެއަކުވެސް އެކަހަލަ ކަމެއް ވެދާނެތީއެވެ. އެކަނި ކޮޓަރީގައި އޮންނާނީ ކިހިނެއް ހެއްޔެވެ. އެތެރެއިން ތަންޑެއް އަޅުވަންވީ ހެއްޔެވެ. އެހެން ނޫނިއްޔާ ކޮންމެ ރެއަކު މިކަންތަކާއި ކުރިމަތިލާން ޖެހުމަކީ ގާތް ކަމެކެވެ. އަރޫމާ ކޮޓަރިއަށް ވަންނާކަށް ބޭނުމެއް ނޫނެވެ. ސިޓިންގރޫމްގައި ހުރި ސޯފާގައި އިށީނދެ އިންއިރު މުޅި މީހާ އިނީ ދާހިއްލާ ފޯވެފައެވެ. އަބަދުވެސް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރަމުން އައި މަންމަގެ ފަރާތުންވެސް މިރޭ އެހީތެރިކަމެއް ނުލިބުނުތާ ހިތްވަރު ލިބޭނެ ކަހަލަ ޖުމްލައެއްވެސް ނުލިބުނެވެ. އަރޫމާއަށް ރޮވެން ފެށުނެވެ. ވެފައިވާ ވަރުބަލިން ސޯފާގައި އޮށޯވެލިއެވެ. ހިތަށް ހިތްހަމަޖެހުމެއް ނުލިބުނަސް ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯއެވެ. އެހެން އޮއްވައި އަރޫމާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭވެރިކަންވީ ފަތިސް ނަމާދަށް މަންމަ ގޮވާލުމުންނެވެ. އެއީ މަންމަގެ އާދައެކެވެ. ބަރާބަރަށް ނަމާދު ކުރުވާނެއެވެ.

"އަދިވެސް ކޮޓަރިއަކަށް ނުދަންދޯ. ދެން ދޭބަލަ ވުޟޫ ކޮއްލައިގެން ނަމާދު ކުރަން. ތި ޝައްކުތަކާއި ދުރުވެވޭތޯ ދުޢާ ކޮއްލަބަލަ އެންމެ ފަހަރަކު ނަމަވެސް" އަރޫމާއަށް މަންމަ ނަސޭހަތް ދިނެވެ. އެކަމަކު މަންމަ އާއި ދެކޮޅަށް އެއްޗެކޭ ބުނާކަށް އަރޫމާއަށް ނުކެރުނީ ދެން ވެދާނެ ގޮތަކާއި މެދު ވިސްނާފައެވެ. އަރޫމާ ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރި ތެރެ ރަނގަޅަށް ހޯދައިލިއެވެ. އެއްވެސް މީހަކު ފިލާ އޮތްތޯ ބަލާށެވެ. އަލަމާރިވެސް އެތައް ފަހަރަކު ހުޅުވައި ބެލިއެވެ. ޝައްކުތައް ޔަގީން ކުރުމަށެވެ. އަލަމާރި ތެރޭގައި މީހަކު ފިލާ އޮވެދާނެތީއެވެ. މުޅި ކޮޓަރިތެރެ ރަނގަޅަށް ބަލާ ޔަގީން ކުރުމަށްފަހު ވުޟޫ ކުރަން ފާޚާނާއަށް ވަދެ ދޮރު ލެއްޕިއެވެ. އެކަމަކުވެސް ހީވަނީ ފާޚާނާ ދޮރުގައިވެސް މީހަކު ޓަކި ޖަހާހެންނެވެ. ދެތިން ފަހަރަކު ފާޚާނާގެ ދޮރުވެސް ހުޅުވައި ބަލައިލިއެވެ. މީހަކު އުޅޭތޯއެވެ. ވުޟޫކޮށް ނިމިގެން ކޮޓަރިތެރޭގައި ނަމާދު ކުރަން ފެށިއެވެ. ދެވަނަ ރަކުއަތަށް ފެށުމާއި އެކު ކޮޓަރި ދޮރުގެ ތަޅުގައި މީހަކު ހިފައިލި އަޑަށް އަރޫމާ ގޮސް ތަޅުގައި ބާރަށް ހިފެހެއްޓީ ނަމާދު ދޫކޮއްލާފައެވެ.

"ކާކު. ކާކު. ނުހުޅުވާނަން. ނުހުޅުވާނަން. މިބުނީނު ނުހުޅުވާނަމޭ" އަރޫމާ އަޑަށް ބާރު ލާފައި ބުނަމުން ދިޔައެވެ.

"ދަރިފުޅާ. މިއީ މަންމައޭ. ހުޅުވަބަލަ" ޒުލޭޚާ ޖަވާބު ދިނެވެ.

"އިސްމާއީލް ގޮވައިގެންދޯ. އޭނާ ނުގެންނާތި" މޮޔައެއް ހެން އަރޫމާ ގޮވަމުން ދިޔައެވެ.

"މަންމަ އެކަންޏޭ. ދެން ހުޅުވަބަލަ" ޒުލޭޚާ އެހެން ބުނުމާއި އެކު އަރޫމާ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ އަރޫމާގެ މަންމަ އެކަންޏެވެ. ދޮރު ހުޅުވައިލުމާއި އެކު ޒުލޭޚާ ކޮޓަރިތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

"ދަރިފުޅާ. ދަރިފުޅު ތި އުޅެނީ ރަނގަޅަކަށް ނޫން. ތިހެން އުޅުނީމަ އަހަރެމެން ބޭޒާރު ވާނީ މިރަށަށް. މިހާރު އަހަރެމެންނަށް އެންމެންވެސް ގަދަރު ކުރޭ. ދެން އިސްމާއީލް މަންމަ ވަރިކޮއްފައި ގޮސްފިއްޔާ މިތަނަވަސް ކަމުގައި ނޫޅެވޭނެ. ވިސްނާލަބަލަ" މަންމަ އަރޫމާއަށް ނަސޭހަތްތެރިވިއެވެ.

"ދެން ކީއްކުރަން އޭނަ އަހަރެންގެ ހަށިގަނޑުގައި އަތްލާން އުޅެނީ" އަރޫމާ ޖަވާބު ދިނެވެ.

"އަތޭ. އޭނަ ކީއްކުރަން އަތްލާންވީ. ތިވާނީ ދަރިފުޅު ބިރުން ހުރީމަ ބިރު ކަނޑުވަން ކޮއްލި ކަމެއް ކަމަށް" ޒުލޭޚާ އިސްމާއީލްގެ އަމަލުތައް ދިފާޢު ކުރަމުން ދިޔައެވެ.

"އެހެންތަ ބިރުކަނޑުވަނީ. އަހަރެން ނޫޅެން ބިރަކުން. އޭނަ ގާތުގައި ބުނާތި މިކޮޓަރިއަށް ނުވަންނަން" އަރޫމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ނުވަންނާށޭ. ނުވަންނާށޭ. ބަލަ މިއީ ކަލޭގެ ގެތަ. ކަލޭގެ ބަފާގެ ގެތަ. މިހާރު ކަލެއަށް ޚަރަދު ތި ކުރަނީ ކަލޭގެ ބަފާގެ ލާރިންތަ. ކަލެއަށް ކަލޭ އޮޅިގެން ތި އުޅެނީ" ޒުލޭޚާގެ ރުޅިވެރި ބަސްތަކުން އަރޫމާގެ ހިތް ހަލާކު ކުރަމުން ދިޔައެވެ.

"ހެވޭ. ހެވޭ. ހެވޭ މިބުނީ. މިވާހަކަ ދައްކާނަން. އަދިވެސް ދައްކާނަން" އަރޫމާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"މާދަމާ އިރު އެރުމުން ކަލޭ މިގެއިން ނެރެލާނަން. ދެން އެންމެ ފަހަރަކުވެސް ތި ބުނި ޖުމްލަ ބުނެފިއްޔާ ކުޅިސަމާ ދައްކާލާނަން" ޒުލޭޚާ ކޮޅަށް ތެދުވިއެވެ.

"ހެޔޮ ކޮންމެ އެއްޗެއް ދެއްކިޔަސް. ހެޔޮ ގެއިން ކީއްކުރަން ރަށުން ބޭރުކޮއްލިޔަސް" އަރޫމާއަށް އެހިސާބަށް ބުނެވުނުތަނާހެން ޒުލޭޚާގެ ބާރު އެތި ފަހަރެއް އަރޫމާގެ ކަންކަށިމައްޗަށް އެރިއެވެ. އަދި އަރޫމާގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ގޮސް މޭޒުމަތީގައި އޮތް ކަތުރެއް ނަގައި އިސްތަށިގަނޑު ބުރިކޮއްލިއެވެ. އަރޫމާވެސް ބަލާކަށް ނުހުރެ ދިފާޢުގައި ހަމަލަ ދިނެވެ. ދެމީހުން ދެމީހުންނަށް ހަމަލަ ދެމުން ދިޔައީ އެއްވެސް މީހަކު ދޫކޮއްލަން ބޭނުން ނުވާތީއެވެ. އެއްވެސް މީހަކު ބަލި ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ މީހަކުވެސް ބޭނުންވީ އެމީހެއްގެ ކޮޅު ގަދަ ކޮއްލާށެވެ. ދެމީހުންގެ ގައިން ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔައެވެ. މޭޒުމަތީގައި ހުރި ބައެއް ތަކެތި ވެއްޓި ހަލާކު ވަމުން ދިޔަ އަޑުން މުޅި ކޮޓަރި ވަނީ ގުގުމާލައިފައެވެ.

"ދެމީހުން ކޮން ކަމެއް. ދެމީހުންވެސް ދޫކޮއްލާ. ތިއީ މަންމަ އާއި ދަރިފުޅެއްނު" ޒުލޭޚާ އަތުގައި ހިފައި އިސްމާއީލް ދުރަށް ޖެއްސިއެވެ.

"ދެން ކަލޭ ތިއީ ކާކު. ކަލޭ ތިއީ އިންސާނެއްގެ ސިފައިގައި ހުރި ފުރޭތައެއް" އަރޫމާ އިސްމާއިލާ ދިމާލަށް ގޮވަން ފެށިއެވެ.

= ނުނިމޭ =

+1
4
+1
1
+1
8
+1
2
+1
2
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް