ހައްޖަށް އަދި އުމްރާ އަށް މީހުން ގެންދާ ގުރޫޕްތަކަށް އެހީތެރިވުމަށާއި އެގުރޫޕްތަކުގެ ހަވާލުގައިދާ މީހުންނަށް ކައްކަން އެހީތެރިންގެ ގޮތުގައި މީހުން ގެންދިއުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. މިކަހަލަ ގޮތްގޮތުންވެސް ހައްޖަށް ނުވަތަ އުމުރާއަށް ދިއުމުގެ ނަސީބު ލިބެނީ މަދު މީހަކަށެވެ. ކުރީޒަމާނުގައި ހައްޖަށް ނުވަތަ އުމުރާއަށް ފޮނުވަދޭ ގުރޫޕްތައް މަދުނަމަވެސް މިހާރު ހައްޖަށް އަދި ކުރު އުމުރާތަކަށް ފޮނުވަދޭ ގްރޫޕްތައް ވަރަށް ގިނައެވެ.
'ޒީޓައިމްސް' ގެ ފަރުދުން ޕޭޖްގައި މިފަހަރު މި ގެނެސްދެނީ ހައްޖަށްދާ މީހުންނަށް ކެއްކުމަށް އެހީތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރުން ފެށިގެން ދެމިހުރި ހަސަން ތައުފީގު (ހަސަންބެ) ގެ ވާހަކައެވެ. ހަސަންބެ އަކީ މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއް ހުންނަ މީހެކެވެ. 3 ކުދިންނާއި އަންބަކު ގޮވައިގެން 30 އަހަރަށްވުރެ ގިނަ ދުވަހު އުފަލުގައި ހިތްހަމަޖެހިގެން ދަނީ އުޅެމުންނެވެ. އަޅުގަނޑާއި ހަސަންބެ ބައްދަލުވީ ނިމިދިޔަ ރަމަޟާން މަހުގެ އުމްރާ ދަތުރުގެ ތެރެއިންނެވެ.
" 1998 ވަނަ އަހަރުން ފެށިގެން 2013 އާއި ހަމައަށް އެހީތެރިއަކަށް ދިޔައީ އަތަމާއިން. އޭގެ ފަހުން އެގްރޫޕް އުވާލުމުން އެއް އަހަރު މެދުކެނޑުމަށްފަހު ދެން ގުޅުނީ ހައްޖު ކޯޕަރޭޝަންއާ. އެއީ 2014 ވަނަ އަހަރު. އޭގެ ފަހުން މިއަދާ ހަމައަށްވެސް ހައްޖުމަހު ހައްޖަށް ދަނީ އެގުރޫޕުން". ހަސަންބެ މައުލޫމާތު ދިނެވެ.
އަދި މީގެ އިތުރަށް ހަސަންބެ އަކީ އުމުރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ މުސާފިރިން ގްރޫޕުގެ ކާންހެދުމާއި ކެއްކުމުގެ ކަންކަމުގައި އެހީތެރިވެދޭ މީހެކެވެ. އަދި ހަސަންބެއަކީ އެމްޕީއެލްގެ ކެރޭނު އޮޕަރޭޓަރެއްގެ ވަޒީފާގައި އުޅެމުން އަންނަ މީހެކެވެ. އެންމެ ފުރަތަމަ ލޭބަރަކަށް 3 މަސްދުވަހު އުޅުމަށްފަހު ކެރޭނު އޮޕަރޭޓަރަކަށް ބަދަލުވެ 13 އަހަރުވަންދެން މިއަދާ ހަމައަށް އުޅެނީ އެވަޒީފާގައެވެ. އެންމެ ފުރަތަމަ ވަޒީފާ ގައި އުޅުނީ 1987 ވަނަ އަހަރު އެމްއެސްއެލްގަ އެވެ. އެއަށްފަހު އެސްޓީއޯގެ ވަޒީފާގައި 15 އަހަރު ވަނީ ހޭދަކޮށްފައެވެ.
މަސައްކަތުގައި ދިމާވި ގޮންޖެހުން
ހައްޖަށް މީހުން ގޮވައިގެން ގޮސް އުޅުމުގައި އެންމެ އުދަގޫ ދުވަސްތަކެއްގެ ގޮތުގައި ހަސަންބެ ބުނަނީ މިނާ އަރަފާތުގައި އުޅޭ 4 ދުވަސް އެވެ. މީހުން ގޮވައިގެން ކަންކަމުގައި އެހީވުމާއި މީހުން ގެއްލިގެން ހޯދަން އުޅުމާއި މިކަންކަމެވެ. މީހުން ގެއްލިގެން ހޯދަން ބައެއްފަހަރު 24 ގަޑިއިރުވެސް ހޭދަކޮށްފައިވާ ކަމަށް ވެއެވެ.
" އެގޮތަށް މީހުން ހޯދަން ހިނގާފައި ނުފެނިގެން މާޔޫސްވެގެންވެސް އަންނަން. ދެން ފެނިދާނެ އޭގެ 2 ނުވަތަ 3 ދުވަސް ފަހުން އެހެން ގްރޫޕަކާއެކީވެސް. މިއީ ހަނދާނުން ފޮހެލަން ދަތި ވަގުތުތަކެއް. މިޒަމާނާއި އަޅާބަލާއިރު ކުރިން އަރަފާތު ބިމުގައި އުޅެންޖެހުނު ދަތިތަކަކީ ހިތަށް އިހްސާސްވެސް ނުކުރެވޭނެ ދަތިތަކެއް. އޭރުގައި ކަރަންޓެއް ނުހުރޭ، ފާޚާނާއެއް ނުހުރޭ، ބޭނުންވާވަރަށް ފެނެއްވެސް ނުލިބޭ ވަރަށް ދަތިކޮށް އުޅެންޖެހެނީ". ހަސަންބެ ކިޔާދިނެވެ.
އަދި ގަހެއްގެ ހިޔަލެއްވެސް ނުހުންނަ ކަމަށާއި އަވީގައި އުޅުމުގެ އިތުރަށް މަގުތަކުގައި ހުންނަނީ ޗަކަ ހެދިފައެވެ. ކުރީގައި އާންމުކޮށް މީހުންގެ އަތުގައި ފޯނެއް ނޯންނާތީ މީހަކު ގެއްލުނަސް ހޯދަން އުދަގޫ ކަމަށާއި، ކޮންމެ ރެއަކު ހަރަމްފުޅު ތެރޭގައި މީހުން ތިބިތޯ ބަލަންޖެހެއެވެ. އެއީ ގެއަށް އަންނަން ނޭނގި މީހުން ހަރަމްފުޅު ތެރޭގައި ތިބޭތީއެވެ.
" ގެއްލިގެން ހޯދާ މީހުން ނުފެނިގެން ހިނގަމުންދާއިރު 2 ދުވަސްފަހުން ފެނިދާނެ މަދީނާއަށްދާ މަގުމަތިންވެސް. އެކަހަލަ މީހުންނާ ދިމާވުމުން ހިތަށް ވަރަށް އަސަރުކުރޭ. މިކަހަލަ އެތައް ކަމެއް ދިމާވެފައި އެބަހުރި". ހަސަންބެ ފާހަގަކުރިއެވެ.
އެންމެ ދެރަވާ އަދި ހަނދާނުން ފިލުވާލަން ދަތިވި ދުވަހަކީ ކޮބާ؟
ހަސަންބެ ބުނިގޮތުގައި ދެރަވާ ދުވަހަކަށް ދިމާވީ 2015 ގައި ކުރިމަތިވި ހާދިސާއެކެވެ. އެއީ ކެރޭނު ވެއްޓުނު ހާދިސާއެވެ. އެވަގުތަކީ ގިނަބަޔަކު ތަވާފުކުރަން ތިބި ވަގުތެއް ކަމަށާއި ކެރޭނު ދަށުވެގެން ބަޔަކު ނިޔާވި ވާހަކައަކީ އަސަރުގަދަ އެހާމެ ދެރަވި ދުވަހެއް ކަމުގައި ހަސަންބެ ބުންޏެވެ.
" ޖަމާއަތުން އަންގައިގެން މީހުން ހޯދަން ނުކުމެ އުޅުނުއިރު ދިވެއްސަކަށް އެއްވެސް ކަމެއް ދިމާވިކަމެއް އަދި ނުވާކަންވެސް އެވަގުތު ނޭނގޭ. ތެޅިތެޅި އޮތް ހިތަކާއެކު ހަރަމްފުޅާއި ދިމާލަށް ހިނގާފައިގޮސް މީހުން ހޯދުމުގެ މަސައްކަތްކުރީ. މިއީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދުނު ހާދިސާއެއް. އިހްރާމް އަޅައިގެން އެއަރޕޯޓަށްގޮސް ހައްޖަށް ނުވަތަ އުމްރާއަށް ނުފުރިގެން ގެއަށް ދާތަން ފެނުމުން ވެސް ވަރަށް ދެރަވޭ".
އެޒަމާނުގައި ކެއުން ހުންނަ ގޮތާއި މިހާރުގެ ކެއުމާމެދު ބުނަނީ ކީކޭ؟
އެޒަމާނުގައި މާގިނަ ވައްތަރުތަކެއް ނުހުރެއެވެ. ހެނދުނުގެ ސަޔަށް ހުންނަނީ ފެނުކެއްކި ބިހަކާއި ބަނަހެކެވެ. ބަޓަރާއި އަދި ޖޭމާއި ކަޅުސަޔާއި ކިރުސައެވެ. މެންދުރުގެ ކެއުމަށް ހުންނަނީ ކޮންމެވެސް އެއްވައްތަރެއްގެ ރިހައަކާއި ސެލެޑު އަދި ބަތް ފަދަ އެއްޗިއްސެވެ. ކެއުމުގައި ވައްތަރުތައް މަދުވި ނަމަވެސް ކެއުމާމެދު މީހުންގެ ޝަކުވާއެއްވެސް ނާންނަ ކަމުގައި ހަސަންބެ ބުންޏެވެ. މިހާރުގެ ކެއުމުގައި 2 ނޫނީ 3 ވައްތަރުގެ ރިހަ، ބަތް އަދި ރޮށި ހުރެއެވެ. މީގެ އިތުރުން ފޮނި އެއްޗެހި އަދި 2 ވައްތަރުގެ ސެލެޑާއި ފަނި، ކަޅުސައި، ކިރުސައި، ކޮފީ އަދި މައިލޯވެސް ހުރެއެވެ. އެހެންނަމަވެސް ކެއުމާމެދު މީހުންގެ ޝަކުވާ އާދެއެވެ. އެޒަމާނުގައި 1998 ހިސާބުގައި މީހުން ހައްޖަށް ގެނެސްދީ ހެދީ 8 ހާހާއި 9 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކަށެވެ. އެހެންނަމަވެސް މިހާރު މިޒަމާނުގައި ހައްޖަށް ދެވެނީ 75 ހާސް ރުފިޔާ އާއި 150 ހާސް ރުފިޔާ އާއި ދެމެދުގެ އަދަދަކަށެވެ. ޒަމާން ބަދަލުވާވަރަކަށް ހުރިހާ ކަމެއްވެސް ބަދަލުވެ އެއްޗެހީގެ އަގުތައް ވަރަށް ބޮޑަށް ބޮޑުވެގެން ދިޔަކަން ފާހަގަކުރިއެވެ.
އެންމެ އުފާވި ދުވަހަކީ ކޮބާ؟
އެންމެ އުފާވަނީ ހާޖީންގެ ކިބައިން ހެޔޮހިތުން ހާދަ ރަނގަޅޭ ތިޔަ ކޮށްދިން ކަންކަމަށް ވަރަށް ޝުކުރުވެރި ވަމޭ ބުނާއަޑު އިވުމެވެ. ހަސަންބެ ބުނިގޮތުގައި ހަޔާތުގައި އެންމެ އުފާވި ދުވަސްތަކުގެ ތެރެއިން އަލަތު ދަރިފުޅު ލިބުނު ދުވަހާއި ގެ އަޅަން ފަށާފައި ހުއްޓާ އަތްމަތި ދަތިވެގެން އުޅެނިކޮށް އެސްޓީއޯ އިން ލޯނު ލިބުނު ދުވަސް ވަރަށް ފާހަގަކުރެވެއެވެ.
ހަސަންބެއަކީ އާންމުކޮށް ފޮޓޯ ނަގައި އުޅޭ މީހެއް ނޫންކަމަށް ވަނީ ބުނެފައެވެ. އުންމީދަކީ ކުރާ މަސައްކަތެއް ރަނގަޅަށް ކުރުމުގައި ދެމިހުރުމެވެ. 'ޒީޓައިމްސް' އިން އެދެނީ ހަސަންބެއަށް ފާގަތި ދުވަސްތަކަށެވެ.
ކިޔުންތެރިންގެ ހިޔާލު
Hasanbe akee varah hiyheyo akhlaau ragalhu meeheh
Hasanbeasaai aailaa ah allaahu heyo goiy minvaru kuravvaashi aameen
ކޮމެންޓްސް ބަންދުކުރެވިފައި