November 23, 2024 23:13
Advertisement

-Advertisement-

ވާހަކަ: އާދޭސް (އެގާރަވަނަބައި)

އަރޫމާ ހުރީ ރުޅި އައިސްގެން ތުރުތުރު އަޅައެވެ. އެކަމާއި ޒުލޭޚާ އަދި އިސްމާއީލަކަށް ވެސް ބޮޑު ކަމަކަށް ނުވިއެވެ. ޒުލޭޚާ އިސްމާއީލް ދިފާޢު ކުރާނޭކަން މާކުރިންވެސް އޭނައަށް އެނގޭކަހަލައެވެ. އެހެން ނޫންނަމަ މިގޮތަށް ކަންތައް ކުރާކަށް ނުކެރުނީސްކަން ކަށަވަރެވެ. އަރޫމާއަށް އެހީތެރިވާނީވެސް ކާކުހެއްޔެވެ. ފުރަތަވެސް އަނިޔާ ލިބެން މިފެށީ ކައިރިންނެވެ. ދެން އެހެން މީހުންނަށް އިތުބާރު ކުރެވޭނީ ކިހިނެއް ހެއްޔެވެ. އަރޫމާ އެނދުގައި އޮތީ ގަދަ ވިސްނުމެއްގައެވެ. ދެން ކުރިމަތިލާން ޖެހޭނީ ކޮން ކަމަކާއި ކަމެއް ނޭނގޭ ހާލުގައެވެ. އެހެން މީހަކަށް ކިޔައިދީފިއްޔާ ދެން ކުރިމަތިލާން ޖެހޭނީ މާބޮޑު ހަނގުރާމައަކާއެވެ. އަރޫމާއަށް ގޮތް ހުސްވީއެވެ. ގައިގައި އަޅަމުން ދިޔަ ވޭނަށް ކެތް ކޮއްލަމުން މޯޅިއަކަށް ދެމިލީ ނިދާލެވޭތޯއެވެ. ގޭތެރެއިން އެއްވެސް އަޑެއް ނީވެ މުޅިން އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އަރޫމާއަށް ހޭލެވުނުއިރު ގަޑިން ބާރަ ޖަހަނީއެވެ. މާ ބޮޑަށް ނިދުނީއެވެ. އެއިރުވެސް ގައިގައި އަޅަމުންދިޔަ ވޭނަކަށް ލުޔެއް ނުލިބެއެވެ. އަރޫމާ ކޮނޑަށް ތުވާލި އެއްލައިލައިގެން ގޮސް މޫނު ދޮވެ ހެދުން ބަދަލު ކުރުމަށްފަހު ބޭރަށް ނިކުތެވެ. ދޮރު ހުޅުވާލައިފައި ފުރަތަމަވެސް ބަލައިލެވުނީ އިސްމާއީލް އުޅޭތޯއެވެ. ކޮންމެވެސް ތަނެއްގައި ފިލާ ހުރެފާނެ ކަމަށް މުޅި ތަނަށް ނަޒަރު ހިންގައި ޔަގީން ކޮއްލުމަށްފަހު ބަދިގެއާއި ދިމާލަށް ހިނގައިގަތީ ކޮންމެވެސް އެއްޗެއް ކެވޭތޯއެވެ. ކާނެ އެއްޗެއް ނެތިއްޔާ ކޮންމެވެސް އެއްޗެއް ޖެހޭނީ ހަދާށެވެ. އަރޫމާ ގޮސް ބަދިގެއަށް ވަންތަނާހެން ބޭރުން ވަރަށް ބާރަށް އެއްޗެއް ވެއްޓި ބިންމަތީގައި ޖެހުނު އަޑަށް ބޭރަށް ނިކުމެ ބަލައިލިއެވެ. އިސްމާއީލް ކަމަށެވެ. ނަމަވެސް ވެއްޓި ޖެހުނީ ބުޅަލެކެވެ. އަރޫމާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"އޭތް. އަހަރެން ފެނިފައި އެބުޅާ އެ ފުންމައިލީ" ސިއްތި ގޮސް އަރޫމާގެ ގާތުގައި އިށީނެވެ.

"ކީއްކުރަން މިގެއަށް ތިއައީ. ދޭ ދޭ. އެހެން ނޫނިއްޔާ މަންމަ އަތުވެދާނެ" އަރޫމާ ބޭނުންވީ އަވަހަށް ސިއްތި އެގެއިން ފޮނުވާލާށެވެ. މަންމަ އައުމުގެ ކުރިންނެވެ. އެހެން ނޫނިއްޔާ އަނެއްކާވެސް ބޮޑު ހަމަނުޖެހުމެއް ހިނގައިފާނެތީއެވެ.

Advertisement

"ކަލޭ މަންމަ ދެކެ އަހަރެން ބިރެއް ނުގަނޭ. ބިރު ގަންނާނީވެސް ކަލޭމެން" ސިއްތި ގަދަ ކޮއްލިއެވެ.

"ބިރޭ ނުކިޔާ ދެންވެސް ދޭބަލަ" އަރޫމާ އާދޭސް ކުރަން ފެށިއެވެ.

"އަދިވެސް ބިރު ގަންނާނެ. މީހުން ކިޔާ ކުރިން އިން މީހާގެ ކޮއްކޮ އަކާއިވެސް އިސްމާއީލް ބެހުނޯ. މިފަހަރު އެހެން ނުވާނެބާ. ހަމަ ވެދާނެދޯ. ކޮއްކޯ ބަލައިގެން އުޅޭތި. އަހަރެންވެސް އުޅޭނަން މި ސަރަހައްދުގައި" ސިއްތި ދާން ހިނގައިގަތުމުން އަރޫމާ ފުން ނޭވާއެއް ދޫކޮއްލިއެވެ. ސިއްތިގެ ކިބައިން އެހާ ފަސޭހައިން ސަލާމަތް ވެވުނީތީއެވެ.

"ކޮއްކޯ އަދި އެބަ އޮތް ވާހަކައެއް އަހައިލަން. ޖަވާބު ލިބޭނެ ކަމަށް ހީކުރަން" ސިއްތި ސުވާލު ކޮއްލީ ވަރަށް ލޯބިންނެވެ.

"ލައްބަ. އަވަހަށް ބުނޭ. ޖަވާބުވެސް ދޭނަން" އަރޫމާ އާއި ސިއްތި ވާހަކަ ދެއްކި ލޯބިން އަރޫމާ ހުރީ ވަރަށް އުފަލުންނެވެ. އެހެން ނޫނަސް ކޮންމެވެސް ޖަވާބެއް ދީފައި ނަމަވެސް އޭނަ އަވަހަށް ފޮނުވާލަން ބޭނުން ވީއެވެ.

"ރޭގައި މިގޭތެރޭގައި ހާދަހާ އަޑު ގަދަވިއޭ. ކިހިނެއްވީ. ކޮއްކޮ އާއި ބެހުނީތަ. ނުވަތަ މަންމައަށް އަނިޔާ ކުރީތަ" ސިއްތިގެ އެސުވާލަށް ޖަވާބުދޭން އަރޫމާއަށް އުނދަގޫވިއެވެ. ހީވަނީ އެސުވާލުތައް އެކޮއްލީ ހުރިހާ ކަމެއް އެނގިގެން ހެންނެވެ.

"ސިއްތި ތިދެން މާމައްޗަށް ދަނީ. ނުބެހޭ ކަންތަކާއި ނުބެހިބަލަ" އަރޫމާ ޖަވާބު ދިނެވެ. އަދި ފަހަތަށް އެނބުރިލިތަނާހެން އަރޫމާގެ ލޮލުގައި އަޅައިގަތީ މަންމަ ދުރުން އަންނަ ތަނެވެ. އަރޫމާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނޭވާ ކުރުވެ ހާސްވާން ފެށިއެވެ. ކުރިމަތީގައި ސިއްތި ހުރެގެން އަނގަތަޅަމުން ދަނީއެވެ. ހުރިހާ ކަމެއް އައިސް ބޯމަތިވީއެވެ. ސިއްތި އަކީ ބޯހަމަނުޖެހޭ މީހަކަށް ވާތީ އެއްވެސް މީހަކަށް އޭނާގެ އަނގައަކުން އަރައެއް ނުގަނެވޭނެއެވެ.

"އެއަންނަނީ މަންމަ. ދެންވެސް ދެވޭތޯ ބަލާބަލަ" އަރޫމާ ސިއްތި އާއި ދިމާލަށް ބުނެލިއެވެ.

"އޯހް. މެޑަމް ޒުލޭޚާ. އިސްމާއީލްގެ އަނބިކަނބަލުން. ބޮޑު ވިޔަފާރިވެރިއެއް" ސިއްތި މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަން ފެށިއެވެ. އެވަރުންވެސް އެތަނުން ދާކަށް ސިއްތި ބޭނުމެއް ނުވިއެވެ. މިއަދުވެސް ކޮންމެވެސް ކަންތައްގަނޑެއް ހިންގާލަން ބޭނުންވަނީ ކަން ނޭނގެއެވެ. އަރޫމާ ސިއްތި އާއި ދުރަށް ދާން ހިނގައިގަތެވެ.

"މެޑަމް. މެޑަމް. ކިހިނެއް" ޒުލޭޚާ އައިސް ސިއްތި އާއި އަރައި ހަމަވިތަނާ ސިއްތި ގޮވާލިއެވެ.

"ލައްބަ ސިއްތި ކިހިނެއް. ކަމަކުތަ؟" ޒުލޭޚާ ސުވާލު ކޮއްލިއެވެ.

"ކޮބާ އިސްމާއީލް. ވިޔަފާރި ރަނގަޅުތަ" ސިއްތި ޒުލޭޚާ އާއި ވާހަކަ ދައްކަމުން ދިޔައީ ވަރަށް ގާތް ކޮށެވެ.

"ރަނގަޅު" ޒުލޭޚާ ކުރު ޖަވާބެއް ދިނެވެ.

"ކޮބާ ރޭ މިގޭގައި ކޮން ކަމެއް ހިނގީ. ހާދަ އަޑުގަދަވިއޭ" ސިއްތި އޭނަގެ އަސްލު މަޢުލޫއަށް ބަދަލު ކޮއްލިއެވެ.

"ސިއްތީ. މީހުންގެ ކަންތަކާއި ނުބެހިބަލަ. ކައިފިންތަ. ހިނގާ ކާންދާން" ސިއްތި އަތުގައި ހިފައިގެން ޒުލޭޚާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.

"އަހަރެން މި ހުންނަނީ ނުކައެއް ނޫނޭ. ކައިގެން. ލާރިވެސް އެބަހުރި" ޒުލޭޚާގެ އަތް ފޮޅާލުމަށް ފަހު ސިއްތި ދުރަށް ޖެހުނެވެ.

"ދެން ކޮންކަމެއް ބޭނުންވަނީ" ސިއްތި ހަމައަކަށް އެޅުވޭތޯ ޒުލޭޚާ އުޅުނެވެ.

"އަޅެ ކަލޭ ބީރީތަ. ބީރީހޭ. ބީރީހޭ. މިއަހަނީ ކޮންކަމެއްހޭ މިގޭގައި ވީ. ކަމެއް ނުވާނަމަ އެހާ އަޑުގަދައެއް ނުވީސްކަން ޔަގީން. ކޮން ކަމެއް ފޮރުވަން ތި އުޅެނީ" ޒުލޭޚާގެ ފަރާތުން ސިއްތި ބޭނުންވާ ޖަވާބެއް ނުލިބުމުން ސިއްތިގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓަމުން ދިޔައެވެ.

"ކަލޭގެ ދަރިޔާއި އިސްމާއީލް ބެހުނީދޯ. ނުވަތަ ބެހެން އުޅުނީދޯ. ނުވަތަ ކަލެއަށް އަނިޔާ ކުރީތަ. އެކަހަލަ އަޑެއް އިވުނީ" ސިއްތި އޭނަގެ މަޢުލޫއާއިގެން ކުރިއަށް ދިޔައިރު ޒުލޭޚާ ކެތްތެރި ކަމާއިއެކު އަޑުއަހަން އިނެވެ.

"އަހަރެންގެ ފިރިމީހާއަކީ ތިކަހަލަ މުޑުދާރު މީހެއް ނޫން. އޭނައަކީ ވަރަށް ރަނގަޅު މީހެއް" ޒުލޭޚާ ސިއްތިއަށް ޖަވާބު ދިނެވެ.

"މީހުން ބުނެއުޅޭ އިސްމާއީލް ކުރިން އިން މީހާގެ ދަރިއަކާއި ވެސް ބެހެން އުޅުނޯ. އެހެންވީމާ ހަމަ ބެހިދާނެ ދޯ" ސިއްތި ވަހާކަ ހުއްޓާލުމެއް ނެތި ކުރިއަށް ދިޔައެވެ.

"އެއީ ސިއްތި އާއި ބެހޭކަމެއް ނޫން. ދެން ތިވާހަކަ ދައްކަން މިގެއަށް ނާންނާތި. ދެން ދޭ" ޒުލޭޚާ ހިތްހަމަ ނުޖެހުނެވެ.

"ހެވޭ ކިތަންމެ ހިތްހަމަ ނުޖެހުނަސް މިވާހަކަ ދައްކާނަން. މިގެއަށްވެސް އަންނާނަން" ޒުލޭޚާ އެންމެފަހުން އަނގައިން ނުބުނުމުން ސިއްތި އެގެއިން ދާން ހިނގައިގަތެވެ.

ސިއްތި ދާން ހިނގައިގަތުމުން ޒުލޭޚާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި އިރުކޮޅަކަން ބޭރަށް ނިކުމެ އަރޫމާއަށް ގޮވައިލިއެވެ. ނަމަވެސް ދެތިން ފަހަރަކަށް ގޮވައިލުމުންވެސް ޚަބަރެއް ނުވުމުން ގޮސް އަރޫމާގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ތަޅުނުލާ ހުރުމުން ޒުލޭޚާ ކޮޓަރި ތެރެއަށް ވަނެވެ. ޒުލޭޚާ ވަން މަންޒަރު ފެނިފައި އަރޫމާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ހީވީ ބިރުން ދުއްވައިގަންނަން އުޅެވުނުހެންނެވެ. ޒުލޭޚާ ގޮސް އަރޫމާގެ ގާތުގައި އެނދުގައި އިށީނެވެ. ޒުލޭޚާ އިށީނުމާއި އެކު އަރޫމާ ދުރަށް ޖެހިލިއެވެ. ނަމަވެސް މަންމަގެ އެދުމަށް އައިސް އެނދުގައި އިށީނީ މަންމައަށް އިޚްތިރާމް ކުރުމުގެ ގޮތުންނެވެ.

"ދަރިފުޅާ. މަންމަ ވަރަށް ދެރަވެއްޖެ ކަންތައް ވީގޮތުން. ދެން އެކަހަލަ ކަމެއް ހިއެއް ނުވޭ ވާނެހެން" ޒުލޭޚާ ވަރަށް އަސަރާއި އެކު ވާހަކަ ދައްކަން ފެށިއެވެ.

"ނޫން. އެއީ ވަރަށް ގޯސް މީހެއް. އަހަރެން ބިރުގަނޭ" އަރޫމާގެ ޝުޢޫރު ފާޅު ކުރިއެވެ.

"ނޫން. ނޫން. އެއްވެސް މީހެއްގެ ގާތުގައި މިވާހަކަ ނުދައްކާތި. އެހެން ނޫނިއްޔާ މުޅި ރަށުތެރެއަށް އަހަރެމެން ފަޟީހަށްވެދާނެ. އަބުރު ގެއްލިދާނެ. އަހަރެމެންނާއި ވާހަކަ ދައްކާލާނެ މީހަކު ނުވާނެ. އެންމެފަހުން އިސްމާއީލްވެސް ގެއްލިދާނެ" ޒުލޭޚާ އަސަރާއި އެކު އަރޫމާގެ ގާތުން އާދޭސް ކުރަމުން ދިޔައެވެ.

"މަންމަ ތިއުޅެނީ އަދިވެސް އިސްމާއީލް ގެއްލިދާނެތީދޯ. އަހަރެން މަރުވެދާނެތީ ބިރެއް ނުގަނޭތަ" އަރޫމާއަށް ގިސްލާ ރޮވެން ފެށުނެވެ.

"ނޫން. މަންމަ އަބަދުވެސް ބޭނުން މަންމަގެ ލޯބިވާ ދަރިފުޅު" ޒުލޭޚާ ގޮސް އަރޫމާގެ ގައިގައި ބައްދައިލިއެވެ.

"ދެންމެވެސް އެއުޅޭ ސިއްތި ތި ހާސަރު ދަމާފައި އެދިޔައީ. މަންމަ މިހުންނަނީ ވަރަށް ބިރުން" ޒުލޭޚާއަށް ވެސް ރޮވެން ފެށުނެވެ.

"ކޮންކަމަކާއި ބިރުން" އަރޫމާ ސުވާލު ކުރިއެވެ.

"ސިއްތިމެންގެ ފަރާތުން ނަމަވެސް ރަށުތެރެއަށް ފަޟީހަތް ވެދާނެތީ. އަބުރު ކަތިލެވިދާނެތީ" ޒުލޭޚާގެ ހާސްކަން މޫނުމަތިން ފެންނަމުން ދިޔައެވެ.

އެމީހުންގެ ވާހަކައިގެ ތިއްބާ ދޮރުގައި މީހަކު ޓަކިޖެހިތަނާ ދެމީހުންނަށްވެސް ސިހުން ލިބުނެވެ. އެތެރެއަށް ވަނުމަށް ޒުލޭޚާ ގޮވާލާފައި ބުނެލިއެވެ. އެތެރެއަށް ވަދެގެން އައީ އިސްމާއީލެވެ. އިސްމާއީލް ފެނުމާއި އެކު އަރޫމާ ކޮޅަށް ތެދުވިއެވެ.

= ނުނިމޭ =

+1
1
+1
2
+1
7
+1
2
+1
1
+1
3
+1
0

Advertisement

ގުޅުންހުރި ލިޔުންތައް