ޢަލީ ޙަނޫން ޙުސައިން ނުވަތަ އާންމުކޮށް ކިޔާ ގޮތުންނަމަ ޙަނޫން ސަރއަކީ ވަރަށް ގިނަ ސްކޫލު ދަރިވަރުންގެ މެދުގައި މަޤްބޫލު މުދައްރިސެކެވެ. އިސްލާމް މާއްދާ ކިޔަވައި ދިނުމުގައި އެ ގެންގުޅޭ ތަފާތު އުކުޅުތަކުގެ ސަބަބުން މި މާއްދާ ކިޔަވަން ފޫހިވާ އެތައް ކުދިންނެއް މި މާއްދާއިން ރަނގަޅު ނަތީޖާ ހޯދައިފިއެވެ. މި ކާމިޔާބީގެ ފަހަތުގައި ހުރީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ ލީޑިންގ ޓީޗަރެއްގެ މަޤާމު އަދާކުރާ ޢަލީ ޙަނޫން ޙުސައިން ނުވަތަ ޙަނޫން ސަރއެވެ. ޙަނޫންއަކީ އެ ސްކޫލުގެ ޘާނަވީ އަދި މަތީ ޘާނަވީގެ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރެކެވެ.
އުމުރުން 31 އަހަރުގެ ޙަނޫން ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެވުމުގެ އެންމެ ބޮޑު އަސްލަކީ އޭނާގެ ބައްޕައެވެ. ސަބަބަކީ ނަރުހަކަށްވާން ނިންމައިގެން ހުއްޓާ ބައްޕަ ދިން ނަސޭހަތެވެ.
'' އޯލެވެލް ނިމުނުތަނާ ބައްޕަ ބޭނުންވީ އަޅުގަނޑު ޓީޗަރަކަށް ވާން. އަޅުގަނޑު އަސްލު ބޭނުންވީ ނަރުހަކަށްވާން. އެކަަމަކު ބައްޕަގެ އެދުމަަކަށް އިސްލާމް ޓީޗަރަކަށް ވާން ޖެހުނީ.''
ޙަނޫންގެ ޢާއިލާއަކީ ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންދާ ޢާއިލާއެކެވެ.
މަޝްހޫރު ޢާއިލާއެއް
މަޝްހޫރު ހުތްއަލި ދީދީ އަކީ ޙަނޫންގެ މުނިކާފައެވެ. ބައްޕަގެ ބޮޑުބޭބެއަކީ ޖަލާލުއްދީން ނުވަތަ ޢަބްދުﷲ ފަހުމީ ދީދީއެވެ.
ރާއްޖޭގެ މަޝްހޫރު އަދީބުންގެ ގޮތުގައި ފާހަގަކުރެވިގެންދާ އަދި ރާއްޖެއިން ފާހަގަކުރެވޭ ޢިލްމުވެރިންތަކެކެވެ. ހުތް ޢާއިލާއަށް ނިސްބަތްވާ ޙަނޫނަކީ ހުތްއަލިދީދީގެ ހުތް އިބްރާހިމްދީދީގެ ކުޑަހުސައިންދީދީގެ 12 ދަރިންގެ ތެރެއިން 11 ވަނަ ދަރިފުޅެވެ.
ޓީޗަރަކަށްވުމަށް ކުރި ދަތުރު
ޙަނޫން އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާ ނުކުރިނަމަވެސް އޭނާގެ ކިބައިގައި އެހުނަރު ހުރިކަން، ސްކޫލުގައި ކިޔަވަމުން ކުދިންނަށް ޓިއުޝަން ދިންއިރު ފާހަގަވެގެން ދިޔައެވެ. 2008ގައި އޯލެވެލްގައި ކިޔަވަމުންވެސް އެއް ގްރޭޑެއްގައި ކިޔަވަމުންދިޔަ އެތައް ކުދިންނަކަށް ޓިއުޝަން ނަގައިދިނެވެ.
އޯލެވެލް ނިންމުމަށްފަހު ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން، ޘާނަވީ އިސްލާމްކަމުގެ ޑިޕްލޮމާ ކޯސް ނިންމިއެވެ. އިސްލާމް މުދައްރިސްކަމުގެ ހުސް ވަޒީފާއެއް ރަށުގައި ނެތުމުން، ރ. ދުވާފަރުގެ ރ.އަތޮޅު މަދްރަސާއަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ކޮންޓްރެކްޓް މުދައްރިސެއްގެ ގޮތުގައި ދިޔައެވެ. ރ.އަތޮޅު މަދްރަސާގައި 2 އަހަރާއި 6 މަސްދުވަހު ކިޔަވައިދިނުމަށްފަހު ދެން ބަދަލުވީ ނ. މަނަދޫ، ނ.އަތޮޅު މަދްރަސާއަށެވެ. އެގޮތަށް ބަދަލުވާންޖެހުނީ ރ. ދުވާފަރުގައި އޭރު އިސްލާމް މާއްދާ ކިޔަވައިދެމުން ދިޔައީ ޙަނޫންއާއިއެކު އޭނާގެ އެންމެ ގާތް އެކުވެރިޔާކަމުން، އެކުވެރިޔާއާއެކު އެވަޒީފާއަށް ވާދަކުރަން ބޭނުންނުވުމެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޮނިގަނޑަށްއައި ބަދަލަކާއެކު އުފަންރަށް، ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާޙަށް އިތުރު އިސްލާމް ޓީޗަރެއް ހޯދުމަށް އިޢުލާންކުރެވިގެންދިޔައެވެ. މިފުރުސަތުގެ ބޭނުންކޮށް ޙަނޫން އަވަހަށް އޭނާގެ އުފަން ރަށަށް ބަދަލުވިއެވެ. ޙަނޫނު ވަނީ ވިލާކޮލެޖުން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީސް ފުރިހަމަކޮށްފައެވެ.
ކިޔަވައިދިނުމުގެ ދަތުރުގައި ދިރިއުޅުން
ކައިވެންޏެއްކޮށްގެން މިހާރު 5 ދަރިން ތިބި ޙަނޫނަކީ ޢާއިލާއަށް ވަރަށް ބޮޑު އިސްކަމެއް ދޭ މީހެކެވެ. ރ. ދުވާފަރާއި ނ. މަނަދޫގައި އުޅުނުއިރުވެސް ޢާއިލާއާއި ތިމާގެ މީހުންގެ ގުޅުންތަކަށް ވަރަށް ބޮޑު ސަމާލުކަމެއްދެއެވެ. ދުވާފަރަށް ބަދަލުވިއިރު ފުރަތަަމަ ދަރިފުޅަށް އެންމެ މަހެކެެވެ.
ކުޑަ ދެކުދިންނާއިއެކު އަނބިމީހާ ގޮވައިގެން އެގޮތަށް އުޅުމަށްފަހު އަނބިމީހާ ނައިފަރަށް ބަދަލުކުރީ ދެވަނަ ދަރިފުޅު ލިބުނު ހިސާބުންނެވެ. އެހިސާބުން އާއިލާއާއި ދުރުގައި އުޅެންޖެހުމުން ވަރަށް ހިތްދަތި ތަޖުރިބާ ޙަނޫން ކުރިއެވެ. ބޭބެއަކަށް ރަށުން ވަޒީފާ ލިބިގެން އެވާހަކަ އޭނާގެ މަންމަ ދެއްކި ދުވަހު، ދެރަވެފައި އޭނާ މަންމައާ ދެއްކި ވާހަކަ މިހާރުވެސް ހަނދާނުގައި ހުރެއެވެ. އެއީ އެވާހަކައިގެ ސަބަބުން މަންމަ ކުރި ދުޢާ އިޖާބަކުރެއްވީތީއެވެ.
''އަޅުގަނޑު އެދުވަހު ބުނިން މަންމަ ގާތު. އަޅުގަނޑަކަށް ނެތޭ މިނޫން ގޮތެއް. މިހެން ދަތުރުކޮށްލަ ކޮށްލާ ހުންނަންވީއޭ. ދެން މަންމަ ބުނީ ނޫނެކޭ ދަރިފުޅަށްވެސް ވަރަށް އަވަހަށް ވަޒީފާ ލިބޭނެއޭ. މަންމަގެ ދުޢާއަކީ އެއީއޭ.''
މަންމަގެ އެ ހިތްވަރުގެ ބަސްތަކާއިއެކު ޙަނޫން އެނބުރި މަނަދޫއަށް ދިޔުމަށް ތައްޔާރުވެފައިވަނިކޮށް، ހަމަ އެރޭ އޭނާއަށް ރަށުން އިއުލާންކުރި ވަޒީފާގެ ޚަބަރު ލިބުނެވެ. އެއީ އިންތިހާއަށް އޭނާ އުފާކުރިކަމެކެވެ. އަދި މިކަމަށްޓަކައި އޭރު މަދްރަސާގެ ޕްރިންސިޕަލްގެ ގޮތުގައި ހުންނެވި ޒިޔާދު ރަޝާދުއަށްވެސް ޝުކުރުވެރިވެއެވެ.
2015ގައި ޓްރާސްފަރ ވީގޮތަށް މިއަދާހަމައަށްވެސް އެހުންނަނީ އެގޮތުގައެވެ. 11 ވަރަަކަށް އަހަރު ކިޔަވައިދިނުމުގައި ހޭދަވަމުން ދަނީއެވެ.
ކިޔަވައިދިނުމުގައި ކިތަންމެ ބުރަނަމަވެސް އަބަދުވެސް ޙަނޫން އާއިލާއެކީގައި ވަގުތު ހޭދަކުރެއެވެ.
ދަރިވަރުންނަށް ޝަޢުޤުވެރި ކޭމްޕްތައް
ޙަނޫން ކިޔަވައިދޭ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އެންމެ އުފާވާކަމަކީ އޭނާ ބާއްވާ ސްޓަޑީ ކޭމްޕްތަކުން ދަރިވަރުންނަށް އަންނަ ހެޔޮބަދަލެވެ. ޙަނޫން މި މަސައްކަތް ފެށީ އިސްލާމް މި މައްދާއަށް ދަރިވަރުން ދަށްކަން ފާހަގަކުރެވި، އެކަމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ތަފާތު ގޮތަކަށް ކުދިންނަށް މި މާއްދާ ކިޔަވައިދިނުމުގެ ޢަޒުމްގައެވެ.
އެންމެ ފުރަތަމަ މިފަދަ ކޭމްޕެއް ފެށީ ރ. މާކުރަތުގައި 2017ގައެވެ. އޭރު އެ ސްކޫލުގައި ހުންނެވި ޕްރިންސިޕަލް އަޝްފާޤު ސަރގެ އެދިލެއްވުމަށް ފެށުނު މި މަސައްކަތުން 2023 އެޕްރިލްއާއި ހަމައަށް 50 ސްކޫލަށް ކޭމްޕް ހިންގާފައިވެއެވެ. މި މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ދަނިކޮށް ކޮވިޑްގެ ޕެންޑަމިކާ ގުޅިގެން ކޭމްޕްތައް ކުރިން ބޭއްވިގޮތަށް ބޭއްވުން ހުއްޓުނެވެ. ނަމަވެސް އެއްކޮށް އެކަން ހުއްޓާނުލާ ކޭމްޕްތައް ބާއްވާ ގޮތަށް ބަދަލުގެނެސް، އޮންލައިންކޮށް ކޭމްޕްތައް ބާއްވަމުން ދިޔައެވެ. ބައެއް ކޭމްޕްތައް 12 ގަޑިއިރު، 22 ގަޑިއިރު އަދި 24 ގަޑިއިރުވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ކޭމްޕްތައް ކުރިއަށްގެންދަނީ ކުދިން ޝައުޤުވެރިވާގޮތަށް ތަފާތު އެކްޓިވިޓީތައް ހިމަނައިގެންނެވެ. ފޮތުން ކިޔަން ބޭނުން ނުވާ ކުދިންނަށް ކިޔަވަންޖެހޭ ބައިތައް އުނގެނެން މިއީ މޮޅު ގޮތެކެވެ. ފުރަތަމަ ހިލޭ ސާބަހަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ބުރަކަމާއިއެކު އެރަށަކުން ދެވޭ މިންވަރެއް، އަގެއްގެ ގޮތުގައި ޙަނޫން ބަލައިގަނެއެވެ. އަދި އެއްވެސް އަގެއް ނުދެއްކޭ ސްކޫލުތަކަށް ހިލޭ ސާބަހަށް ކޭޕްތައް ދަނީ ބާއްވައިދެމުންނެވެ. ކޮންމެ އަހަރަކުވެސް 10 ވަރަކަށް ކޭމްޕް ކުރިއަށް ގެންދާ ޙަނޫންއަށް މިކަން ކުރިއަށް ގެންދެވުމުގެ އެންމެ ބޮޑު ހިތްވަރަކީ ގާސިމް ސަރކަން އޭނާ ފާހަގަކުރިއެވެ. ރަށްރަށުގައި މިފަދަ ކޭމްޕްތަކުގައި ކިޔަވައިދިނުމަށްފަހު ޙަނޫން އެނބުރި ދަނީ އެ ކުދިންނަށް ބޭނުންވާ ނޯޓްގެ އިތުރަށް ޕްރެޒެންޓޭޝަންތައްވެސް އެރަށްރަށުގެ މުދައްރިސުންނާއި ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.
މި ކޭމްޕްތަކުގެ އިތުރަށްވެސް ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް މުދައްރިސް ރިޟާ ސަރއާއެކު ގްރޭޑް 9-12ގެ ދަރިވަރުންނަށް އޮންލައިންކޮށް އިސްލާމް ސެޝަން ނަގައިދޭތާ 4 ވަރަކަށް އަހަރުވެއްޖެއެވެ.
މި ހުރިހާ ކަމެއްގެ އެންމެ ބޮޑު އުފަލެއް ޙަނޫންއަށް ލިބެނީ ކިޔަވައިދޭ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ލިބި މުޖްތަމަޢުއަށް ފައިދާހުރި ދަރިވަރުންތަކެއްގެ ގޮތުގައި ފެނުމުންނެވެ. އަދި އެކުދިން ފާސްނުވާނަމަ ނުވަތަ އެނޫން ގޮތަކަށް މުޖްތަމަޢު ތެރެއިން ފެންނަނަމަ އެއީ ޙަނޫނަށް އެންމެ ހިތްދަތި ވަގުތެވެ.
ޢާއިލާއަށް ވަގުތު ދިނުމުގައި ނަމޫނާއެއް
މަދްރަސަތުލް އިފްތިތާޙުގެ ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މިހާރު ހުރިނަމަވެސް ކުރިންވެސް ސްކޫލުގެ އެކި ކަންކަމުގައި ޙަނޫންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ޓީޗަރެކެވެ. އަދި އެކި ރަށްރަށުގައި ހިންގާ ކޭމްޕްތަކުގެ ސަބަބުންވެސް ވަގުތު ހޯދުމަކީ ޙަނޫނަށް ވަަރަށް ނާދިރުކަމެކެވެ. އެހެންނަމަވެސް ސްކޫލުގެ މަސައްކަތް ނިންމާލުމަށްފަހު އަނބިދަރިންނާއެކު ޙަނޫން ވަގުތު ހޭދަކުރެއެވެ. ވަކިން ދިރިއުޅެމެއް އުޅެމުންދާ ޙަނޫން ދަރިންނަށް ވަގުތު ދެނީ ބަހާލާއިގެންނެވެ. މިކަމުގައި އޭނާގެ އަނބިމީހާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަން އުފަލާއެކު ޙަނޫން ފާހަގަކުރެެއެވެ. ހަފްތާ ބަންދުތަކުގައި މުޅި އާއިލާއެކީ ވަގުތު ހޭދަކުރެވޭތޯ މަސައްކަތްކުރާ ޙަނޫން މަންމައާއި ބައްޕަގެ ކޯލްތަކަށް ޖަވާބު ނުދީ ނުހުރެވޭތޯ އަބަދުވެސް ބަލައެވެ.
ޙަނޫން ވަޒީފާގައި ހޭދަވި ދިގު މާޒީގައި އޭނާ އެންމެ އެންމެ އުފާވި ދުވަހަކީ ރަށަށް ވަޒީފާ ހަމަޖެހުނު ދުވަހެވެ. އެއީ ޢާއިލާއާއިއެކީ ވަގުތު ހޭދަކުރެވޭނެ ގޮތްވުމުންނެވެ.
ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންނަށް ޙަނޫންގެ މެސެޖް
ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންނަށް ޙަނޫން ދޭން ބޭނުންވަނީ އެންމެ މެސެޖެކެވެ. އެއީ އިސްލާމް މާއްދާއަކީ ފޫހި މާއްދާއެއް ނޫންކަމެވެ.
މި މާއްދާދެކެ ކުދިން ފޫހި ނުވާނެގޮތަަކަށް ކިޔަވައިދިނުމަކީ މިހާރުގެ އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުން ވިސްނުން ބަހައްޓަންޖެހޭ ކަމެއްކަމެވެ. އިޚްލާސްތެރިކަމާއިއެކު ދަރިވަރުންނަށް އެއްޗެއް އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތަކީ އެތައް ސަވާބެއް ލިބޭނެކަމަކަށްވާއިރު އިސްލާމް މާއްދާއަކީ ކިޔަވައިދީގެން އޭގެ މަންފާ ފަހުންވެސް ކުރާނެ މަސައްކަތެއްކަން ޓީޗަރުން ދަންނަން ޖެހޭކަމެވެ. ލިބޭ އެއްޗަކަށް ބެލުމުގެ ބަދަލުގައި ތިމާ ދޫކޮށްފައިދާ ޢިލްމަކުން ސަވާބު ލިބޭކަމުގެ އުންމީދުގައި މަސައްކަތްކުރުމަށް ޓީޗަރުންނަށް ޙަނޫން ނަސޭޙަތްދެއެވެ.
ދަރިވަރުން މިއަދު ކިޔަވަމުންދާއިރު ގަދައަޅައި މަސައްކަތްކޮށް، ވަގުތު ބޭކާރުނުކޮށް ކުރިއަށް ދިޔުމަށް ދަރިވަރުންނަށް ޙަނޫން ނަސޭހަތްދޭއިރު، އެކުދިން ކުރާ މަސައްކަތް ބަލައިގަނެ، އޯގާތެރިވެ އޭ ރިޕޯޓް ނުލިބުނުނަމަވެސް އެކުދިންގެ ޤާބިލްކަން ހުރި މިންވަރަކުން ހޯދާ ނަތީޖާ ބަލައިގަތުމަށް ޙަނޫން ބެލެނިވެރިންނަށް ނަސޭޙަތްތެރިވިއެވެ.
ޙަނޫންގެ ޝުކުރު
ޙަނޫނަށް މިހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށް ޤަބޫލުކުރެއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އަނބިމީހާއާއި، މަންމައާއި ބައްޕައާއި އަދި އަނބިމީހާގެ މަންމައަށް ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ. އަދި ބޭބެއިންނާއި ދައްތައިންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ. އަދި ވަރަށް ޚާއްޞަގޮތެއްގައި ރ.އަތޮޅު މަދްރަސާގެ އޭރުގެ ޕްރިންސިޕަލް ރަމީޒް ސަރއަށް ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ. އަދިވެސް މިކަމުގައި އެހީތެރިވެދޭ ހިތްވަރުދޭ ހުރިހާ އެންމެންނަށް ޖުމްލަގޮތެއްގައި ޝުކުރުވެރިވެއެވެ.