"ދެން އެކަންތައް އިސްމާއީލް ނިންމާލަދީ. މިރޭ ވަރަށް ވަރުބަލި" ޒުލޭޚާ ހުރީ މިރޭ ބޭރަށްދާ މޫޑެއްގައެއް ނޫނެވެ.
"އެހެންވިއްޔާ ދެމީހުން ގޮސްލާނީދޯ" އިސްމާއީލަށް ކުރިއެރުމެއް ނުލިބުމުން އެންމެފަހުން ޒުލޭޚާ އާއި އެކީ ދާން ބުނެލިއެވެ. ޖަވާބުގައި ޒުލޭޚާ ބޯޖަހައިލިއެވެ.
މާގިނަ އިރެއް ނުވަނީސް ޒުލޭޚާ ގޮވައިގެން އިސްމާއީލް ފިހާރައަށް ދާން ހިނގައިގަތެވެ. އެމަންޒަރު ބަލަން އަރޫމާ އިނީ އުފަލުން ފޮޅިފައެވެ. މަންމަ އުފަލުގައި އުޅޭތަން ފެނުމުންނެވެ. އަރޫމާ ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ވާހަކަ ފޮތެއް ނަގައިގެން އައިސް ކިޔަން ފެށިއެވެ. އެއީ ވަރަށް ރީތި ބިރުވެރި ވާހަކައެކެވެ. ވާހަކަ ކިޔަމުންދާ އިރުވެސް އިރުއިރުކޮޅާއި ގަޑިއަށް ބަލައިލެވެނީ އިސްމާއީލް ކާން އަންނާނެ ވާހަކަ ބުނެފައި އޮތީމައެވެ. އެންމެފަހުން ގަޑިން އެގާރަ ޖެހެމުން އަރޫމާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ދެން އިސްމާއީލް ނާންނާނެކަމަށް ބަލައިފައެވެ. އަދި އަޔަސް އަންނާނީ މަންމަ އާއި އެކީގައެވެ. މަންމަ އެކަނި އަންނާކަށް އިސްމާއީލް ދުލެއް ނުކުރާނެއެވެ. އެހާވެސް މަންމަ ދެކެ އިސްމާއީލް ލޯބިވެއެވެ. އަރޫމާގޮސް އެނދުގައި އޮށޯވެލީ ނިދާ ހެދުމުގައެވެ. ދެން ބޭރަށް ނިކުންނަން ނުޖެހޭނެތީއެވެ. އަރޫމާއަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖެހި އަޑަށެވެ. ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން އެއްގަޑި ތިރީސް ވީއެވެ.
"ކާކު" އަރޫމާ އެހެން ބުނެލީ ކާކުތޯ ޔަގީން ކުރުމަށެވެ.
"ބޭބެ. ހުޅުވިދާނެތަ" އިސްމާއީލް ބޭނުންވީ ދޮރު ހުޅުވާށެވެ.
އަރޫމާ ކުޑަކޮށް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި އިސްމާއީލަށް އަރޫމާގެ މޫނު ފިޔަވާ އެހެން ތަނެއް ނުފެންނަ ވަރަށެވެ. ސަބަބަކީ އަރޫމާ ހުރީ ނިދާ ހެދުމުގައެވެ. އެގޮތަށް ހުއްޓާ އިސްމާއީލް ކޮޓަރިއަށް ވަންނާކަށް އަރޫމާއެއް ބޭނުމެއް ނޫނެވެ.
"ހުޅުވަބަލަ. ވާހަކައެއް ބުނަންށޭ" އިސްމާއީލް ބޭނުންވީ އަރޫމާގެ ރުހުމުގައި ކޮޓަރިއަށް ވަންނާށެވެ.
"މިގަޑިއަކު ނޫން. މާދަމާ. ކޮބާ މަންމަ. ބަނޑުހައި ވެއްޖެއްޔާ މަންމަ ގާތުގައި ބުނަންވީނު. އަހަރެން މިހުރީ ނިދާ ހެދުމުގައި" އަރޫމާ އިސްމާއީލް ކޮޓަރިއަށް ވައްދާކަށް ބޭނުމެއް ނުވިއެވެ.
އަރޫމާގެ އެ ޖުމްލަ އާއި އެކު އިސްމާއީލް ކޮޓަރީގެ ދޮރުފަތުގައި ހިފައި ކުއްލިއަކަށް ކޮއްޕައިލުމުން އަރޫމާ ދިޔައީ ވިއްސައިގެންނެވެ. ބަލާކަށް ނުހުރެ ގޮސް އަރޫމާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.
"ދަރިފުޅާ ތަދުވިތަ" އިސްމާއީލް އެހެން ބުނި އިރުވެސް ހުރީ އަރޫމާގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ.
"ބޭބެ ބުނީމެއްނު ކާން އަންނާނަމޭ. މަންމަވެސް ނިދައިފި. މަންމަ އެއީ ނިދައިފިއްޔާ މަރެއް. ދެން ނުހޭލާނެ" އިސްމާއީލް ވާހަކަ ދައްކަން ފެށިއެވެ.
"ބޭބެ އަހަރެންގެ ގައިގައި އަތް ނުލާފާނަންތަ. މިހުރީ އަހަރެން ހުރި ހާލު" އަރޫމާ އާދޭހާއި އެކު ބުނެލިއެވެ.
"އެކަމަކު ހާދަހާ ރީއްޗޭ" އިސްމާއީލް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
"ނިކުމޭ" އަރޫމާ ބުނެލިއެވެ.
"ކީއްކުރަން. އަހަރެންނަށް ވުރެ ކޮއްކޮ ބާރު ގަދައެއް ނުވާނެ. އަދި ކޮއްކޮ ދައްކާ ވާހަކެއްވެސް މަންމަވެސް ގަބޫލެއް ނުކުރާނެ". އިސްމާއީލް އަރޫމާ އާއި ދިމާކޮއްލިއެވެ. އަރޫމާގެ އާދޭސްތަކަށް އެއްވެސް އަޑުއެހުމެއް ނެތި އިސްމާއީލް ކޮޓަރިން ނިކުމެގެން ދިޔައީ ކަރު ހިއްކުން ފިލުވާލައިގެންނެވެ. އިތުރަށް ކުރާނެ ކަމެއް އަދި ހިތްވަރެއް ނެތް އަރޫމާ ރޯލަރޯލާ ބިންމަތީގައި އޮތެވެ. އިސްމާއީލްގެ ކިބައިން ސަލާމަތް ވުމަށް ކުރި މަސައްކަތުން އިސްމާއީލްގެ އަތުގައި ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ހުއްޓެވެ. އިސްމާއީލް ކޮޓަރިން ނިކުމެގެން ދިޔައީ ދޮރު ލައްޕާ އަދި އެވާހަކަ އެއްވެސް މީހަކު ގާތުގައި ދައްކައިފިނަމަ ދެން ކުރިމަތިވާނެ ކަންތައް މާ ގޯސްވާނެކަމަށް އިންޒާރު ދީފައެވެ. އެއީ ތެދެކެވެ. އިސްމާއީލް ކޮންމެފަދަ ކަމެއްވެސް ކޮއްފާނެކަން މިހާރު އަރޫމާއަށް އެނގެއެވެ. އަދި އަމުދުން މަންމަގެ ގާތުގައި މިވާހަކަ ދައްކައިފިއްޔާ މަންމައަށް ވެސް ކޮންމެފަދަ ކަމެއްވެސް އިސްމާއީލް ކޮއްފާނެތީ އަރޫމާގެ ހިތް ބިރުން ތެޅެމުން ދިޔައެވެ. މަންމަ މި ދުނިޔެއިން ނައްތާލަންވެސް އިސްމާއީލް ފަހެއް ނުޖެހޭނެކަން އަރޫމާއަށް ޔަގީނެވެ. އެހެންވުމާއި އެކު މިވާހަކަތައް ނުދައްކާ ހުރުން ނޫން ގޮތެއް ނެތެވެ. ފަތިހުގެ ބަންގީގެ އަޑާއި އެކު އަނެއްކާވެސް އިސްމާއިލް ކޮޓަރިއަށް ވަނެވެ. އެކަމަކު މިފަހަރު ވަނީ އަރޫމާގެ ހާލު ބަލާށެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި މިވާހަކަ ނުދެއްކުމަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ބޭރަށް ނިކުތެވެ. އިރުކޮޅަކުން އަރޫމާގެ މަންމަގެ އަޑު އިވުނެވެ. ހީވަނީ ފަތިސް ނަމާދަށް ހޭލާ އުޅޭހެންނެވެ. ޒުލޭޚާ އައިސް އަރޫމާއަށް ގޮވަންފެށިއެވެ.
"ކޮބާ އަދިވެސް ނުހޭލަނީތަ. އަވަސް ކޮއްލާ. ތިހެން އޮއްވާ އިރުއަރައިފާނެ" ޒުލޭޚާ އަރޫމާއަށް ފަތިސް ނަމާދަށް ގޮވިއެވެ. އެހާލުގައި އޮވެވެސް މަންމައަށް ޖަވާބު ދިނީ ވަރަށް ލޯބިންނެވެ. ކަމެއް ވެގެން އުޅޭހެންވެސް ހީވެސް ނުވެއެވެ. އަރޫމާ ހިތްވަރުކޮއްލާފައި ގޮސް ވުޟޫކޮށް ނަމާދު ކޮއްލިއެވެ. ގައިގައި އަޅަމުން ދިޔަ ވޭނުން ކެތް ކުރެވެނީކީވެސް ނޫނެވެ. ނަމާދު ކޮއްލައިގެން ކޮޓަރީގެ ދޮރު ހުޅުވައިލީ ބޭރުގައި މަންމަ ވާހަކަ ދައްކާ އަޑަށެވެ. އަރޫމާ އަށް ދޮރު ހުޅުވައިލެވުނީ ކިރިޔާއެވެ. މަންމަ ފުންމައިގެން އައިސް އަރޫމާގެ ކުރިމައްޗަށް ޖެހުނެވެ. ދުރުގައި އެމަންޒަރު ބަލަން އިސްމާއީލް ހުއްޓެވެ.
"ކަލޭ ކިހިނެއް ހަދާފައި އެހުރީ އިސްމާއީލަށް. އެއީތަ ބަނޑުހައިވެއްޖެއޭ ބުނީމަ ހަދަންވީ ގޮތަކީ. ކޮބާ ކަލޭގެ ލަދު ހަޔާތް" ޒުލޭޚާ ފަތިވަރު އަމުނައިލިއެވެ.
"ލައްބަ. އިސްމާއީލް އަހަރެންގެ ކޮޓަރިން ނިކުތީ ވަލު ޖަނަވާރެއްހެން ބަނޑު ފުރާލައިގެން. އަދި އެވެސް ޝިކާރަ ކޮއްލައިގެން. އަހާބަލަ ކިހިނެއްތޯ ކޮންއެއްޗެއްތޯ ކެއީ" އަރޫމާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.
"އެކަމަކު މީހަކު އެއްޗެއް އަހާލާއިރަށް ތިވަރު ކޮއްލާކަށް ނުވާނެދޯ" އަރޫމާގެ މަންމަ ޒުލޭޚާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
"އަހަރެންގެ ހަށިގަނޑަށް ބަލާލަބަލަ އެންމެ ފަހަރަކުވެސް. ކިތައް ޒަޚަމް ލިބިފައިވޭތޯ" އަރޫމާވެސް ރައްދު ދެމުން ދިޔައެވެ.
"ދެން އަހަރެންގެ ހަށިގަނޑުގައި އަތްލާން ހިތަށް އަރުވައިލިޔަސް ކޮށާލާނަން. ކުޅިސަމާ ދައްކާލާނަން. އެހެރަ އިސްމާއީލް އަށް އަޑު އިވޭނެ ކަމަށް ހީކުރަން" އިސްމާއީލާއި ދިމާލަށް އިޝާރާތް ކުރަމުން އަރޫމާ ބުނެލިއެވެ.
"ބަލަ އެއީ ކަލެއަށް ހުރިހާ ކަމެއް ކޮއްދޭ މީހަކީ. އޭނަ ނެތިއްޔާ ކަލޭ އުޅޭނީ ކިހާ ހާލެއްގައިކަން އެނގޭތަ މިހިރަ މޮޔަޔާ" ޒުލޭޚާ އިސްމާއީލް ދިފާއު ކުރަމުން ދިޔައެވެ.
"އަޅެ މަންމަވެސް ދެން ބަލައްޗޭ އޭނަ އުޅޭ ގޮތް. ދެން އަހަރެންގެ ކޮޓަރިއަށް ނުވަނުމަށް އޭނާގެ ގާތުގައި ބުނާތި. އަދި ވަދެފިއްޔާ ނެރެން ޖެހޭނީ އޭނާގެ ފުރާނަ ނެތް މަސްގަނޑުކަން ހަނދާން ބަހައްޓާތި" އަރޫމާ ގޮސް ކޮޓަރީގެ ދޮރު ލެއްޕިއެވެ.
އަރޫމާ ގޮސް ކޮޓަރިއަށް ވަނުމާއި އެކު ޒުލޭޚާވެސް ކޮޓަރިއަށް ދާން ހިނގައިގަތުމުން އިސްމާއީލް ގޮސް އޭނަގެ އަތުގައި ހިފެހެއްޓިއެވެ.
"ރަނގަޅަށް ބުނޭ ކަލޭ އަތް ލިންތަ" ޒުލޭޚާ އިސްމާއީލާއި ކުރިމަތިލިއެވެ.
" ކޮންހާ ބަދުނާމެއް ތި ކުރަނީ. އަހަރެން މިއީ ޒުލޭޚާގެ ފިރިމީހާއެއް ނޫންތަ. ކީއްވެ އިތުބާރު ނުކުރަނީ. އަރޫމާ އެއުޅެނީ އެހެން ކޮންމެވެސް ކަންތައްގަނޑެއް ހިންގައިގެން އަހަރެންގެ ބޮލުގައި އެކަން އަޅުވަން. ހިނގާބަލަ ތިކަން ތިވާ ގޮތެއް ބަލަމާ" އިސްމާއީލް ޒުލޭޚާގެ ބޮލަށް އެރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން ޒުލޭޚާވެސް ބޭނުންވީ އިސްމާއީލް ބުނި ގޮތަށް ކަންތައް ވަމުންދާ ގޮތް ބެލުމަށެވެ. ހަމަ ލޮލުން ބެލުމަށްފަހު ނޫނީ ފިޔަވަޅެއް ނޭޅުމަށެވެ. އިސްމާއީލްގެ ވާހަކަތައް ގަބޫލުކޮށް ދެމީހުން ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ.
އަރޫމާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން ރޮނީއެވެ. އެކަމަކު އެކަން ބަލައިގަންނާނީވެސް ކާކުހެއްޔެވެ. މަންމަ ބަލައި ނުގަތުމުން ދެން އެކަން ބަލައިގަންނާނެ މީހަކު ނުހުންނާނެއެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އަރޫމާއަށް ހޭވެރިކަންވީ އިރުއަރައި ގަޑިން ހަތެއްވެސް ޖެހިފަހުންނެވެ. އެކަމަކު ބޭރަށް ނިކުންނަހާ ހިތްވަރެއް އަރޫމާގެ ނެތެވެ. އަދި އަމުދުން އިސްމާއީލްގެ ސިފަވެސް ދެކޭކަށް ބޭނުން ނުވާތީ ބޭރަށް ނިކުންނާކަށް ބޭނުމެއް ނޫނެވެ. ހެނދުނު ސައި ނުބޮއި ހުރުމުގެ ސަބަބުން ބަނޑުގައިވެސް ރިއްސަނީއެވެ. ކުރާނެ ކަމެއް ނެތިފައި އެނދުގައި އިންދައި ބޭރަށް ދަނީ ކަމަށް ބުނެ މަންމަ ގޮވައިލި އަޑު އިވުމާއި އެކު އަރޫމާ އަވަސްވެގަތީ ކޮންމެވެސް އެއްޗެއް ކާށެވެ. މިގަޑީގައި ގޭގައި އެއްވެސް މީހަކު ނޫޅޭނެކަން ޔަގީންވާތީއެވެ. އިސްމާއީލްވެސް ޒުލޭޚާ އާއި އެކީ ފިހާރައަށް ދިޔައީއެވެ. އަރޫމާ މަޑު ހިނގުމެއްގައި ގޮސް ބަދިގެއަށް ވަނެވެ. ނަސީބު ރަނގަޅުކަމުން މަންމަ ދިޔައީ ސައިބޯނެ އެއްޗެއް ހަދާފައެވެ. ހަމަ ޖެހިލައިގެން އެއްޗެއް ކެވޭތޯ އުޅުނަކަސް ގައިން ނަގާ ދިލައަކުން ކެވޭ ވަރެއް ނޫނެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ކޮންމެވެސް ވަރެއްގެ އެތިކޮޅެއް ކެވޭތޯ މަސައްކަތް ކުރަމުން ދިޔައީ ގަދަ ހިތްވަރާއި އެކުގައެވެ. އަރޫމާ އެއްޗެއް ނުކައިފިއްޔާ އެކަމާއި ދެރަވާނެ މީހަކު ނުހުންނާނެކަން އަރޫމާއަށް އެނގޭތީއެވެ. އަރޫމާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު ދޮރު ހުރަސްކޮއްލިހެން ހީވެގެންނެވެ. މަޑުމަޑުން ބޭރަށް ނިކުމެ އެއީ ކާކުތޯ ބަލައިލިއެވެ. އަރޫމާއަށް ހީވީ ރަނގަޅަށެވެ. އެއީ އިސްމާއީލެވެ. އަރޫމާ ބަލާކަށް ނުހުރެ އެތާގައި އޮތް އިލޮށިފަތި ހިފައިގެން ދުވެފައި ގޮސް އިސްމާއީލްގެ ގާތަށް ހުއްޓުނެވެ.
"އަނެއްކާވެސް އަހަރެންނާއި ބެހެންދޯ ތިއައީ މަންމަ ނެތް ގަޑިއެއް ބަލާފައި" އަރޫމާގެ އަތުގައި އޮތް އިލޮށިފަތި އިސްމާއީލް އާއި ދިމާލަށް ހޫރައިލަމުން ރުޅިވެރިކަމާއި އެކު ބުނެލިއެވެ.
"އެއްޗެއް ބަލާ މިއައީ. އެކަމަކު އަދިވެސް ވަރަށް ލޯބި ތިހުންނަ ގޮތް" އިސްމާއީލް އަރޫމާގެ އަތުގައި ހިފެހެއްޓިއެވެ.
"އަދިވެސް ތިކަން ހުއްޓާލާކަށް ނުވޭތަ. ދެން އެކަހަލަ ކަމެއް ކޮއްފިއްޔާ އެނގިދާނެ ހަދާނެ ގޮތް" އަރޫމާ ބުނެލިއެވެ.
"އަހަރެންނަށް ކަމެއް ވެއްޖެއްޔާ މަންމަ ކިހާ ދެރަވާނެ. ހެޔޮތަ އެގޮތްވެސް" އިސްމާއީލް އަރޫމާއަށް ބިރު ދައްކަން މަސައްކަތް ކުރިއެވެ.
"ދެން ދޭ ތި ނުފެނިގެން އުޅޭ އެއްޗެއް ހޯދަން. އެކަމަކު މީގެ ފަހުން އަހަރެންނާއި ދިމާއަށް ބަލާވެސް ނުލާތި" އަރޫމާ އަނެއްކާވެސް އެނބުރި ބަދިގެއަށް ދާން ހިނގައިގަތެވެ.
"ބަލައިފިއްޔާ ކިހިނެއް ހަދާނީ" އިސްމާއީލް އެހެން ބުނެލި އަޑަށް އަރޫމާ ހުއްޓުނެވެ.
"ކަލޭގެ ތިހިރަ ދެލޯ ކޮނެލާނަން. ކަލޭ ހީކުރީ އަހަރެން އަންހެނަކަށް ވީމަ އެއްވެސް ކަމެއް ކުރަން ނުކެރޭނެ ކަމަށްތަ. ނޫން. އެހެން ނުވާނެ. ކަލޭ ކަހަލަ ދިހަ މީހުން އަޔަސް ކޮށާލާނަން. އަޑު އަހާ މިބުނީ ދިހަ މީހުން ގެނަޔަސް ކޮށާ ކުދި ކޮއްލާނަމޭ" އަރޫމާގެ ހިތްވަރާއި ކެރުން އިސްމާއީލަށް ދެއްކިއެވެ. އަދި ދެން އެކަހަލަ ކަމެއް ނުކުރެވޭނެ ވަރަށް އިސްމާއީލަށް ބިރު ދެއްކިއެވެ.
= ނުނިމޭ =