November 23, 2024 23:14
Advertisement

-Advertisement-

ވާހަކަ: އާދޭސް (ސާދަވަނަބައި)

އިސްމާއީލަށް ބިރު ދައްކާލެވުނީތީ އަރޫމާ ހުރީ ވަރަށް އުފަލުންނެވެ. އިސްމާއީލް ބިރުންވެސް އެކަންތައް ހުއްޓާލަފާނެތީއެވެ. އެހެން ނޫނަސް އަރޫމާ އަކީ އެއްވެސް ކަމެއް ކުރުމަށް ފަސްޖެހޭ ކުއްޖެއް ނޫނެވެ. ކޮންމެ ކަމަކާއި ވެސް ކުރިމަތި ލަނީ ވަރަށް ކެރިންގެނެވެ. އިސްމާއީލްވެސް އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުއްޓެވެ. އަރޫމާ ބަދިގެއިން ބޭރަށް ނިކުތީވެސް އިސްމާއީލް ބޭރަށް ދިޔަކަން ޔަގީން ވުމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އަރޫމާވެސް ގެއިން ބޭރަށް ދާން ހިނގައިގަތީ ލިބުނު ހިތްވަރާއި އެކުގައެވެ. އަރޫމާއަށް އެލިބުނު ހިތްވަރުގެ ވާހަކަ ޒިހުނަތަށް އަވަހަށް ދޭން ބޭނުމެވެ. އަރޫމާގެ މިސްރާބު ހުރީ ޒިހުނަތު ދިރިއުޅޭ ގެއާއި ދިމާލަށެވެ. މަޑު ހިނގުމެއްގައި ގޮސް އެގޭގެ ގޯތިތެރެއަށް ވަންއިރު ކުނިކަހަން ޒިހުނަތު އުޅުނެވެ. އަދި އަރޫމާ ފެނުމާއި އެކު ކޮންމެވެސް އެއްޗެއް ކާން އައުމަށް ދަޢުވަތު ދިނެވެ. އަރޫމާ ގޮވައިގެން ޒިހުނަތު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އެގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އަރޫމާވެސް ބޭނުންވީ އެގޮތެވެ. ނަސީބު ރަނގަޅުކަމުން ކަންތައް މެދުވެރިވީވެސް އެގޮތަށެވެ.

"ޒިހޫ. އަހަރެން މިއައީ ވަރަށް ގަޓް ކަމެއް ކޮއްލާފައި" އަރޫމާ ވަރަށް ފޮނިވެލާފައި ވާހަކަ ފެށިއެވެ.

"ކިހިނެއްވީ އަނެއްކާ" ޒިހުނަތު ހުރީ އެވާހަކަތައް އަޑު އަހަން ބޭނުންވެފައެވެ.

Advertisement

"މިއައީ އިސްމާއީލަށް އަހަރެންގެ ގަޓުހުރިކަން ދައްކާލާފައި. އެބަހުރި ވަރަށް ބިރުން" އަރޫމާ ހޭން ފެށިއެވެ.

"އަހަރެން ބުނިން ދެން އެކަހަލަ ކަމެއް ކޮއްފިއްޔާ ކޮށާލާނަމޭ. ހެވޭ ދިހަ މީހުން ގެނަޔަސް" އަރޫމާ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ވަރަށް ފޮނިވެލާފައެވެ.

ޒިހުނަތު އަރޫމާ ދެއްކި ވާހަކަ ވަރަށް ޝަޢުގުވެރިކަމާއިއެކު އަޑުއަހަންއިނެވެ. އަދި އަރޫމާއަށް ހެޔޮ ނަސޭހަތެއް ދެވުނީތީ އިރުއިރުކޮޅާ އެވާހަކަ ދައްކައެވެ. ދެންވެސް ކުރިއަށް ދާންވީގޮތް ޒިހުނަތު ވަރަށް ރަނގަޅަށް ކިޔައި ދިނެވެ. އެވާހަކަތައް އަރޫމާ ހިތުގެ އަޑިން ގަބޫލު ކުރިއެވެ. އަރޫމާއަށް އިތުރަށް ކުރިއަށް ދާންވީގޮތް ޒިހުނަތު ކިޔައިދެމުން ދިޔައެވެ. އަރޫމާ އާއި ޒިހުނަތުގެ ބައްދަލުވުން ނިންމާލާފައި އެނބުރި ގެއަށް އައީ އާ ދުނިޔެއެއް ލިބުނު ކަހަލަ އުފާވެރި ކަމަކާއި އެކުގައެވެ.

އަރޫމާ ގެއަށް އައިއިރުވެސް އެއްވެސް މީހަކު ގެއަކު ނޫޅެއެވެ. ވަރަށް ހަމަޖެހިލާފައި ގޮސް ސިޓިންގރޫމްގައި ހުރި ސޯފާގެ އޮށޯތެވެ. ކަންތަކާއި ކެރުމާއި އެކު ކުރިމަތިލުމުގެ ހިތްވަރު މިހާރު ލިބިފައިވާތީ އަމިއްލަ ނަފްސަށްވެސް ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ.

އިރުއޮއްސެން ގާތްވަމުން ދިޔަ ނަމަވެސް ކުރިން ވާކަހަލަ ބިރުވެރި އިހުސާސްތަކެއް މިއަދަކު ނުވެއެވެ. ގެއަށް އައިއިރު އަރޫމާ ފެނިފައި އަރޫމާގެ މަންމައަށް ސުވާލު ކުރެވުނެވެ. އަރޫމާގެ މޫނުމަތިން ފެންނަމުން ދިޔައީ އެހެންޏާ ނުފެންނަ އުފާވެރި ކަމުގެ ކުލަވަރެވެ.

"ދަރިފުޅާ ހާދަހާ އުފާވެފަހެން ހީވޭ ތި ހުންނަނީ. ކޮންކަމެއް ލައިގަތީ" ޒުލޭޚާ ޒުވާލު ކުރަންފެށިއެވެ.

"ހުރިހާ ދުވަހަކު އެއްގޮތަކަށް ނޫންތާ ދުނިޔޭގެ ދުވަސްތައް ދާނީ" އަރޫމާ ވަރަށް އިތުބާރާއި އެކު ޖަވާބު ދެމުން ދިޔައެވެ.

"ކީކޭ ތި ކިޔަނީ" ޒުލޭޚާ އަނެއްކާވެސް ސުވާލު ކުރިއެވެ.

"އަދި ފަހުން އެނގޭނެ" އަރޫމާ ބޭނުންވީ މަންމަ ކުރަމުންދާ ސުވާލުތައް ހުއްޓުވާށެވެ.

އިތުރަށް ސުވާލު ކުރަން ބޭނުންވިޔަސް ޒުލޭޚާ ހިނގައިގަތީ އެސުވާލުތައް ކުރިޔަސް ރަނގަޅު އަދި ހިތްހަމަޖެހޭ ޖަވާބެއް މިއަދު އަރޫމާ ދުލުން ބޭރު ނުވާނެކަން އެނގުމުންނެވެ. ޒުލޭޚާ ގޮސް ކޮޓަރިއަށް ވަންއިރުވެސް އަރޫމާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ކޮންމެ ސުވާލެއް ކުރިޔަސް ފުރިހަމައަށް އެއަށް ޖަވާބުދޭން ތައްޔާރުވެގެންނެވެ.

"ކޮބާ މަންމަ" އަރޫމާ ސިއްސައިގެން ދިޔައީ އިސްމާއީލްގެ އަޑަށެވެ.

"އޯހް. އަނބިމީހާ އުޅޭތަނެއްވެސް ނޭނގޭދޯ މިހާރު. ދެން ކީއްކުރާ މީހެއް" އަރޫމާގެ ވާހަކަ ހުރީ މަލާމާތުގެ ރާގަކަށެވެ.

"ކަލޭ ހާދަހާ ހަޔާތްކުޑަކޮށް އަހަރެންނާއި ވާހަކަ ތި ދައްކަނީ. ކޮބާ ލަދު" އިސްމާއީލް ރުޅިގަދަވިއެވެ.

"ލަދޭ. ކަލެއަށް ލަދު އެނގޭތަ. އަހަރެން ލަދުގަނޭ މަންމައަށް ތިކަހަލަ ގޮތެއް ނެތް މީހަކު ލިބުނީތީ" އަރޫމާ އިސްމާއީލަށް ރައްދު ދެމުން ދިޔައެވެ.

"އަހަރެންނާއި ޖެހިގަނެގެން ނޫޅޭތި" އިސްމާއީލް އެހެން ބުނެފައި ކުރިއަށް ދާން ހިނގައިގަތެވެ.

"ޖެހިގަނެގެން އުޅުނިއްޔާ ކޮންކަމެއް ކުރެވޭނީ. އެއްކަމެއްވެސް ނުވާނެ. އެކަމަކު އަހަރެން ކަލެއަށް ބޭނުން ގޮތެއް ހަދާލާނެކަމުގެ ކުޅަދާނަކަން އެބަހުރި. ކަލޭ ވިސްނައިގެން އުޅޭތި" އަރޫމާ އިސްމާއީލަށް އިންޒާރު ދިނީ ވަރަށް ކެރިގެންނެވެ. އެއަށް ރައްދު ދޭކަށް އިސްމާއީލަކަށް ނުކެރުނެވެ. އަރޫމާގެ ކުރިމަތީގައި އިސްމާއީލް އިސްޖަހަންޖެހުނު މިއީ ދެވަނަ ފަހަރެވެ. އަރޫމާ އިނީ އެކަމަށް ވަރަށް ފަޚުރުވެރިވެލާފައެވެ.

އިސްމާއީލާއި ޒުލޭޚާ ކޮޓަރިއަށް ވަނުމުން ގޭތެރޭގައި އެއްވެސް މީހެއްގެ އަޑެއް އަދި ހިލަމެއްވެސް ނެތެވެ. އިރުކޮޅެއް ވަންދެން ގޮނޑީގައި އިނުމަށްފަހު އިޝާނަމާދަށް ގޮވަންފެށި ބަންގީގެ އަޑަށް ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީ ނަމާދު ކޮއްލުމަށެވެ. މަޢުރިބު ނަމާދުވެސް ނުކުރެވި ހުރުމުގެ ސަބަބުން އެކަމަށް ދެރަވިއެވެ. ހަމަ ޖެހިލައިގެން ނަމާދުކޮށް ނިމުނު އިރުވެސް ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަރޫމާގެ ހިތަށް އަރަމުން ދިޔައީ އެއީ އަރޫމާގެ އިންޒާރަށް އިސްމާއީލް ބިރުން ނުކުމެ ނޫޅެނީ ކަމަށެވެ. ނަމާދު ކޮއްލައިގެން ގޮސް ބަދިގެއަށް ވަދެ ކައިގެން ގޮސް އަނެއްކާވެސް ކޮޓަރިއަށް ވަނީ އެހެން މީހުން ކައިފިތޯވެސް ނުބަލައެވެ. އެމީހުން ކައިފިތޯ ބެލުމަކީ ބޭކާރު ކަމަކަށް ވާތީއެވެ. އެހެން ނޫނަސް އެއީ ދެމަފިރިންތާއެވެ. އެކަކު އަނެކަކުގެ ހާލު ބަލާނެތާއެވެ. ކޮޓަރިއަށް ވަދެ ދޮރު ލެއްޕީ ތަންކޮޅެއް ފަހުން ބޭރަށް ނިކުމެލުމުގެ ބޭނުމުގައެވެ. ނަމަވެސް ވެފައިވާ ވަރުބަލިން ނިދުނު އިރެއްވެސް ނޭނގެއެވެ. ހެދުންވެސް ބަދަލު ނުކޮށް ހަވީރު ލައިގެން ހުރި ހެދުމާއިއެކު ގައެވެ. ކޮޓަރީގެ ލައިޓްވެސް ނިއްވާ ނުލާ ހުރީ އަރޫމާ އޮށޯތީ ނިދާލުމުގެ ބޭނުމުގައެއް ނޫނެވެ. ކުއްލިއަކަށް އަރޫމާ ސިއްސައިގެން ދިޔައީ ކޮޓަރީގައި މީހަކު އުޅޭހެން ހީވެގެންނެވެ. ނަމަވެސް މުޅި ކޮޓަރި ދިއްލާލާފައި ހުރުމުގެ ސަބަބުން ކޮޓަރިއަށް މީހަކަށް ވަންނާކަށް ނުކެރޭނެއެވެ. އެއީ ކޮންމެ މީހަކު ވަން ނަމަވެސް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެތީ މީހަކަށް އެކޮޓަރިއަށް ވަންނަން ޖެހިލުން ވާނެއެވެ. އަރޫމާވެސް ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެއްވެސް ކަހަލަ ތަފާތެއް ފާހަގައެއް ނުވިއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އެނދުން ތެދުވެގެންގޮސް ފާޚާނައަށް ވަދެ ނިދާހެދުން ލައިގެން ނިކުމެ ފާޚާނާގެ ދޮރު ލެއްޕުނީ ކިރިޔާއެވެ. އަލަމާރިތެރެއިން ނިކުތް މީހަކު އައިސް އަރޫމާގެ އަނގަމަތީގައި އަތްއެޅިއެވެ. އެމީހާގެ މޫނު ނިވާކޮއްލައިގެން ހުރުމުގެ ސަބަބުން އެއީ ކާކު ކަމެއް ނޭނގުނެވެ. އެމީހާގެ ކިބައިން ސަލާމަތްވާން ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަން ކާމިޔާބު ނުވަނީސް އަރޫމާގެ ކުރިމައްޗަށް އައިސް ހުއްޓުނީ އިސްމާއީލެވެ. އެއިރުވެސް އަރޫމާގެ އަނގަމަތީގައި އަތްއަޅައިގެން ހުރި މީހާ ހަމަ އެގޮތަށް ހުއްޓެވެ.

"ކަލޭ ބުނި ކޮށާލާނަމޭ ދިހަ މީހުން އަޔަސް. މިތިބީ އަދި ދެމީހުން. އަޅެ ކޮށާބަލަ" އެހެން ބުނެފައި އިސްމާއީލް އައިސް އަރޫމާގެ ހަށިގަނޑުގައި ހިފެހެއްޓިއެވެ. އެވަގުތު ބަލާފައި އަރޫމާގެ އަނގަމަތީގައި އަތްއަޅައިގެން ހުރި މީހާގެ ދެލޮލަށް އަރޫމާ އިނގިލި ކޮއްޕައިލިއެވެ. އެމީހާގެ އަތް އަރޫމާގެ އަނގަމަތިން ނެއްޓުނެވެ. އަރޫމާގެ ހަޅޭލަވަން ފެށުމާއި އެކު އިސްމާއީލް ކޮޓަރިން ނިކުމެގެން ދުއްވައިގެންފިއެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް އެމީހާ އަރޫމާގެ މައްޗަށް ގަދަވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަރޫމާގެ ހުޝިޔާރު ކަމުން އެކަމެއް ނުވިއެވެ. ދެން އިވުނީ ކޮޓަރި ބޭރުން އަޑުގަދަވި އަޑެވެ. އެއަޑަށް އެމީހާ އަރޫމާ ދޫކޮއްލާފައި ކޮޓަރިން ބޭރަށް ނިކުންނަން ދުއްވައިގެންފިއެވެ. އެމީހާގެ ފަހަތުން އަރޫމާވެސް ދުއްވައިގަތީ ކުނިކަހާ ފިހިގަނޑު ހިފައިގެންނެވެ.

"އޭތް. އަދިވެސް ކަލޭ ބުނާނެ އަހަރެންނޭ ކަލެއާއި ބެހެނީ. ޒުލޭޚާ ބަލާބަލަ. މިއޭ އެގަންނަ ގަނޑަކީ" އިސްމާއީލް ޒުލޭޚާއަށް އެމަންޒަރު ދެއްކީ އެކަމުން އިސްމާއީލް ރެކުމުގެ ބޭނުމުގައެވެ.

"ތިއީ ދޯ ތި ކުރާ ކަމަކީ. އިސްމާއީލްގެ ބޮލުގައި ތި އިލްޒާމް އަޅުވަނީ ތިކަމުން ރެކެންތަ" ޒުލޭޚާ އައިސް އަރޫމާގެ މޫނުމަތީގައި ޖެހިއެވެ.

"ނޫން. ނޫން. އިސްމާއީލް އާއި އެމީހާ އުޅުނީ އަހަރެންނާއި ބެހެން" އަރޫމާ ޖަވާބު ދިނީ ރޮމުންނެވެ.

"ބަލަ އަދިވެސް އަހަރެންނަށް ދޮގު ހަދަނީތަ. އަހަރެންގެ ކުރިމަތީގައޭ ތި ހުރިހާ ކަމެއްތިވީ" ޒުލޭޚާގެ ލޭ ހޫނުވަމުން ދިޔައެވެ.

"މަންމަގެ އަޑަށް އިސްމާއީލް އަވަހަށް ނިކުތީ" އަރޫމާ އަނެއްކާވެސް ބުނެލިއެވެ.

"އޭތް. މިހިރަ ކުއްޖާ. އަދިވެސް ތެދުބަހުން ވާހަކަ ދައްކާކަށް ނުވޭތަ. އަހަރެން ނިކުތްއިރުވެސް އިސްމާއީލް އިނީ މިތާ ފެންބޯން. ދެން ކިހިނެއް ކަލޭގެ ކޮޓަރިއަށް ވަންނާނީ. މޮޅު ވާހަކަ ނުދައްކާ" އަރޫމާގެ މޫނުމަތީގައި އަނެއްކާވެސް ޒުލޭޚާ ޖެހިއެވެ.
"އަހަރެންގެ މޫނުމަތީގައިތަ އަދިވެސް ޖަހަނީ. ތިހުރި އިސްމާއީލްގެ މޫނުމަތީގައި ޖަހާބަލަ. އެއީ ނުލަފާ މީހެއް. ގޮތް ކުޑަ ގޮތެއްފޮތެއް ނެތް ވަލު ޖަނަވާރެއް ކަހަލަ މީހެއް" އަރޫމާވެސް ގޮތް ދޫކޮއްލާކަށް ބޭނުމެއް ނޫނެވެ.

"އަހަރެން ކަރު ހިއްކައިގެން މި ނިކުތީ ފެންބޯން. ފެންބޯން އިންދާ ޒުލޭޚާ ތި ނިކުތީ. ކިހިނެއް އަހަރެން އެކޮޓަރިއަށް ވަންނާނީވެސް. އެހެން ނޫނަސް އެއީ އަހަރެންގެވެސް ދަރިއެއްނު. ވަރަށް ދެރަވެއްޖެ. ތިކަހަލަ ދޮގު އިލްޒާމެއް އެޅުވީމަ. އަހަރެން މިތާ އިނީމަ އެމީހާ ސަލާމަތް ކުރަން އަހަރެންގެ ބޮލުގައި އެޅުވީ. އެމީހާ ނިކުމެގެން ދިޔަ މަންޒަރު ޒުލޭޚާއަށްވެސް ފެނުނެއްނު. ދެން އެކަން ޔަގީން ކޮއްދޭން ކުރާނެ އިތުރު ކަމެއް ނެތް. ޒުލޭޚާގެ ލޮލަށް ތި ފެނުނީ" އިސްމާއީލްގެ މޮޅު ރޭވުންތެރިކަން ހާމަ ވަމުން ދިޔައެވެ.

އެއީ ވަރަށް ރަނގަޅު ވާހަކައެކެވެ. ޒުލޭޚާގެ ލޮލަށް އެމަންޒަރު ފެނުނީއެވެ. އިސްމާއީލް ބުނެދިން ގޮތަށެވެ. ނަމަވެސް ކޮޓަރިއަށް އެހެން މީހަކު ވެއްދީ އިސްމާއީލްގެ މޮޅު ރޭވުންތެރިކަމުންނެވެ. ސަބަބަކީ ކުރިން އަރޫމާ އިސްމާއީލަށް އިންޒާރު ދީފައި ވުމެވެ. އެހެން މީހަކު ވެއްދީ އަރޫމާގެ ހަމަލައަކުން އިސްމާއީލް ދިފާޢު ވުމަށެވެ.

= ނުނިމޭ =

+1
1
+1
1
+1
8
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް