November 23, 2024 22:57
Advertisement

-Advertisement-

ވާހަކަ: އާދޭސް (ފަނަރަވަނަބައި)

އަރޫމާއަށް ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވިއެވެ. މަންމަ ކުރިމަތީގައި އިސްމާއީލް އެދެއްކީ މޮޅު ފިލްމެކެވެ. ކޮންމެ އިންސާނަކަށްވެސް ގަބޫލު ކުރެވޭހާ މޮޅަށެވެ. އެހުރިހާ ކަމެއްގައި ބެދުނީ އަރޫމާއެވެ. ކުށްވެރިއަކީވެސް ހަމަ އޭނާއެވެ. އަރޫމާ އިތުރަށް ދައްކާނެ ވާހަކަ ހުސްވިއެވެ. އެމީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖެހުން ނޫން ގޮތެއް ނެތެވެ. އަރޫމާ ހިތްވަރު ކުރިއެވެ. ދެން ކުރިމަތިވެދާނެ ކަންތަކާއި ވިސްނާ އެކަމަށް ތައްޔާރު ވިއެވެ. އަބަދު މިހެން ނޫޅެވޭނެކަން އަރޫމާގެ ހިތް ބުނަމުން ދިޔައެވެ. އެހެން މީހުންގެ ޚިޔާލުވެސް އަރޫމާ ހޯދައިފިއެވެ. އަދިވެސް އަރޫމާއަށް އޭނާގެ މަންމައަށް ކުރިމަތިވެދާނެ ނުރައްކަލަކާއި މެދު ވިސްނޭތީ މަޑުޖެހެނީއެވެ. ދެން އޮތީ ކެރިގެން ކުރިމަތިލުމެވެ. ދޭތިން އެކައްޗަށް ހިފުމެވެ. މަރު ނުވަތަ ދިރުމެވެ.

މުޅިގޭތެރޭގައި ވަނީ ހިމޭންކަމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަރޫމާއަށް ހޭލެވުނީވެސް ތަންކޮޅެއް ފަހުން ކަމަށް ވާތީ މަންމަމެން ބޭރަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. މަންމަ ގޭގައި އުޅޭނަމަ އަރޫމާއަށް ގޮވާނެއެވެ. އެހެން ނޫނަސް ރޭގައި އެދިމާވި ކަންތަކުން ހިތްހަމަނުޖެހިފައި ހުރުމުގެ ސަބަބަން އަޅާނުލާ ދިޔައީ ކަމަށް ވެސް ވެދާނެވެ. އަރޫމާ މިހާރު އެކަންތަކާއި މާބޮޑަށް ވިސްނާކަށް ބޭނުމެއް ނޫނެވެ. ވިސްނުމުން ސިކުނޑިއަށް ގެއްލުންވުން ފިޔަވާ ދެން ވާނެ ފައިދާއެއް ނޯންނާނެއެވެ.

ހެނދުނު ސައިބޮއިގެން ފެންވަރައި ވަރަށް ނަލަ ހެދިލައިގެން އަރޫމާ މިސްރާބު ޖެހީ ޒިހުނަތުގެ ގާތަށް ދިއުމަށެވެ. އިތުރު ފަރުވާއެއް ލިބިދާނެކަމަށްޓަކައެވެ. އަރޫމާ ހިނގަމުން ދިޔައިރު ބާރަށް ހިތް ތެޅެމުން ދިޔައެވެ. ދެން ކުރިއަށް ދާނެ ގޮތަކާއި މެދު ވިސްނެނީއެވެ. އަރޫމާ ގޮސް ޒިހުނަތުމެންގެ ގޯތިތެރެއަށް ވަނުމަށްފަހު ދެތިން ފަހަރަށް ސަލާމް ގޮވައިލިއެވެ. އެއްވެސް މީހެއްގެ ޚަބަރެއް ނުވިއެވެ. މަޑުމަޑުން ގޮސް ގޭތެރެވެސް ބަލައިފިއެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެހެންނަމަވެސް އަރޫމާ ބޭނުންވީ ޒިހުނަތާއި ބައްދަލުކޮއްފައި ނޫނީ ނުދާށެވެ. ކަންތައް ވެފައިވާ ގޮތުންވެސް ޒިހުނަތުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. އަރޫމާ ގޯތި ތެރޭގައި ހުންނަތާ ބައިގަޑިއެއްހާއިރު ވީތަނާހެން ޒިހުނަތު ބޭރުން އަންނަތަން އަރޫމާއަށް ފެނުނެވެ. ޒިހުނަތު ފެނުމާއި އެކު ދުވެފައި ގޮސް ޒިހުނަތުގެ ގައިގައި އަރޫމާ ބައްދައިލިއެވެ.

Advertisement

"ލައްކަ އިރުވެއްޖެ މިތާ ހުންނަތާ" އަރޫމާ ވާހަކަ ފެށިއެވެ.

"އަނެއްކާ ކިހިނެއްވީ. ބެހުނީތަ." ޒިހުނަތު ހުރީ ވަރަށް ހާސްވެފައެވެ.

"އާނ. އަދި އެހެން މީހަކާއި އެކީގައި" އަރޫމާއަށް ރޭގައި ދިމާވި ހުރިހާ ގޮތެއް ވަރަށް ތަފްސީލުކޮށް ކިޔައި ދިނެވެ.

އަރޫމާގެ ވާހަކަތައް އަޑުއިވިފައި ޒިހުނަތުގެ ލޮލުން ކަރުނަ ފާއްދައިލިއެވެ.

"ދެން ކިހިނެއް ހަދާނީވެސް" ޒިހުނަތަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

އަރޫމާއި ޒިހުނަތުގެ ދިގު މަޝްވަރާއި ނިންމާލީ ވަރަށް ކާމިޔާބު ކަމާއި އެކުގައެވެ. ދެން ކުރިއަށް ދާންވީ މަގު ކޮށައި ދިނީ ވަރަށް ރަނގަޅަށެވެ. ކުރިއަށް ދާންވީގޮތް ވަރަށް މޮޅަށް ޒިހުނަތު ރާވާލައިދިނެވެ. އަރޫމާއަށް ފަސޭހަ އަދި އެހާމެ މޮޅަށެވެ. އަރޫމާ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. ލިބެމުން ދިޔަ އަނިޔާއިން ސަލާމަތް ވެވެން އޮތް އެންމެ ރަނގަޅު މަގު ޒިހުނަތު ކޮށައިދިނެވެ. އަރޫމާ ގެއަށް އައި މަގުމަތީގައިވެސް އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ވަރަށް ހަމަޖެހިލާފައި އަރޫމާ ގެއާއި ދިމާލަށް ހިނގަމުންދިޔަ ހިނގުން ހުއްޓުނީ ފަހަތުން މީހަކު ވަރަށް ބާރަށް އަންނަހެން ހީވާތީއެވެ. އަރޫމާ ފަހަތަށް ބަލަން ބޭނުން ނުވިޔަސް ބޭއިޚްތިޔާރުގައި ފަހަތަށް އެނބުރި ލެވުނުވެ. ކަމަކު ދާކަށް ނެތެވެ. ފަހަތުން ވިއްދާފައި ހުރީ ސިއްތިއެވެ. ސިއްތި ކިބައިން ސަލާމަތް ނުވާނެކަން އަރޫމާއަށް އެނގޭތީ ވާހަކަ ނުދައްކާ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ދުވެފައި އައިސް އަރޫމާގެ ކުރިމައްޗަށް ހުއްޓުނެވެ.

"ކީއްކުރަން ޒިހުނަތު ގާތަށް ތިދަނީ" ސިއްތި ސުވާލު ކޮއްލިއެވެ.

"އެއީ ސިއްތި އާއި ބެހޭކަމެއް ނޫން" އަރޫމާ ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.

އަނެއްކާވެސް އަރޫމާ ދާން ހިނގައިގަތެވެ. ސިއްތި ކިޔާހާ އެއްޗަކަށް ނުބަލައެވެ. ސިއްތި އާއި ވާހަކަ ދައްކަން ފަށައިފިއްޔާ އެދުވަހެއް ދާނީ އެކަމަށެވެ. އަރޫމާ ބާރަށް ހިނގަމުން ދިޔައިރުވެސް އަރޫމާ އާއި އެއްވަރަށް އެކި ވާހަކަ ދައްކަމުން ސިއްތި އައެވެ. އެންމެފަހުން ސިއްތި ކިބައިން ސަލާމަތް ވެވުނީ ގޯތިތެރެއަށް ވަނުމުންނެވެ. ސިއްތި ވަންނަން ބޭނުން ނުވާތީވެ އަނބުރާލާފައި ދިޔައީއެވެ. ސިއްތި ކިބައިން މިއަދު ސަލާމަތްވީއެވެ. އަރޫމާ ބާރަށް ގޮސް ކޮޓަރިއަށް ވަނެވެ. ގޭގައި އެހެން މީހަކު އުޅޭތޯއެއް ނުބަލައެވެ. އަރޫމާ ގޮސް ކޮޓަރިއަށް ވަދެ ތަޅުލިތާ ވާނީ ދެތިން މިނިޓެވެ. ދޮރުގައި މަންމަ ޓަކިޖަހަން ފެށިއެވެ. ވަރަށް ބާރަށެވެ. އަރޫމާގެ ހިތް ބާރަށް ތެޅެން ފެށީ ދެން ވާނީ ކީއްބާއޭ ހިތަށް އެރުމުންނެވެ. އަރޫމާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއްވެސް ބިރުވެރި ކަމެއް ހިތްހަމަ ނުޖެހުމެއް މޫނުމަތިން ނުދައްކައެވެ.

"ކޮންތާކަށް ގޮސްފައި ތިއައީ" މަންމަ ފުރަތަމަ ފެށީ ސުވާލަކުންނެވެ.

"ބޭރަށް ގޮސްފައި" ވަރަށް އަދަބު އިޚްތިރާމާއި އެކީ އަރޫމާ ޖަވާބު ދެމުން ދިޔައެވެ.

"ވަގު ބިޓް ގާތަށް ދޯ. އެންމެފަހުން އަހަރެންނަށް ފެނުނީ. މީހަކު ބުނިނަމަތާ ދޮގެކޭވެސް ބުނެވޭނީ. އެކަމަކު އަހަރެންގެ ކުރިމަތީގައި އެ މަންޒަރު ފެނިގެން ދިޔައީ" ރޭގެ ވާހަކަ މަންމަ ތަކުރާރު ކުރަމުން ދިޔައެވެ.

"ތި ފެނުނު ފިލްމު ނިމެންދެން މަޑުކޮއްލާ. އެއިރުންތާ ހަގީގަތް ހާމަ ވާނީ. މަންމައަށް ތި ފެނުނީ ފިލްމުގެ މެދު ތެރެއިން" އަރޫމާ ވާހަކަ ދައްކަން ފެށީ ވަރަށް އިތުބާރާއި އެކީގައެވެ.

"ކޮން ފިލްމެކޭ ކިޔާކަށް. ދެން ތި ޑްރާމަ ނުވަތަ ފިލްމު މިގޭގައި ނުކުޅެވޭނެ" މަންމަ ބުނެލިއެވެ.

"ލައްބަ މަންމާ. އެފިލްމު ހުއްޓުވާލަދީ. ކުރިއަށް ދިޔަ ނުދީ" އަރޫމާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"އަދިވެސް އަހަރެންނަށްދޯ ތި ޖޯކް ޖަހަނީ. ތި ގެންގުޅޭ މީހާއަށް ޖޯކް ޖަހާބަލަ" މަންމަ ތުން އަނބުރާލާފައި ދިޔައެވެ.

އަރޫމާވެސް އިތުރަށް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މަންމަ ކިޔާހާ އެއްޗަކަށް އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނޫނެވެ. އެގޮތަށް ކަންތައް ކޮށްކޮށް މިހާރު އަރޫމާ ހަލާކު ވަނީއެވެ. ރަށުތެރެއަށް ބޭޒާރު ވުމުގެ ކުރިން މިކަމަށް ހައްލެއް ހޯދަން ބޭނުމެވެ. ރަށަށް މިކަން ބޭޒާރު ވެއްޖެއްޔާ ލަދު ގަންނަނާނީވެސް ހަމަ އަރޫމާއެވެ. އެންމެން އެއްޗެހި ގޮވާނީވެސް ހަމަ އަރޫމާއަށެވެ. މިހާރު ގޭތެރޭގައި އެހެން މީހުން ކުރިމަތީގައި އުޅޭކަށް އަރޫމާ ބޭނުން ނުވަނީ އެއީ އެއްވެސް އަބުރެއް ލިބިފައިވާ އަދި އަރޫމާ ގަދަރު ކުރާ ބަޔަކަށް އިސްމާއީލް ނުވާތީއެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ގޭތެރޭގެ ކަންތައް ނިންމާލާފައި އަރޫމާ އަވަސްވެގަތީ އިރު އޮއްސުމުގެ ކުރިން ކޮޓަރިއަށް ވަދެ ރައްކާތެރިކަން ހޯދުމަށެވެ. ރޭގަނޑު ގަޑީގައި ބޭރުގައި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ. ގޭތެރެއިން ނުލިބުނު ރައްކާތެރިކަމެއް ގެއިން ބޭރުން ލިބޭނީ ކިހިނެއް ހެއްޔެވެ. މަޢްރިބު ނަމާދަށް ގޮވުމާއި އެކު ވުޟޫކުރަން އަރޫމާ ވަނީ ކޮޓަރި ތަޅުލައިގެންނެވެ. ނަމަވެސް ނަމާދުކޮށް ނިމުނު ތަނާހެން މަންމަ އަށް އެއްޗެއްދޭން ކޮޓަރި ހުޅުވިއެވެ. އަދި އިޝާނަމާދު ކުރަންވެސް އަރޫމާއަށް ހަނދާން ކޮއްލަދޭން މަންމަ ކޮޓަރިއަށް އައެވެ. އިޝާނަމާދު ކޮއްލައިގެން ގުރުއާން ކިޔަވަން އިނީ ލޮލަށް ނިންޖެއް ނާންނާތީއެވެ.

"ދަރިފުޅާ މަންމަ ނިދަން މިދަނީ" މަންމަގެ އަޑު އަރޫމާއަށް އިވުނެވެ.

އެވަގުތު އަރޫމާ ދިޔައީ ކޮޓަރިތެރެ ތަރުތީބު ކުރަމުންނެވެ. ނިދުމުގެ ކުރިން ކޮޓަރިތެރެ ރީތި ކޮއްލުމަކީ އަރޫމާގެ އާދައެވެ. އަރޫމާ ސިއްސައިގެން ދިޔައީ ބާރަކަށް މީހަކު އައިސް އަރޫމާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އިތުރު ހަރަކާތެއް ކުރާނެ ވަގުތެއް އެމީހަކު ނުދިނެވެ. އެއަށްވުރެ އެމީހާ ހުޝިޔާރެވެ. އަރޫމާ ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެމީހާގެ މޫނުގައި އަޅައިފައިވާ ފޮތިގަނޑަށް ލިބުނު ފުރުސަތުގައި އަރޫމާ ދަމައިގަތެވެ. އެއީ އިސްމާއީލެވެ. އަރޫމާގެ އަނގަމަތީގައި ފޮތިގަނޑެއް އަޅައި ބާރު ކޮއްލިވަރުން އަރޫމާއަށް ރޮވުނެވެ. އަދި ލިބެމުން ދިޔަ އަނިޔާއިން ސަލާމަތް ވުމަށް ކުރެވުނު އެއްވެސް ކަމެއް ނެތް އިރު އިސްމާއީލް އަރޫމާގެ އަތާއި ފައި ބަނދެލިއެވެ. ވަރަށް ހުޝިޔާރު ކަމާއި އެކުގައެވެ. ހީވަނީ ވަރަށް ކުރިން މިކަމަށް ތަމްރީން ހަދައިފައިވާ މީހެއް ހެންނެވެ. އަރޫމާ ނަގައި އިސްމާއޯލްގެ ކޮނޑަށް ލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އަދި އަރޫމާ އެނދުން ފައިބަން މަސައްކަތް ކުރުމުން އިސްމާއީލްގެ ގާތަށް ރުޅި އައެވެ.

"އޭތް. ކަލޭ މަޑުން އޮވޭ. ކާކަށް އަޑު އިއްވަންތަ ތި އުޅެނީ. ކަލޭގެ މަންމަ އޮތީ ގަދަ ނިދީގައި" އިސްމާއީލްގެ ހަރުކަށި ބަސްތައް އިއްވަމުން ދިޔައެވެ. އަރޫމާގެ އަނގަމަތީގައި އަޅައިފައިވާ ފޮތިގަނޑު ނެއްޓުން އެއީ އަރޫމާގެ ނަސީބެވެ. އިސްމާއީލްގެ އަތުގައި ދަނޑިވަޅު ބަލާފައި ދަތް އެޅިއެވެ. އިސްމާއީލަށް ވީތަދުން އަރޫމާގެ މޫނުމަތީގައި ޖެހިއެވެ. އަދި އަރޫމާގެ ކަރުގައި ބާރަށް ހިފައި ފިތައިލިއެވެ. އެވަގުތު އަރޫމާއަށް އާހްގެ އަޑެއް ލެއްވުނީ އެހީ އަކަށް އެދިއެވެ. ނޭވާ ކުރުވެ ހާސްވިއެވެ. އެވަގުތު އެހީތެރިކަމަށް އެދި ގޮވައިލެވުނެވެ.

"މަންމާ. އަހަރެން މަރުވަނީ" އަރޫމާ އެހެން ގޮވުމާއި އެކު ހަށިގަނޑުން ބާރު ދޫވާން ފެށިއެވެ. ނަމަވެސް އިސްމާއީލް އަރޫމާގެ ކަރުގައި ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. އިސްމާއީލް ސިއްސައިގެން ދިޔައީ ކޮޓަރިތެރެއަށް ދުވެފައި ވަދެގެން އައި އަރޫމާގެ މަންމަ ޒުލޭޚާ އަޑުންނެވެ. އެމަންޒަރު ބަލާކަށް ޒުލޭޚާ އަށް ކެތެއް ނުކުރެވުނެވެ. ޒުލޭޚާ އަތުގައި އެވަގުތު ޖެހުނީ ކޮޓަރި ތެރޭގައި އޮތް ލަކުޑި ބުރިއެކެވެ. ބަލާކަށް ނުހުރެ ދުވެފައި އައިސް އިސްމާއީލްގެ ބޮލުގައި ޖެހިއެވެ. އަރޫމާގެ ހަށިގަނޑުން އިސްމާއީލްގެ އަތް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ޒުލޭޚާ ގޮސް އަރޫމާގެ ހަށިގަނޑުގައި ބައްދައިލިއެވެ. އެވަގުތު އަރޫމާގެ އެންމެ ފަހު ނޭވާ މިދުނިޔެއަށް ދޫކޮއްލީ މަންމަ ކުރިމަތީގައެވެ. ލިބުނު އަނިޔާއަށް ކެތް ނުކުރެވި މިދުނިޔެ ދޫކުރީ ކުރި އެއްވެސް އާދޭހެއްގެ އަޑު އަހާނެ މީހަކު ނެތިއެވެ. ޒުލޭޚާ ރޮމުން ކޮޅަށް ތެދުވީ އިސްމާއީލާއި ދިމާކޮއްލުމަށެވެ. ނަމަވެސް އިސްމާއިލް އޮތީ ޒުލޭޚާ އާއި ކުރިމަތިލެވޭ ހާލަތެއްގައި ނޫނެވެ. ޚަބަރު ހުސްވެފައެވެ. އަރޫމާ ގޮސް އިސްމާއީލްގެ އިސްތަށިގަނޑުގައި ހިފައި ހިއްލައިލިއެވެ. ނަމަވެސް އިސްމާއީލްގެ ހަށިގަނޑުގައި އެއްވެސް ވިންދެއް ނެތެވެ. އިސްމާއިލްވެސް މަރުވީއެވެ.

ހެނދުނު އިރުއަރައިގެން އައި ވަގުތު މުޅި ރަށުގައި އޮތީ އަރޫމާ އާއި އިސްމާއީލްގެ ވާހަކައެވެ. އަދި އެމީހުންގެ ޖަނާޒާގައިވެސް ރަށުގެ ގިނަ ބަޔަކު ބައިވެރިވިއެވެ. ހިތް ހަލާކުވެފައިވާ ޒުލޭޚާވެސް ޖަނާޒާގެ ކަންތައް ނިމެންދެން މަޑުކޮއްލީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މީހެއްގެ މަރަށް ފުލުހުން ޒުލޭޚާ ހައްޔަރު ކުރީއެވެ. އެކަމަކު ދެން ކުރާނީ ކީއްހެއްޔެވެ. އަރޫމާ ފެށުނީއްސުރެ އާދޭސް ކުރަމުން ދިޔައީ އެކަންތަކުން ސަލާމަތް ކޮއްދޭށެވެ. ނަމަވެސް އިސްމާއީލްގެ އަވައިގައި ޒުލޭޚާ ޖެހި އެ އާދޭސްތަކަށް ބީރު ކަންފަތެއް ދެވުނީއެވެ.

= ނިމުނީ =

+1
1
+1
2
+1
8
+1
0
+1
0
+1
3
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް