November 22, 2024 06:35
Advertisement

-Advertisement-

ފޮޓޯ: މުސްލިމްމެޓަރސް

ހިތުގެ ހަމަޖެހުމާއި، ހިތާމަތަކުގެ ފަރުވާއަކަށް ވަނީވެސް ﷲ އަށް ޛިކުރުކުރުން

ދިރިއުޅުމުގައި ދިމާވާ ހިތާމަތަކަށް ލުޔެއް ހޯދުމަށްޓަކައި، އެކި މީހުން ކުރަނީ އެކި ކަންތައްތަކެވެ. މިގޮތުން ބައެއް މީހުން ހިތްހަމަ ޖައްސައިލުމަށް ރަޙްމަތްތެރިއަކާއި ވާހަކަ ދައްކާލައެވެ. އަނެއްބައި މީހުން ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެއެވެ. އަދި ބައެއް މީހުން އެހެންމީހުންގެ ކިބައިން މިކަމަށް ޚިޔާލެއްހޯދައެވެ. ހައްލެއް ހޯދުމަށް މަސައްކަތްކުރެއެވެ. މިހުރިހައި ކަމެއްކުރަނީ ހިތާމައަށް ލުޔެއް ހޯދުމަށްޓަކައެވެ. ނަމަވެސް މިހުރިހައި ކަމަކުން ހަޤީޤީ ހަމަޖެހުމެއް، ހިތާމަތަކަށް ލުޔެއް ލިބިގެންދޭތޯއެވެ؟ އަދި ޙަޤީޤީ  ހިތްހަމަޖެހުން ލިބޭނެމަގާއި މެދު ވިސްނަވާ ބޭފުޅުންމަދެވެ.

އިސްލާމްދީނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މަންހަޖެވެ. ދިރިއުޅުމުގައި ދިމާވާ އުފަލަކާއި ހިތާމައެއްގައި ކަންތައްކުރަންވީ ގޮތްވަނީ މިމަންހަޖުގައި ބަޔާންކޮށް ދެއްވާފައެވެ. މިގޮތުން ޙަޔާތުގެ ކޮންމެ ވަގުތެއްގައިވެސް އެކަލާނގެ މަތިން ހަނދުމަކުރުމަށް އަންގަވައިފައިވެއެވެ. އަދި އިންސާނުންނަށް ހިތްހަމަޖެހުންވަނީ އެކަލާނގެ މަތިން ހަނދުމަކުރުމުން ކަންވެސް ވަނީ އަންގަވާފައެވެ. މާތްﷲ ވަޙީ ކުރައްވަނީ: " اَلَّذِيْنَ آمَنْواْ وَتَطْمَئِنُّ قُلُوْبُهُم بِذِكْرِالله أَلاَ بِذِكْرِ اللهِ تَطْمَئِنُّ الْقُلُوْبُ" (الرعد 28) މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދިﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމް ނޫންހެއްޔެވެ؟ " މިއާޔަތުން އެނގެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް އީމާންވެ އެކަލާނގެއާއި ހުރިހައި ކަމެއްގައިމެ ވަކީލުކުރުމުން ހިތްތަހަމަޖެހުން ލިބޭނެކަމެވެ. އެހެނީ ހިތްތަކަށް ހަމަޖެހުން ލިބެނީﷲ މަތިން ހަނދުމަ ކުރުމުން ކަމަށް ވާތީއެވެ.

ވީމާ، ހިތާމައާއި އުފަލުގެ ވަގުތުގައިވެސް ﷲ މަތިން ހަނދުމަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ތިމާއަށް ޖެހިފައިވާ މުޞީބާތަށް ލުޔެއްލިބެއެވެ. ހަމަޖެހުން ލިބެއެވެ. އަދި ދިރިއުޅުން އާރާސްތުކުރުމުގެ މަގުފަހިވެގެންދެއެވެ. ދިރުއުޅުން ބާއްޖަވެރިވެއެވެ. ﷲ އަށް ޛިކުރު ކުރުމަކީ ﷲ އާއި އެކަލާނގެ އަޅާއާއި ގާތްކޮށްދޭކަމެކެވެ. އަދި ހިތުގެ ހަމަޖެހުމާއި، ހިތާމަތަކުގެ ފަރުވާއަކަށްވަނީވެސް ﷲއަށް ޛިކުރުކުރުމެވެ. އެކަމަކީ މާތްﷲގެ ފާފަ ފުއްސެވުމާއި ރުއްސެވުންލިބޭކަމަކަށް ވާތީއެވެ. މާތްﷲ ވަޙީ ކުރައްވަނީ:"يَا أَيُّهَا الَّذِيْنَ آمَنُوا اذْكُرُوا اللهَ ذِكْرًا كَثِيْرًا وَسَبِّحُوْهُ بُكْرَةً وَأَصِيْلاً "( الأحزاب :41) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ! އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް ތަސްބީޙަކިޔައި އުޅޭށެވެ!"

Advertisement

ޛިކުރުކުރާ މީހުންނަށް ހުރި ދަރުމައާއި ޘަވާބުވެސް ވަނީ ޤުރުއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައެވެ. ޛިކުރުކުރާ މީހުންނަށް ﷲގެ ފާފަ ފުއްސެވުމާއި، ދަރުމައިން ފުރިގެންވާ ސުވަރުގެވާކަމަށް މާތްﷲގެ ވަޙީބަސްފުޅެއްގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ: "ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނާއި، އެއެންމެނަށްޓަކައި މާތްﷲގެ ފާފަ ފުއްސެވުމާއި، ބޮޑެވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." (الأحزاب 35) ވީމާ ޛިކުރުކުރުމަކީ ވަރަށް މަތިވެރިވެގެންވާ ދަރުމައާއި ޘަވާބުލިބިގެންވާ ކަމެކެވެ. އެދަރުމައާއި ޘަވާބު ހޯދުމަށްޓަކައި ތިބާގެ ދޫ ﷲއަށް ޛިކުރުކުރުމުގައި އަބަދުވެސް ތެއްކޮން ބާއްވާށެވެ.

ﷲ އަށް ޛިކުރުނުކުރާ މީހަކާއި ޛިކުރުކުރާ މީހަކާ އެއްވަރެއްނޫނެވެ. އެހެނީ ޛިކުރުކުރާ މީހަކީ ﷲގެ ރުހުމާއި، ދަރުމައާއި އަދި ޘަވާބުލިބުގެން ހިންހަމަޖެހުމުގައިވާ މީހަކަށްވާތީއެވެ. ހަމައެހެންމެ ދިރިއުޅުމުގައި ދިމާވާ ބޮޑެތި ހިތާމަތަކާއި ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވާ މީހަކަށްވާތީއެވެ. އެކަމަށް ކެތްތެރިވެ، ދިރިއުޅުން އާރާސްތުކުރުމުގެ ޤާބިލުކަންހުރި މީހަކަށްވާތީއެވެ. ނަމަވެސް ﷲ އަށް ޛިކުރުނުކުރާ މީހާއަކީ ދިރިއުޅުމުން މާޔޫސްވެ، ކަމެއްޖެހޭ ހިނދު ހިތާމަތަށް ތަހައްމަލު ނުކުރެވޭ މީހަކަށްވެއެވެ. ހަމަ އެހެންމެ އެ ހިތާމައިން ސަލާމަތްނުވެވިގެން އުޅޭ މީހަކަށްވެއެވެ. މިހެންކަމުން ރަސޫލާ ވަނީ ޛިކުރުކުރާ މީހުނާއި ނުކުރާ މީހުން ސިފަ ކުރައްވައި ބަޔާންކޮށްދެއްވާފައެވެ. މަރުވެފައިވާ މީހަކާއި ދިރިހުރިމީހެއްގެ ސިފައިގައެވެ. އަބީ މޫސަލް އަޝްއަރީގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ. قال رسول الله صلى الله عليه وسلم " مَثَلُ الَّذِىْ يَذْكُرُ رَبَّهُ وَالَّذِىْ لاَ يَذْكُرُه مَثَلُ الحْىِّ وَالْمَيِّتِ" (رواه البخاري ومسلم). މާނައީ: "މާތްﷲ އަށް ޛިކުރުކުރާ މީހަކާއި ނުކުރާ މީހެއްގެ މިޘާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިޘާލެވެ."

ވީމާ ތިބާގެ ދިރިއުޅުން ހިތްހަމަޖެހުމާއި އުފަލުގައި ހޭދަކުރުމަށްޓަކައި އުފަލާއި ހިތާމައިގެ ވަގުތުގައިވެސް އެކަލާނގެ އަށް ޛިކުރުކުމަކީ ކުރަންޖެހޭކަމެކެވެ. ދިރިއުޅުމުގެ އެހެންކަންތަކަށް މުހިންމުކަންދޭ ފަދައިން އެކަލާނގެއަށް ޛިކުރުކުރުމަށް އަހުއްމިއްޔަތުކަންދޭށެވެ. ނަމާދާއި، ޤުރުއާން ކިޔެވުމާއި، ދުޢާކުރުމާއި، ސުންނަތާއި ޤުރުއާނުންވާރިދުވެ އައިސްފައިވާ ޛިކުރުތައް ކުރުމަކީ ދިރިއުޅުމުގެ މުހިންމު ބައެއްކަމުގައި ހަދާށެވެ. މިހެންމިކަންކުރާ މީހަކަށް ދިރިއުޅުމުގައި ދިމާވާ ކޮންމެ ހިތާމައެއްގައިވެސް ސަލާމަތުގެ އައްސޭރިއަށް ދެވޭނެމަގު ފެންނާނެއެވެ. ހަމައެހެންމެ ދިމާވާ ހިތާމަތަކާއި މުޞީބާތްތަކަށް ކުރިމަތިލުމުގެ ހިތްވަރާއި ބާރު ލިބޭނެއެވެ. ދިރިއުޅުމުގެ ޙަޤީޤީ ހިތްހަމަޖެހުމާއި މަޤްޞަދު ޙާޞިލްވާނީ ހަމައެކަނި ﷲ އަށް ޛިކުރުކޮށް ވަކީލުކުރާ މީހުންނަށެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް