November 23, 2024 23:04
Advertisement

-Advertisement-

ކުރުވާހަކަ: އެނބުރި އަންނާނަމޭ

ވެހެމުން ދިޔަ ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. ޖެހެމުންދިޔަ ވައިރޯޅިތައްވެސް ހީވަނީ ބިންމަތީގައި ހުރި ގަސްތައް އުފުރާލަފާނެހެންނެވެ. މަގުމަތި ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެއްވެސް ހިސާބަކުން މީހަކު ފެންނާކަށް ނެތެވެ. މަގުގެ ދެފަރާތުގައި ހެދިފައި ހުރި ގަސްތައްވެސް ހީވަނީ ވާރެއިން ރައްކާތެރި ވާން އުޅޭހެންނެވެ. މަގުމަތީގައި ހަރުކޮއްފައި ހުރި ލައިޓުން ލިބެމުންދާ އަލިކަމެއް ފިޔަވާ އެހެން އަލިކަމެއް ފެންނާކަށް ނެތެވެ. އަހަރެން މަޑުކޮއްލައިގެން ހުރީ ރަށުގެ މެދުތެރޭގައި ހުރި ގެއެއްގެ އަސްކަނި ދަށުގައެވެ. އޮފީހުގެ މަސައްކަތް ނިމުނީ ވަރަށް ލަހުންނެވެ. އަހަރެންނަކީ އެރަށަށް ބީރައްޓެއްސެކެވެ. މިރަށަށް އައިތާ އަދި ތިންމަސް ދުވަސްވެސް ނުވާނެއެވެ. ރަށުގެ ޕޮލިސް ސްޓޭޝަނާއި ހަވާލުވެ މިރަށަށް އަންނަން ޖެހުނީއެވެ. އަދި މިރަށުގައި ހިންގާފައިވާ ތަހުގީގެއްވެސް އަހަރެންނާއި ވަނީ ހަވާލު ކޮއްފައެވެ. އެއީ މީގެ އެތައް އަހަރެއްގެ ކުރިން ފަށައި އަދި ކުރިއަށް ނުގެންދެވިފައިވާ ތަހުގީގެކެވެ. ކުޑަ ރަށެއް ނަމަވެސް ރައްޔިތުންގެ އެކުވެރިކަން ވަރަށް ބޮޑެވެ. ޚާއްސަކޮށް ބީރައްޓެހިންނަށް ވަރަށް ކަމޭ ހިތައެވެ. ރަށުގެ މަދު ބަޔަކާއި ރައްޓެހި ނަމަވެސް ގެތަކެއް ނޭނގެއެވެ. ކޮންމެހެންވެސް މާދަމާއަށް ނިންމަންޖެހޭ މަސައްކަތެއް އޮތީމަ ޕޮލިސް ސްޓޭޝަންގައި މަޑުކޮއްލީއެވެ. އަހަރެން ދިރިއުޅެމުންދާ ގެ ހުންނަނީ ރަށުގެ މެދުތެރޭގައެވެ. އެއިރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ނަމަވެސް އަހަރެން ހިނގައިގަތީ ގެއާއި ދިމާލަށެވެ. ވެހެންމުންދިޔަ ބޯ ވާރެއިން ކޮންމެވެސް ވަރަކަށް އަހަރެން ވަނީ ތެމިފައެވެ. އަހަރެން ދިރިއުޅޭ ގެ ވަނީ އަދި ތަންކޮޅެއް ދުރުގައެވެ. ވާރޭ ހުއްޓާލާތޯ ވަރަށް ގިނައިރު މަޑުކޮއްފީމެވެ. ގިނަ ގެތައް ރާނާ ޒަމާނީ ފެންވަރަށް ހަދާފައި ހުރި ނަމަވެސް މަދު ގެއެއް އަދިވެސް ދަނޑިފަނުން ހަދާފައި ހުރެއެވެ. އެއީ ކޮންމެވެސް ވަރަކަށް ފަގީރު މީހުންނެވެ. އަހަރެން އެކަނި ދާކަށް އެއްވެސް ބިރެއް ނުގަނެއެވެ. މަގުމަތިން މީހެއްގެ ހިލަމެއްވެސް ނުވާތީ އަހަރެން ހިނގަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ.

ވާރެއާއި ކުޑަކޮށް ތެމިފައި ހުރުމުން ކޮންމެވެސް ވަރަކަށް ހީކަރުވައެވެ. އެ ހަމަހިނމޭންކަން ފޫދުއްވައިލީ މުސްކުޅި އަންހެނެއް ކުކުރައިލިއަޑަށެވެ. އެއަޑު އައި ދިމާލަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އަދި އެއީ ކޮން އަޑެއްތޯ ބަލަން ޝައުގުވެރިކަން އުފެދުނެވެ. ޔަގީނުންވެސް އެއަޑުން ހީވަނީ ވަރަށް ބަލި މުސްކުޅިއެއްގެ އަޑެއް ހެންނެވެ. އަހަރެން އެއަޑު އިވުނު ދިމާލަށް މަޑުމަޑުން ހިނގައިގެންފީމެވެ. އެއަޑު އިވުނީ އެ ފަންޖިފުޓިގަނޑުންނެވެ. އަހަރެން ގޮސް އެ ގެ ކައިރީގައި މަޑުކޮއްލާފައި ވަށައިގެން ހޯދައިލީމެވެ. އަދި އެތާނގައި ހުރި ލޯވަޅަކުން ގޭތެރެ ބެލީމެވެ. މުސްކުޅި ދެމަފިރިންނެވެ. ގައިގައި އެއްވެސް ކަހަލަ ހަކަތައެއް ނެތް ކަހަލަ ގޮތަކަށް ދެމީހުން އޮށޯވެ ތިއްބެވެ. އެކަމަކު ދެމީހުން ތިބީ ދެ އެނދުގައެވެ. އެހިސާބުން އަހަރެންނަށް ކަންތަކެއް ޝައްކުވިއެވެ. އަދި ވަރަށް ހަމަޖެހިލާފައި އެތާގައި މަޑުކޮއްލީ އިތުރު މަޢުލޫމާތެއް ލިބިދާނެކަމަށް އުންމީދު ކޮއްގެންނެވެ.

"އަހަރެން އެކަނިވީ. ދެން ނުކެރޭނެ އެމީހުންނާއި ކުރިމަތިލާން. ދެން މަރުވާނީ އަހަރެންކަން ނޭނގެ" އެތަނުން މުސްކުޅި އަންހެން މީހާ ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީ އެނދުގައި އޮތް އޭނަގެ ފިރިމީހާއާއެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް އޭނާއަށް އަޑު އިވޭ ކަމަކަށް ނުވެއެވެ.

Advertisement

"އަދިވެސް އޭނާ އަންނާނެ. އަދިވެސް އަންނާނެ" އަނެއްކާވެސް އެ އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ. އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރުވެސް ގުޑާވެސް ނުލާ ފިރިމީހާ ކުރިމަތީގައި އޮތެވެ.

އިރުކޮޅަކުން މީހެއްގެ ހިލަމެއް ވާތީ އަހަރެން އެތާ ކައިރީގައި ހުރި ގަސްތަކުގެ ތެރެއަށް ވަނީމެވެ. އެ ވިއްސާރައިގައި ވެސް އަހަރެން ބޭނުންވީ އެ ފެނުނު މަންޒަރުގެ ހަގީގަތް ހޯދާށެވެ. ތެމިފޯވެގެން ގަސްތަކުތެރޭގައި އިންދާ ކޮންމެވެސް މީހަކު އެގޭތެރެއަށް ވަނެވެ. އަދި އެމީހާ ވަނުމާއި އެކު އަހަރެން ތެދުވެގެން ގޮސް ކުރިންވެސް މަޑުކޮއްލައިގެން ހުރި ދިމާލުގައި މަޑުކޮއްލީމެވެ.

"އެއޮތީ މަރާލާފައި. ދެންވެސް އަނގަމަޑުންލައިގެން ހުންނަން ދަސްކުރާތި. މުސްކުޅިވެ މަރުވުމުގެ ކުރިން އަހަރެންގެ އަތުން މަރުނުވާތި" އެ މުސްކުޅި އަންހެންމީހާ އާއި ދިމާލަށް އެގެއަށް ވަންމީހާ އިންޒާރު ދެމުން ދިޔައެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަދި އަހަރެންގެ އަތުގައި އޮތް ފޯނުން ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ހުރި ކުއްޖާއަށް މެސެޖް ކޮށް އެވާހަކަ ބުނެލީމެވެ. އަދި ވަގުތުން މި ގެ ކައިރިއަށް ތައްޔާރު ވެގެން އައުމަށް އެދުނީމެވެ. އެމީހުން އަންނަން ނެގީ ފަސްވަރަކަށް މިނިޓެވެ. އެމީހުން އައީވެސް ވަރަށް ތައްޔާރުވެގެންނެވެ. އަހަރެން އެކި މީހުންނަށް އެކި މަސައްކަތް ހަވާލު ކުރީމެވެ. އަދި އަހަރެމެންގެ މަސައްކަތް ވަގުތުން ފެށީމެވެ.

"އަހަރެމެން މިކަންތައް ކުރާކަން އެއްވެސް މީހަކަށް މާމަ އަންގައިގެން ނުވާނެ. އަދި މާބޮޑަށް އަނގަ ގަދަވީމަ ބޭބެވެސް މަރުވީ" އެމީހާގެ ވާހަކައިން އެ މުސްކުޅި ދެމަފިރިންނަކީ އެމީހާ އާއި އާއިލީ ގުޅުން އޮތް ބައެއްކަން އެނގުނެވެ. އެ މުސްކުޅި ފިރިހެން މީހާ މަރާލައިފީމޭ ބުނުމުން ދެން އަހަރެން އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ވަގުތުން އަހަރެން ގޮސް ދޮރުފަތުގައި ފައިން ޖެހުމާއި އެކު ދޮރުފަތް ބިންމައްޗަށް ވެއްޓުނެވެ. އަދި އެ ޒުވާނާ އެގެއިން ނިކުމެގެން ދުއްވައިގަންނަން ކުރި މަސައްކަތް ނާކާމިޔާބު ކޮއްލީ އަހަރެންގެ މުވައްޒަފުންގެ ހުޝިޔާރު ކަމުންނެވެ. އަހަރެން ފުރަތަމަވެސް ގޮސް މަޑުކޮއްލީ އެ މުސްކުޅި ފިރިހެން މީހާގެ ގާތުގައެވެ. ތެދެކެވެ. އޭނާގެ ފުރާނައެއް ނެތެވެ. އަހަރެން ބޭނުންވީ ރަށުގެ މީހުންނަށް މިކަން ސިއްރު ކުރާށެވެ. މިކަމުގެ ހަގީގަތް ހޯދެންދެނެވެ. އަދި އެގޭތެރެއިން ހައްޔަރު ކުރި ޒުވާނާ ގެންގޮސް ބަންދު ކުރީމެވެ.

ހެނދުނު އިރު އެރިއިރު ރަށުތެރޭގައި އޮތީ އެމީހާގެ މަރުގެ ވާހަކައެވެ. ނަސީބު އަތުގައި ހިފީ ރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި އެމީހާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ގަބޫލު ކުރުމުންނެވެ. އަދި އެރަށަކީ ދުވަހަކުވެސް އެކަހަލަ ބަޔަކު އުޅޭ ރަށެއް ނޫނެވެ. އަދި އެމީހުންނަކީ ދުވަހަކުވެސް މީހަކަށް އެއްވެސް އުނދަގުލެއް ނުކޮށް ދިރިއުޅެމުން އަންނަ ބަޔަކަށް ވުމުން މިކަހަލަ ކަމެއް ހިނގައިފާނެ ކަމަށް ރަށުގެ މީހުން ގަބޫލެއް ނުކުރެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ހުރި ކަމެއްވެސް އެއްވެސް މީހަކަށް ނޭނގެއެވެ. ކަށުކަމާކެމީގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށެވެ. އަބަދުވެސް އަހަރެން މަސައްކަތް ކުރަން ޖެހިފައި އޮތީ މިމަރުގެ ހަގީގަތް ފޮރުވާށެވެ. އަހަރެންގެ ތަހުގީގަށް ހުރަސް އެޅިދާނެތީއެވެ. އަދި މިރަށުގެ ޕޮލިސް ސްޓޭޝަންގައި މިރަށުގެ އެއްވެސް ކުއްޖެއް މަސައްކަތެއްވެސް ނުކުރެއެވެ. ވީހާވެސް ބާރަށް އެތަހުގީގު ކުރިއަށް ގެންގޮސް ނިންމަން އަހަރެން ބޭނުމެވެ. ތަހުގީގުން ވަރަށް ގިނަ ކަންތައް އެނގޭނެކަމަށް އަހަރެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވުނެވެ.

އަހަރެންނަކީ ކިތަންމެ ބުރަކޮށް މަސައްކަތް ކުރިޔަސް އާއިލާއަށް ވަރަށް ވަގުތު ދޭ މީހެކެވެ. އެކަން އަހަރެންގެ އަނބީމީހާވެސް ހިތުގެ އަޑިން ގަބޫލު ކުރެއެވެ. ދެމީހުން ކައިވެންޏަށް ދަރިއެއް ލިބިފައި ނެތުމުން އަހަރެމެން ބޭނުންވީ ވަޒީފާއަށް ގޮސް ފައިސާ ހޯދުމެވެ. އަހަރެންގެ އަނބިމީހާ އަކީ ވަރަށް ތަނަވަސް އާއިލާއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކައިވެންޏަށްފަހު ވަޒީފާއިން ވަކިވާން އަހަރެން އެދުމުން އެކަމަށް އޭނާ ދެކޮޅު ހެދިއެވެ. އަހަރެންގެ ލޯބިވާ އަނބިމީހާ ބޭނުންވަނީ އަހަރެން ވަޒީފާއިން ވަކިވާށެވެ. ސަބަބަކީ އޭނާއަށް ދިރިއުޅުމަށް ބޭނުންވާ ވަރަށް ފައިސާ ލިބޭތީއެވެ. އަދި އަހަރެންނަކީ ޕޮލިހަކަށް ވާތީ ގިނަ ރަށްރަށަށް ދަތުރު ކުރަން ޖެހޭތީ ގޭގައި އެކަނި އޮންނަން ބޭނުން ނުވާ ކަމަށް ބުނެ ވަޒީފާއިން ވަކިވާން ބޭނުން ނުވީއެވެ. އެކަން އަހަރެން ގަބޫލު ކުރީމެވެ. އަބަދުވެސް އަހަރެން އުޅެނީ ކޮންމެވެސް ދިމާލެއްގައި ތަހުގީގު ޓީމަކާއި އެކީގައެވެ. އަހަރެން މިފަހަރު ނޫނިއްޔާ ހުރިހާ ފަހަރެއްގައި ވެސް ދާ ރަށެއް ބުނަމެވެ. ނަމަވެސް މިފަހަރު ސަޕްރައިޒް ކުރަން ނުބުނީއެވެ. އެކަމަކު އަބަދުވެސް އަހަރެންގެ ހާލު ބަލައެވެ. ނަމަވެސް އުޅެނީ ކޮން ރަށެއްގައިތޯ ނާހަނީ ކުރާ އިތުބާރެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. އަހަރެންގެ ވަޒީފާއަށް އަހަރެންގެ ލޯބިވާ އަނބިމީހާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.

ހައްޔަރު ކުރިމީހާގެ ފަރާތުން ވަރަށް ގިނަ މަޢުލޫމާތު ލިބެމުން ދިޔައެވެ. މަސްތުވާ ތަކެތީގެ ވިޔަފާރީގެ ވާހަކައެވެ. އަދި އެކަމުގައި އުޅެމުންދަނީ ސީދާ އެރަށުގެ މީހުން ކަމަށް ބުނަމުން ދިޔަ ނަމަވެސް ތަހުގީގު އިތުރަށް ކުރިއަށްދާ ވަރަކަށް އޭނާ ހަދަނީ ދޮގުކަން ހާމަވަމުން ދިޔައެވެ. އަދި އެމަންޒަރު އޭނާ ލައްވާ ކުޅުވައި އެ މުސްކުޅި މީހާ މަރައިލިކަމަށް އެއްބަސްވެސް ވިއެވެ. ސަބަކަކީ ފައިސާގެ މައްސަލައެއްގައެވެ. އެމީހުންގެ ފައިސާ ރައްކާ ކުރަނީ އެގޭތެރޭގައެވެ. އަދި އެކި ރަށްރަށަށް މަސްތުވާ ތަކެތި ފޮނުވުމުގެ ކަންތައްވެސް ކުރަނީ ހަމަ އެގޭގައެވެ.

ބޮޑު ތަހުގީގެއް ކުރިއަށް ދިޔައިރު އަހަރެން އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި މަސައްކަތާއިގެން ކުރިއަށް ދިޔައީ އެއީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމަކަށް ވާތީއެވެ. މަސައްކަތް ނިންމާލާފައި އަހަރެން އަންހެނުންނަށް ގުޅައިލީ ނިދުމުގެ ކުރިން އެއަޑު އަހައިލުމުގެ ބޭނުމުގައެވެ. އެއަޑުގައި ހުރި ލޯބި ކަމުން އަހަރެން ހިތް ފުރިއެރިއެވެ. އަދި ގުޑްނައިޓް ކިޔައި ދެމީހުންވެސް ފޯނު ބޭއްވީމެވެ. އަހަރެންނަށް ލޯމަރައިލެވުމާއި އެކު ޕޮލިސް ސްޓޭޝަނުން ފޯނު ކުރިއެވެ. މިރޭ މިރަށަށް ބަޔަކު އަންނަން އުޅޭ ވާހަކަ އިންޓަލްއިން މަޢުލޫމާތު ލިބިފައި ވާކަމަށެވެ. އަހަރެން ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އެ އޮޕަރޭޝަނަށް ތައްޔާރު ވީމެވެ. އެމީހުން އެރަށަށް ފައިބާ ހިސާބުން އެމީހުންނަށް ފާރަލާން ވަކި ބަޔަކު ހަމަޖެއްސީމެވެ. އަހަރެން މަޑުކޮއްލީ އެއްކަލަ މުސްކުޅި މާމަ ގެ ކައިރީގައެވެ. އަހަރެން އެތާ ހުއްޓާ އެއްވެސް ޖެހިލުމެއް ނެތި އެގޭތެރެއަށް ވަދެގެން ދިޔައީ ޒުވާން އުމުރު ފުރައިގެ މީހެކެވެ. ވިއްސާރަ ކޯޓެއް ލައިގެން ހުރުމުން އެއީ ކާކު ކަމެއް ނޭނގުނެވެ. އެމީހާ އެގެއަށް ވަނުމާއި އެކު ވަގުތުން އަހަރެމެން އެގެއަށް ވަނީމެވެ. އަދި އެމީހާ ހައްޔަރު ކުރަން މަސައްކަތް ކުރީމެވެ. އެމީހާގެ އަތުގައި ހިފެހެއްޓުމަށްފަހު އަތުގައި ބިޑިއަޅުވަން އުޅެނިކޮށް ވިއްސާރަ ކޯޓްގެ ބޮލުގައި އަޅުވައިފައިވާ ބައި ބޮލުން ވެއްޓުނެވެ. ބިންގަނޑު ހީވީ އަހަރެންގެ ފައި ދަށުން ދެމިގެންހެންނެވެ. އަހަރެންގެ ކުރިމަތީގައި ހުރީ އަހަރެން އެންމެ އިތުބާރު ކުރި އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އަހަރެންނަށް ގަބޫލު ކުރަންވެސް އުނދަގޫވިއެވެ. ނަމަވެސް ހައްޔަރު ކުރުމަށްފަހު ސްޓޭޝަނަށް ގެންދިޔައީ ހިތްވަރު ކޮއްލާފައެވެ. އަދި އަހަރެންގެ މުވައްޒަފުންނަށް އެއީ އަހަރެންގެ އަނބިމީހާކަމަށް ބުނީމެވެ.

"ސަރ. ވައިފް ދޫކޮއްލަންވީތޯ" ޕޮލިހުން އެސުވާލު ކުރުމުން އަހަރެންގެ އަނބިމީހާއަށް ވިޔަސް ހައްގު އަދަބު ދޭން ޖެހޭނެކަމަށް ބުނީމެވެ.

"އަކްރަމް އަހަރެންނަށް މަޢާފް ކޮއްދީ. ދެން މިހެން ނޫޅޭނަން. އަހަރެންނަށް އަކްރަމަށް އޮޅުވައިލެވުނީ ފައިސާގެ ދަހިވެތި ކަމުގައި. ނަމަވެސް ދުވަހަކުވެސް އަހަރެން މަސްތުވާ ތަކެތި ބޭނުމެއް ނުކުރަން. އަދި މީހަކަށް ގެއްލުމެއްވެސް ނުދެން. އަހަރެން ކުރާހާވެސް ކަމަކީ ވިޔަފާރި ކުރުން. އަކްރަމް ތި ތަހުގީގުގައި އުޅޭކަމެއް އަހަރެންނަކަށް ނޭނގި މިރަށަށް މިއާދެވުނީ. އަދި މިރޭ ރަށަށް ދާން ހަމަޖައްސާފައި އޮތީވެސް" އަހަރެންގެ އަނބިމީހާ ރޯމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ނަމަވެސް އެތަހުގީގު ފުރިހަމަ ކުރަން އަހަރެންގެ އަނބިމީހާވެސް ބޭނުން ވެއެވެ.

މައްސަލަ ކޯޓަށް ފޮނުވާ އަހަރެންގެ އަނބިމީހާ ޖަލަށްލާން ހުކުމް ކުރީއެވެ. އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔައީވެސް އަހަރެންގެ ކުރިމަތީގައެވެ. ނަމަވެސް އަހަރެންގެ ވަޒީފާގެ ފައިދާ ނަގައިގެން ކަންތައް ކުރާކަށް ބޭނުން ނުވާތީ ޖަލަށް ފޮނުވައިލީއެވެ. ލޯންޗުގައި އިން އިރުވެސް އަހަރެންނަށް ހަނަ އަޅަމުން ދިޔައީ ލޯތްބާއި އެކުގައެވެ.

"އަހަރެން އިސްލާހުވެގެން އަދި އަންނާނަން. އަހަރެން ދޫކޮއްނުލާ އިންތިޒާރު ކުރައްޗޭ" ލޯންޗު ނައްޓައިލުމާއި އެކު އޭނާ ބާރަކަށް ބުނެލިއެވެ. އަހަރެން އެކަމަށް އެއްބެސްވީ ކުށް ކުރެވޭނީ އިންސާނުންނަށް ކަމަށް ވާތީއެވެ. އަހަރެން މިހުރީ އޭނާގެ އިންތިޒާރުގައެވެ. ލޯތްބާއިއެކު އާ ހަޔާތެއް ފެށުމަށެވެ.

= ނިމުނީ =

+1
1
+1
1
+1
5
+1
1
+1
4
+1
4
+1
0

Advertisement

ގުޅުންހުރި ލިޔުންތައް