ބަލި މީހުންނަށް އެހީވާން ބޭނުންވެއެވެ. އެހެން މީހުންވެސް އެހީވާ ފަދައަކުންނެވެ. ބަލި މީހުންނަށް ލޭގެ އެހީތެރިކަންވެސް ޝަރުވާން ދެމުން ދިޔައީ ވަރަށް އުފަލުން އަދި ކުރާ ހިތުންނެވެ. ނަމަވެސް އެއީ ޝަރުވާން އެންމެ ބިރުގަންނަ ކަންތައް ކަން އެއްވެސް މީހަކަށް ނޭނގެއެވެ. އަދި އެކަން އެހެން މީހަކަށް އެނގެންވެސް ބޭނުން ނުވަނީ އެހެން މީހުންގެ ވާހަކަތަކުން އޭނާ ދެމުންދާ ޚިދުމަތަށް ބުރުލެއް އަރައިފާނެތީއެވެ. ނަމަވެސް އެއީ ކިހާ ފަސޭހަ ކަމެއް ހެއްޔެވެ. ލޯމަރައިގެން އިންދާ ލޭނަގައި ނިމެއެވެ. ތަދެއްވެސް ވަނީ ހަމައެކަނި ކަށި ހަރައިލާ ވަގުތުގައެވެ. ނަމަވެސް އެންމެންވެސް ކިޔަނީ ޝަރުވާނަކީ ވަރަށް ކެރޭ ހިތްވަރު ގަދަ ކުއްޖެއް ކަމަށެވެ. ކުރަން ނުކެރޭ ކަމެއް ނުއޮންނާނެއެވެ. ކައްކަން ވިޔަސް އަދި އަންހެންވެރިން ކުރާ މަސައްކަތެއް ވިޔަސް ހެވެވެ. ޝަރުވާންގެ މަންމަ އަބަދުވެސް ބުނާ އެއްޗެއް އޮވެއެވެ. ޝަރުވާންގެ އަނބިމީހާއަށް ދިރިއުޅެން ހާދަހާ ފަސޭހަ ވާނެތާއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. ޝަރުވާން ވަރަށް ކުޑައިރު ބައްޕަ ނިޔާވުމުން ޝަރުވާންގެ ހުރިހާ ކަމެއް ކޮއްލަދެނީ މަންމައެވެ. ޝަރުވާނަށްޓަކައި މަންމަ އަދިވެސް އެހެން މީހަކާއި ނީނދެއެވެ. އަދި އިންނާކަށް ބޭނުމެއްވެސް ނުވެއެވެ. ސަބަބަކީ ޝަރުވާނަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. ކިތަންމެ ނިކަމެތި ހާލުގައި އުޅެންޖެހުނަސް ހެޔޮކަމަށް ބަލައިގެންނެވެ. ގޭގެއަށް ގޮސް އެކި މަސައްކަތް ކުރީ ޝަރުވާނަށް ރަނގަޅު ތަޢުލީމެއް ހޯދައިދޭން ފައިސާ ހޯދުމަށެވެ. އެހެން ވުމާއި އެކު ޝަރުވާންވެސް އުޅެބޮޑުވީ ވަރަށް ބުރަކޮށް މަސައްކަތް ކޮއްގެންނެވެ. އެހެން ކުދިންނާއި ޚިލާފަށް ޝަރުވާނަކީ ވަރަށް މުރާލި އަދި މަންމަގެ ބަސްއަހާ ރަނގަޅު ކުއްޖެކެވެ. ބައެއް ރޭރޭ މަންމައަށް ކައްކައިދިނުމަކީ ޝަރުވާން ވަރަށް ކުރާހިތުން ކުރަމުންދާ ކަމެކެވެ. ގޯތިތެރޭގައި ހައްދާފައިވާ ގިނަ ގަސްތަކަކީ ކެއްކުމަށް ބޭނުންކުރާ ގަސްތަކެވެ. ހިކަނދިފަތާއި، ރާނބާފަތް އެހެން ކިޔާނެކަމެއް ނެތެވެ. ނަން ހުސްކޮށެވެ. އެގަސްތަކުން ފަތް ކަނޑައިގެންވެސް ބައެއް ރޭރޭ މަންމައަށް ކޮންމެވެސް އެއްޗެއް ހަދައިދެއެވެ. އެކަމާއި ޝަރުވާންގެ މަންމަ ހުންނަނީ ވަރަށް ބިރުންނެވެ. ރޭގަނޑު އަނދިރީގައި ގަސްތަކުގައި އަތްލުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އަޑުއިވިފައި އޮންނާތީ ޝަރުވާންގެ މަންމަ ހުންނަނީ އަބަދުވެސް ވަރަށް ބިރުންނެވެ. ޝަރުވާން ގަބޫލުކުރާ ގޮތުގައި އެއީ ބޯދާ ވާހަކައެވެ. ޖިންނި އަވަލާނީ އެމީހުންނަށް އުނދަގޫ ކުރީމައެވެ. ގަހަކުން ފަތެއް އަދި މަލެއް ބިނދެލިޔަސް އެއީ ޖިންނި އަވަލާ ކަމެއްހެއްޔެވެ. ޖިންނިންނަކީވެސް އިންސާނުންގެ ގޮތަށް ދުނިޔޭގައި އުޅެންޖެހޭ ބައެކެވެ. ގަހަކުން ފަތެއް ބިނަކަސް އެއީ އަދި ޖިންނީންނާއި ބެހޭ ކަމެއް ނޫންތާއެވެ. ދުނިޔޭގައި އުޅެން ޖެހެނީ ވަކި އިންސާނުން އެކަންޏެއް ނޫނެވެ. ޝަރުވާން އެކަމަކާއި އެއްގޮތަކަށްވެސް އަޅައެއް ނުލައެވެ. އެބުނާ ކަމެއް ވާނޭ ނަމަ މިހާރު ހުންނާނީ ވެފައިތާއެވެ. ކުޑައިރުއްސުރެން މިއުޅެނީ އެގަސްތަކުގެ ތެރޭގައެވެ.
ގަސް ހެއްދުމަކީ ޝަރުވާން ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. އެކަން މުޅި ގޯތިތެރެއަށް ބަލައިލީމަ ވެސް ފެންނާނެއެވެ. ކޮންމެ ދުވަހަކު ގަހަށް ފެންދީ ރަނގަޅަށް ބަލަހައްޓައެވެ. އެއިން ގަހަކަށް ކަމެއް ވޭތޯ އަބަދުވެސް ގަސްތަކުގެ ތެރޭގައި އުޅޭތީ މަންމައަށް އުނދަގޫވެގެންވެސް އުޅެއެވެ. ނަމަވެސް އެއީ ޝަރުވާން ވަރަށް ކުރާހިތުން ކުރާ ކަމަކަށް ވާތީ މަންމަ އެކަންތަކާއި އެހާ ބޮޑަކަށް ނުބެހެއެވެ. އަދި ހަވީރުގެ ވަގުތަކީ މުޅި ގޯތިތެރޭގައި މީރުވަސް ދުއްވާލައިފައި އޮންނަ ގަޑިއެކެވެ.
ސްކޫލް ނިމުނީއެވެ. ނަމަވެސް ޝަރުވާން އަދިވެސް ވަޒީފާއަކަށް ދާކަށް ބޭނުން ނުވަނީއެވެ. މަންމަ ސުވާލެއް ކޮއްލާއިރަށް ރަނގަޅު ވަޒީފާއެއް ލިބުނީމަ ދާނަމޭ ކިޔާފައި އެވާހަކަ ހުއްޓުވާލަނީއެވެ. ނަމަވެސް ޝަރުވާންގެ މަންމަ އުމުރުން ދުވަސްވެފައިވާތީ ޝަރުވާންގެ އެހީތެރިކަންވެސް ނުލާހިކު ބޭނުންވެއެވެ. ޝަރުވާން ވަޒީފާއަށް ގޮސްގެން ނޫނިއްޔާ މަންމަކަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ.
"ދަރިފުޅާ. ކީއްވެ ވަޒީފާއަކަށް ނުދަނީ. ކޮންމެވެސް ތާކަށް ދިޔައީމަ ދޯ ފައިސާ ފޮއްޗެއްވެސް ލިބޭނީ. މަންމައަށް އަބަދަކު މިހެން ނޫޅެވޭނެއެއްނު" ޝަރުވާންގެ ގާތުގައި މަންމަ ވަރަށް ދެރަވެލާފައި ބުނެލިއެވެ.
"ގަސް ހައްދައިގެންވެސް ފައިސާ ލިބެއޭ މަންމާ" ޝަރުވާން ހީވަނީ ޅަކުއްޖެއް ހެންނެވެ. އަދިވެސް ސިކުނޑި ބޮޑު ނުވަނީއެވެ.
"ދެން ކިހިނެއް މީހަކާއި އިންނާނީ. ފައިސާ ނެތިއްޔާ އިންނާނެ މީހަކުވެސް ނުވާނެ" މަންމަ އަނެއްކާވެސް ޝަރުވާނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
"މަންމާ. އަދި އަހަރެން މީހަކާއި އިންނާކަށް ނުވޭ. އަދި އަވަސް. އަހަރެން ބިރުގަނޭ އަހަރެން އިންނަ މީހަކު މަންމައަށް ގޯސްވެދާނެތީ. އަހަރެންނަށް މަންމަގެ ކަންތައް ބެލެހެއްޓޭނެ އަދި ބަލަހައްޓާނަން" ޝަރުވާންގެ ހިތަށް އަސަރު ކުރިއެވެ. އަދި ގޮސް މަންމަގެ ގައިގައި ބައްދައިލިއެވެ.
ތެދެކެވެ. ޝަރުވާނަކީ މަންމަ ދެކެ ވަރަށް ލޯބިވާ ބަސްއަހާ ރަނގަޅު ކުއްޖެކެވެ. މަންމައަށް ކައްކާފައި ކާން ދިނުމާއި ދޮވެ އިސްތިރި ވެސް ކޮއްލަދެނީ އުފަލުންނެވެ. ދުވަހަކުވެސް ބުރަ މޫނެއްވެސް ނުދައްކައެވެ. އެކަހަލަ ދަރިއެއް ދެއްވީތީ މަންމަ އަބަދުވެސް ޝުކުރުވެރިވެއެވެ. އަދި މަންމަ އެންމެ އުފާވަނީ ޝަރުވާނަކީ ބަރާބަރަށް ނަމާދު ކުރާ ކުއްޖަކަށް ވާތީއެވެ. ބައްޕަ ނެތަސް އެކަންތައް ޝަރުވާންގެ ގައިގައި ވަނީ ހަރުލައިފައެވެ.
ރަށު އޮފީހުން ކުރި އިޢުލާނަކަށް ޝަރުވާން ކުރިމަތިލީ މަންމަގެ އެދުމަކަށެވެ. ކޮންމެހެން ވަޒީފާއަކަށް ދާކަށް ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް އެ ވަޒީފާގައި ގިނަ ދުވަސްވާ ވަރަކަށް ޝަރުވާންގެ ޝަޢުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ސަބަބަކީ އެވަޒީފާއަކީ ޝަރުވާން އެންމެ ބޭނުންވާ ކަހަލަ ވަޒީފާއަކަށް ވުމެވެ. ގަސްތަކާއި ބޭހޭ މަސައްކަތެވެ. މުޅި ރަށުގެ ތިމާވެށީގެ ކަންތައް ބަލަހައްޓަން ޖެހެނީ ޝަރުވާނަށެވެ. އެކަމުގެ ތެރޭގައި އުޅެން ފެށުމުން ކުރިން ނޭނގޭ ވަރަށް ގިނަ ކަންތައް ދަނީ ދަސްވަމުންނެވެ. ހުރިހާ ކަމަކީ ފައިސާއެއް ނޫނެވެ. ނަމަވެސް މިހާރު ފައިސާ ލިބެމުން ޝަރުވާން ބޭނުންވާ ދާއިރާއިން ކުރިއަށް ދެވެއެވެ. މުޅި ރަށުތެރޭގައި ހުންނަ ހުރިހާ ގަހެއް ކަނޑައި މަގުތައް ސާފުކޮށް ކަންތައް ކުރަނީ ޝަރުވާން އިސްކޮށް ހުރެގެންނެވެ. ކުރިން ރަށުގެ އުތުރު ކޮޅުގައި ހުންނަ ބޯ ޖަންގަލި މިހާރު ވަނީ ސާފުކޮށް މީހުންނަށް އެތާ މަޑުކޮއްލައިގެން ތިބެވޭނެ ގޮތަށް ޖޯލިފަތި ހަދާ އުނދޯލި އެލުވައި ދީފައެވެ. މިހާރު ކޮންމެ ދުވަހަކުވެސް ހަވީރު ގަޑިއަކީ އެސަރައްދުން ރަށުގެ ކުދިބޮޑު އެންމެ ފެންނާނެ ސަރަހައްދެކެވެ. ކުރިން އެހިސާބަށް ބިރުންވެސް މީހަކު ނުދާނެއެވެ. އެއީ ކުރިން ބޯޖަންގައްޔެކެވެ. އެވަޒީފާ އާއި ޝަރުވާން ހަވާލުވި ފަހުން ރަށުގެ ރައްޔިތުންވެސް ރަށަށް އަންނަ ބަދަލުގެ ވާހަކަ ދައްކާ ޝަރުވާންގެ ހިތްވަރަށް ސާބަސް ދެމުން ދެއެވެ. ޝަރުވާންގެ މަސައްކަތް ރަނގަޅުކަމުން ވަރަށް އަވަހަށް ވަޒީފާގެ ކުރިއެރުންވެސް ލިބުނެވެ. ނަމަވެސް އެކަންވީ ބައެއް މީހުންނަށް ބަލައިގަންނަން އުނދަގޫވި ކަމަކަށެވެ. މަގުމަތިން ދިމާ ކުރުމާއި ޖެއްސުން ކުރުންތައް ކުރިމަތިވިޔަސް އެކަމާއި ޝަރުވާން އަޅައި ނުލައެވެ. އެއީ އެންމެ ފަސޭހަ ގޮތެވެ. އެކަހަލަ ކަންތަކަށް ރައްދު ދިނުމަކީ އެމީހުންނަށް ދެވޭ ހިތްވަރެއްކަން ޝަރުވާން ގަބޫލު ކުރެވެއެވެ. މީގެ ކުރިންވެސް އެކަހަލަ ކަންތަކާއި ދިމާވެއެވެ. ނަމަވެސް މިހާ ބޮޑަކަށް މި ދިމާވީ މިފަހަރުއެވެ. ނަމަވެސް ޝަރުވާނަކީ ހިތްވަރު ދެރަ ކޮއްލާ މީހަކަށް ނުވާތީ އިތުރަށް ހިތްވަރު ކުރިއެވެ.
ހަވީރުގެ ފަހެއް ޖެހި ވަގުތެވެ. ޝަރުވާން އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ކައިރީގައި މަންމަ ހަނޑޫ ހޮވަން އިނެވެ. ދޭތެރެއަކުން ޖޯލިފަތިން ތެދުވެގެން ގޮސް ގަސްތަކުގެ ތެރޭގައި އުޅެފައި އަނެއްކާވެސް އެނބުރި މަންމަގެ ގާތަށް އައިސް އިށީދެއެވެ. އެމަންޒަރު ބަލަން މަންމަ އިންނަނީ ހިނި އައިސްފައެވެ.
"ދަރިފުޅާ ދެން ދަރިފުޅު ކުރަންވީ ކަމަކީ މީހަކާއި އިނުން. މަންމަ މިހާރުވެސް ވަރަށް ބަލި. މަންމަ ބޭނުން މާމައަކަށް ވާން" ޝަރުވާންގެ މަންމަ ބުނެލިއެވެ.
"އާނ ދޯ. ތިކަމާއިވެސް އުޅެންވީ. މަންމައަށް އެހީތެރިވެވޭނީވެސް އެއިރުންތާދޯ މަންމާ" ޝަރުވާން މިފަހަރު މަންމަގެ ބަހަށް އެއްބަސްވިއެވެ.
"މިހެން އުޅޭއިރު ރަނގަޅު ކުއްޖަކު ނުވެސް ފެނެޔޭ މަންމާ. މުޅިންވެސް ތިބެނީ ފޫކޮޅަށް ބާރު ޖީންސް ލާފައި ތިބޭ ކުދިން" ޝަރުވާންގެ ޚިޔާލު މަންމައަށް ކިޔައި ދިނެވެ. ތެދެކެވެ. އަބަދުވެސް ޝަރުވާން އެވާހަކަ ދައްކައެވެ. ޝަރުވާން ބޭނުންވަނީ ގަޔަށް ދޫކޮށް ހުންނަ ހެދުންލާ ކުދިންނެވެ.
"ދަރިފުޅު ތިއީ ހަމަ ދަރިފުޅުގެ ބައްޕަ. އެއްވެސް ތަފާތެއް ނެތް. ވާހަކަ ދެއްކުމާއި އުޅުމާއި އަޚްލާގު ތިއީ ހަމަ ބައްޕަ" ޝަރުވާންގެ މަންމަގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދައިލިއެވެ. ބައްޕަގެ ހަނދާން މާބޮޑަށް އާވީއެވެ.
އެއީ މާޒީއެވެ. ނަމަވެސް އެހަނދާންތައް އަބަދުވެސް މަންމަގެ ހިތުގައި އާވެއާލަވަމުން ދެއެވެ. އަދި ކުރިމަތީ އުޅެމުންދާ ޝަރުވާންގެ ދިރިއުޅުމުގައި އެ ހުރިހާ ކަމެއް ހިމެނިގެން ދެއެވެ. ޝަރުވާންގެ މަންމަ އާއި ބައްޕަ އުޅުނީ ވަރަށް ލޯބިންނެވެ. ދެމީހުންނަކީ ދުވަހަކުވެސް ދުރުވި ބައެއް ނޫނެވެ. ދެމީހުން އަބަދުވެސް އުޅުނީ އެކީގައެވެ. އެކަކަށް އަނެކަކު ނުފެނި ފަޅި ސިކުންތެއްވެސް ހޭދައެއް ނުކުރެވެއެވެ. އެހާ ލޯބިން އުޅެނިކޮށް ބައްޕައަށް ކެންސަރު ޖެހުނީއެވެ. ކެންސަރު ބަލީގައި އުޅުނުއިރުވެސް ޝަރުވާންގެ މަންމައަށް ދޭންޖެހޭ ލޯބި ދިޔައީ ދެމުންނެވެ. އަދި ދެމީހުންނަކީ ދުވަހަކުވެސް ޒުވާބުކޮށް އުޅުނު ބައެއް ނޫނެވެ. އެކަކު އަނެކަކަށް ދޫދީގެން ގޮތް ދޫކޮއްގެން އުޅުނު ދެމަފރިންނެވެ. އަދި އެބަލީގައި މާކަ ގިނަ ދުވަހަކު ދުނިޔޭގައި ހުރެވޭ ގޮތެއް ނުވިއެވެ. މި ފަނާވަނިވި ދުނިޔެ ދޫކޮއް ދިޔައިރު ޝަރުވާން ވަރަށް ކުޑައެވެ. ބައްޕަ ނިޔާވުމާއި އެކު ޝަރުވާންގެ މަންމައަށް ކުރިމަތިވީ ވަރަށް އުނދަގޫ ހާލަތެކެވެ. އެކަނިމާ އެކަނި ހުރިހާ ކަމެއް ކުރަން ޖެހުމުގެ އިތުރަށް ކުޑަ ކުއްޖަކު ގޮވައިގެން ހުރިހާ މަސައްކަތެއް ކުރަން ޖެހުނީއެވެ. އެއީ ދުނިޔޭގެ ގާނޫނެވެ. އެހިސާބުން މަންމަ މަސައްކަތް ފެށީ ދަރިފުޅަކީ ރަނގަޅު ކުއްޖަކަށް ހެދުމަށެވެ.
= ނުނިމޭ =