November 23, 2024 11:50
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ދެވަނަބައި)

ޝަރުވާން ރަނގަޅު ކުއްޖަކަށް ހެދުމަށް މަންމަ ނުވާ ގުރުބާނެއް ނެތެވެ. މަންމަ ހިތްވަރު ދޫކޮށްނުލައި މަސައްކަތް ކުރިއެވެ. އެކަމުގެ ނަތީޖާ ވަރަށް ފޮންޏެވެ. މަންމަ ބޭނުންވީ ޝަރުވާނަކީވެސް އޭނަގެ ބައްޕަ ކަހަލަ ރަނގަޅު މީހަކަށް ވުމަށެވެ. އަދި އެކަމަށް އެދި އަބަދުވެސް ދުޢާ ކުރަމުން ދިޔައެވެ. މިހާރު ޝަރުވާނަކީ ބޮޑުވެ އަމިއްލައަށް މަސައްކަތް ކޮއްލައިގެން އުޅެވޭ ވަރުގެ ޒުވާނެކެވެ. ކިޔެވުމުގެ އިތުރަށް ސްކޫލް ދައުރުގައިވެސް އިތުރު ހަރަކާތުގައިވެސް ވަރަށް އިސްކޮށް އުޅެއެވެ. އަދި ރަށުގައި ބާއްވާ އެކި ކުޅިވަރުތަކުގައިވެސް ރަށަށް ރީތި ނަން ހޯދައިދިނުމުގައި ޝަރުވާންގެ ހިއްސާ ވަރަށް ބޮޑެވެ. އަދި ރަށުގައި ކުރާ ކޮންމެ ކަމެއްގައިވެސް ޝަރުވާންގެ ބައިވެރިވުން އޮވެއެވެ.

އެންމެންވެސް ތައްޔާރުވަމުން ދިޔައީ ރަށުގައި ބާއްވާ ވޮލީ މުބާރާތަށް ތައްޔާރުވުމަށެވެ. އެއީ މުޅި އަތޮޅަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. އެމުބާރާތް ބާއްވަން ހަމަޖެހުނީ މިރަށުގައެވެ. އެކަމަށް މިރަށުގެ އެންމެވެސް ވަރަށް މަސައްކަތް ކުރިއެވެ. އަދި މިއަދަކީ ރަށަށް ބޮޑު ދުވަހެކެވެ. މިރަށާއި އެންމެ ވާދަވެރި ރަށާއި ދެމެދު ކުޅޭ މެޗް ހަވީރު ހަތަރެއް ޖަހާއިރު ފެށޭނެއެވެ. މި މެޗަށް ރަށުގެ ކުދިބޮޑު އެންމެން ތިބީ ވަރަށް ތައްޔާރުވެގެންނެވެ. ސަޕޯޓަރުންގެ ފަރާތުން ލިބެންޖެހޭ އެންމެ ފުރިހަމަ ސަޕޯޓެއް ދޭ ގޮތަށެވެ.

ހަވީރު ހަތަރެއް ޖެހުމާއި އެކު މެޗް ފެށުނުއިރު ވޮލީކޯޓް ވަށައިގެން ގުގުމާލައިފައިވަނީ މިރަށުގެ ސަޕޯޓަރުންގެ އަޑެވެ. ދެފަޅިއަށް ދެރަށުގެ ސަޕޯޓަރުން ބަހާފައި އޮތުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާއި ދިމާކުރުމުގެ ފުރުސަތެއް ނުލިބެއެވެ. މެޗު ފަށައިގެން ވާދަވެރި ކުޅުމަކަށްފަހު ދެސެޓް ގެންދިޔައީ އިނދިކޮޅު ޓީމެވެ. ރަށުގެ ޓީމަށް ބާރު ބޮޑުވީއެވެ. ސަޕޯޓަރުންގެ އަޑު މަޑުވަމުން ދިޔަ ވަގުތު ހިތްވަރާއިއެކު ކުޅެމުން ދިޔައީ މޮޅުވެވޭތީއެވެ. ޝަރުވާންގެ ބާރު ހަމަލަތައް ކުރިން ސަލާމަތް ކުރިޔަސް އިދިކޮޅު ޓީމަށް މިހާރު އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. ކޯޓުގެ ކުރި އާއި ފަހަތުން ހަމަލަތައް ފޮނުވަމުން ދިޔުމުގެ ނަތީޖާ އަކީ މެޗުން މޮޅުވުމެވެ. ހުރިހާ ޝުކުރެއް ހައްގުވެރިވީ ޝަރުވާނަށެވެ. ޝަރުވާންގެ ހިތްވަރާއި ގޮތް ދޫނުކޮށް އުންމީދާއިއެކު ކުރި މަސައްކަތެވެ. މެޗު ނިމުމާއިއެކު ސަޕޯޓަރުން އައިސް ޓީމްގެ ކުޅުންތެރިންނާއި ސަލާމް ކުރަމުން ދިޔައީ އުފަލާއި ހިނިތުންވުމާއި އެކުގައެވެ. ދެޓީމްގެ ކުޅުންތެރިންނަށް ހަމަޖައްސާފައި އޮތް ސައި އޮތީ ސްކޫލްގައެވެ.

Advertisement

"ކޯއްޗެއް ބޯނީ" ޝަރުވާން ސިއްސައިގެން ދިޔައީ އޭނާ އިށީނދެ އިން ގޮނޑީގައި އަތް އަޅުވައިލަމުން އަންހެންނަކު ބުނެލި އަޑަށެވެ.

ޝަރުވާން ފުރަގަހަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ކޯކް ފުޅިއެއް ހިފަހައްޓައިގެން އައިޝާ ހުރީ ވަރަށް ހިނި އައިސްފައެވެ. އައިޝާ އަކީ ޝަރުވާނާއި އެކީ އެއް ކުލާހެއްގައި އުޅުނު ވަރަށް މަޑުމައިތިރި އަޚްލާގު ރަނގަޅު ކިޔަމަންތެރި ކުއްޖެކެވެ. ބަސްމަދު މަޑުމައިތިރި ކުއްޖެކެވެ.

""ތި ކޯކް ފުޅި" ޝަރުވާން ގާތަށް ހިނި އައެވެ.

"މި އެއްކޮށްވެސް ދީފާނަން. މިއަދުގެ މެޗުން މޮޅުވީ ޝަރުވާންގެ ހިތްވަރުން. ދެން ކީއްވެ ނުދޭންވީ" އައިޝާ ޝަރުވާނަށް ތައުރީފް ކުރިއެވެ.

"ސާބަސް. ކޮބާ ފިރިކަލުން" އައިޝާ އެހާ ވަރަށް އަނގަ ތަޅަން ފެށުމުން ޝަރުވާން އަހައިލިއެވެ.

"މިގަޑީގައިވެސް ފިރިމީހާތަ ތި ހޯދަނީ" އައިޝާ ހޭންފެށިއެވެ.

"ފަހަރެއްގައި ފިރިކަލުން ރުޅިދުރުވެދާނެއެއްނު" ޝަރުވާން ބުނެލިއެވެ.

"މިތާ އަދި ކަމެއް ނުހިނގައެއްނު މީހަކު ރުޅިއަންނަވަރުގެ" އައިޝާ ސީރިއަސް ވިއެވެ.

އެދެމީހުންގެ ވާހަކައަށް ހުރަސްއެޅުނީ ޝަރުވާންގެ މަންމަ އެތަނަށް އައިސް ހުއްޓުނީމައެވެ. ޝަރުވާންގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ. ރަށަށް ހޯދައި ދެމުންދާ ކާމިޔާބުގެ ހިއްސާ ދަރިފުވެސް ވާތީއެވެ. ޝަރުވާނުގެ މަންމަ ބޭނުންވީ ސައިގެ ކަންތައް ނިމުމުން ޝަރުވާން ގޮވައިގެން ގެއަށް ދާށެވެ. އިރު އޮއްސޭ ގަޑީގައި ޝަރުވާން ބޭރުގައި އުޅުމަކީ އެއްއިރެއްގައިވެސް މަންމަ ގަބޫލު ކަމެއް ނޫނެވެ. މަންމަ އަބަދުވެސް ބުނާނެއެވެ. ޖިންނި އަވަލައިފާނެއެވެ. އަދި ޖިންނި އަވަލައިފިއްޔާ ދެން ސަލާމަތެއް ނުވާނެއެވެ. އަދި ސަލާމަތްވާން މަސައްކަތް ކުރާހާ ފައިސާވެސް އަތުގައި ނެތުމަކީ މަންމަ ވަރަށް ބިރުގަންނަ ކަމެކެވެ. ޝަރުވާންގެ ބައްޕަ ނިޔާވިފަހުން އަދި އެކަން މާބޮޑެވެ. އަބަދުވެސް މަންމަ ހުންނަނީ ޝަރުވާނަށް ގެއްލުމެއް ވެދާނެތީ ބިރުން ސިހިސިހިއެވެ. ސައިބޮއި ނިމެންދެން މަންމަ ދުރުގައި މަޑުކުރިއެވެ. އަދި ޝަރުވާން ގޮވައިގެން އައިސް ގޭތެރެއަށް ވަނުމަށްފަހު ބޭރަށް ނިކުތީ ދެނަމާދު ދޭތެރޭ ފެން ނުވަރަން ބުނެފައެވެ. ނަމަވެސް ފެން ނުވަރާ ނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ. މަޢުރިބު ނަމާދު ނުކޮށް ހުއްޓާ އިޝާ ނަމާދަށް ގޮވަން ގާތްވަނީއެވެ. ޝަރުވާންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ޖަމާއަތުގައި ނަމާދު ނުކުރެވިދާނެތީއެވެ. މަންމަވެސް ބޭރަށް ނިކުތް ގޮތަށް އަދިވެސް ނާދެއެވެ. މަންމައަށް ވަރަށް ގިނަވަގުތު އިންތިޒާރު ކުރަމަށްފަހު ޝަރުވާން ކޮނޑަށް ތުވާލި އެއްލައިލައިގެން ގިފިއްޔާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތުވެސް ޝަރުވާން ދިޔައީ ފަހަތަށް ބަލަމުންނެވެ. މަންމަގެ ޚަބަރެއް ވޭތޯއެވެ. ނަމަވެސް ގިފިއްޔަށް ވަން އިރުވެސް މަންމަގެ ޚަބަރެއް ނުވިއެވެ. ގިފިއްޔަށް ވަދެ ފެންވަރަން ފެށިތަނާހެން މަންމަ ގޮވައިލިއެވެ.

"އެވަރުން ބުނީމަވެސް މިގަޑީ ގިފިއްޔަށް ވަނީދޯ. ދެންވެސް އަވަސްކޮއްލައިގެން ނިކުމޭ" މަންމަ ހިތްހަމަނުޖެހިފައި ރާގަކަށް ގޮވައިލިއެވެ.

"ލައްބަ މަންމާ. ނަމާދު ކަޓައިފާނެތީ އަވަސް ކޮއްލީ. މި ނުކުންނަނީ" ޝަރުވާން މަންމައަށް ޖަވާބު ދިނެވެ.

ޝަރުވާން ފެންވަރަމުން ދިޔައީ ލޯބީގެ ލަވަ ކިޔަމުންނެވެ. އެކި ރާގު ރާގަށެވެ. ކޮންމެވެސް ވަރަކަށް ވައިރޯޅިއެއް ޖެހެމުން ދިޔަނަމަވެސް ޝަރުވާނަށް އެކަމުގެ އިހުސާސްއެއް ނުވެއެވެ. ވަށައިގެން ހެދިފައި ހުރި ގަސްތައް ޖެހެމުން ދިޔަ ވައިރޯޅި އާއި ސަމާސަ ކުރަމުން ދިޔައީ އެކަމުގައި ޝަރުވާންވެސް ބައިވެރި ކުރަމުންނެވެ. ޝަރުވާން ކިޔަމުން ދިޔަ ލަވަތަކަށް ނަޝަމުން ދިޔައީ އުފަލާއި އެކުގައެވެ. މާ ގަސްތަކުން ދުވަމުންދިޔަ މީރުވަސް މުޅި ގިފިއްޔަށް ފެތުރިފައި ހުއްޓެވެ. ޝަރުވާނަކީ ގަސްހެއްދުމަށް ވަރަށް ޝައުގުވެރިވާ ޒުވާނަކަށް ވާތީ ފެންވަރައިގެން ގިފިލިން ބޭރަށް ނިކުތީވެސް އެގަސްތަކުގައި ބީހިލައިފައެވެ.

"އަވަސް ކުރާށޭ ބުނީމަ ވީވަރުދޯތީ. މިހާރު އިޝާއަށް ގޮވަން ގާތްވަނީ އަވަސްކޮއްލައިގެން ދޭ މިސްކިތަށް" ޝަރުވާން ގޮސް ގޭތެރެއަށް ވަނުމާއި އެކު މަންމަގެ ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނެވެ. ތެދެކެވެ. އިޝާ ނަމާދަށް ގޮވަން ވަރަށް ގާތް ވެއްޖެއެވެ. ޝަރުވާން އަވަސްއަރުވައިލައިގެން ތައްޔާރުވެލިއެވެ. އަދި ބާރު ބާރަށް މިސްކިތާއި ދިމާލަށް ހިނގައިގަތެވެ. މިސްކިތް ތަންކޮޅެއް ދުރުގައި ހުންނާތީ ޝަރުވާނަށް އެހިސާބަށް ދާން އިރުކޮޅެއް ނަގައެވެ.

"އޭތް. މަޑުކޮއްބަލަ" އައިޝާ ގޮވައިލި އަޑަށް ޝަރުވާން ހުއްޓުނެވެ.

"މިސްކިތަށް މިދަނީ. މަންމަ އެބަހުރި ދުން އަރާފައި ލަސްވެގެން" ޝަރުވާން ބޭނުންވީ އަވަހަށް މިސްކިތަށް ދާށެވެ.

"މިއަދު މަންމަ ކީކޯ ބުނީ. ދެމީހުން ވާހަކަ ދައްކަން ތިއްބާ ފެނިގެން" އައިޝާ ހުރީ ޝަރުވާންގެ މަންމަ ބުނިއެއްޗެއް އަޑުއަހާލަން ބޭނުންވެފައެވެ.

"ނުބުނޭ. ނުބުނޭ. މިހާރު އެގޮވީ ބަންގި. ބަންގި އެގޮވަނީ. ފަހުން. ފަހުން" ޝަރުވާނަށް މިސްކިތާއި ދިމާލަށް ދުއްވައިގަނެވުނެވެ. އައިޝާ ޝަރުވާނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ވަރަށް ބިރުންނެވެ. އައިޝާ އަށް ހީވީ ޝަރުވާންގެ މަންމަ އައިޝާ އާއި ވާހަކަ ނުދައްކަން ބުނުމުން ޝަރުވާން ކޮންމެވެސް އެއްޗެކޭ ކިޔައިފައި ދިޔައީ ކަމަށެވެ. ޝަރުވާން އެކަން އަންގަން ބޭނުން ނުވަނީއެވެ. ނަމަވެސް އަދިވެސް ޝަރުވާންގެ ގާތުން އެސުވާލު ކުރަން އައިޝާ ބޭނުމެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ އެއިރުންނެވެ. މިސްކިތުން ނިމިގެން ޝަރުވާން އައީ ވަރަށް ހަމަ ޖެހިލައިގެންނެވެ. ރައްޓެއްސަކާއި ވާހަކަ ދައްކަމުން އައިއިރު އައިޝާ މަގުގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރިތަން މާ ދުރުން ފެނުނެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ އައިޝާގެ ކިބައިން ސަލާމަތެއް ނުވާނެކަން ޝަރުވާން ހިތް ބުނަމުން ދިޔައެވެ. އަދި އަމުދުން އައިޝާ އަކީ މީހެއްގެ އަންބެކެވެ. މިތަން އެހެން މީހަކަށް ފެންނާކަށް ޝަރުވާން ބޭނުމެއް ނޫނެވެ. ވަކި ހިސާބަކުން ޝަރުވާން އާއި އެކީ އައި މީހާވެސް ޖެހިގެން ހުރި މަގުން އަޅައިފިއެވެ.

"ބުނެބަލަ. މަންމަ ކީކޯ ބުނީ" ޝަރުވާން އައިސް އައިޝާ އާއި އަރައި ހަމަވުމާއި އެކު ބުނެލިއެވެ.

"ނުބުނޭ. މެޗުން މޮޅުވީމަ ތައުރީފް ކުރީ" ޝަރުވާން ހޭން ފެށިއެވެ.

"ދެމީހުންގެ ވާހަކެއް ނުދައްކާތަ" އައިޝާ އަހައިލިއެވެ.

"ކީއްކުރަން. ތިއީ މީހެއްގެ އަންބެއް" ޝަރުވާން ޖަވާބު ދިނެވެ.

"އެކަމަކު އަދި ހިއްސު ހަމައަށް އެބަހުއްޓޭ" އައިޝާވެސް ހޭން ފެށިއެވެ.

= ނުނިމޭ =

+1
1
+1
1
+1
8
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް