November 23, 2024 22:53
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ތިންވަނަބައި)

"ދެން ކޮން ވާހަކައެއްތަ މަންމަ ދައްކާނީ" ޝަރުވާން އެހިއެވެ.

"ނޭނގެ. ހަމަ އަހައިލީ" އައިޝާ ބުނެލިއެވެ.

މަންމަ އެކަނި ގޭގައި އިންނާނެތީ ޝަރުވާން ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. މަންމަ އެކަނި ކޮއްފައި ބޭރުގައި އުޅޭކަށް ބޭނުންނުވާތީއެވެ. ނަމަވެސް އައިޝާގެ ކިބައިން ސަލާމަތެއް ނުވިއެވެ. އައިޝާގެ މަގުސަދަކީ ކޮބައިބާއެވެ. އަބަދު އެއުޅެނީ މަންމަ ބުނި ވާހަކައެއް ނޭނގިގެންނެވެ. އައިޝާ ބޭނުންވަނީ ކޮންވާހަކައެއް މަންމަ އަނގައިން ބުނުވަންހެއްޔެވެ. އައިޝާ އަކީ މީހެއްގެ އަންބެކެވެ. ދަރިއެއް ނެތް ނަމަވެސް ދިރިއުޅެނީ ވަރަށް ތަނަވަސް ދިރިއުޅުމެކެވެ. ފިރިމީހާ ފައިސާ ހޯދަން ރަށުން ބޭރުގައި މަސައްކަތް ކުރަމުން ދާއިރު އައިޝާ އުޅެނީ ރީތި ތަނަވަސް ގެއެއްގައި އުފާވެރި ކަމުގައެވެ. ދެން އައިޝާ ބޭނުން ވާނީ ކޮން ކަމެއް ހެއްޔެވެ. އައިޝާ އާއި އެގޮތަށް މަގުމަތީގައި ވާހަކަ ދައްކަން ހުންނާކަށް ޝަރުވާން ބޭނުން ނުވަނީ ރަށުގެ މީހުންނަށް އެމަންޒަރު ފެނިދާނެތީއެވެ. އަދި ޝަރުވާންގެ މަންމަގެ އަގުވެއްޓިދާނެތީއެވެ. ޝަރުވާން ބާރަށް ހިނގައިގަތީ އައިޝާގެ ކިބައިން ސަލާމަތް ވާށެވެ. ނަމަވެސް ފަހަތުން އައިޝާ ޝަރުވާންމެންގެ ގެއާއި ހިސާބަށް އައެވެ. ނަމަވެސް ގޯތިތެރެއަށް ނުވަދެ އެނބުރި ދާން ހިނގައިގަތުމާއި އެކު ޝަރުވާން ހަމަޖެހުމުގެ ފުންނޭވާއެއް ދޫކޮއްލިއެވެ. ޝަރުވާން ބާރުބާރަށް ގޮސް ގޭތެރެއަށް ވަދެ މަންމަ ކޮބައިތޯ ބަލައިލިއެވެ. މަންމަ އެނދުގައި އޮތީ ނިތްކުރީގައި އަތް ބާއްވައިލައިގެންނެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ވިސްނަން އޮތް ހެންނެވެ. ޝަރުވާން މަންމަގެ ގާތަށް ގޮސް ވަރަށް ލޯބިން ގޮވައިލިއެވެ.

Advertisement

"ދަރިފުޅު ލަސްވެގެން މަންމަ މިއޮތީ. ކޮންތާކު އުޅެފައި ތިއައީ" މަންމަ ސުވާލު ކޮއްލިއެވެ.

"ރައްޓެއްސަކާއި ދިމާވީ. އެހެންވެ ކުޑަކޮށް ލަސްވީ" ޝަރުވާން ޖަވާބު ދިނެވެ.

"ކައިގެން އަވަހަށް ނިދާ. މާދަމާ މެޗް އޮންނާނެ. ވާނެ މޮޅުވާން" ޝަރުވާން ގޮވައިގެން މަންމަ ދިޔައީ ބަތް ކާށެވެ.

މަންމަ އަކީ ވަރަށް ތަރުތީބު ބޮޑު މީހެކެވެ. ކޮންމެ ކަމެއްވެސް ވަކި ތަރުތީބަކުން ކުރުން އެއީ މަންމަގެ އާދައެކެވެ. އެގޮތުން ރޭގަނޑު ވަކި ވަގުތެއްގެ ކުރިން މަންމަގެ ކެއުމުގެ ކަންތައް ނިންމާލާނެއެވެ. ރޭގަނޑުގެ ކެއުމުގައި ޝަރުވާންވެސް ބައިވެރި ކުރެއެވެ. އިޝާ ނަމާދު ކޮއްގެން ޝަރުވާން ގެއަށް އަންނައިރު މަންމަ ހުންނާނީ ކާން ތައްޔާރު ކޮއްފައެވެ. ރޭގަނޑުގެ ކެއުމެއް އެކަންޏެއް ނޫނެވެ. ހުރިހާ ގަޑިއެއްގެ ކެއުމެވެ. ނަމަވެސް މަޖުބޫރު އެއްކަމެއް އޮވެއެވެ. އެއީ ގަޑިން ގަޑިއަށް ނަމާދު ކުރަން ވާނެއެވެ. އެހެންނޫނީ އެހެން ކަމަކަށް މަންމަގެ ހުއްދައެއް ނުލިބޭނެއެވެ. ކިހާ ރަނގަޅު މަންމައެއް ހެއްޔެވެ. ރޭގަނޑު ކެއުމަށްފަހު ޝަރުވާން ހިނގައިގަތީ ކޮޓަރިއަށެވެ. މަންމަވެސް ވަނީ ކޮޓަރިއަށެވެ. މަންމަ ކޮޓަރިއަށް ވަންނަންދެން ޝަރުވާން މަޑުކޮއްލިއެވެ. ޝަރުވާން ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮއްލައިގެން އޮށޯވެލީ ނިދާ ބޮކި ދިއްލައިގެންނެވެ. ނަމަވެސް ގަދަ އައްޔެއްގައި ނިދަން ޝަރުވާނަށް ވަރަށް އުނދަގޫވާތީ އަބަދުވެސް ނިދަނީ އަލި ވަރަށް މަޑުކޮއްލައިގެންނެވެ. މާދަމާއަކީ މުބާރާތުގެ ފައިނަލް މެޗް ކުޅޭ ދުވަހެވެ. އެހެންވުމާއި އެކު އަވަހަށް ނިދާލެވޭތޯ ޝަރުވާންއުޅުނެވެ. ނަމަވެސް މިރޭ ނިދިވަނީ ޝަރުވާނަށް އަލްވަދާއު ކިޔައިފައެވެ. ލޮލަށް ނިންޖެން ނާދެއެވެ. ދެލޯމަރައިގެން ލައްކައިރު އޮވެވިއްޖެއެވެ. އެނދުން ތެދުވަގެން ކޮޓަރި ތެރޭގައި ހިނގަންފެށީ ވަރުބަލިވެގެންވެސް ނިދޭތޯއެވެ. ގަޑިން ބާރަޖެހުމާއިއެކު ޝަރުވާން އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. ވައިގަދަވެ ވިއްސާރަވާހެން ހީވެގެން ގޮސް ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. ކުޑަކޮށް ކަނިޖަހަމުން ދިޔަނަމަވެސް ވައިރޯޅި ވަރަށް ބާރެވެ. ޝަރުވާން ހިނގައިގަތީ މަންމަގެ ހާލު ބަލާށެވެ. ވިއްސާރަ ރެއެއަކަށް ބަދަލުވާތީ މަންމަ ނިދިތޯ ޔަގީން ކޮއްލާށެވެ. މަޑުމަޑުން ގޮސް މަންމަގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ޝަރުވާންގެ ހިތް ނުތަނަވަސް ވިއެވެ. ދުވަހަކުވެސް މަންމަ އަކީ ދޮރު ތަޅުލައިގެން ނިދާމީހެއް ނޫނެވެ. އެއީ ޝަރުވާންގެ އެދުމަކަށެވެ. މަންމަގެ ހާލު ބެލޭނީ އެއިރުންތާއެވެ.

"މަންމާ. މަންމާ" ޝަރުވާން ގޮވައިލިއެވެ.

ވަގުތުން ކޮޓަރިތެރެއިން މަންމަގެ އަޑު އިވުނެވެ. ޝަރުވާންގެ ހިތަށް ހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ. މަންމަ ދޮރު ހުޅުވައިލިއެވެ.

"ދަރިފުޅު އަދިވެސް ނުނިދަންތަ" މަންމަ ސުވާލު ކޮއްލިއެވެ.

"މަންމަ ނުނިދަންތަ. ވިއްސާރަވާހެން ހީވާތީ މަންމަގެ ހާލުބަލަން މިއައީ" ޝަރުވާން ބުނެލިއެވެ.

"ނިދުމުގެ ކުރިން ޤުރުއާން ކިޔަވާލީ. ދެންދޭ ނިދަން" މަންމަ ބޭނުންވީ ޝަރުވާން ނިދަން ފޮނުވާލާށެވެ.

މަންމަ އެހެން ބުނުމުން ޝަރުވާން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަދި ގޮސް އެނދުގައި އޮށޯވެލީ ނިދޭތޯއެވެ. މިހާރު ކޮންމެވެސް ވަރަށް ވިދާ ގުގުރައެވެ. ޝަރުވާން ކޮޓަރީގެ ދޮރުފޮތި ދަމައިލިއެވެ. ދެލޯ މަރައިލީ އަނެއްކާވެސް ނިދޭތޯއެވެ. ނަމަވެސް ކުޑަދޮރު ކައިރީގައި މީހަކު އުޅޭހެން ހީވާތީ އެދިމާލަށް ނަޒަރު ހުއްޓައިލައިގެން އޮތެވެ. ކޮންމެވެސް މީހަކު އެދިމާލުގައި އުޅޭތަން ފެނެއެވެ. ޝަރުވާންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މި ވިއްސާރައިގައި ކުޑަދޮރު ކައިރީގައި އެމީހަކު ކުރާ ކަމެއް ބެލުމުގެ ޝައުގުވެރިކަން ޝަރުވާންގެ ހިތިގައި އުފެދުނު ނަމަވެސް ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ހެދި ބަލަން ދާކަށް ނުކެރުނެވެ. ވާރޭ ބޯކޮއްލީވެސް އެމީހާ އެތާ ހުއްޓައެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައޭ ހިތައި އެނދުން ތެދުވެގެން ކުޑަދޮރާއި ދިމާލަށް ހިނގައިތެވެ. ދޮރުފޮތި ކަހައިލުމަށްފަހު ސިއްރު ސިއްރުން ބޭރު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޔަގީން ކޮއްލުމަށް ކުޑަދޮރު ހުޅުވައި ބޭރު ރަނގަޅަށް ބަލައިލިއެވެ. ވެހެމުން ދިޔަ ބޯވާރެއިން ދުރެއް ނުފެނެއެވެ. ކަނު އަނދިރީގައި އެއްވެސް މީހަކު ފެންނާކަށް ނެތުމުން އަނެއްކާވެސް އައިސް އެނދުގައި އިށީނެވެ. ނަމަވެސް ހަމަ އިށީނުމާއި އެކު އެއްކަލަ މީހާގެ ހަރަކާތް އަނެއްކާވެސް ފެންނަން ފަށައިފިއެވެ. ޝަރުވާން އިންތަނުން ގުޑައިވެސް ނުލާން އިނީ ބިރުންނެވެ. ނަމަވެސް އެއީ ކާކުތޯ ބަލައިލާން ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ކޮންމެ ގޮތެއްވިޔަސް މި ވިއްސާރައިގައި އެހީތެރިކަން ބޭނުންވެގެން ނޫނިއްޔާ އެތާގައި މީހަކު ނޫޅޭނެއެވެ. އެވާނީ ވާރެއިން ސަލާމަތްވާން ވެގެން އައިސް އުޅޭ މީހަކަށެވެ. ނަމަވެސް ސުވާލަކީ މިގަޑީގައި އެމީހަކު މިތާ އުޅެންވީ ކީއްކުރަން ބާވައެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ވަރިހަމަކަމަށް ނިންމާ ޝަރުވާން ހިނގައިގަތެވެ. ބޮޑުވަރުވިޔަސް ވާނީ މަރުތާއެވެ. ޝަރުވާން މަޑުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓި ބޭރަށް ބަލައިލިއެވެ. ތަންކޮޅެއް ދުރުން އެމީހަކު ފެނެއެވެ. ނަމަވެސް ވެހެމުންދިޔަ ވާރެއިން އެއީ ކާކު ކަމެއް ސާފުވާ ވަރެއް ނުވިއެވެ. ޝަރުވާން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރުހުޅުވާ ލުމަށްފަހު ބޭރު ރަނގަޅަށް ބަލައިލިއެވެ. ފަނޑު އަލިކަމެއް ސިޓިންގރޫމަށް ވެރިވެފައިވެއެވެ. ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ބޭރަށް ނިކުންނަށް ހިނގައިގަތްތަނާހެން ކޮޓަރިތެރެއިން އަޑެއް އިވުނެވެ. ކޮންމެވެސް އެއްޗެއް ވެއްޓި ތެޅުނު ކަހަލަ އަޑެކެވެ. ވެއްޓި ތެޅޭނެ އެއްޗެއް ކޮޓަރިތެރެއަކު ނުހުންނާނެއެވެ. އަވަސް އަވަހަށް ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އަދި ކޮޓަރީގެ ތެރެއަށް ވަދެ ލައިޓް އޮންކޮއްލީ ވެއްޓުނީ ކޮންޗެއްތޯ ބަލައިލުމަށެވެ. އިތުރަށް ބަލާކަށް ނުޖެހުނެވެ. މޭޒުމަތީގައި ޝަރުވާން ބަހައްޓާފައި ހުރި ޕްލާސްޓިކް ދަޅެކެވެ. އެ ދަޅު ވެއްޓެންވީ ސަބަބެއް ޝަރުވާނަކަށް ނުވިސްނުނެވެ. އެ ދަޅު އެއީ ފުރިފައި ހުރި ދަޅެކެވެ. އަދި މޭޒުގެ އެންމެ ބިތްދޮށުގައި ހުރީވެސް އެދަޅެވެ. އެދަޅުގައި ހުރީ ދޮންވެއްޔެވެ. ޝަރުވާން އަމިއްލަ ބޭނުމަށް ކުރީ ދުވަހެއްގައި އަތިރިމަތިން ގެނައި ވެއްޔެވެ. ޝަރުވާން ހައިރާންވީ އެދަޅު ވެއްޓިގެން އެހާ އަޑު ގަދަވެދާނެ ހެއްޔެވެ. ދަޅު ނަގައި މޭޒުމަތީގައި ބެހެއްޓުމަށްފަހު އަނެއްކާވެސް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. މަޑުމަޑުން ގޮސް ސިޓިންގރޫމްގެ ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އެއްކަލަ މީހާ ހަމަ އެތާނގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

"ދަރިފުޅާ އަދިވެސް ނުނިދަނީތަ" ޝަރުވާން ސިއްސައިގެން ދިޔައީ މަންމަގެ އަޑަށެވެ.
"ބޭރުގައި މީހަކު އުޅޭހެން ހީވާތީ ބަލައިލީ" ޝަރުވާން ބުނެލިއެވެ.

"ކާކު މިވިއްސާރައިގައި ބޭރުގައި އުޅޭނީ. ދެން ދޭބަލަ ނިދަން" މަންމަ ބުނެލިއެވެ.

"މިތާ ބޭރުން އެބަފެނޭ އެމީހަކު. ހަރަކާތްވެސް ކުރޭ އެމީހާ" ޝަރުވާން މަންމައަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ކޮން މީހެއް. ކާކު އުޅޭނީ މިގަޑީގައި. އަދި މީހެއްގެ ގޯތިތެރޭގައި. އަދި އެވެސް ތެމިގެން" މަންމަ ޝަރުވާންގެ ގާތުގައި ސުވާލު ކުރިއެވެ.

"ނޭނގެ. އެކަމަކު އެއުޅެނީތާ" ޝަރުވާން ބޭނުންވީ މަންމައަށް އެމަންޒަރު ދައްކައިގެން ނަމަވެސް މަންމައަށް ގަބޫލު ކުރެވޭތޯއެވެ.

"ކޮބާ ތިމީހަކު. ދައްކަބަލަ. ތިތާ އުޅޭނީ ދެން މޮޔައެއްނު. މިރަށުގައި ނޫޅޭނެ މޮޔައިން. މިރަށުގައި އުޅޭނީ ވަރަށް ހަމަޖެހޭ މީހުން" މަންމަ ހޭން ފެށިއެވެ.

"ބަލާބަލަ އެމީހާ. އެހެރީނު. މިހާރު ނަށަނީ. އެމީހާ ވަރަށް އުފަލުން އެހުންނަނީ ވާރެއާއި ތެމެން" ޝަރުވާންއަށް ފެންނަ މީހާ މަންމައަށް ދެއްކިއެވެ.

"ސާބަސް ދަރިފުޅާ. އެއީ މީހެއް ނޫނޭ. އެއީ އިރުއޮއްސެން އުޅެނިކޮށް މަންމަ ހަރުކުރި އެއްޗެއް. އެއީ ވާލުގެ އުނދަގުލުން ސަލާމަތްވާން މަންމަ ހެދި އެއްޗެއް. ސާބަސް ދެންވެސް ދޭ ނިދަން. ތިދެން މާ ބޮޑަށް ވިސްނާތީ ވާ ގޮތެއް"

= ނުނިމޭ =

+1
1
+1
5
+1
1
+1
4
+1
0
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް