November 23, 2024 23:14
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ހަތަރުވަނަބައި)

މަންމަގެ ބަސްއަހައިގެން ޝަރުވާން ކޮޓަރިއާއި ދިމާލަށް ހިނގައިގަތް ނަމަވެސް ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. ދެން ކީއްކުރަން އިރުއޮއްސޭގަޑީގައި މަންމަ ހަރުކުރާ އެއްޗެއް ހެއްޔެވެ. އަބަދުވެސް މަންމަ ބުނާ ވާހަކައެއް ކަންފަތުގައި ހަރުލާފައި ހުރެއެވެ. އިރުއޮއްސޭ ގަޑީގައި ބޭރުގައި ނޫޅޭށެވެ. ދެން މަންމަ މި ވިއްސާރަ ރޭގައި ބޭރުގައި ކީއްކުރީބާއެވެ. ކޮންމެހެން އެކަމުގައި މިހާ ގިނައިރު ހޭދަ ކުރަން ޖެހޭބާއެވެ. އަނެއްކާ މަންމަ ޖިންނި އަވަލީ ނޫންބާއެވެ. އެހެންވިއްޔާ މިގޭގައި މިއުޅެނީ މަންމަތޯ ނުވަތަ ޖިންނިއެއްތޯ ބަލަން އެބަޖެހެއެވެ. މިކަހަލަ އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔައެވެ. އެންމެފަހުން ކޮޓަރިއަށް ވަދެ ގުރުއާން ޖެހިއެވެ. އެއީވެސް މަންމަ އަކީ ޖިންނިއެއްތޯ ބެލުމަށެވެ. ގުރާން ޖެހުމަށްފަހު އެނދުގައި އޮށޯވެލީ ވަރަށް ހަމަޖެހިލައިގެންނެވެ. ގަޑިން ކިތަންމެ ލަސްވެފައި ހުރި ނަމަވެސް ނިދާލަން ބޭނުމެވެ. މާދަމާ އަކީ ބޮޑު ދުވަހެކެވެ. އަނެއްކާ މާދަމާ އަކީ ޢީދު ދުވަހެވެ. ހަވީރު ފައިނަލް މެޗްވެސް އެބައޮތެވެ. އަދި ރޭގަނޑު މިއުޒިކް ޝޯ އާއި އެހެނިހެން ކުޅިވަރުތައްވެސް އޮތުމުން އަވަހަށް ނިދޭތޯ އޮށޯތީއެވެ. ޝަރުވާނަށް ހޭލެވުނީ މަންމަގެ ގޮވާ އަޑަށެވެ. ފަތިސް ނަމާދަށް ގޮވަނީއެވެ. އެއީ މަންމަގެ އާދައެވެ. ކޮޓަރިން ބޭރަށް ނުނިކުންނަނީސް މަންމަގެ އަޑެއް ނުކެނޑޭނެއެވެ. އަވަސް ކޮއްލައިގެން ގޮސް ވުޟޫ ކޮއްލައިގެން މިސްކިތަށް ދިޔައިރުވެސް މަންމަ ބަލަން ހުއްޓެވެ. އަދި ގެއަށް އާދޭތޯވެސް މަންމަ ކޮންމެ ފަހަރަކު ބަލައެވެ. ޝަރުވާނަށް ގެއްލުމެއް ލިބިދާނެތީ މަންމަ އަބަދުވެސް ހުންނަނީ ވަރަށް ބިރުންނެވެ. ފަތިސް ނަމާދު ކޮއްލައިގެން އައިސް ޝަރުވާން އިނީ ގުރުއާން ކިޔަވާށެވެ. ނިދައިފިއްޔާ މޫޑެއް ނުހުންނާނެތީއެވެ. ގުރުއާން ކިޔަވަން އިންދާ އިރު އެރުމުން ޝަރުވާން ބޭރަށް ނިކުމެ އުޑުމަތި ބަލައިލިއިރު ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ފެންނަން ހުއްޓެވެ. ނަމަވެސް މަޑު ވައިރޯޅިއެއް ޖެހުނުނަމަވެސް ވާރޭއެއް ނުވެހެއެވެ. އީދު ނަމާދު ކޮއްލައިގެން އައިސް ކުޑަ ވަގުތު ކޮޅަކަށް ނިދާލާނީއޭ ހިތައި އަނެއްކާވެސް ކޮޓަރިއަށް ވަދެ އޮށޯތެވެ.

ހަވީރު ހަތަރެއް ޖެހިއިރު ރަށުގެ ކުދި އެންމެން ޒީނަތްތެރިވެލައިގެން ވޮލީކޯޓް ކައިރީގައި ޖަމާވެ ތިއްބެވެ. އެންމެންވެސް ރަށުގެ ޓީމަށް ތަރުހީބުދޭން ތިބީ ވަރަށް ފޯރީގައެވެ. ކުޅުން ފެށީ ރަށުގެ ޓީމުންނެވެ. އެއްވެސް ވަރުބަލިކަމެއް ނެތި ހިތްވަރާއިއެކު ކުޅެމުން ދިޔައީ ސަޕޯޓަރުން ދެމުންދިޔަ ސަޕޯޓުންނެވެ. ފުރަތަމަ ދެސެޓް ހޯދައިފައި އޮއްވައި ފަހަތުން އަރައި އިދިކޮޅުން މެޗު ގެންދިޔައީއެވެ. ނަމަވެސް އެކަމަށް އެއްވެސް ކަހަލަ ބަދަލެއް ސަޕޯޓަރުންގެ ކިބައިން ނުފެނެއެވެ. ހިތްވަރުގެ ބަހެއް ނޫނިއްޔާ އަޑެއް ނީވެއެވެ. މެޗު ނިމިގެންވެސް އަނެއް ޓީމް ފުރުވަންވެސް ރަށުގެ ޓީމާއި ރައްޔިތުން ދިޔައެވެ. ކިހާ ރީތި ނަމޫނާއެއް ހެއްޔެވެ.

ރޭގަނޑު އަށެއް ޖަހަނީއެވެ. މަންމަ އަދިވެސް ގެއަށް ނާންނާތީ ޝަރުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. މަންމަ ގޮވައިގެން ނޫނިއްޔާ ނުދާން މަންމަ އޮތީ ބުނެފައެވެ. މަންމައަކީ އަބަދުވެސް މިއުޒިކަށް ވަރަށް ލޯބި ކުރާ އަދި ރަށުގައި ބާއްވާ މުނިފޫހިފިލުވުމުގެ ކަންތަކުގައިވެސް އުޅުނު މީހެކެވެ. ނަމަވެސް މިހާރު އުމުރުން ދުވަސް ވުމާއި ޝަރުވާންގެ ބައްޕަ މަރުވިފަހުން އެކަންތައް ދޫކޮއްލިއެވެ. މަންމަ ލަސްވެގެން ޝަރުވާން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ މަންމަ އައިސް ގޭތެރެއަށް ވަނެވެ.

Advertisement

"މަންމަ ލަސްވެގެންދޯ ތިއުޅެނީ. މިއުޅޭ ހާމިދާ އާއި ދިމާވެގެން މަޑުކޮއްލެވުނީ" ޝަރުވާންގެ މަންމަ ބުނެލިއެވެ.

"މަންމަ ގޮވައިގެން ދާން މި މަޑުކޮއްލީ. އެހެންނޫނީ މަންމަ އެކަނި ދާން ޖެހޭނީވެސް" ޝަރުވާން ޖަވާބު ދިނެވެ.

"ހާމިދާ ބުނި ޝަރުވާން އާއި އައިޝާ ދެމީހުން ދެކުނީމޯ މަގުމަތީ ވާހަކަދައްކަން ތިއްބާ. އަދި އެވެސް ދެނަމާދު ދޭތެރޭގައޯ. ކޮން ވާހަކައެއްތަ ދެއްކީ" މަންމަ ސުވާލު ކޮއްލިއެވެ.

"އެހެން ވަކި ވާހަކައެއް ނުދައްކާ" ޝަރުވާން އެ މަޢުޟޫއާއިގެން ކުރިއަށް ދާކަށް ބޭނުމެއް ނުވިއެވެ.

"އެއީ ބައްޕަ ނެތް ކުއްޖެއް. ރަށްމެދު ކުއްޖެއް. އަދި މީހަކާއިވެސް އިނދެގެން އުޅެނީ. އެކަމަކު ފިރިމީހާ ރަށުން ބޭރަށްވެސް ފޮނުވާލާފައި ވަނީ ލާރި ހޯދަންށޯ" މަންމަ އައިޝާ އާއި މެދު ހިތްހަމަނުޖެހޭކަން ހާމަ ކުރަމުން ދިޔައެވެ.

"ދެން ކޮބާ މައްސަލައަކީ. އެއީ އަހަރެމެން ބެހެންޖެހޭ ކަމެއް ނޫނެއްނު. އަދި އެއީ ބައްޕަ ނެތް ކުއްޖެއް ނަމަވެސް އެއީ އައިޝާގެ މައްސަލައެއްވެސް ނޫންތާ" ޝަރުވާން ޖަވާބު ދިނެވެ.

އެހިސާބަށް ވާހަކަ ދެކެވުނުތަނާހެން ޝަރުވާން ބަހައްޓައިފައި މަންމަ ބޭރަށްދާން ހިނގައިގެންފިއެވެ. ފަހަތުންވެސް ޝަރުވާން ހިނގައިގަތެވެ. ޝަރުވާން ބޭނުންވީ މަންމަ ހިތްހަމަނުޖެހިފައި ހުރުމުން އެކަން ހައްލު ކުރާށެވެ. ޝަރުވާން ގޮސް މަންމަ އާއި އަރައި ހަމަކޮއްލާފައި އެހެން ވާހަކައެއް ފެށިއެވެ. މަންމަގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް ފެންނަން ހުއްޓެވެ. ނަމަވެސް އެކަން ޝަރުވާނަށް ސިއްރުކުރަން އުޅޭހެން ޝަރުވާނަށް ހީވިއެވެ. މަންމަ އާއި ޝަރުވާން އާއި ދެމީހުން ވާހަކައިގައި ތިބެ ގޮސް ޢީދު ކުޅިވަރު އޮންނަ މައިދާނަށް ދެވިއްޖެއެވެ. އެތާނގައި މަންމަގެ އުމުރުގެ ވަރަށް ގިނަ މީހުންވެސް ތިއްބާ ފެނުމުން މަންމަ ބޭނުންވީ އެމީހުންގެ ގާތަށް ދާށެވެ. މަންމައަށް ރަނގަޅު ވާނީވެސް އެއުމުރުގެ މީހުން ކަމަށް ވާތީ ޝަރުވާން އެކަމާއި އަޅައި ނުލިއެވެ. ޝޯ ފެށުނީއެވެ. ޝަރުވާންވެސް ސްޓޭޖްގެ އަރިމަތީގައި މަޑުކޮއްލައިގެން ހުރީ އެކަންޏެވެ. ހަމަ ޖެހިލައިގެން ޝޯ ބެލޭނީ އެކަނި ހުރެ ކަމަށް ގަބޫލު ކުރެވޭތީއެވެ. މިއުޒިކުގެ އަޑުން މުޅި އެހިސާބު ވަނީ ގުގުމާފައެވެ. ޝަރުވާންވެސް ޝައުގުވެރިކަމާއިއެކު ކުޅިވަރު ބަލަން ހުއްޓެވެ.

"ހަލޯ" މީހަކު ހަލޯ ގޮވައިލި އަޑަށް ޝަރުވާން ސިއްސައިގެން ދިޔައެވެ. ޝަރުވާން ފަހަތަށް ބަލައިލިއެވެ. ފަހަތުގައި އައިޝާ ހުއްޓާ ފެނުމުން ޝަރުވާން ހިތް ނުތަނަވަސްވާން ފެށީ މަންމައަށް އެމަންޒަރު ފެނިދާނެތީއެވެ. ޝަރުވާން އެތަނުން ދާން ހިނގައިގަތެވެ.

"ހާދަ އެކަނިވެރިކަމެއް. މިކަހަލަ އުފާވެރި ރެއެއްގައި މި ފެންނަނީ ހާދަ އެކަނިވެރި ކުއްޖެކޭ" އައިޝާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
"މިހާރު މިދަނީ މަންމަ ހޯދަން" ޝަރުވާން އަވަހަށް އައިޝާގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރިއެވެ.

"ތީނަގެ މަންމަ އެބައިން ރައްޓެހިންތަކަކާއި އެކު އެދިމާލުގައި" އައިޝާ ޝަރުވާންގެ މަންމަ އިން ދިމާލަށް އިނގިލި ދިއްކޮއްލިއެވެ.

"މަންމަ ގެއްލިގެން ނޫޅެން" ޝަރުވާން ރުންކުރު ފާޑަކަށް ބުނެލިއެވެ.

"މަޑުކޮއްބަލަ. ބަލާބަލަ އެ ގްރޫޕް ޑާންސް. އަދި ވިސްނާލަބަލަ އެލަވައިން އެބުނާ ވާހަކަ" އައިޝާ ބޭނުންވީ ޝަރުވާން ހުއްޓުވާށެވެ. ނަމަވެސް ޝަރުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައީ މަންމައަށް އެމަންޒަރު ފެނިދާނެތީ ބިރުންނެވެ.

ޝަރުވާނާއި އެއްވަރަކަށް އައިޝާވެސް ހިނގަމުން ދިޔައެވެ. ޝަރުވާން ހިނގުން ބާރުކޮއްލި ނަމަވެސް ހަމަ އެވަރަށް އައިޝާވެސް ހިނގުން ބާރު ކޮއްލައެވެ. އައިޝާގެ ކިބައިން ޝަރުވާނަށް ސަލާމަތް ވެވޭނެ ގޮތެއް ނެތުމުން އެންމެފަހުން ޝަރުވާން މަޑުކޮއްލިއެވެ.

"ކޮންވާހަކައެއް ދައްކަންތަ ތިއުޅެނީ. މީހުންނަށް ފެނިއްޖެއްޔާ ކީކޭ ކިޔާނީ. އަދި ތިއީ މީހެއްގެ އަންބެއް" ޝަރުވާން އައިޝާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

"މީހެއްގެ އަންބެކޭ ބުނީމަ ނިމުނީތަ. އެ ހެޔޮދޯ ކޮންމެގޮތެއް ވިޔަސް" އައިޝާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"އެކަމަކު ދެން އަހަރެން ކީއްކުރާނީ. އެކަމަކުވެސް އަހަރެން ލައިކްވާކަމެއް ނޫން މީހުންގެ އަނބިންނާއި ވާހަކަ ދެއްކުން" ޝަރުވާން ސީދަލަށް ބުނެލިއެވެ.

"ބަލަ އަހަރެންވެސް މިއީ އިންސާނެކޭ. ހިއްސުތައް ހަމައަށް އެބަހުރި. އަދި ޒުވާންކަމުގެ ލޭ ހިނގަމުން ދަނީ. ޕްލީޒް" އައިޝާ އަށް ރޮވެން ފެށުނެވެ.

ޝަރުވާން އައިޝާގެ އަތުގައި ހިފެހެއްޓުނީ ބޭއިޚްތިޔާރުގައެވެ. އައިޝާ ރޯ މަންޒަރު ބަލަން ޝަރުވާނަށް ކެތް ނުކުރެވުނީއެވެ. އައިޝާގެ ހިތަށް ކުރަމުންދާ އަސަރު މޫނުމަތިން ރަނގަޅަށް ވެސް ހާމަވަމުން ދިޔުމުން ޝަރުވާންގެ ހިތަށް އެމަންޒަރު ބަލަން ކެތް ނުކުރެވުނެވެ. ޝަރުވާން އައިޝާގެ އަތުގައި ހިފެހެއްޓުމާއި އެކު އައިޝާ އައިސް ޝަރުވާންގެ މޭމަތީގައި ބޯއަޅައިލިއެވެ. ޝަރުވާން އައިޝާ ދުރަށް ޖައްސަން ބޭނުންވިޔަސް އެކަމުގެ ހިތްވަރެއް ނުލިބުނެވެ. އައިޝާގެ ހިތުގެ ހުރިހާ ވާހަކައެއް ޝަރުވާނަށް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް ކަންތައް ދިމާވީ ވަރަށް ދެރަކޮށެވެ.

= ނުނިމޭ =

+1
0
+1
4
+1
1
+1
1
+1
2
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް