November 23, 2024 19:59
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ހަތްވަނަބައި)

ޝަރުވާނާއި އައިޝާ ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. ފަހަތުގައި އައިޝާގެ ފިރިމީހާ ޚާލިދު ހުއްޓެވެ. ދެއަތް ފުރަގަހަށް ލައިގެން ދެމީހުންނާއި ދިމާލަށް ކުރިމަތިލައިގެން ހުރިއިރު ޝަރުވާން ބިރުން ތުރުތުރު އަޅައެވެ.

"ކައިފިންތަ" އައިޝާ އިސްވެ ޚާލިދާއި ވާހަކަ ދައްކަން ފެށިއެވެ.

"ލައްބަ. ކާންއިންދާ މީހަކު ބުނީ ތި ދެލޯބިވެރިން އެބަތިއްބޭ މާފޮޅުވަން" ޚާލިދު އައިގޮތަށް އައިސް އައިޝާގެ އިސްތަށިގަނޑަށް ދަމައިލިއެވެ. އައިޝާއަށް ވީ ތަދުން ރޮއިގަނެވުނެވެ. އެމަންޒަރު ބަލާކަށް ޝަރުވާނަކަށް ކެތެއް ނުކުރެވުނެވެ. ބާރުބާރަށް އައިސް ޚާލިދުގެ އަތުގައި ހިފެހެއްޓިއެވެ. އަދި އައިޝާއަށް ލިބެމުންދިޔަ އަނިޔާއިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

Advertisement

"ކަލޭތީ ކާކު. އަހަރެންގެ އަނބިމީހާއަށް އަހަރެން ބޭނުން ގޮތެއް ހަދާނީ" ޚާލިދު އައިޝާ ދޫކޮއްލާފައި އައިސް ޝަރުވާންގެ ގަމީހުގެ ގިރުވާނުގައި ހިފައިލިއެވެ. އަދި ޝަރުވާން ބިންމައްޗަށް ވައްޓައިލިއެވެ. އެވަގުތު އައިޝާ އައިސް ޚާލިދުގެ އަތުގައި ހިފެހެއްޓިއެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ. އެއީ އަހަރެންގެ ފްރެންޑެއް" އައިޝާ އަށް ހުރީ ރޮވިފައެވެ.

"ފްރެންޑުން ތިބެނީ ދޮންވެލި ތުނޑީގައިތަ. އަދި އެވެސް ދަންވަރު ގަޑީގައި" އައިޝާ އާދޭސް ކުރިއެވެ.

ޚާލިދުގެ ހަމަލަތަށް ޝަރުވާންގެ މޫނުމައްޗަށް އަރަމުން ދިޔައިރު އައިޝާގެ އެއްވެސް އާދޭސް ކުރުމަކަށް ޚާލިދު އަޅައެއް ނުލައެވެ. އައިޝާ އައިސް ޚާލިދުގެ ގައިގައި ބައްދައިލިއެވެ. ޝަރުވާން ސަލާމަތް ކުރެވޭތޯއެވެ. ނަމަވެސް އެންމެފަހުން ޚާލިދުގެ ހަމަލަތައް އައިޝާގެ ހަށިގަނޑަށްވެސް އަރަމުންދިޔައެވެ. އެންމެފަހުން އައިޝާ ވެއްޓުނީ ޚާލިދުގެ ހަމަލައިން ބޮލަށް ލިބުނު އަނިޔާއަކާއި ހެދިއެވެ. އައިޝާ ހިތްވަރު ކޮއްލާފައި ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އެއް އަތުން ބޮލުގައި ހިފަހައްޓައިގެން އަނެއް އަތުން ހަށިގަނޑު ހިއްލައިލެވޭތޯ އުޅުނެވެ. ނަމަވެސް އައިޝާއަށް ސިހުން ލިބުނީ ބޮލުން ލޭ ތިކި ޖަހަން ފެށުމުންނެވެ. އައިޝާ ބާރަށް ރޮއިގަތެވެ. އަދި އެހީތެރިކަމަށް އެދި އާދޭސް ކުރަން ފެށިއެވެ. ލޯބިވާ ފިރިމީހާއަށްވެސް އެމަންޒަރު ފެންނާނެއެވެ. ނަމަވެސް އެއްވެސް ރަހުމެއް ނެތި އައިޝާ އެހާލާއިގެން ދޫކޮއްލާފައި ދާން ހިނގައިގަތީއެވެ. ކައިރީގައި ވެއްޓިފައި އޮތް ޝަރުވާން ހޭވެރިކަމެއް ނެތެވެ. ބިންމަތީގައި ޝަރުވާން އޮތީ ޚަބަރު ހުސްވެފައެވެ. އައިޝާ ބިންމަތީގައި ދެމެމުން ގޮސް ޝަރުވާން ހަށިގަނޑު ބާރަށް ތަޅުވައިލިއެވެ. އެވަރަކުންވެސް ޝަރުވާނަށް ހޭވެރިކަމެއް ނުވިއެވެ. އެންމެފަހުން ބާރަށް ޝަރުވާންގެ މޫނުމަތީގައި ޖެހީ އައިޝާ ލޯމަރައިގެން އިނދެއެވެ. އެމަންޒަރު ބަލަން ކެތް ނުވާނެތީ ލޯމަރައިލީއެވެ.

"ކިހިނެއްވެފައި. ކޮބާ ޚާލިދު" ޝަރުވާނަށް އައިޝާއަށް ލިބިފައިވާ ޒަޚަމްތައް ފެނިފައި ކެތް ނުކުރެވުނެވެ.

"އޭނަ އާއި ކުރިމަތިލާނެ ކަމެއް ނެތް. އަހަރެން ސަލާމަތް ކޮއްލަދީ" އައިޝާ ޝަރުވާންގެ ގައިގައި ބާރަށް ބައްދައިލިއެވެ. ޝަރުވާންވެސް އައިޝާ ހަމަޖެއްސޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

"ހިނގާ ދާން ގެއަށް" އައިޝާ ބުނެލިއެވެ.

"ކޮންގެއަކަށް. ތިގެއަށް ގޮސްފިއްޔާ އައިޝާ މަރައިލާނެ އެނުލަފާ ޚާލިދު" ޝަރުވާން އައިޝާގެ ގެއަށް އައިޝާ ފޮނުވާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ޝަރުވާންގެ ގެއަށް ވެސް އައިޝާ ގެންދެވޭކަށް ނެތެވެ. މަންމަ އެހާ ނުގަބޫލެވެ. އަދި އަމުދުން އައިޝާ އަކީ މީހެއްގެ އަންބެކެވެ. ޝަރުވާނަށް ގޮތް ހުސްވިއެވެ. އެންމެ ފަހުން ދެމީހުން ވިސްނާލާފައި ނިންމީ އައިޝާގެ ފިރިމީހާގެ ގާތަށް އައިޝާ ދިއުމަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިނަމަވެސް އަދިވެސް އެއީ އައިޝާގެ ފިރިމީހާއެވެ. ޝަރުވާން އައިޝާ ގޮވައިގެން އައީ އަތުގައި ހިފަހައްޓައިގެންނެވެ. އައިޝާއަށް ލިބިފައިވާ ޒަޚަމްތަކުން ބޯ އަނބުރައިގަނެގެން ވެއްޓިދާނެތީ ޝަރުވާން ހުންނަނީ ވަރަށް ހުޝިޔާރުވެގެންނެވެ. އެކި ހިސާބުގަނޑަށް މަޑުކުރަމުން ގޮސް އައިޝާގެ ގެއާއި ހިސާބަށް އާދެވުނެވެ. އެހިސާބު ކޮންމެވެސް ވަރަކަށް އަނދިރިކޮށް އޮތުމުން ޝަރުވާން ވަރަށް ބިރުގަތެވެ. ޚާލިދު ފިލައި ހުރެ ދީފާނެ ހަމަލައަކުންނެވެ. އައިޝާ ގޮސް ގޯތިތެރެއަށް ވަދެގެން ދިޔައިރު ޝަރުވާން ވަރަށް ފަރުވާތެރިކަމާއި އެކު ބަލަހައްޓައިގެން ހުރީ ގަސްތަކާއި ނިވައިވެގެންނެވެ. އައިޝާ އެދިޔަ ގޮތަށް ގޮސް ގޭތެރެއަށް ވަންނަންދެން ޝަރުވާން މަޑުކޮއްލިއެވެ. އައިޝާ ގޭތެރެއަށް ވަނުމާއިއެކު ޝަރުވާން ވެސް ގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް މާދުރަށް ނުދެވެނީސް އައިޝާގެ ރުއިމުގެ އަޑާ އާދޭހުގެ އަޑު ޝަރުވާންގެ ކަންފަތުގައި ޖެހުމާއި އެކު ހުއްޓުނެވެ. އަދި ބާރަށް ދުވެފައި ގޮސް ގޯތިތެރެއަށް ވަނެވެ. ޝަރުވާނަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ އައިޝާގެ ވޭނީ އަޑެވެ. ބަލާކަށް ނުހުރެ އެގޭތެރެއަށް ޝަރުވާން ވަންއިރު ބިންމަތީގައި އައިޝާ ވެއްޓިފައި އޮތެވެ. އަދި ޚާލިދުގެ ފައިން އައިޝާގެ ބަނޑަށް އަރައިގެން ހުއްޓެވެ.

"ޕްލީސް. ޕްލީސް. ތިހެން ނުހަދާ. ތިވެސް އިންސާނެއް. އަނިޔާ ނުކުރޭ" ޝަރުވާން ޚާލިދުގެ އަނިޔާ ހުއްޓުވޭތޯ އާދޭސް ކުރިއެވެ.

"ކަލޭ ތިއީ ކާކު؟. މިއީ މަގޭ ވައިފް. މަ ބޭނުން އެއްޗެއް ހަދާނީ" ޚާލިދުގެ ހަރުކަށި ބަސްތައް ބޭރުކުރަމުން ދިޔައިރު އައިޝާއަށް އަޅަމުން ދިޔަ ވޭންވެސް ޝަރުވާނަށް ފެނެއެވެ.

"ވައިފް ވީމައޭ މިބުނީ ތިހެން ނުހަދަން" ޝަރުވާން ވާހަކަ ދައްކަމުން ދިޔައީ ޚާލިދުގެ އަނިޔާވެރިކަމުން އައިޝާ ސަލާމަތް ކުރުމަށް ވަރަށް ރީތި ކޮށެވެ.

"އޭތް. އަނގަމަޑުންލައިގެން ހުރޭ. ނިކުމޭ މިގެއިން. ކާކު ހުއްދަ ދިނީ މިގެއަށް ވަންނަން" ޚާލިދުގެ ބަސްތައް ހަރުކަށިވަމުން ދިޔައެވެ. ނަމަވެސް ޝަރުވާން ހުރީ ގޮތް ދޫކޮއްލާ ކަހަލަ ގޮތަކަށް ނޫނެވެ.

"ހެވޭ. ދެން އަނިޔާ ނުކުރޭ. އެހެން މީހުންނަށްވެސް ތަދުވާ ފަދައިން ތިމާއަށް ވެސް ތަދުވެދާނެ" ޝަރުވާންގެ ބަސްތައްވެސް ހަރުކަށިވާން ފެށިއެވެ.

"ނިކުންނާށޭ މިބުނީ. ކީއްވެ ނުނިކުމެވިގެން ތިއުޅެނީ" ޚާލިދު އައިސް ޝަރުވާންގެ ކަރުގައި ހިފައިލިއެވެ. ޝަރުވާންވެސް ދަނޑިވަޅު ބަލާފައި މުށްކަވާފައި ޚާލިދުގެ ލޯމަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ. ވަގުތުން ޚާލިދަށް ދުރަށް ޖެހިލެވުނު ވަގުތު އައިޝާ އައިސް ޚާލިދުގެ ބޮލުގައި ފިހިގަނޑުން ޖެހިއެވެ. ޚާލިދު އަރިއަޅާލައިގެން ގޮސް ވެއްޓުނެވެ. ނަމަވެސް ޚާލިދުވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އައިޝާ އައިސް ޝަރުވާންގެ ފުރަގަހަށް ވަދެ ހިމާޔަތް ހޯދިއެވެ. ޚާލިދަށް އައިޝާ އާއި ހަމައަށް އައުމުގެ ފުރުސަތު ޝަރުވާނެއް ނުދެއެވެ.

"ދޫކޮއްލާ. އަހަރެންގެ އަނބިމީހާ ދޫކޮއްލާ" ޚާލިދު ބާރަށް ހަޅޭލަވައިގަތެވެ.

"އަނބިމީހާއޭ. ކޮބާ އަނބިމީހާ. އަނބިމީހާއަށް ތިހެންތަ ލޯބި ދެނީ" ޝަރުވާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ޝަރުވާން ކަލޭ ވިސްނައިގެން އުޅޭތި. މިވަގުތުން ފެށިގެން އައިޝާ އަކީ އަހަރެންގެ އަންބެއް ނޫން. އެއީ ވިޔާނުދާ ގޮތެއް ފޮތެއް ނެތް އަންހެނެއް" ޚާލިދު އެންމެފަހުން އައިޝާ ވަރިކޮއްލީއެވެ. އަދި އެގެއިން ނިކުތުމަށް އަމުރު ކޮއްލިއެވެ. އައިޝާ ރޯންފެށިއެވެ. އޭނަގެ ފިރިމީހާ ވަރި ކުރީތީއެވެ. ދެން އައިޝާ އުޅޭނީވެސް ކޮންތާކުހެއްޔެވެ. މިއީ ރޭގަނޑުގެ ވަގުތެވެ.

"ހިނގާ އަހަރެންނާއި އެކީ. އެހެންނޫނިއްޔާ އަނެއްކާވެސް ޚާލިދުގެ އަނިޔާ އާއި ކުރިމަތިލާން ޖެހިދާނެ" ޝަރުވާން އައިޝާގެ އަތުގައި ހިފައިގެން އެގެއިން ދާން ހިނގައިގަތެވެ. އެއިރުވެސް އައިޝާއަށް ގިސްލާ ރޮވެމުން ދިޔައެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންވެސް އެހާ ބޮޑެވެ. ޝަރުވާން އައިޝާ ގޮވައިގެން ދިޔައީ އެމީހުންގެ ގެއަށެވެ. މަންމަ ކިތަންމެ ނުގަބޫލުވި ނަމަވެސް އައިޝާ ހާލުގައި ޖެހުނު ދުވަހު ދޫއްލާފައި ދިއުމަކީ ޝަރުވާނަށް ކުރެވޭނެކަމެއް ނޫނެވެ. ހިނގަމުން ގޮސް ޝަރުވާންމެންގެ ގޯތިތެރެއަށް ވަންއިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ޝަރުވާން ހީކުރީ މަންމައަށް ނިދުނީ ކަމަށެވެ. ނަމަވެސް ޝަރުވާނަށް ކުރެވުނީ ކުށް ހީއެކެވެ. ކޮޓަރިތެރޭގައި މަންމަ ހޭލާ އުޅޭ އަޑު އިވުނެވެ.

"މަންމާ" ޝަރުވާން ގޮވައިލި އަޑަށް މަންމަ ބޭރަށް ނިކުތެވެ.

"ކިހިނެއް ވެފައި. މިއީ ކާކު. ކީއްކޮއްފައި ތިއައީ. ތިއީ މީހެއްގެ އަންބެއްނު. ކީއްކުރަން މީހުންގެ އަނބިން ގޮވައިގެން ތިއުޅެނީ" ޝަރުވާންގެ މަންމަ ޝަކުވާގެ ފައްޗެއް އަމުނައިލިއެވެ.

"މިއީ އައިޝާ. ޚާލިދު އޭނައަށް ވަރަށް އަނިޔާ ކޮއްފައި ވަރިވެސް ކޮއްފި" ޝަރުވާން ބުނެލިއެވެ.

"ދެން ވަރިވާ އަންހެނުން މިގެއަށްތަ ގެންނަނީ" މަންމަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

"ދަރިފުޅަށް ކޮން އަނިޔާއެއް ވެފައި ތިހުރީ" ޝަރުވާނަށް ލިބިފައިވާ އަނިޔާ ފެނުމުން މަންމަ އަހައިލިއެވެ.

"އައިޝާ ސަލާމަތް ކުރަން އުޅެގެން ވީގޮތެއް" ޝަރުވާން ޖަވާބު ދިނެވެ.

"ދެން މަންމާ މާދަމާ އިރުއަރަންދެން ނަމަވެސް އައިޝާ ބަހައްޓާލަ ދީބަލަ" ޝަރުވާން އާދޭސް ކުރިއެވެ.

ޝަރުވާންގެ އާދޭހަށް ފުރަގަސް ދޭކަށް މަންމައަކަށް ނުކެރުނެވެ. އަދި އެކަމަށް އެއްބަސްވިއެވެ. ޝަރުވާން ބޭނުންވީ ޝަރުވާންގެ ކޮޓަރި އައިޝާއަށް ދީފައި ޝަރުވާން ސިޓިންގރޫމްގައި ނިދާށެވެ.

= ނުނިމޭ =

+1
3
+1
2
+1
1
+1
5
+1
3
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް