November 23, 2024 19:53
Advertisement

-Advertisement-

ވާހަކަ: ލޭތިކި (އަށްވަނަބައި)

ސިޓިންގރޫމްގެ ގޮނޑީގައި ޝަރުވާން އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް އިރު އިރު ކޮޅާ އައިޝާ ގިސްލާ ރޯ އަޑަށް ދޮރު ހުޅުވައި ބަލައިލައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އައިޝާ އޮންނަނީ ނިދާފައެވެ. ހަށިގަނޑަށް އެއްވެސް ކަހަލަ ރިހުމެއްގެ އަސަރު ނެތް ކަހަލައެވެ. އަނެއްކާވެސް ޝަރުވާން ގޮސް ސިޓިންގރޫމްގެ ގޮނޑީގައި އޮށޯންނަނީއެވެ. ޝަރުވާނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެލައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އައިޝާ އެއޮތް ގޮތަށް އޮތެވެ. އަވަހަށް ތައްޔާރުވެލައިގެން މިސްކިތަށް ދިޔައީ ވީހާވެސް އަވަހަށް ގެއަށް އައުމުގެ ބޭނުމުގައެވެ. އައިޝާ ހޭލުމުގެ ކުރިން އަވަހަށް ގެއަށް އަންނަން ބޭނުންވިއެވެ. ޝަރުވާން މިސްކިތަށް ދިޔަތާ ލަސްތަކެއް ނުވެ އެނބުރި އައީ ވަރަށް ހާސްވެފައި ހުރެގެންނެވެ. އަވަސް އަވަހަށް އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އައިޝާ އެއޮތް ގޮތަށް ނިދާފައި އޮތެވެ. ޝަރުވާން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. އަދި އައިޝާ އާއި ކައިރިވެލުމަށްފަހު ގޮވައިލިއެވެ. ނަމާދަށް އައިޝާ ހޭލެއްވުމަށެވެ. މިހާރު އިރު އަރަން ގާތް ވަނީއެވެ. ފަތިސް ނަމާދު ގަޑި ކަޓަނީއެވެ.

"އައިޝާ،އައިޝާ"ޝަރުވާންވަރަށްލޯބިންގޮވައިލިއެވެ.
އައިޝާގެ އެއްވެސް ޚަބަރެއް ނުވިއެވެ. ދެތިން ފަހަރަށް ގޮވައިލުމަށްފަހު އައިޝާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. ޝަރުވާނަށް ލިބުނީ ކުއްލި ސިހުމެކެވެ. އައިޝާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ހަށިގަނޑުގައި އެއްވެސް ވިންދެއް ނެތެވެ. އަދި ހަށިގަނޑުގައި ފުރާނައެއް ނެތެވެ. މުޅި މޫނުމަތި އޮތީ ދުޅަވެފައެވެ. އަނގައިން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުރިނަމަވެސް އެ ލޭތައް ވަނީ ގިނައިރުވުމުގެ ސަބަބުން ހިކިފައެވެ. އެމަންޒަރު ފެނުމާއިއެކު ޝަރުވާނަށް ބާރަށް ރޮއިގަނެވުނެވެ. އަދި އައިޝާގެ ހަށިގަނޑުގައި ހިފައި ބާރަށް ތަޅުވައިލިއެވެ. ޝަރުވާންގެ ރުއިމުގެ އަޑަށް މަންމަ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ. އަދި ވަރަށް ހާސްވެފައި ހުރެ ކިހިނެއްވީހޭ ސުވާލު ކޮއްލިއެވެ.

"އައިޝާ މަރުވީ. މަރުވީ" ޝަރުވާން ރޮމުން ބުނެލިއެވެ.

Advertisement

"އެއިރުވެސް އަހަރެންނަށް އެނގޭ ތިކަހަލަ ބޮނޑިއެއް ބޯނެކަން. އަހަރެން ބުނާބަސް ގަބޫލު ނުކުރީމަ ވާގޮތް ތިވީ. މީހެއްގެ މަރު ތިއެޅުނީ ބޮލުގައި" އެވަގުތުވެސް ޝަރުވާންގެ މަންމަގެ ހިތްހަމަނުހެޖެހުން ފާޅުކޮއްލިއެވެ. ތެދެކެވެ. ރަށުތެރޭގައި ކިޔާނީ އެހެންނެވެ. އެމަރުގެ ޒިންމާ އެޅޭނީ ޝަރުވާންގެ ބޮލުގައެވެ. އަދި މީހެއްގެ އަންބެއް މަރުވީ ޝަރުވާންގެ ގޭގައެވެ. އަދި ޝަރުވާންގެ ކޮޓަރީގައެވެ. ޝަރުވާން ހާސްވެ ގޮތް ހުސްވިއެވެ. ބޮލުގައި ދެއަތް އަޅައި ބާރަށް ރޯން ފެށިއެވެ.

"ދެން ކިހިނެއް ހަދާނީ" ޝަރުވާން މަންމަގެ ގާތުން އަހައިލިއެވެ.

"ދެންވެސް ތެދުބަހުން ވާހަކަދައްކާ" މަންމަ ނަސޭހަތް ދިންނަމަވެސް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމައެކަނި ދަރިފުޅު މީހެއްގެ މަރުގެ ޒިންމާ ނަގަން ޖެހުނީމަ ކޮންމެ މަންމައަކަށް ވެސް ވާނީ ހަމަ އެގޮތެވެ.

"ދެން ކިހިނެއް ހަދާނީ. މަންމާ ޕްލީޒް ބުނެދީބަލަ" ޝަރުވާން ހުރީ ވަރަށް ހާސްވެފައެވެ.

ޝަރުވާންގެ މަންމަ ޝަރުވާނަށް ހިތްވަރު ދެމުން ދިޔައެވެ. ޝަރުވާން ހަމައަކަށް އެޅުވޭތޯއެވެ. އެންމެފަހުން އެހުރިހާ ކަމަކާއި ހަވާލުވީ މަންމައެވެ. އެންމެ ފުރަތަމަވެސް ރަށުގެ ކަމާއިބެހޭ ފަރާތްތަކަށް އެވާހަކަ އެންގިއެވެ. އަދި އެފަރާތްތަކުގެ އެހީގައި ވީހާވެސް އަވަހަކަށް ކަށުކަމާކެމީގެ ކަންތައް ނިންމަން އުޅުނު ނަމަވެސް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަށުކަމާކެމީގެ ކަންތައް ޝަރުވާންމެން ބޭނުންވާހާ އަވަހަކަށް ނުވިއެވެ. އައިޝާ މަރުވި ޚަބަރު ޚާލިދަށް ލިބުމާއިއެކު އޭނާ މަސައްކަތް ކުރަމުން ދިޔައީ އެމަރަކީ ޝަރުވާންގެ ސަބަބުންވީ މަރެއް ކަމަށް ވާހަކަ ދައްކަމުންނެވެ. އެގޮތަށް ރަށުތެރޭގައި ވާހަކަ ދައްކަމުން ދިޔައެވެ. މީހުންނަށް ވީހާވެސް ބޮޑަކަށް ގަބޫލު ކުރެވޭނެހާ ގޮތަކަށެވެ. ޝަރުވާނާއި ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމަރުގެ ހަގީގަތް ހޯދުމަށެވެ. ޝަރުވާން ދެރަވީ އޭނާ ނެތް ތަނެއްގައި އައިޝާ ވަޅުލަފާނެތީއެވެ. އެހުރިހާ ކަމެއްގައި ޝަރުވާން ބައިވެރިވާން ބޭނުންވިއެވެ. އަދި އެކަމަށް ފުލުހުންގެ ކިބައިން އާދޭހާއިއެކު އެދެމުން ދިޔަ ނަމަވެސް އެކަން ކާމިޔާބުވީ ވަރަށް ފަހުންނެވެ. ޚާލިދާއި ޝަރުވާން ފުލުހުންގެ ހައްޔަރުގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބީއެވެ.

މެންދުރުވާން އުޅެނިކޮށް އައިޝާގެ ކަށުނަމާދަށް އިއުލާން ކުރިއެވެ. ކަށުނަމާދު އޮތީ މެންދުރު ނަމާދަށް ފަހުގައެވެ. އަދި އައިޝާ ވަޅުލުމުގެ ކަންތައް ހަމަޖެހިފައި އޮތީ އެރަށު މީހުން ވަޅުލާ ސަހަރާގައެވެ. އައިޝާގެ މޫނު ބެލުމަށް ރަށުގެ އެންމެން ކަހަލަ ގޮތަށް އައިސް ތިބިއިރު ވެސް އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ. މިރަށުން ދުވަހަކުވެސް އެކަހަލަ ކަމެއް ހިނގައިފައި ނެތުމުން ރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމަކާއި ސިހުމެކެވެ. އަދި އެމީހުންނަށް ސިހުން ގެނުވި ދެވަނަ ކަމަކީ ޚާލިދާއި ޝަރުވާން ފުލހުންގެ ބެލުމުގެ ދަށުން އެތަނަށް ގެނައީމައެވެ. އެކަމާއި ވަރަށް ގިނަ މީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔައެވެ. އެތަނުން އައިޝާގެ ގާތިލަކީ ކާކުކަމެއް އަދިވެސް ރަށުގެ މީހުންނަކަށް ނޭނގެއެވެ. ޝަރުވާންގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް ޚާލިދު ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ދޭތެރެއަކުން ޚާލިދު ޝަރުވާންގެ މޫނަށް ބަލައިލަނީ ރުޅިވެރި މޫނަކާއިގެންނެވެ. ރަށުގެ ރައްޔިތުންނާއި އެމީހުން ބައިތިއްބާފައިވަނީވެސް ދުރުގައެވެ.

ކަށުނަމާދު ނިންމާ އައިޝާ ވަޅުލާ ހުރިހާ ކަމެއް ނިމުނުއިރު ގަޑިން އެކެއްޖަހާ ބޮޑުވަނީއެވެ. ޝަރުވާނާއި ޚާލިދުވެސް އަނެއްކާވެސް ފުލުހުން ގެންދިޔައީއެވެ. ހުރިހާ އެންމެންވެސް އެމީހެއްގެ ގެއަށް ދާން ހިނގައިގަތުމުން ޝަރުވާންގެ މަންމައަށް ހުރީ ދާނެ ދިމާލެއް ނޭނގި ހުއްޓުން އަރައިފައެވެ. ކުރިމަތީގައި ފުލުހުން އެގެންދިޔައީ ހުރި ހަމައެކަނި ދަރިފުޅެވެ. މީހެއްގެ މަރުގެ ތުހުމަތަށެވެ. އެކަމުގައި ޝަރުވާންގެ ކުށެއް ނެތްކަން އެއްވެސް މީހަކަށް ނޭނގެއެވެ. ރަށުގެ މީހުންވެސް މިހާރު ޝަރުވާންގެ މަންމައަށް ބަލަނީ ނުރުހުމާއި ނަފްރަތުގެ ލޮލަކުންނެވެ. އެއީ މީހުންމަރާ އާއިލާ އެކޭވެސް ކިޔައެވެ.

ޝަރުވާން ހައްޔަރު ކުރިފަހުން ޝަރުވާންގެ މަންމަ ހަލީމާ އުޅުނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އެގެއަށް ވަދެލާނެ މީހަކުވެސް އެރަށުގައި ނެތެވެ. މީހަކަށް ހަލީމާ ފެނުނަސް ނުފެންނަކަމަށް ހަދައި އެހެން ދިމާލަކަށް ހިނގައިގަންނަނީއެވެ. ކުޑަމިނުން ހަލީމާ އާއި ވާހަކަ ދައްކާލާނެ މީހަކުވެސް ނޫޅެއެވެ. ހަލީމާ އެކަނިމާ އެކަނި ގޭގައި އިނދެގެން ނަމާދުކޮށް ދުޢާ ކުރަމުން ދިޔައީ އޭނަގެ ދަރިފުޅު ޝަރުވާންގެ ކުށެއް ނެތްކަން ހާމަވެ ބަންދުން ސަލާމަތް ވާނެ ގޮތެއް މެދުވެރިކޮއްދެއްވުމަށެވެ. އަދި އެ އެކަނިވެރިކަން އުފާވެރިކަމަށް ބަދަލުކޮއްދެއްވާތޯ ދުޢާ ކުރަމުން ދިޔައެވެ.

އިރު އޭގެ ވާޖިބު އަދާކޮށް ދުނިޔެއަށް އަލްވަދާޢު ކިޔަމުން ދިޔައީ އެނބުރި އަންނާނެ ކަމުގެ އުންމީދުގައެވެ. ދުވާލުގަޑީގައި ލަވަކިޔައި އުފާވެރި ކަމުގައި އުޅުނު ދޫނިތައްވެސް ރޭގަނޑުގެ އަރާމު ނިންޖަށް އޭގެ ހާލިތަކާއި ދިމާލަށް މިސްރާބު ޖެހީ އުފާވެރި މާދަމާއެއް އަންނާނެ ކަމުގެ އުންމީދުގައެވެ. އެހުރިހާ ދޫނިސޫފާސޫފި އޭގެ ހާލިތަކަށް އަރާމު ނިންޖަކަށް ދަތުރު ކުރަމުން ދިޔަ ނަމަވެސް ޝަރުވާންގެ މަންމަގެ ހިތަށް އެއްވެސް ކަހަލަ ހިތްހަމަޖެހުމެއް ނުލިބެއެވެ. ކާއެއްޗެއް ނުކެވޭއިރު ލޮލުން ކަރުނަ ހިކޭ ވަގުތެއް ނާންނަތާ މިހާރު މަސްދުވަސް ވަނީއެވެ. ހަލީމާވެސް އިރު އޮއްސުމާއިއެކު ގޭ ދޮރުތައް ތަންޑު އެޅުވުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ އޮށޯވެލީ އިޝާނަމާދުވެސް ކޮއްގެންނެވެ.

އެކަނިވެރި ކަމުގައި އުޅެން ޖެހުމުގެ ސަބަބުން ނިދިވެސް ހަލީމާ އާއި ރުޅިވި ކަހަލައެވެ. މިވީ މަހެއްހާ ދުވަސް ތެރޭގައި ހަލީމާގެ މުޅި ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. ހިކި އަނަރޫފަވުމުގެ ސަބަބުން ސިފައަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ވަނީ އައިސްފައެވެ. ހަލީމާ އެނދުގައި އޮށޯވެ ފާރުގައި ހަރުކޮއްފައިވާ ގަޑިއަށް ބަލައިލިއެވެ. ގަޑިން އަށްގަޑި ބައި ވަނީއެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހުނެއްކަމަކު ފަނޑު ހަނދުވަރެއް ދީފައި އޮތެވެ. ހަލީމާ އެހެން އޮއްވައި ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށެވެ. އެނދުން ތެދުވެ ވަށައިގެން ހޯދައިލީ އެއީ ހީވި ހީވުމެއް ކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ފަހަރަށް އެއަޑު އައީ ހަލީމާ ހޭލާ އިންދައެވެ. އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އެއިރުވެސް ވާރޭ ވެހެމުން ދާތީ އެގެއަށް އަންނާނީ ކާކުހޭ ހަލީމާ ހިތުގައި ސުވާލު އުފެދުނެވެ. އަދި އެގެއަށް މީހަކު ނުވަންނަތާ މަހެއްވަނީއެވެ. ކުޑަމިނުން ވާހަކަވެސް ދައްކާލާނެ މީހަކު ނުވާއިރު މިގަޑީގައި މިގޭ ދޮރުގައި ޓަކި ޖަހާނީ ކާކު ހެއްޔެވެ. އެއީ ހީވި ހީވުމެއް ނޫނެވެ. އެއީ ޔަގީން ކަމެކެވެ. ޓަކި ޖެހިއެވެ. އެއަޑު ހަލީމާއަށް އިވުނީ ހޭލާއިންދައެވެ. ވާރޭގެ ކަނިތައް ހަލީމާ ތެންމަމުން ދިޔަ ނަމަވެސް ބޭރަށް ނިކުތީ އެކަން ޔަގީން ކޮއްލާށެވެ. ވަށައިގެން ރަނގަޅަށް ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުޅި ގޯތިތެރޭގައި ވަނީ ހަމަ ހިމޭންކަން ވެރިވެފައެވެ. މަޑު އަލިކަމެއް ގޯތިތެރެއަށް ފެތުރިފައި ވުމުގެ ސަބަބުން ދުރު ކޮންމެވެސް ވަރަކަށް ފެނެއެވެ. ގަސްތައްވެސް އެއަށް ފެން ލިބޭތީ އުފަލުން ނަށަމުން ދިޔަ މަންޒަރު ހަލީމާއަށް ފެންނަމުން ދިޔައެވެ.

= ނުނިމޭ =

+1
2
+1
0
+1
8
+1
0
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް