އެއްވެސް މީހަކު ނުފެނުމުން ހަލީމާ ކޮންމެވެސް ވަރަކަށް ބިރުގަތެވެ. އައިޝާގެ މަރާއި ގުޅިގެން ހަލީމާއަށް މީހެއްގެ ހަމަލައެއް އަތުވެދާނެތީއެވެ. މިވަގުތަކީ ހަލީމާ އެކަނި ގޭގައި ދިރިއުޅެން ޖެހިފައިވާ ދުވަސްކޮޅެކެވެ. ބިރުން ހުރެ ވަށައިގެން އަދިވެސް އެއްފަހަރު ބަލައިލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ގޭތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. ކޮޓަރި އާއި ހިސާބަށް ދިއުމަށްފަހު އަނެއްކާވެސް އެނބުރި އައިސް ދޮރުގެ ތަޅުގައި ހިފައިލީ ރަނގަޅަށް ދޮރު ލެއްޕިފައި ހުރިތޯ ބަލައިލުމަށެވެ. ރަނގަޅަށް ތަޅުލެވިފައި ހުރިކަން ޔަގީން ކުރުމަށްފަހު އަނެއްކާވެސް ހަލީމާ ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އަވަސް ފިޔަވަޅުތައް އަޅަމުން ދިޔައީ ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއި ހެދިއެވެ.
"ދޮރު ހުޅުވަބަލަ" ބޭރުން މީހަކު ގޮވައިލި އަޑަށް ހަލީމާ އަށް ލިބުނީ ސިހުމެކެވެ. ނަމަވެސް ބިރުން ހުރި ވަރުން އެއީ އަންހެނެއްތޯ ފިރިހެނެއްތޯ ކަށަވަރުވާ ވަރެއް ނުވީ ގޮވިލެއް މަޑުވީމައެވެ.
"ކާކު. ކާކު" ހަލީމާ އަހައިލިއެވެ.
"މަންމާ މީ މަންމަގެ ދަރިފުޅު" ބޭރުން އެހެން ބުނެލުމާއިއެކު ހަލީމާއަށް ބޭއިޚްތިޔާރުގައި ދޮރާއި ދިމާލަށް ދުއްވައިގަނެވުނެވެ.
ބާރު ބާރަށް ގޮސް ހަލީމާ ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ޝަރުވާންއެވެ. ވާރެ އާއި ތެމިގެން ހުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތުރުތުރު އަޅަމުން ދިޔައެވެ. ހަލީމާއަށް ޝަރުވާން ފެނުމާއި އެކު ދުވެފައި ގޮސް ޝަރުވާންގެ ގައިގައި ބައްދައިލިއެވެ.
"މަންމާ. އަޅުގަނޑޭ ކުރިންވެސް ޓަކިޖެހީ. މަންމައަށް ސަޕްރައިޒެއް ދޭންވެގެން ފިލީ. މަންމަ އުޅުނު ގޮތް ފެނިފައި ވަރަށް ހިނި އައި. އެކަމަކު ފަހުން ވަރަށް ދެރަވެސްވި" ޝަރުވާން މަންމަގެ ގާތުން މަޢާފަށް އެދުނެވެ.
ހަލީމާއަށް ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. އުފަލުން ޝަރުވާންގެ ގައިގައި ބައްދާފައި ރޮނީއެވެ. ސަލާމަތުން ދަރިފުޅަށް ގެއަށް އާދެވުނީމައެވެ. އެންމެފަހުން ޝަރުވާން ގޮވައިގެން ގޭތެރެއަށް ވަދެ ތުވާއްޔެއް ގެނެސް ޝަރުވާންގެ އަތަށް ދިނެވެ. އަދި ކައިރީގައި އިނދެ ޝަރުވާންގެ ބުރަކަށީގައި ފިރުމަމުން ދިޔައީ މައިވަންތަކަމުގެ ލޯތްބާއި އެކުގައެވެ.
"ދަރިފުޅު ކިހިއްވީ" މަންމަ ސުވާލު ކޮއްލިއެވެ.
"އެކަމުން ސަލާމަތް ވެއްޖެ. ޚާލިދު ހުރިހާ ކަމަކަށް އެއްބަސްވެއްޖެ" ޝަރުވާން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ. ޝަރުވާންގެ ވާހަކަ އަޑު އަހާފައި މަންމަ ފުން ނޭވާއެއް ދޫކޮއްލީ ދަރިފުޅު ސަލާމަތް ވުމުގެ އުފަލުގައެވެ. އަދި މަންމަގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދައިލިއެވެ.
"ދެންވެސް އެކަހަލަ ކަމެއްގައި ބައިވެރި ނުވާތި ދަރިފުޅާ" މަންމަ ޝަރުވާނަށް ނަސޭހަތް ދިނެވެ. އަދި އެކަމުން ސަލާމަތް ވީތީ އެކަމުގެ އުފާ ކުރިއެވެ.
ކުރިންވެސް ހަލީމާ އޭނާގެ ދަރިފުޅު ޝަރުވާނަށް އައިޝާ އާއި ގާތް ނުވުމަށް ނަސޭހަތްތެރިވިއެވެ. ނަމަވެސް އެއަޑު ޝަރުވާނަށް ނީވެ އައިޝާ އާއި ގާތްވެވުނީއެވެ. ނަމަވެސް މިހާރު ހަލީމާއަށް އޮތް އުފަލަކީ ދެން އައިޝާއަށް ދުވަހަކުވެސް ޝަރުވާނާއި ގާތް ނުވެވޭނެތީއެވެ. އެހެން މީހެއްގެ ފަރާތުން ނަމަވެސް އައިޝާއަށް ލިބުނު އަނިޔާ އިން މިދުނިޔެ އާއި އައިޝާ ވަކިވުމަކީ ހަލީމާ ހިތަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މަންމަގެ ނަސޭހަތާއި ވާހަކަތައް އަޑުއަހަން އިނުމަށްފަހު ޝަރުވާން ހިނގައިގަތީ އޭނަގެ ކޮޓަރި އާއި ދިމާލަށެވެ. މަންމަވެސް މަންމަގެ ކޮޓަރިއަށް ގޮސް ވަނެވެ. ޝަރުވާން ބޭނުންވީ އަވަހަށް ނިދާލާށެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލުވައި ތާޒާކަމާއި އެކު އާދުވަހަކަށް ހޭލާށެވެ. ހަޔާތުން ދިޔަ ކަންތައް ހަނދާން ނައްތާލައި މުޅިން އާދުވަހަކަށް އިންތިޒާރު ކުރާށެވެ. ޝަރުވާން ކޮޓަރީގެ ތަޅުލުމަށްފަހު އެނދާއި ދިމާލަށް ހިނގައިގަތެވެ. އަދި ދަމުން ލައިގެން ހުރި ގަމީސް ބާލައި ފޫހި ފާޑަކަށް ކައިރީގައި ހުރި ޑްރެސިންގޓޭބަލް އާއި ދިމާލަށް އެއްލައިލުމަށްފަހު އެނދުގައި އިށީނެވެ. އަދި ވަށައިގެން ކޮޓަރި ތެރެއަށް ބަލައިލީ ދުވަސްތަކަކަށް ފަހު އެނބުރި އައިސް އަމިއްލަ ކޮޓަރީގައި ނިދާލެވުމުގެ އުފަލުގައެވެ. ނަމަވެސް ޝަރުވާންގެ ލޮލުގައި އަޅައިގަތީ އެނދާއި ދިމާލުން ކޮޓަރީގެ ކަނުން އާދަޔާ ޚިލާފަށް ހިނިތަކެއް ނިކުމެ ދާތަނެވެ. އެމަންޒަރު ބަލަން ޝަރުވާން އިނީ ވަރަށް ޝައުގުވެރި ކަމާއި އެކުގައެވެ. ނަމަވެސް އެތާގައި އެހާ ހިނި ގިނަވާންވީ ސަބަބެއް ޝަރުވާނަކަށް ނުވިސްނުނެވެ. ޝަރުވާން ނެތަސް ކޮންމެ ދުވަހަކު މަންމަ އެކޮޓަރި ސާފު ކުރާނެކަން ޝަރުވާނަށް އެނގެއެވެ. އެހެންވުމުން އެހާ ގިނަ ހިނިތަކެއް އެތާ އުޅުމުގެ ކޮންމެވެސް ސިއްރެއް ވާނެއޭ ހިތާ އެދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ތިޔަ ތަނާހެން ޝަރުވާންގެ ލޮލުގައި އަޅައިގަތީ ލޭތިކި ތަކެކެވެ. އެހެން ވާންވީ ކީއްވެހެއްޔެވެ. ޝަރުވާން ފުލުހުންގެ ބަންދުގައި ހުންނަތާވެސް ދުވަސްކޮޅެއް ފަހުން ގެއަށް އައި އިރުވެސް އެކޮޓަރީގައި ލޭގެ އަސަރު ހުރުމުން ޝަރުވާން ހިތް ބިރުގަތެވެ. އަދި ވަށައިގެން ހޯދައިލެވުނީ ބޭއިޚްތިޔާރުގައެވެ. އިތުރު އެއްވެސް ކަމެއް ކޮޓަރިތެރެއިން ފާހަގައެއް ނުވެއެވެ. އެ ހިނިތައް ހުރީ ހަމައެކަނި އެތާނގައެވެ. އެހެން އެއްވެސް ދިމާލެއްގައި ހިނީގެ އަސަރެއްވެސް ފެންނާކަށް ނެތެވެ.
"މަންމާ. މަންމާ" ޝަރުވާން ބާރަށް ގޮވަން ފެށިއެވެ. އެވަރަށް ގޮވިއިރުވެސް މަންމަގެ ޚަބަރެއް ނުވުމުން ޝަރުވާން އިތުރަށް ބިރުގަތެވެ. ބަލާކަށް ނުހުރެ ކޮޓަރިން ނިކުމެ ދުއްވައިގަތީ މަންމަގެ ކޮޓަރި އާއި ދިމާލަށެވެ. މަންމަގެ ކޮޓަރީގައި ޝަރުވާން ބާރަށް ތަޅަން ފެށިފަހުން މަންމަ ކޮޓަރިން ނިކުތެވެ.
"ކިހިނެއްވީ. މަންމައަށް ނިދިފައި އޮތީ" ޝަރުވާން ފެނިފައި މަންމަ ހާސްވިއެވެ.
"ލޭތިކި. ލޭތިކި. ބައިވަރު. ލޭތިކި" ޝަރުވާން ވާހަކަ ދެއްކީ ހުއްޓެމުން ހުއްޓެމުންނެވެ.
"ކޮން ލެއެއްތަ. ނުހުންނާނެ ލެއެއް. ދޭބަލަ ނިދަން" މަންމަ ބޭނުންވީ ޝަރުވާން ހަމައަކަށް އަޅުވާށެވެ. ޝަރުވާން ހިތް ބިރުގެންފައިވާވަރު މަންމަ އަށް އިހުސާސް ކުރެވެއެވެ. އެ ކޮޓަރިން ލޭގެ އަސަރު ކީއްކުރަން ކުނިކޮޅެއްވެސް ނޯންނާނެކަން ހަލީމާއަށް އެނގެއެވެ. އެއީ ކޮންމެ ދުވަހަކު އެތައްފަހަރު މަންމަ ސާފު ކުރަމުންދާ ކޮޓަރިއެކެވެ. ޝަރުވާން ނެތް ނަމަވެސް އެކަން ބަރާބަރަށް މަންމަ ކުރަމުންދާތީ އެކޮޓަރީގައި ލޭ ހުންނަންވީ ކީއްވެހެއްޔެވެ.
"އާދެބަލަ ބަލަން. އާދެބަލަ" ޝަރުވާން މަންމަގެ އަތުގައި ހިފައިގެން އޭނަގެ ކޮޓަރި އާއި ދިމާލަށް ހިނގައިގެންފިއެވެ. ޝަރުވާންގެ މަންމަވެސް ޝަރުވާނާއި އެކީގައި އެކޮޓަރިއަށް ގޮސް ވަނެވެ. ތެދެކެވެ. ޝަރުވާން ބުނި ދިމާލުގައި އެ ލޭތިކިތަކެއް އެބަހުއްޓެވެ. މަންމައަށް ވެސް ބިރުން ފަހަތަށް ޖެހިލެވުނު ނަމަވެސް އެމަންޒަރު ޝަރުވާނަށް ނުދައްކައްއެވެ. އެއީ ޝަރުވާން ބިރުން ދެން އެކޮޓަރީގައި ނުނިދަފާނެތީއެވެ.
"ތިވާނީ މަންމައަށް ނުފެނިފައި ހުރީ ކަމަށް" މަންމަ ގަސްދުގައި ދޮގުހެދީ ޝަރުވާން ބިރުން ހުރީމައެވެ.
"އެކަމަކު ހީވަނީ ދެންމެގެ ކަމެއްހެން. އެ ލޭތައް އެހުރީ ހިކިފައެއް ނޫން" ޝަރުވާނަށް ގަބޫލު ކުރަން އުނދަގޫވިއެވެ.
"ބަލާބަލަ. މަންމަގެ އަތުގައި ނުހޭކޭ" މަންމަ ގުދުވެފައި އެ ލޭ ތަކުގައި އަތް ހާކައިލިއެވެ.
މަންމަ ބުނި ބަސްތައް ޝަރުވާން ގަބޫލު ކުރިއެވެ. ޝަރުވާނަށް ވިސްނުނީ އޭނާއަށް ބިރުގެންފައި ހުރިވަރުން ވީ ގޮތެއް ކަމަށެވެ. ޝަރުވާން ހަމައަކަށް އެޅުމުން މަންމަ އެކޮޓަރިން ބޭރަށް ނިކުތުމުން ޝަރުވާންވެސް ހެދުން ބަދަލު ކޮއްލައިގެން ގޮސް އެނދުގައި އޮށޯތެވެ. އަދި ކޮޓަރީގެ ބޮކީގެ އަލިމަޑުކޮއްލާފައި އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އިރުއިރުކޮޅާ ޝަރުވާނަށް ހޭލެވި ކޮޓަރި ތެރެއަށް ބެލެނީ އެއްވެސް އެއްޗެއްގެ ހިލަމެއް ކޮޓަރި ތެރެއިން ވޭތޯއެވެ. އެއިރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދާ އަޑު އިވެމުން ދިޔައެވެ. ވާރޭ ވެހޭ ހިތްގައިމު އަޑުންވެސް ޝަރުވާންގެ ހިތަށް ބިރުވެރިކަން ދިޔައީ އިތުރު ވަމުންނެވެ. ހިތްވަރު ކޮއްލާފައި ދެލޯ އަނެއްކާވެސް މަރައިލީ ނިދޭތޯއެވެ. އައިޝާގެ މަރުގެ ކަންތަކުގައި ޝަރުވާންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ހާމަވެ ޝަރުވާން ދޫކޮއްލީ މިރެއެވެ. އެ ހިތްހަމަޖެހުމާއި އެކު ރަށުގެ މީހުންގެ ތެރެއަށް ނިކުމެލަން ޝަރުވާން ހުރީ ކެތްމަދުވެފައެވެ. އެކަން މުޅި ރަށަށް ހާމަކުރަން ލަސްވެފައެވެ. އެހެން މީހުންގެ ހަމްދަރުދީ އިންތިހާއަށް ބޭނުންވެއެވެ. ގަދަކަމުން ދެލޯމަރައިގެން އޮންނަތާ ވަރަށް އިރު ފަހުން ޝަރުވާންގެ ނިދި ޝަރުވާންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. އަރާމު ނިންޖަކުން ޝަރުވާނަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
= ނުނިމޭ =