ޝަރުވާނަށް ހޭލެވުނީ މީހަކު ގޮވައިލިހެން ހީވާތީއެވެ. ސިއްސައިގެން ގޮސް ވަށައިގެން ހޯދައިލިއެވެ. ކޮޓަރިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއިރުވެސް މީހަކު ހިނގާ އަޑު އިވެމުން ދެއެވެ. ސީދާ އެއަޑު އަންނަނީ ކޮންދިމާލަކުން ކަމެއް ނޭނގެއެވެ. ޝަރުވާން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އަދި އެއީ ކާކުތޯ ބެލުމަށް އަވަސް އަވަހަށް ގޮސް ކުޑަދޮރުގެ ދޮރުފޮތިގަނޑު ކަހައިލިއެވެ. ޝަރުވާންގެ ލޮލުގައި އަޅައިގަތީ ދޮރާށިން ނިކުމެގެން ދިޔަ މީހެކެވެ. ނަމަވެސް އެމީހާގެ ފުރަގަހުން ފެނުމުން އެއީ ކާކުކަން ނޭނގުނެވެ. އަނެއްކާވެސް ފުލުހުން ޝަރުވާން ބަލާ އައީ ހެއްޔެވެ. އެހެން ނުވާނެއެވެ. އެމީހުން ޝަރުވާން ދޫކޮއްލި ކަމުގެ ލިޔުން ޝަރުވާންގެ އަތުގައި އެބައޮތެވެ. ޝަރުވާން ވިސްނުނެވެ. އަނެއްކާވެސް ގޮސް އެނދުގައި އޮށޯވެ ފާރުގައި ހަރުކޮއްފައިވާ ގަޑިއަށް ބަލައިލިއެވެ. ފަތިސް ނަމާދަށް ގޮވަން ގާތްވަނީއެވެ. މިހާރު ނިދަން އުޅުނަސް އިރުކޮޅަކުން މަންމަ އައިސް ޝަރުވާނަށް ގޮވާނެއެވެ. އެ ޚިޔާލުގައި އިންދާ ކޮޓަރި ތެރެއަށް ވަދެގެން އައީ ޝަރުވާންގެ މަންމައެވެ.
"ދަރިފުޅާ. އަދިވެސް ނުނިދަނީތަ" ޝަރުވާން ހޭލައި ހުއްޓާ ފެނުމުން މަންމަ ސުވާލު ކޮއްލިއެވެ.
"ނޫން. ފަތިސް ނަމާދަށް މިހޭލީ" ޝަރުވާން ގަސްތުގައި ދޮގު ހެދީ މަންމަގެ ސުވާލު ތަކުން ސަލާމަތް ވުމަށެވެ.
"ހާދަ ރަނގަޅު ކުއްޖެކޭ. އަވަހަށް ނަމާދު ކޮއްލާ" މަންމަ އެހެން ބުނެފައި ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ބަންގި ގޮވުމާއި އެކު ޝަރުވާން ނަމާދު ކުރަން ފެށީ ގޭގައެވެ. އަވަސް ކޮއްލައިގެން ނަމާދު ކޮއްލީ އަނެއްކާވެސް ކުޑަކޮށް ނަމަވެސް ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ނަމާދުކޮށް ނިމުނު ތަނާހެން އަނެއްކާވެސް ކޮޓަރިތެރެއަށް ވަނީ މަންމައެވެ. އެއައި ގޮތަށް އައިސް ޝަރުވާންގެ ގާތުގައި އިށީނީ ޚަތިމެއް ހިފައިގެންނެވެ. އަދި މަންމަ އާއި އެކު އިރު އަރަންދެން ގުރުއާން ކިޔެވުމުގައި ބައިވެރިވާން އެދުމުން އެކަމަށް ނޫނެކޭ ބުނާކަށް ޝަރުވާނަކަށް ނުކެރުނެވެ. އަދި އިރު އެރުމުގެ އިންތިޒާރުގައި އިން ޝަރުވާން ކިޔަވަމުން ދިޔަ ނަމަވެސް ދޭތެރެއަކުން ބޭރަށް ނަޒަރު ހިންގާލަނީ އިރު އަރައިގެން ބިންމައްޗަށް އަލިވިލޭތޯއެވެ. އެހެން ނޫނިއްޔާ މަންމަ ކޮޓަރިން ނުނިކުންނާނެއެވެ. ހޭލާ ގިނައިރު ވުމުގެ ސަބަބުން ޝަރުވާން ބަނޑުހައިވާން ފެށިއެވެ. އަދި އެ ވާހަކަ މަންމަ ގާތުގައި ވަރަށް އަދަބުވެރިކަމާއިއެކު ބުނި ނަމަވެސް މަންމަގެ ޖަވާބަކީ ދެން އިރު އަރާނެ ވަގުތެއް ނެތް ކަމަށެވެ. އަދި އިރު އެރުމުން މަންމަ ސައި ހަދައިދޭން ދާނެކަމަށެވެ. ޝަރުވާންގެ އިންތިޒާރުގެ ނިމުން އައީ ދޫނި ސޫފާސޫފި އޭގެ ހާލިން ނިކުމެގެން އުޅޭ އަޑަށެވެ. އެމީހުންނަށް އާ ދުވަހެއް ދެއްކެވީތީ އެކަމުގެ އުފާ ކުރަމުންދާ އަޑަށެވެ.
"މިހާރު އިރު އަރައިފިއެއްނު. ދެން ސައިބޯން ބޭނުން ވަނީ" ޝަރުވާން މަންމަގެ ގާތުގައި ބުނެލިއެވެ.
"މިދަނީ. މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު މަންމަގެ ބަސް އަހައިގެން ކިޔެވީމަ. އަންނާނަން ވަރަށް މީރުކޮށް ސައި ހަދައިގެން" މަންމަ ކޮޓަރިން ބޭރަށް ނިކުތެވެ. މަންމަ ހުރީ ވަރަށް އުފަލުންނެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށް އަރައިގެން އައި ވަގުތަކީ ޝަރުވާންވެސް އެންމެ އުންމީދު އަދި އިންތިޒާރު ކުރަމުން އައި ވަގުތެވެ. ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި ޝަރުވާން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ޝަރުވާނަށް ލިބުނު ހިތްހަމަ ޖެހުމުގައި އެހެން މީހުންވެސް ބައިވެރި ކުރަން ބޭނުންވެފައެވެ. އެހެން މީހުންނަށް ޝަރުވާންގެ އެއްވެސް ކުށެއް ނެތްކަން ހާމަވިކަން އަންގަން ބޭނުންވެފައެވެ. އެހެން އިންނަތާ ވަރަށް އިރުވީ އިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ ޝަރުވާން މަގުމައްޗަށް ނިކުމެލަން ހިނގައިގަތެވެ. އަދި ވަކި ހިސާބަކަށް ދިއުމަށްފަހު ދޮރާށި ދޮށުގައި މަޑުކޮއްލިއެވެ. އެންމެ ފުރަތަމަވެސް ޝަރުވާންގެ ލޮލުގައި އަޅައިގަތީ ހަމީދާއެވެ. ޝަރުވާން ފެނުމާއި އެކު ބާރަކަށް އައިސް ހުއްޓުނެވެ.
"ކޮބާ ދޫކޮއްލީތަ. އެހެން ވީމާ ކޮއްކޮއެއް ނޫންދޯ އޭނަ މަރައިލީ" ހަމީދާގެ ވާހަކަ ހުރި ގޮތުން ހީވަނީ ކޮންމެވެސް ކަމެއް އޮޅުން ފިލުވަން އުޅޭ ކަހަލައެވެ.
"ލައްބަ. އެއީ އަހަރެން ކުރިކަމެއް ނޫން" ޝަރުވާން ޖަވާބު ދިނެވެ.
"އާން އަހަރެންނަށްވެސް އެނގޭ ކޮއްކޮ އެކަހަލަ ކަމެއް ނުކުރާނެކަން" ހަމީދާ އިތުރަށް ވާހަކަ ދައްކަން ފެށިއެވެ.
"އެހެންވެ ރޭގައިވެސް އަހަރެން ތި ގެ ކައިރީގައި އުޅުނިން މަންމަ އާއި ބައްދަލުވެވޭތޯ" ހަމީދާ އަނެއްކާވެސް ބުނެލިއެވެ.
ޝަރުވާން ކުޑަކޮށް ވިސްނައިލިއެވެ. ރޭގައި ޝަރުވާނަށް އެފެނުނީ ހަމީދާ ބާއެވެ. ދެންމެ އެބުނީ އެހެންނެވެ. އެއީ ޝަރުވާނަށް ހީވި ގޮތެއް ނޫންކަން މިހާރު ޔަގީންވިއެވެ. ސުވާލަކީ އެވަގުތު ހަމީދާ އެގެއަށް އަންނަންވީ ކީއްކުރަން ބާއެވެ. ޝަރުވާން އެޚިޔާލަށް ގެއްލިފައި ހުއްޓާ ހަމީދާ ދާން ހިނގައިގަތެވެ. ޝަރުވާން ހުރިގޮތަށް ދޮރާށީގައި ލެނގިގެން ހުރީއެވެ. މަގުމަތީގައި ކޮންމެވެސް ވަރަކަށް މީހުން އުޅެމުން ދިޔައެވެ. ކޮންމެ މީހަކުވެސް ޝަރުވާނަށް ބަލާފައި ހީލަނީއެވެ. އައިޝާގެ މަރުގެ ހަގީގަތް އެމީހުންނަށް ވެސް ހާމަވީ ކަހަލައެވެ.
ހަވީރު ފިނީގެ ވަގުތެވެ. ވަރަށް ދުވަސް ކޮއްލާފައި ޝަރުވާން ލޯބިން ގެންގުޅުނު ގަސްތަކަށް ފެން ދިނުމުގައި އުޅުނެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތް ކަހަލައެވެ. އެގަސްތަކަށް އަޅައިނުލެވުމުގެ ސަބަބުން ގިނަ ގަސްތައް ވަނީ ކޮންމެވެސް ވަރަކަށް މިލާ މޯޅިވެފައެވެ. ވަރަށް ރަނގަޅަށް ގަސްތަކަށް ބޭސްޖަހާ ރީތި ކުރަމުން ދިޔައެވެ. އިރު އޮއްސެން ގާތްވިއިރުވެސް ގޯތި ތެރޭގައި ހައްދާފައި ހުރި ގަސްތައްވެސް އެއްކޮށް ނުނިމުނީ މަންމަގެ ވާހަކަތަކުގެ ސަބަބުންނެވެ. މަންމަ އަބަދުވެސް ބޭނުންވާނީ އިރު އޮއްސުމުގެ ކުރިން ގަސްތަކުގެ ކަންތައް ނިންމާލާށެވެ. އަދި އިރު އޮއްސުމަށްފަހު ގަހެއްގެ ފަތެއްގައިވެސް އަތްލާކަށް މަންމަ ބޭނުމެއް ނުވެއެވެ. އެއީ މަންމަ ބުނާގޮތުން ޖިންނި ޝައިތާނުން އުޅޭ ގަޑިއެވެ. އެއިން އެއްޗަކަށް ގޯނާއެއް ކުރެވިއްޖެއްޔާ އެމީހާ އާއި އެޖިންނިއެއް އަވަލާނެވެ. މަންމަ ބުނާގޮތުން މިރަށުގައިވެސް ކުރިން އެކަހަލަ އެތައް ހާދިސާއެއް ހިގައިފައި އެބަހުއްޓެވެ. އެހެންވުމުން ޝަރުވާންވެސް މަންމަގެ ބަސްއަހައިގެން ގަސްތަކާއި ދުރަށް ޖެހިލީ އިރު އޮއްސުމުންނެވެ. ކޮންމެ ނަމާދެއްގެ ގަޑިއަށް މަންމަ އެކަން ހަނދާން ކޮއްލަދޭން އައިސް ހުންނާނެއެވެ. ޝަރުވާން އަވަސް ކޮއްލައިގެން އަތް ދޮވެލަން ވަނީ ގިފިއްޔަށެވެ. ނަމަވެސް ޝަރުވާނަށް ފެނުނީ ހިތްދަތި މަންޒަރެކެވެ. ގިފިލީގައި ޝަރުވާން ހައްދަމުންދިޔަ ގަސްތައްވެސް އަޅާނުލެވުމުގެ ސަބަބުން ހުރީ މިލާފައެވެ. މަންމަ ގޮވިޔަސް ހެޔޮކަމަށް ހިތާ ގަސްތަކަށް ފެންދީ ބޭސް ޖަހަން ފެށިއެވެ. އިރު އޮއްސެމުން ދިޔަ ވަގުތަށް ވުމާއިއެކު ދުނިޔެމައްޗަށް އަނދިރިވަމުން ދިޔައީ ނުލާހިކު އަވަހަށެވެ. އެހެންވުމާއި އެކު ނަމާދަށް ގޮވުމުން ޝަރުވާން ގިފިލިން ނިކުތްއިރު ލަސްވެގެން މަންމަ ހުއްޓެވެ.
ކޮންމެ ކަމަކީވެސް ނިމުމެއް އަންނާނެ ކަންތަކެވެ. ކޮންމެ ކަމަކާއިވެސް ކުރިމަތިލާން ވާނީ ވަރަށް ކެރިގެންނެވެ. ދުނިޔޭގައި އުޅޭއިރު އުފަލާއި ހިތާމައާއި ކުރިމަތިލާން ޖެހޭނެއެވެ. މިއީ އަބަދުވެސް ޝަރުވާންގެ ވިސްނުން ބަހައްޓާ ގޮތެވެ.
ދުނިޔެ މައްޗަށް އަނދިރިވެ ދުވާލުގަޑީގައި އެކި ހަރަކާތްތަކުގައި އުޅެމުންދިޔަ އެންމެހާ ދޫނިތައްވެސް އޭގެ ހާއްޔަށް ދިޔައީ ރޭގަނޑަށް އަނދިރިވުމުގެ ކުރިންނެވެ. އަދި މިދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅަކަށްވުމުން އަބަދުވެސް އޮންނަނީ ވާރޭ ވެހޭ ކަހަލަ ގޮތަކަށެވެ. ޝަރުވާންވެސް ދުވާލުގެ ވަރުބަލިކަން ފިލުވާލަން ސިޓިންގރޫމްގެ ގޮނޑިއެއްގައި އިނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. އަބަދުވެސް ވާހަކަ ކިއުމަކީ ޝަރުވާން ކުރާހިތްވާ ކަމެކެވެ.
"ދަރިފުޅާ. ދަރިފުޅާ ވާރޭ ވެހެނީ. ދޭބަލަ މަންމަ ހިއްކަން އަޅުވައިފައި ހުރި ހެދުންތައް ނަގަން. މަންމަ ހަނދާން ނެތިފައި މިހުންނަނީ" ޝަރުވާން މަންމަގެ އަޑަށް ބަލައިލިއެވެ. އެއިރު ވާރޭ ވެހެން ފަށައިފިއެވެ.
ޝަރުވާން އަތުގައި އޮތް ފޮތް ގޮނޑިމަތީގައި ބާއްވާފައި ދުއްވައިގަތީ މަންމަ އެދުނު ކަންތައް ކޮއްލަ ދޭށެވެ. ޝަރުވާން ދުވެފައި ގޮސް ގޯތިތެރޭގައި ހިއްކަން ބަހައްޓާފައި ހުރި ހެދުންތައް ނަގައި ގޭތެރެއަށް ވަންނަން ދުއްވައިގަތްތަނާހެން އަތުގައި ހުރި ބައެއް ހެދުންތައް ބިންމައްޗަށް ވެއްޓުނެވެ. އަދި އަވަހަށް ގުދުވެ އެހެދުންތައް ނަގައި އަނެއްކާވެސް ދުއްވައިގަތީ ވާރެއިން ސަލާމަތް ވުމަށެވެ.
ނަމަވެސް ޝަރުވާން ހުއްޓުނީ ކޮންމެވެސް މީހަކު ޝަރުވާންގެ ނަމުން ގޮވައިލި އަޑަށެވެ. ނަމަވެސް ޝަރުވާން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އަނެއްކާވެސް ޝަރުވާންގެ ނަމުން ގޮވައިލުމުން ޝަރުވާން ހުއްޓުނެވެ.
"ކާކު. ކާކުހޭ ތިއީ މިވިއްސާރާގައި" ޝަރުވާން އަހައިލިއެވެ.
"މިއީ މަށޭ. އާދެބަލަ. އަހަރެންވެސް މިހުރީ ތެމިފޯވެފަ" ޝަރުވާނަށް އަޑުއިވުނީ އަންހެން ކުއްޖެއްގެ އަޑެކެވެ. އެކަމަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
"ކޮބާ" ޝަރުވާން ގޮވައިލިއެވެ.
"ބަލާބަލަ މިކޮޅަށް" އެއަޑު އައީ ގޯތިތެރޭގައި ހުރި ބޯކަށި ގަސްތަކާއި ދިމާލުންނެވެ.
ޝަރުވާން ދުވެފައި ގޮސް ގޭތެރޭގައި އެ ހެދުންތައް ބެހެއްޓުމަށްފަހު ހިނގައިގަތީ އެ ބޯކަށި ގަސްތަކާއި ދިމާލަށެވެ. މި ވިއްސާރައިގައި އެތާ ހުންނާނީ ކޮންމެވެސް އެހީއެއް ބޭނުންވާ މީހެކެވެ. ވާރެއިން ސަލާމަތްވާން އެދިމާލުގައި ހުރިކަމަށްވެސް ވެދާނެއެވެ.
= ނުނިމޭ =