November 23, 2024 20:14
Advertisement

-Advertisement-

ވާހަކަ: ލޭތިކި (އެގާރަވަނަބައި)

ޝަރުވާން ދިޔައީ ވަރަށް ފަރުވާތެރިކަމާއިއެކު މީހަކު ފެނޭތޯ ބަލަމުންނެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ޝަރުވާން އެއިރު ކޮންމެވެސް ވަރަކަށް ވަނީ ތެމިފައެވެ. ދެން އިތުރަށް ބަލަން އުޅެގެން ތެމުން ފިޔަވައި އިތުރު ކަމެއް ނުވާނެހެން ހީވާތީ ކައިރީގައި ހުރި ގަހެއްގައި އަޅުވާފައިވާ ސަތަރިގަނޑެއްގެ ދަށަށް ވަދެ ވަށައިގެން ހޯދަން ފެށިއެވެ.

"ކޮބާ އަހަރެން މިހުރީ މިތާ" ޝަރުވާނަށް މީހަކު ނުފެނުމުން ބުނެލިއެވެ.

"މިހިރީނު" ޝަރުވާން ސިއްސައިގެން ދިޔައީ ވަރަށް ގާތުން އަންހެންކުއްޖެއްގެ ހިލަމެއް ވުމުންނެވެ.

Advertisement

ޝަރުވާން އެކުއްޖާއަށް ބަލަން ހުއްޓާ އައިސް ޝަރުވާންގެ ގާތަށް ހުއްޓުނެވެ. މުޅި މީހާވަނީ ތެމިފޯވެފައެވެ. އެ އަންހެންކުއްޖާ އައިސް ޝަރުވާންގެ ކިބައިން އެހީތެރިކަމަށް އެދުނެވެ. އެ ވިއްސާރައިން ސަލާމަތްވާން ހަމައެކަނި މިރޭ ޝަރުވާންގެ ގޭގައި މަޑުކޮއްލަދިނުމަށެވެ. ނަމަވެސް ޝަރުވާން އެކަމަށް އިންކާރު ކުރަމުން ދިޔައީ އެންމެފަހުންވެސް އެގޮތަށް އެގޭގައި ނިންދެވީ އައިޝާއެވެ. ނަމަވެސް އެންމެފަހުން އެކަންވެސް ނިމިގެން ދިޔައީ މީހެއްގެ މަރުގެ ޒިންމާ ބޮލުގައި އެޅެމުންނެވެ. ޝަރުވާން އެ އަންހެން ކުއްޖާއަށް އެހީވާން ކިތަންމެ ބޭނުންނަމަވެސް އެކަމަށް ޝަރުވާންގެ މަންމަ ހުއްދަ ނުދޭނެކަން ޝަރުވާނަށް ސަތޭކަޕަސެންޓް ޔަގީނެވެ.

"ނުކެރޭނެ" ޝަރުވާން ބުނެލިއެވެ.

"އޯހް ހާދަ ލަދުގަނޭދޯ. ތިއީ އަންހެން ކުއްޖެއްތަ މާލަދުން އުޅެން. އަހަރެން ބަލާނަމޭ ކިހާވަރަކުން ދޭތޯ" އެ އަންހެން ކުއްޖާ ޝަރުވާންގެ އުނަގަނޑުގައި ހިފެހެއްޓުމުން ޝަރުވާން ދުރަށް ޖެހިލިއެވެ.

"ތިއީ ކޮންކުއްޖެއް ކަމެއްވެސް އަދި ނޭނގެ. ކިހިނެއް މިތަނަށް އައީ" ޝަރުވާން ބޭނުންވީ އެކުއްޖާގެ މަޢުލޫމާތެވެ. އެއަށްފަހު ވާހަކަ ދައްކަން ފަސޭހަވާނެތީއެވެ. ނަމަވެސް އެވާހަކަ އެކުއްޖާއަށް ނީވޭ ކަހަލައެވެ.

"ތިއީ ކޮންކުއްޖެއްހޭ. ކީއްވެހޭ މިގެއަށް އައީ. ކޮބާހޭ ބޭނުމަކީ" ޝަރުވާން ހަރުކަށިވާން ފެށިއެވެ.

"ބީރައްޓެހި ކުއްޖެއް" އެކުއްޖާ ކުރު ޖުމްލައަކުން ނިންމާލިއެވެ.

"އޯކޭ ނުބުނެވެންޏާ އަހަރެން ދަނީ" ޝަރުވާން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"އަހަރެން އެކަނި މި ގަސްތަކުގެ ތެރެއަށް އަދި މިވިއްސާރަ ތެރެއަށް ދޫކޮއްލާފައި ދަނީތަ" ޝަރުވާން ހިނގައިގަތުމުން ރޮވިފައިވާ އަޑަކުން އެއަންހެންކުއްޖާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެވާހަކަތަކަށް ޝަރުވާން ސަމާލުކަމެއް ނުދިނެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ކަމަށް ހިނގައިގަތީއެވެ. ފަހަތަށް އެނބުރި ބަލައިވެސް ނުލާ އެދިޔަ ގޮތަށް ގޮސް ގޭތެރެއަށް ވަދެ ރަނގަޅަށް ދޮރުގައި ތަންޑު އެޅުވިއެވެ. އަދި ބާރަށް ގޮސް ކޮޓަރީގެ އެނދުގައި އިށީނީ މިވީ ގޮތާއި މެދު ވިސްނާށެވެ. އެކި ފަހަރު އެކި ޚިޔާލު އަންނަމުން ދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަންހެންކުއްޖެކެވެ. އަދި ބީރައްޓެހި ކުއްޖެކެވެ. އޭނާ އައީ ވާރެއިން ސަލާތް ހޯދާށެވެ. ނަމަވެސް އެހީތެރިކަމެއް ނުދީ އެވިއްސާރައަށް އެކުއްޖާ ދޫކޮއްލާފައި ޝަރުވާން އެއީ އެއްވެސް ކަހަލަ ރަހުމެއް އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތިއެވެ. އެއިރުވެސް ވާރޭ ވެހެމުން ދިޔައެވެ. އެތާނގައި އެކުއްޖާ ހުރިތޯ ޝަރުވާން ކުޑަދޮރުން ސިއްރުސިއްރުން ބަލަމުން ދިޔައެވެ. އެތާގައި އެކުއްޖާ ވާރެއިން ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ޝަރުވާނަށް ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ. ވާރެއާއި ތެމުމުގެ ސަބަބުން މޫނުމައްޗަށް ވެއްޓޭ އިސްތަށިގަނޑު ނަގާ ރީތިކޮއްލާ މަންޒަރާއި އެސަތަރިގަނޑުގެ ދަށުގައި އިށީނދެ އިންނަ މަންޒަރު ބަލަން ޝަރުވާނަށް މާގިނައިރަކު ނުހުރެވުނެވެ. ޝަރުވާންގެ ހިތުގައި އިންސާނިއްޔަތު ވިންދު ޖަހަން ފެށީ ވަރަށް ބާރަށެވެ. އެކުއްޖާއަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ޝަރުވާން ނަގަން ޖެހިދާނެ ކަމުގެ ބިރުވެސް ޝަރުވާންގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ އެކަނި އެހާލާއިގެން ދޫކޮއްލާކަށް ޝަރުވާނަކަށް ނުކެރުނެވެ. ޝަރުވާން ތެމުނަސް ހެޔޮކަމަށް ބޭރަށް ނިކުތްއިރުވެސް އެތާނގައި ތެމިގެން އެކުއްޖާ ހުރީ އެހީތެރިވެދޭނެ މީހެއްގެ އިންތިޒާރުގައެވެ. ޝަރުވާން ގޮސް އެކުއްޖާ ގާތުގައި ހުއްޓުނެވެ.

"ކޮބާ ތިރަށުގެ އެހެން ކުދިން" ޝަރުވާން އަދިވެސް ބޭނުންވީ އިތުރު މަޢުލޫމާތު ހޯދާށެވެ.

"ކީއްކުރަން އެހެން މީހުންގެ ވާހަކަ ތި އަހަނީ. އަހަރެންގެ ވާހަކަ އަހާބަލަ. ފުރަތަމަ އަހަރެންނަށް އެހީއެއް ވެދީބަލަ. އަހަރެން މި ހަލާކުވަނީ ފިނިވެގެން. މާދަމާ އިރުއަރަންވާއިރަށް އަހަރެން ހިނގައިދާނަން" އެއަންހެން ކުއްޖާ ވަރަށް އާދޭހާއިއެކު ބުނެލިއެވެ.

"އޯކޭ. އަހަރެން އެހީވެދީފާނަން. އެކަމަކު ވަރަށް ސިއްރުން އުޅެންވާނީ. މަންމައަށް އެނގިއްޖެއްޔާ ކަންތައް ނިމުނީ. އަހަރެންގެ ޒަމާން ދިޔައީ" ޝަރުވާން އެންމެފަހުން އެއްބަސްވިއެވެ.

"މަންމައަށް އަދި އެއްވެސް މީހަކަށް އަހަރެން ނުފެންނާނެ. އެއަށްވުރެ އަހަރެން މާ ހުޝިޔާރުވާނެ" އެއަންހެން ކުއްޖާ ވަރަށް އިތުބާރާއި އެކު ބުނެލިއެވެ.

"އަދިވެސް ނަމެއް ނޭނގޭ. ކޮންނަމެއް ކިޔަނީ" ޝަރުވާން އަހަލިއެވެ.

"ނަންވެސް ބުނެވޭނީ މި ފިނިން އަހަރެން ސަލާމަތް ވެގެންތާ. މި ފިނިން އަހަރެން މަރުވާވަރު އެބަވޭ" އެ އަންހެން ކުއްޖާ ބޭނުންވީ ވިއްސާރައިން ވީހާވެސް އަވަހަކަށް ސަލާމަތްވާނެ ގޮތެކެވެ.

"އޯކޭ. ހިނގާ އަހަރެންގެ ކޮޓަރިއަށް. އެކަމަކު ވަރަށް ސިއްރުން އުޅެންވާނީ. އެއްވެސް އަޑެއް އިވިގެން ނުވާނެ" ޝަރުވާންގެ ޝަރުތުތަށް ހުށަހެޅިއެވެ.

"އޯކޭ އަހަރެން އުދުހިފައި ހިނގައިދާނަން ޝަރުވާން ގޮވައިގެން" އެ އަންހެން ކުއްޖާ ހޭންފެށިއެވެ،

"އުދުހިގެންނޭ. ތިއީ ޖިންނި ކުއްޖެއްތަ އަނެއްކާ" ޝަރުވާން ކުޑަކޮށް ޖެހިލުންވިއެވެ.
"އޯކޭ. ޖިންނި ކުއްޖާއޭ ކިޔަސް. ނުވަތަ އޭނަ މީނަ ތީނަ ކިޔަސް. އެހެންނޫނިއްޔާ ލޯބި ކޮޅޭ ކިޔަސް" އެ އަންހެން ކުއްޖާ ހުރީ ޝަރުވާން އެހީތެރިކަމެއް ފޯރުކޮއްދޭތީ ވަރަށް އުފަލުންނެވެ.

"ކިހިނެއް އަހަރެންގެ ނަން އެނގުނީ" ޝަރުވާން ސުވާލު ކޮއްލިއެވެ.

"ޝަރުވާން އަމިއްލައަކަށް ތިބުނީ" އެ އަންހެން ކުއްޖާ ބުނެލިއެވެ.

އެކަމަކު ޝަރުވާން އެހެން ބުނި ހަނދާނެއް ނުވެއެވެ. އަދި ވާހަކަ ދައްކަން ފެށީއްސުރެ އަދި ޝަރުވާން އޭނަގެ ނަން ބޭނުންކުރި ހަނދާނެއް ނުވެއެވެ. އެކުއްޖާ އެބުނާހެން އެއީ ޖިންނި ކުއްޖަކަށް ވެދާނެބާއެވެ. އެހެންނޫނީ ޝަރުވާނަށް ކިޔާ ނަން އެހާ އަވަހަށް އެނގުނީ ކިހިނެއް ހެއްޔެވެ. އެހެންނަމަވެސް ޝަރުވާން ބޭނުންވީ ހުރިހާ ވިސްނުމެއް ދޫކޮއްލުމަށްފަހު އެ ކުއްޖާއަށް އެހީތެރިކަމެއް ފޯރުކޮއްދޭށެވެ. ޝަރުވާން އެކުއްޖާ ގޮވައިގެން ގޮސް ވަރަށް ސިއްރުން ކޮޓަރިއަށް ވަނެވެ. އަދި ރަނގަޅަށް ތަޅުލުމަށްފަހު ޝަރުވާން ގޮސް އޭނަގެ ތުވާލި ހިފައިގެން އައިސް އެކުއްޖާ އަތަށް ދިނެވެ.

"މިއީ އަހަރެން ނިދާ އެނދު. ގައި ހިއްކާލައިގެން އޮށޯވެލާ. އަހަރެން މިތާ ބިންމަތީގައި އޮށޯވެލާނަން" ޝަރުވާން އެކުއްޖާއަށް ކަންތައް ކޮއްލަދިނީ ވަރަށް އޯގާތެރިކަމާއި އެކުގައެވެ. އެކަމަށް ޝުކުރު އަދާކުރުމަށްފަހު ކޮންމެވެސް ވަރަކަށް ތެމިފައިވާ ހެދުމާއި އެކު އެކުއްޖާ އެނދުގައި އޮށޯވެލިއެވެ. އަދި ޝަރުވާން ބިންމަތީގައި ބާއްވަން ހިތްހަމަނުޖެހޭ ކަމަށް ބުނެ އޭނާ އާއި އެކު އެ އެނދުގައި އޯށޯވެލުމަށް ދަޢުވަތު ދިނެވެ. ނަމަވެސް އެކަމަށް ޝަރުވާން ދެކޮޅު ހަދަމުން ދިޔައީ ޝަރުވާން ކޮއްލަދިން ކަންތަކަށް ޝުކުރުކޮއްލައިގެން ނިދާލާށޭ ބުނަމުންނެވެ. އެކުއްޖާ އެވަރަށް އާދޭސް ކުރަމުން ދިޔައިރުވެސް ޝަރުވާން ތަކުރާރުކޮށް ނޫނެކޭ ބުނަމުން ދިޔައެވެ. އެންމެފަހުން އެކުއްޖާ އެނދުގައި އޮށޯވެލުމާއި އެކު ޝަރުވާން ބިންމަތީގައި އޮށޯތެވެ. ކޮންމެވެސް ވަރަކަށް ޝަރުވާން ހީކަރުވަމުން ދިޔަ ނަމަވެސް މިރެއަށް ކެތްކޮއްލާނީއޭ ހިތައި ހިތްވަރު ކޮއްލިއެވެ. ޝަރުވާން އެކި ޚިޔާލުތަކުގައި އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ. ޝަރުވާނަށް ހޭވެރިކަންވީ މަންމަ ގޮވާ އަޑަށެވެ. ޝަރުވާން އަވަހަށް ތެދުވެ އެނދަށް ބަލައިލީ އެކުއްޖާ އޮތްތޯއެވެ. އެނދުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ޝަރުވާން ހާސްކަން އިތުރުވިއެވެ. އަނެއްކާ އެ އަންހެން ކުއްޖާ ގެއިން ނިކުމެގެން ދިޔަ މަންޒަރު މަންމައަށް ނުފެންނާނެބާއެވެ. އަދި އެމަންޒަރު ފެނިގެން އެކަމާއި ހިތްހަމަ ނުޖެހިގެން މަންމަ ޝަކުވާ ކުރަން އައީ ނޫންބާއެވެ. އެތައް ޚިޔާލުތަކެއް ޝަރުވާންގެ ސިކުނޑީގައި ގުގުމަމުން ދިޔައިރު ފަތިސްނަމާދަށް ބަންގި ގޮވާ އަޑު އިވެމުން ދިޔައެވެ. ޝަރުވާން ވަރަށް ބިރުން ހުރެ ދޮރު ހުޅުވައިލިއެވެ.

"ކިހިނެއް ދިޔައީ" ޝަރުވާނަށް ބޭއިޚްތިޔާރުގައި މަންމަގެ ގާތުގައި އަހައިލެވުނެވެ.

"މިހެންލާފައި ދިޔައީ" މަންމަގެ ޖަވާބު ކުރެވެ.

"ދެކުނިންތަ" ޝަރުވާން އަނެއްކާވެސް ސުވާލު ކޮއްލިއެވެ.

"އަދިވެސް ނިދާފައި. ސާބަސް. ދެލޯ ހުޅުވަބަލަ. ދެން ދޭ ފަތިސް ނަމާދު ކުރަން" ޝަރުވާންގެ މަންމަ ބުނެލިއެވެ.

= ނުނިމޭ =

+1
3
+1
4
+1
3
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް