ފެޝަނުގެ ވާހަކަ ދައްކާއިރު މިހާރަކަށް އައިސް ފެޝަން ބަދަލުވަނީ ވަރަށް ހަލުވިކަމާއެކުއެވެ. ކޮންމެ އަހަރެއް ނިމި އައު އަހަރަކާ ބައްދަލުވާއިރު އައު ފެޝަނެއް ފެންނަން ފަށައެވެ. މިގޮތަށް ފެޝަން ބަދަލުވާތީ އެއިރެއްގެ ފެޝަނަށް ހެދުން އެޅުން ބަދަލުކޮށްލާ މީހުންވެސް އުޅެއެވެ. ނަމަވެސް ބައެއް މީހުންނަކީ ފެޝަނަށް ބަލައިގެން ހެދުން އަޅާ ބައެއް ނޫނެވެ. އަނެއްބައި މީހުންނަކީ އެމީހެއްގެ އަމިއްލަ ފެޝަނުގައި އުޅޭ ބައެކެވެ. އެމީހަކަށް ފަސޭހަ އަރާމު ފޮތިން ހެދުން ފަހައިގެން ލައި އުޅޭ މީހުންވެސް މަދެކޭ ނުބުނެވޭނެއެވެ. ބުރުގާއިން ފެށިގެން ގެންގުޅޭ ދަބަހާއި އަރާ ފައިވާނާ ބޫޓަށްވެސް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ. މީގެ 5 އަހަރު ކުރީގެ ފެޝަނަށް ހެދުން އަޅާ މީހުންނާއި މީގެ 10 އަހަރު ކުރީގެ ފެޝަނަށް ހެދުން އަޅާ މީހުންވެސް އަހަރެމެންގެ ތެރެއިން ފެނެއެވެ. މިގޮތަށް އެންމެ ބޮޑަށް ފެޝަން ބަދަލުކުރަނީ ހުޅަގުގެ ގައުމުތަކުގައި ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އާއްމުގޮތެއްގައި ފެޝަންތައް ތައާރަފުވެގެން އަންނަނީ ފެޝަން ރަންވޭތަކުގެ މަޝްހޫރު ތަރިންގެ ފަރާތުންނެވެ. ރާއްޖެއަށް އެފެޝަނެއް އަންނަނީ ފެޝަން ތައާރަފުވެ އެތައް ދުވަހެއްވާފަހުންނެވެ. ބަދަލުވެގެން އަލަށް އައިސްފައިވަނީ ކޮން ފެޝަންތަކެއްތޯ ބަލާލަމާ ހިގާށެވެ. މިއަހަރު 2024 ގައި ފެނިގެންދާނެ ބައެއް ފެޝަންތައް ފާހަގަކޮށްލާނަމެވެ.
ޔުނިސެކްސް ސްޓައިލް
މިސްޓައިލަކީ މިދިޔަ އަހަރުވެސް ކޮންމެވެސް ވަރަކަށް ފެނިގެންގޮސްފައިވާ ސްޓައިލެކެވެ. 'ބޯއިފްރެންޑް ޖީންސް'ގެ ނަމުން ނަންދެވިފައިވާ ދޫކޮށް ހުންނަ ފައިކުރި ފުޅާ ޖިންސަކީ ދެޖިންސްގެ މެދުގައިވެސް މަޝްހޫރުވެގެން ގޮސްފައިވާ ފެޝަނެކެވެ. މިއާއިއެކު ގަޔަށްދޫ އޯވަރ ސައިޒުގެ ގަމީހާއި ސޫޓަކީވެސް މިހާރުގެ ފެޝަނެވެ. ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މިފެޝަންތައް އިތުރުވެފައިވެއެެވެ. މިއާއިއެކު ބްލޭޒްއާއި ސްވެޓަރ އަކީވެސް މިހާރުގެ ފެޝަނެކެވެ. "ލްގަޒަރީ ފެޝްނ ރަންވޭ" ގެ ތެރެއިން މަޝްހޫރުވެ ކުރިއަރަމުން އަންނަ ފެޝަންތަކަކީ މީކަމުގައި ފެޝަން ޑިޒައިނަރުން ބުނެއެވެ. މީގެ ތެރޭގައި އަތްދަބަހަށް ބަލާއިރުވެސް އަންހެނުންނާއި ފިރިހެނުން ގެންގުޅެނީ އެއްކަހަލަ ދަބަހެވެ. މިހާރުވެސް ފެންނަމުންދާ 'ޓޮޓް ބޭގަކީ' އަންހެނުން އަދި ފިރިހެނުންގެ ތެރޭގައިވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.
ފޫޓީ ފެޝަން
މިއީ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ކަމުދާ ފެޝަނަކަށް ވެގެންދާނެ އެވެ. ބްރިޓިންގެ މަޝްހޫރު ފެޝަން ޑިޒައިނަރ ގްރޭސް ވޭލްސް ބޮނާއި ކޮލަބަރޭޓްވެގެން އެޑިޑަސްއިންގެ އުފެއްދުންތަކެއްވެސް ފެނިގެންދާނެއެވެ. ރެޓޮރޯ ފުޓްބޯޅަ ސްޓައިލްގެ ޓީޝާޓާއި ބޫޓުތަކުގެ އައުވައްތަރުތައް މިއަހަރު ތެރޭގައި ފެނިގެންދާނެ ކަމަށްވެއެވެ. އެޑިޑަސް އަދި ނައިކީ އިން ބޭނުންވަނީ ފައިވާނާއި ބޫޓުވެސް ކެޝުއަލްކޮށް އެރޭގޮތަށް ތައްޔާރުކުރުމަށެވެ. މިހާރުވެސް މިބްރޭންޑްތަކަށް ލޯބިކުރާ މީހުން މީގެ ފައިވާނަށް އަރައެެވެ.
އިކްލެޓިކް ގްރޭންޑްޕާ ފެޝަން
މިއީ ކުރީޒަމާނުގެ ސްޓައިލް ދައްކުވައިދޭ ވަރަށް ތަފާތު ސްޓައިލެކެވެ. މިފެޝަނުން ފެނިގެންދާނީ ސްވެޓަރ، ވެސްޓް އަދި ޑިޒައިން ކާޑިގަންއެވެ.. ލޯވަޅު އަލާފައި ހުންނަ އެކި ފާޑުފާޑުގެ ޖެކެޓާރި ވިންޓަރ ގައި ބޭނުންކުރާ ކަހަލަ ޖެކެޓްތައްވެސް ހިމެނޭ މިޑިޒައިނަކީ ދެޖިންސުގެ މީހުންނަށްވެސް ބޭނުންކުރެވޭނެ ޑިޒައިނެވެ. ގަޔަށް ދޫކޮށް ހުންނަ ތަފާތު ސްޓައިލްގެ ވޫލުން ހަދާފައި ހުންނަ ޖެކެޓުތައްވެސް ފެނިގެންދާނެއެވެ.
ޕީޗް ޕަވަރ
މިއީ 2024ގައި މަޝްހޫރުވެގެންދާނެ އައު ކުލައެއް ގޮތަށް ހިމަނާފައިވާ ޕީޗްގެ އެކި ޝޭޑުތަކުގެ ކުލައެވެ. ގަމީހެއްވިޔަސް ފުލޯރަލް ހެދުމެއްވިޔަސް މިމަޑުމަޑު ކުލައިން އިތުރު ރީތިކަމެއް ގެނުވައެވެ. މިކަހަލަ މަޑުކުލައެއް ލާނަމަ އަޅާ ހެދުން އިތުރަށް ރީތިކަމަށްވެސް ދައްކައެވެ. މިކުލައަކީ 2024ގައި އެންމެ ހިގާނެ ކުލަކަމުގައިވެސް ފެޝަން ޑިޒައިނަރުން ބުނެއެވެ. މީގެ އިތުރަށް ފްލޯރަލްގެ ހެދުންތަކާއި ހުދު ކުލައަކީވެސް ހިގާނެ ކުލަތަކެވެ.
މައުލޫމާތު: ލައިފްސްޓައިލް، އޭޝިއާ.ކޮމް