މަންމަ އަށް އަދި ހަގީގަތް ނޭނގެނީއެވެ. ނަމަވެސް މަންމަ އަށް ފެނުނު މަންޒަރުން މަންމަ އަށް ވަނީ އުފާވެރިކަން ލިބިފައެވެ. ޝަރުވާން ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ސިޓިންގރޫމްގައި މަޑުކޮއްލީ ގުރުއާން ކިޔަވާލާށެވެ. ކައިރީގައި ޖެހިގެން ހުރި ގޮނޑީގައި މަންމަވެސް ޚަތިމެއް ހިފައިގެން އިނެވެ. އެއީ މަންމަގެ އާދައެވެ. ފަތިސް ނަމާދު ކޮއްލައިގެން މަންމަ އަށް ނިދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
އިރުގެ އަލިކަން ދުނިޔެމައްޗަށް ވެރިވަމުން ދިޔައީ އައު ދުވަހަކަށެވެ. ނިމިދިޔަ ދުވަސްތައް މަތިން ހަނދާން ނައްތާލާފައި އައު ކަންތަކާއިގެންނެވެ. ރޭގަނޑުގެ އަރާމު ނިދިން ނިދާފައި ތިބި ދޫނިތައްވެސް އޭގެ ހާލިތައް ދޫކޮށް އުދުހިގަތީ އެ ދޫނިތަކުގެ މަސައްކަތާއިގެންނެވެ. އެކި ރާގަށް ލަވަ ކިޔައިދެމުން އަހަރެމެން އުފާކުރުވަމުންނެވެ. މާޒީ ހަނދާން ނައްތާލައި އައު ފެށުމަކުން ފަށައިގެން ކުރިއަށް ދާށޭ ބުނަމުންނެވެ. އިރުއަރައި ދުނިޔެމައްޗަށް އަލިވުމާއި އެކު ޝަރުވާންގެ މަންމަ ހިނގައިގަތީ ހެނދުނު ސައިބޯނެ އެއްޗެއް ތައްޔާރު ކުރުމަށެވެ. ޝަރުވާން ޚަތިމް ބާއްވާފައި ގޮސް ގޮނޑީގައި އިށީނެވެ. މަންމަ ސައި ހަދަންދެން މަޑުކޮއްލާށެވެ. ނަމަވެސް މިހާރަކަށް އައިސް ޝަރުވާންގެ ހިތުގައި އުފެދިފައިވާ ބިރުވެރި ކަމަށް އެއްވެސް ކަހަލަ ލުޔެއް ނުލިބެއެވެ. މަންމަ ގާތުގައި ސުވައިދާގެ ވާހަކަ ދައްކާނީ ކިހިނެއްކަމާއި މެދު ހިތުގައި ބިރުވެރިކަން ވަނީ އުފެދިފައެވެ. މަންމަ ފެންނަ ކޮންމެ ފަހަރަކުވެސް އެވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އެވަގުތަށް ޝަރުވާންގެ ދޫ ތަޅުލެވެނީ ކީއްވެކަން ޚުދު ޝަރުވާނަށް ވެސް ނޭނގެއެވެ. އަދި އެވާހަކަ ބުނަން އަވަސް ކަމަށްވެސް ބައެއްފަހަރު ހިތަށް އަރައެވެ. ނަމަވެސް އެންމެ ފަހުން ޝަރުވާން ނިންމީ އެއްވެސް ކަމެއް ސިއްރު ނުކޮށް މަންމައަށް ސުވައިދާގެ ވާހަކަ ކިޔައިދޭށެވެ. މިހެން ސިއްރު ކޮއްގެން ހުންނާކަށް ބޭނުމެއް ނޫނެވެ. ވާނެ ގޮތެއް ވާނެތާއޭ ހިތައި އެގޮތަށް އެންމެފަހުން ނިންމީއެވެ.
"ކޮން ކަމަކާއި ތިޔަ ވިސްނަނީ" މަންމަ އައިސް ޝަރުވާންގެ ގާތުގައި އިށީނެވެ.
"ހިނގާ ދެންވެސް ސައިބޯން. މަންމަ މިހާރު ވަރަށް ބަނޑުހައިވެއްޖެ" އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަންމައެވެ.
'މަންމާ. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކާލަން" ޝަރުވާން ހުރީ ވަރަށް ސީރިއަސްވެފައެވެ.
"މިރަށުގެ ތުނޑިއާއި ވީކޮޅުގައި އެހުންނަނީނު ދޮންއާދަނުމެންގެ ގެ. މިހާރު ފަޅުގެއެއް" ޝަރުވާން އަހައިލިއެވެ.
"އާނ. އެއީ ކުރިން ބަޔަކު އުޅުނުގެއެއް. އެކަމަކު އެމީހުން މިރަށް ދޫކޮއްލާފައި ދިޔައީ. މީހުން ބުނޭ އެމީހުން އުޅުނީ ވަރަށް އެކަހެރި ދިރިއުޅުމެކޯ. އެހެންވެ މަންމައަށް ވެސް ނޭނގެ މާގިނަ މަޢުލޫމާތެއް" ޝަރުވާންގެ މަންމަ ބުނެލިއެވެ.
މަންމަ އެހެން ބުނެލުމުން ޝަރުވާން ދައްކަން ބޭނުންވި ވާހަކަ ކުރިއަށް ގެންދެވޭ ގޮތް ނުވެ ހުއްޓުނެވެ. ޝަރުވާން ބޭނުންވީ ސުވައިދާގެ ވާހަކަވެސް އެ ފަޅު ގެއިން ފަށާށެވެ. ނަމަވެސް މަންމަގެ ވާހަކަ ހުރި ގޮތުން އެ މައުޟޫ އާއިގެން ކުރިއަށް ގެންދެވޭ ގޮތެއް ނުވެ ދޮރު ބަންދުވީއެވެ. ނަމަވެސް ޝަރުވާން ހުރީ އެވަރަކުން ހުއްޓާލާކަހަލަ ގޮތަކަށް ނޫނެވެ. ކޮންމެވެސް ގޮތަކުން މަންމަ ރުއްސައިލެވޭތޯ ބަލަންވީއޭ ޝަރުވާން ހިތަށް އެރިއެވެ.
ހަވީރުގެ ފިނީގެ ވަގުތެވެ. ގަޑިން ފަހެއް ޖަހަނީއެވެ. ޝަރުވާން ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަންމަ ގޮވައިގެން ބޭރަށް ނިކުމެލާށެވެ. ޝަރުވާންގެ ޕްލޭން ކާމިޔާބު ކުރެވޭތޯއެވެ. މަންމަ ގޮވައިގެން ބޭރަށްދާން އެންމެ ފަސޭހައީ ގެއަށް ކާތަކެތި ގަންނަން ކަމަށް ބުނެ ފިހާރައަކަށް ދިއުމެވެ. އެކަން ކުރިން ޝަރުވާން އޮތީ މަންމަގެ ގާތުގައި ބުނެފައެވެ. މިއަދު މަންމަ ގޮވައިގެން ނޫނިއްޔާ ފިހާރައަށް ނުދެވޭނެ ކަމަށެވެ. ސަބަބަކީ ކައްކަން ގަންނަ އެއްޗެހި ޝަރުވާނަކަށް ނޭނގޭތީ ކަމަށެވެ. ޝަރުވާން ދާނީ އެތަކެތި އުފުލައިދޭށެވެ. މަންމައަށް ބަރުވެދާނެތީއެވެ. ޝަރުވާން މަންމަގެ އިންތިޒާރުގައި އިންދާ މަންމަ ނިކުތެވެ.
"ކޮބާ ހިނގާ ދާން" މަންމަ ބޭރަށް ނިކުމެލާފައި ބުނެލިއެވެ.
"ލައްބަ. އަޅުގަނޑު މިހުރީ މަންމަގެ އިންތިޒާރުގައި" ޝަރުވާން މަންމަ އާއި އެކީ ހިނގައިގަތެވެ.
ޝަރުވާން ބޭނުންވީ ވަކި ފިހާރައަކަށް ދާށެވެ. އެކަމަށް މަންމަ އިންކާރު ނުކުރީ ގަންނަ އެއްޗެއް ވިއްޔާ ޝަރުވާން އުފުލައިދޭނެކަން އެނގޭތީއެވެ. އެމީހުން ހިނގަމުން ދިޔައީ މަޑު ހިނގުމެއްގައެވެ. ނަމަވެސް އެފިހާރައަށް ދާން މާގިނައިރެއް ނުވެއެވެ.
"މަންމާ މިހުރީ ދޯ އެއްކަލަ ދޮންއާދަނުގެ ގެ" ޝަރުވާން އެ ގެއާއި އަރައި ހަމަވުމާއިއެކު ބުނެލިއެވެ.
"އާނ. މިހާރު ތިއީ ފަޅު ގެއެއް. ވަރަށް ޒަމާން ވެއްޖެ ތިގޮތަށް ހުންނަތާ" ޝަރުވާން އެހިސާބަށް މަޑުކޮއްލުމުން އޭނާގެ މަންމަވެސް މަޑުކޮއްލިއެވެ.
ބަލާބެލުމަށް އެއީ ވަރަށް ކުރީގެ ގެއަކާއި ވައްތަރެވެ. މުޅި ގޯތިތެރޭގައި ވިނަ އާއި ގަސްތައް ގިނައެވެ. އިރުއޮއްސޭ ވަރަކަށް އެހިސާބުވެސް އަނދިރިވަމުން ދިޔައެވެ. ފިހާރައަށް ވަންނަން އައި މަންމަ ބޭނުންވީ އެތަނުން ވީހާވެސް އަވަހަކަށް ދާށެވެ. މަންމަގެ އަމަލުތައް ހުރިގޮތުން ކޮންމެވެސް ކަމެއް ފޮރުވަން އުޅޭހެން ހީވެއެވެ. އެކަން ޝަރުވާނަށް އިހުސާސްވިއެވެ. ނަމަވެސް ޝަރުވާން ބޭނުންވީ އޭނާ ބޭނުންވާ މައުލޫމާތު މިއަދު ހޯދައިގެން ނޫނިއްޔާ އެތަނުން ނުދާށެވެ.
"މިހާރު އެމީހުން މަރުވެއްޖެކަން ނޭނގެ" އަވަހަށް އެތަނުން ދެވޭތޯ މަންމަ ކުރުކޮށް ބުނެލިއެވެ.
"މަންމަ ދަންނަންތަ" ޝަރުވާން އިތުރަށް އަހައިލިއެވެ.
"ކޮންމެވެސް ވަރަކަށް ދަންނަން. ދޮންއާދަނުގެ އަންހެނުން ވަރަށް ރީތި ވާނެ. އެހެންވެ ދޮންއާދަނު އުޅެނީ އޭނާގެ އަނބިމީހާ ފޮރުވައިގެން. ވަރަށް ބޭރަށްވެސް ނުނިކުންނާނެ. ރީތިކަމުން ބައެއް މީހުން ބުނޭ އެއީ އިންސާނެއް ހެއްޔޭވެސް" ޝަރުވާންގެ މަންމަ ތަފްސީލް ކޮއްލިއެވެ.
"ކުޑަކޮށް. ހިނގާބަލަ އިރުއޮއްސެނީއޭ. ވެދާނެ މިހާރު ތިގޭގައި ޖިންނި އުޅެނީކަމަށް" މަންމަ ޝަރުވާނަށް ބިރުދައްކައިގެން ނަމަވެސް އެތަނުން ގެންދަން ބޭނުންވިއެވެ.
"އެމީހުންގެ ދަރިން ކޮބައިތަ" ޝަރުވާން އަހަލިއެވެ.
"ކީއްކުރަން. މިހާރު އެމީހުން މަރުވެއްޖެ. އަދި އެ އަންހެން މީހާވެސް ވީ އެހެން ރަށަކަށް ބަދަލުވެފައި. އޭނަ ވެސް މަރުނުވާ ކަމެއް ނޭނގެ. ދެން ކިހިނެއް ދަރިންގެ މައުލޫމާތު އެނގޭނީ" މަންމަ ބުނެލީ ހިތްހަމަ ނުޖެހިފައެވެ.
"އެމީހުންގެ ދަރިފުޅު އެބައުޅޭ މިރަށުގައި" ޝަރުވާނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
"ބަލަ މި ދޮންއާދަނުމެންގެ ގޭގައި މިހާރު ޖިންނި ނޫން ބައެއް ނޫޅޭނެ. އެބަ ފެނެއެއްނު ގެގަނޑު ހުރި ހާލަތު. ދެން ކިހިނެއް ދިރޭ އިންސާނަކަށް އުޅެވޭނީ" މަންމަ އެންމެފަހުން ދާން ހިނގައިގަތެވެ.
ޝަރުވާން ބޭނުންވީ އެއީ ހަގީގަތެއްކަން މަންމައަށް ސާބިތުކޮއްދޭށެވެ. ނަމަވެސް މިވަގުތު އެވާހަކަތައް ދައްކައިފިއްޔާ ޕްލޭން ފެއިލްވެދާނެތީ އެވާހަކަ ދެއްކުން މަޑުޖައްސާލީ ގަސްތުގައެވެ. ނަމަވެސް ވީހާވެސް އަވަހަކަށް މިވާހަކަ މަންމައަށް ކިޔައިދޭން ޝަރުވާން ބޭނުމެވެ. މިކަން ލަސްކުރަން އުޅެންހަދައިގެން ސުވައިދާ ގެއްލިދާނެތީ ޝަރުވާން ވަރަށް ބިރުގަނެއެވެ. އެވިސްނުމުގައި މަންމަ އާއި އެކު ހިނގަމުން އައިސް ގޭތެރެއަށް ވަނުމާއި އެކު މަންމަ ދޮރުލެއްޕިއެވެ. އިރުއޮއްސޭގަޑިއަށް ވީމައެވެ. ޝަރުވާން އަވަސްވެލީ އަވަހަށް މަޢުރިބު ނަމާދު ކުރުމަށެވެ. މަންމަވެސް ކޮޓަރިއަށް ވަނުމުން ޝަރުވާންވެސް ވަނީ ކޮޓަރިއަށެވެ. ވަރަށް ހަމަޖެހިލައިގެން މަޢުރިބު ނަމާދުކޮށް ނިމުނުތަނާހެން ބޭރުން މީހަކު ހިނގާއަޑު އިވެންފެށިއެވެ. އަދި ހަމަ އެއަޑާއި އެކު މަންމަ ކޮޓަރިން ބޭރަށް ނިކުތް އަޑުވެސް އިވުނެވެ. ޝަރުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައީ އެއީ ކާކުކަން ނޭނގޭތީއެވެ. ޝަރުވާން އަވަހަށް ކޮޓަރީގެ ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. މަންމަ ސިޓިންގރޫމް ދޮރު ކައިރީ ކޮންމެވެސް މީހަކާއި ވާހަކަ ދައްކަނީއެވެ. މަންމަ ހުރީ ޝަރުވާނަށް ފުރަގަސް ދީގެންނެވެ. މަންމަ އެމީހަކާއި ވާހަކަ ދައްކަމުން ދިޔައެވެ. އެންމެފަހުން ޝަރުވާންވެސް އެދިމާލަށް ހިނގައިގަތެވެ. މަންމަގެ ގާތަށެވެ. ޝަރުވާނަށް ލިބުނީ ކުއްލި ސިހުމެކެވެ. މަންމަގެ ގާތުގައި ހުރީ ސުވައިދާއެވެ. ޝަރުވާން ފަހަތަށް ޖެހުނެވެ. އަދި އެމީހުނަށް ނުފެންނަ ގޮތަށް ގޮސް ފާރުގައި ލެނގިލިއެވެ. ނަމަވެސް އެމީހުން ދައްކަމުންދާ ވާހަކައެއް ޝަރުވާނަށް ރަނގަޅަށް ސާފުވާ ވަރެއް ނުވެއެވެ. މަޑުމަޑުން ޝަރުވާން ކުރިއަށް ޖެހިލީ އެމީހުން ދައްކާ ވާހަކަ އަޑުއަހާލުމުގެ ބޭނުމުގައެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ޝަރުވާންގެ ފިޔަވަޅުގެ އަޑަށް މަންމަ ފަހަތަށް އެނބުރި ބަލައިލިއެވެ. އަދި އާދެބަލާށޭ ބުންޏެވެ.
"ދަރިފުޅުގެ ރައްޓެއްސެކޯ. އާދެބަލަ ވާހަކަ ދައްކާލަން" ޝަރުވާނަށް މަންމަ ގޮވައިލިއެވެ.
ޝަރުވާން ޖެހިލުންވެ ހުރެ މަންމަގެ ގާތަށް ދިޔައެވެ. ކުރިމަތީގައި ސުވައިދާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. މޫނުމަތިން އެއްވެސް ކަހަލަ ހިތްނުތަނަވަސް ކަމެއް ފެންނާކަށް ނެތެވެ. އަދި ޝަރުވާން ފެނުމާއި އެކު ގޮވައިލިއެވެ. އެމީހުން ވާހަކަ ދައްކަން ފެށުމުން މަންމަ ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ.
"ކީއްކުރަން މިގަޑީގައި ތިއައީ" ޝަރުވާން ހުރީ ވަރަށް ހާސްވެފައެވެ.
"ޝަރުވާނަށް މިކަން ކުރަން ނުކެރިގެން އުޅޭހެން ހީވާތީ" ސުވައިދާ ހޭންފެށިއެވެ.
"ދެން މަންމަ ޝައްކު ކޮއްފާނެ" ޝަރުވާން ބުނެލިއެވެ.
"ނޫން އަހަރެން އެހުރިހާ ކަމެއްވެސް ހަމަޖައްސާނަން. އަހަރެންނާއި ކައިވެނި ކޮއްފިއްޔާ ޝަރުވާނަށް ވަރަށް ފަސޭހަ ވާނެ އިނގޭ" ސުވައިދާ ޝަރުވާންގެ އަތުގައި ހިފައިލިއެވެ.
ޝަރުވާން އަވަހަށް ދުރަށް ޖެހިލީ މަންމަ އަށް ފެނިދާނެތީއެވެ. ނަމަވެސް ސުވައިދާ އެއްވެސް ކަހަލަ ޖެހިލުމެއް ނެތެވެ. ޝަރުވާން ހާސްވެފައި ހުރި މަންޒަރު ސުވައިދާއަށް ފެނުނު ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.
"ދަރިފުޅާ. ރައްޓެއްސަކު އައީމަވެސް ބޭރުގައިތަ ބަހައްޓަނީ. އާދޭ ގޮވައިގެން އެތެރެއަށް" ޝަރުވާންގެ މަންމަ ގޮވައިލި އަޑަށް ޝަރުވާން ފަހަތަށް އެނބުރި ބަލައިލިއެވެ.
މަންމަގެ ހުއްދަ އާއި އެކު ސުވައިދާ ގޮވައިގެން ގޭތެރެއަށް ވަނެވެ. އަދި ސިޓިންގރޫމްގެ ގޮނޑީގައި ސުވައިދާ އިށީނީ ޝަރުވާންގެ މަންމަގެ ގާތުގައެވެ. ޖެހިގެން ހުރި ގޮނޑީގައި ޝަރުވާން އިށީނެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.
= ނުނިމޭ =