November 23, 2024 20:10
Advertisement

-Advertisement-

ވާހަކަ: ލޭތިކި (ފަނަރަވަނަބައި)

އެމީހުން ވާހަކައިގައި ތިއްބާ ބޭރުން މީހަކު ހިނގާ އަޑަށް މަންމަ އަވަސް އަވަހަށް ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އަދި ޝަރުވާނާއި ދިމާލަށް އެނބުރިލާފައި އަވަހަށް ކޮޓަރިއަށް ވަނުމަށް އެދުނެވެ. ޝަރުވާން ހިތް ބިރުގަތެވެ. އެމީހަކަށް ސުވައިދާ ފެނިދާނެތީއެވެ. ނަމަވެސް ބިރަށް ވުރެ ހިތުގައި އުފެދެމުން ދިޔައީ އުފާވެރިކަމުގެ އިހުސާސް ތަކެކެވެ. މިރޭ މަންމަގެ ހަރަކާތް ހުރި ގޮތުން ސުވައިދާ ދެކެ މަންމަ ގަބޫލުހެން ހީވާތީއެވެ.

"ކީއްކުރަން މިގަޑީގައި" ޝަރުވާންގެ މަންމަ ބޭރުން އައި މީހާ އާއި ވާހަކަ ދައްކާ އަޑު ޝަރުވާނަށް އިވުނެވެ.

"އެކަނިތަ. ކޮބާ ޝަރުވާން. ވަރަށް ނުފެނޭ މިހާރު މަގެއްގެ މަތިންވެސް" އެމީހާގެ އަޑު އެއީ ކާކުކަން ޝަރުވާނަށް އެނގުނެވެ. ޝަރުވާން ވަރަށް ސިއްރު ސިއްރުން ދޮރު ހުޅުވައި ބަލައިލިއެވެ. މަންމަ ކުރިމަތީގައި ހުރީ އުތުރު ކޮޅުގެ ސިއްތިއެވެ. ސިއްތި އަކީވެސް ކުރިން މިގެއަށް އައިސް އުޅުނު ނަމަވެސް މިހާރު ތަނަވަސް ދިރިއުޅުމެއް ލިބުނު ފަހުން ޝަރުވާންގެ އާއިލާ އާއި ވަރަށް ދުރުގައި އުޅޭ މީހެކެވެ. މިހާ ދުވަސް ކޮއްލާފައި މަންމަގެ ގާތަށް އައުމަކީ އަޖައިބެކެވެ. ސިއްތި މަސައްކަތް ކުރަމުން ދިޔައީ އެކި ވާހަކަ ދައްކައިގެން ގޭތެރެއަށް ވަދެވޭތޯއެވެ. ނަމަވެސް މަންމަ ބޭނުންވީ އެވަގުތު ސިއްތި ފޮނުވައި ލެވޭތޯއެވެ.

Advertisement

"ކިހިނެއްވީ. ކޮންކަމެއް ބޭނުންވީ" މަންމަ ސިއްސައިގެން ދިޔައީ ޝަރުވާން އައިސް މަންގެ ގާތަށް ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ.

"ކޮބާ. ކޮބާ" މަންމައަށް ބޭއިޚްތިޔާރުގައި ޝަރުވާންގެ ގާތުގައި އަހައިލެވުނެވެ.

މަންމަ އެބުނި އެއްޗެއް ޝަރުވާނަށް އެނގުނެވެ. އެހެން ވުމުން އެއަށް ސަމާލު ކަމެއް ނުދީ ޝަރުވާންވެސް ބޭނުންވީ ސިއްތި ފޮނުވައިލެވޭތޯއެވެ. ނަމަވެސް އެކަމެއް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ސިއްތި ގޮސް އިށީނީ ސިޓިންގރޫމްގެ ގޮނޑީގައެވެ. ވަށައިގެން ހޯދަމުން ދިޔަ ގޮތުން ހީވީ ކޮންމެވެސް ކަމަކާއި ޝައްކުވެގެން ނުވަތަ އެއްޗެއް ގެއްލިގެން ހޯދާހެންނެވެ.

"ކޮބާ. ނިކުތަ ނުދޭތި" މަންމަ ޝަރުވާންގެ ގާތުގައި ވަރަށް ސިއްރުން ބުނެލިއެވެ.

"އެކަން ނިމިއްޖެ" ޝަރުވާން ދިނީ ވަރަށް ކުރު ޖަވާބެކެވެ.

"ކޮބާ މިކުއްޖާ މީހަކާއި އިންނާކަށް ނޫޅޭތަ" ސިއްތި އެހެން މަޢުޟޫއެއް ފެށިއެވެ.

"ސިއްތި ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ. އޭނަ ކައިވެނި ކޮއްފިއްޔާ ސިއްތިއަށް ކިޔާނަން ޕާޓީއަށް އިނގޭ" ޝަރުވާންގެ މަންމަ ބޭނުންވީ ވީހާވެސް އަވަހަކަށް ސިއްތި ފޮނުވާލާށެވެ. އެތަށް އިރެއްވަންދެން އިނުމަށްފަހު ސިއްތި ދާން ހިނގައިގަތީ ޝަރުވާނާއި އޭނާގެ މަންމަ ސިއްތި ދޫކޮއްލާފައި ކޮޓަރި އާއި ދިމާލަށް ހިނގައިގަތުމުންނެވެ. ސިއްތި ދިޔަކަން ޔަގީން ވުމުން މަންމަ ޝަރުވާން ގޮވައިގެން ގޮސް ޝަރުވާންގެ ކޮޓަރިއަށް ވަނެވެ. އަދި ވަށައިގެން ކޮޓަރިތެރެ ހޯދައިލިއެވެ.

"ކޮބާ ސުވައިދާ. ކިހިނެއް. ކޮބާ" މަންމަ ހައިރާންވެފައި ހުރެ އަހައިލިއެވެ.

"ކުޑަދޮރުން ނިކުމެގެން ގޮސްފި މަންމަމެން ވާހަކަ ދައްކަން ތިއްބާ" ޝަރުވާން ޖަވާބު ދިނެވެ.

"ކިހިނެއް. އެއީ އަންހެން ކުއްޖެއްނު. ދެން ކިހިނެއް އެހާ ފަސޭހައިން ދެވޭނީ" މަންމަ ހައިރާންވެ ހުރެ އަހައިލިއެވެ.

"ސުވައިދާ ވަރަށް މޮޅުވާނެ. ވަރަށް ހަލުވިވެސް ވާނެ" ޝަރުވާން ވަރަށް ފޮނިވެލިއެވެ.

މަންމަ އަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހުއްޓުން އަރާފައި ހުރީއެވެ. އެއީ އާއްމުކޮށް ރަށްފުށުގައި އުޅޭ ކުދިން އުޅޭ ގޮތެވެ. އެކުދިން އުޅޭނީ އެގޮތަށެވެ. ހިތްވަރު ގަދަ އަދި ކެރޭ ކުދިންނެވެ. އެންމެ ފަހުން މަންމަ ޝަރުވާންގެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ދުވަސް ފެށުނީ ވަރަށް އުފާވެރި ކޮށެވެ. ސުވައިދާއަށް މަންމަ ގަބޫލުކަން ކޮންމެވެސް ވަރަކަށް މަންމަގެ ވާހަކައިން ދޭހަ ވިއެވެ. އެކަމާއި ޝަރުވާން ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ސުވައިދާގެ ކިބައިން ފެންނަމުންދާ އާދަޔާ ޚިލާފު ކަންތައް ޝަރުވާން އޮޅުން ފިލުވަން ބޭނުންވެއެވެ. އެއީ ދުވާލު ގަޑީގައި ނުފެނުމާއި އޭނާގެ އާއިލާގެ ވާހަކަތައް ހިއްސާ ނުކުރުމެވެ. އަދި އޭނާ އުޅެމުންދާ ގޮތް ވެސް ސާފުކޮއްލަން ބޭނުންވިއެވެ. އެއީ މަންމަ އެކަހަލަ ކަމަކާއި ސުވާލެއް ކޮއްލިޔަސް ފަސޭހައިން ޖަވާބު ދެވޭނީ އެއިރުންތާއެވެ. އަވަހަށް މިކަންތައް ކުރިއަށް ގެންދެވޭނީވެސް މަންމަގެ ރުހުން ލިބިގެންނެވެ. ޝަރުވާން ބޭނުންވީ ސުވައިދާ އާއި ވީހާވެސް އަވަހަކަށް ބައްދަލުކޮށް ހުރިހާ މައުލޫމާތެއް ހޯދާށެވެ. އަދި މިކަމާއި ސުވައިދާވެސް ދެކޭ ގޮތެއް ބަލާށެވެ. ސުވައިދާ ނުރުހޭ ކަމެއް ޝަރުވާނަށް ކުރާކަށް ނުކެރޭނެއެވެ.

ޝަރުވާން ތައްޔާރުވަމުން ދިޔައީ ސުވައިދާ އާއި ބައްދަލު ކުރާށެވެ. ސުވައިދާ ބޭނުންވީ އެކަހެރިކޮށް ބައްދަލު ކޮއްލާށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާ ހަމަހިމޭން ތަނެކެވެ. ޝަރުވާންވެސް ބޭނުމީ އެކަހަލަ މާހައުލެކެވެ. މަންމަ އެމީހުން ގޭގައި ބައްދަލު ކުރަން ހުއްދަ ދީފައި އޮތް ނަމަވެސް އަދި އެހާ ގިނައިން ގޭގައި ބައްދަލުކުރާކަށް ދެމީހުންވެސް ބޭނުން ނުވެއެވެ. ހަވީރަށް ފިނިވެ އިރު ދުނިޔެ އާއި އަލްވަދާޢު ކިޔަން ގާތްވުމުން ޝަރުވާން ހިނގައިގަތީ އެމީހުން ގަޑި ކިޔާފައިވާ ދިމާލަށް ދިއުމަށެވެ. ރަށުގެ އަތިރި މަގުން އެހިސާބަށް ހިނގައިފައި ދާން ހޭދަވާނީ ފަސްވަރަކަށް މިނިޓެވެ. ޝަރުވާނަށް އެހިސާބަށް ދެވުނުއިރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ނަމަވެސް ހަވީރުގެ ގަޑީގައި އެސަރަހައްދަކީ ރަށުގެ ކުދިބޮޑު އެންމެން ޖަމާވާ ހިސާބެކެވެ. ނަމަވެސް މިވަގުތު އެންމެންވެސް ގެއަށް ދިޔައީ އިރުއޮއްސެން ގާތްވުމުންނެވެ. ޝަރުވާން ގޮސް މަޑުކޮއްލީ ރާޅު ޖަހާ ހިސާބުގައެވެ. ސުވައިދާގެ އެއްވެސް ހިލަމެއް ނެތުމުން އިންތިޒާރުގައި މަޑުކޮއްލީއެވެ. ދުނިޔެމައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. ސުވައިދާގެ ހިލަމެއް ނުވުމުން ޝަރުވާންގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ސުވައިދާއަށް ކަމެއް ވީބާއެވެ. ނުވަތަ ސުވައިދާ ޝަރުވާން ދޫކޮއްލާފައި ދިޔައީ ބާއެވެ. އެޚިޔާލުގައި ހުއްޓައި ޝަރުވާނަށް ފެނުނީ މާދުރުން ސުވައިދާ މަޑު ހިނގުމެއްގައި އަންނަ މަންޒަރެވެ. ޝަރުވާން ފެނުމުންވެސް ހިނގުން ބާރެއް ނުކުރެއެވެ. ހީވަނީ ކޮންމެވެސް ކަމަކާއި މާޔޫސް ވެފައި ހުރިހެންނެވެ. ސުވައިދާ އައިސް ޝަރުވާންގެ ގާތުގައި މަޑުކޮއްލިއެވެ. އެއްވެސް ވާހަކައެއް ނުދައްކައި ހަމަ ހުރީއެވެ.

"ކިހިނެއްވެފައި. ކަމެއްވީތަ" ޝަރުވާން ސުވާލު ކޮއްލިއެވެ.

"ނޫން" ކުރު ޖަވާބަކުން ސުވައިދާ ނިންމައިލިއެވެ.

ޝަރުވާން ސުވައިދާގެ އަތުގައި ހިފަހައްޓައިގެން ގޮސް ރަށުގެ ހޭޅިފަށުގައި އިށީނެވެ. ދުނިޔެއަށް ވެރިވަމުން ދިޔަ އަނދިރިކަން ފަނޑު އަލިކަމަކަށް ވަނީ ބަދަލުވެފައެވެ. ހިތްގައިމު ވައިރޯޅިއެއްގެ ފިނިކަން ދެމީހުންގެ ހަށިގަނޑުގައި ބީހެމުން ދިޔައީ އެމީހުންނަށް މަރުޚަބާ ކިޔަމުންނެވެ. ސުވައިދާ ޝަރުވާންގެ އުނގުގައި ބޯއަޅައިލިއެވެ. އެ ހަމަހިމޭން ކަމުގައި އުޑުމަތިން ފެންނަމުން ދިޔަ ތަރިތައްވެސް އެމީހުންނަށް މަރުހަބާ ކިޔާ ލަވަ ކިޔަމުން ދިޔަ ކަހަލައެވެ.

"ކީއްވެ ލަސްވީ. ބައްޕަމެންނަށް އެނގުނީތަ" ޝަރުވާން ސުވާލު ކޮއްލިއެވެ.

"ކުރީ ދުވަހު ތިގޭ ދޮށުން ދިޔައިން. މަންމަ ބުނި ސުވައިދާގެ މަންމަ ވަރަށް ރީތި ވާނެޔޯ. އެހެންވެ ބައްޕަ އުޅުނީ މަންމަ ފޮރުވައިގެންނޯ ގެއްލިދާނެތީ. އަހަރެންވެސް އުޅޭނީ ފޮރުވައިގެން ސުވައިދާ" ޝަރުވާން ބޭނުންވީ ސުވައިދާ ހެއްވާލާށެވެ.

"ފޮރުވަންޏާ ފޮރުވާ ނޫނީ ގެއްލިދާނެ. އަހަރެން މިއީ ކާކުކަން އެނގިއްޖެއްޔާ ގެއްލިދާނެ" ސުވައިދާގެ އަޑުގައި ހުރީ މާޔޫސް ކަމެވެ.

"އަދި މަންމަ ބުނި ސުވައިދާގެ މަންމަ އަކީ ޖިންނިއެކޭ ވެސް މީހުން ކިޔާތީ އަޑުއަހަމޭ" ޝަރުވާންގެ އަސްލު މައުޟޫއަށް ބަދަލު ކޮއްލިއެވެ.

"އާނ. އަޑު އަހާ. އަހަރެންގެ މަންމަ އަކީ ޖިންނިއެއް. މިރަށުގައި އުޅުނުއިރު ބައެއް މީހުން އަހަރެންގެ އާއިލާއަށް ސިހުރު ހަދަމުންދިޔަ. އެކަމުގައި އަހަރެންގެ ބައްޕަ ދޮންއާދަނު ނިޔާވީ. އަހަރެންވެސް މިއީ އެއްބައި ޖިންނި" ސުވައިދާ ޖަވާބު ދިނީ ވަރަށް ސީދާ ބަހުންނެވެ.

"ދެން ކޮންތާކު މިހާރު އުޅެނީ" ޝަރުވާން ސުވާލު ކޮއްލިއެވެ.

"މިހާރު މިއުޅެނީ މަންމަގެ ގާތުގައި. އެއީ އަހަރެންގެ ހުރިހާ ވެސް މީހަކީ" ސުވައިދާ ޖަވާބު ދިނެވެ.

ސުވައިދާގެ އެވާހަކަ އަޑުއަހާފައި ޝަރުވާން ބިރުގަތެވެ. ނަމަވެސް އެކަން ސުވައިދާއަށް އެނގޭކަށް ޝަރުވާން ބޭނުން ނުވިއެވެ. މަޑުމަޑުން ދުރަށް ޖެހިލިއެވެ. ނަމަވެސް ސުވައިދާ އައިސް ޝަރުވާންގެ އުނަގަނޑުގައި ބައްދައިލިއެވެ. ވަރަށް ލޯބިންނެވެ. ސުވައިދާ ދޫކޮށް ނުލުމަށް އެދި އާދޭސް ކުރިއެވެ. ޝަރުވާނަށް ބުނާނެ އެއްޗެއް ނޭގި ހުއްޓުން އަރާފައި ހުއްޓެވެ. ނަމަވެސް ސުވައިދާ އަކީ ޖިންނިއެއް ނަމަވެސް އެއަށްވުރެ ބޮޑަށް ޝަރުވާންގެ ހިތްވަނީ ސުވައިދާއަށް ދެވިފައެވެ. ސުވައިދާ ދޫކޮއްލާފައި ނުވަތަ ސުވައިދާ އަށް ދެރަވާނެ އެއްވެސް ކަމެއް ޝަރުވާނަށް ނުކުރެވޭނެއެވެ. އެއަށްވުރެ މާބޮޑަށް ލޯބިވެއެވެ. އެންމެފަހުން ޝަރުވާން ސުވައިދާ ދޫކޮއްނުލާނެކަމަށް ވަޢުދުވިއެވެ. ސުވައިދާގެ ހިތް އުފަލުން ފުރުނެވެ. މުޅި ދުނިޔެ އެކީ ލިބުނު ކަހަލައެވެ. އުފަލުން ގޮސް ޝަރުވާންގެ ހަށިގަނޑުގައި ބާރަކަށް ބައްދައިލިއެވެ. ސުވައިދާ ބޭނުންވީ ވީހާވެސް އަވަހަކަށް ޝަރުވާންގެ އަންބަކަށްވެ އުފާވެރި ދިރިއުޅުމެއް ފަށާށެވެ.

"ވަރަށް އުފާވެއްޖެ އަހަރެން ދޫކޮއްލަން ނުނިންމިކަން. އަހަރެން ހުރީ ހަގީގަތް އެނގުނީމަ ޝަރުވާން އަހަރެން ދޫކޮއްލާފާނެކަމަށް ވަރަށް ބިރުން" ސުވައިދާ ބުނެލިއެވެ.

"ކިހިނެއް އަހަރެން ސުވައިދާ އާއި ނުލާ ދިރިއުޅޭނީ. އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ސުވައިދާ ދެކެ" ޝަރުވާން ބުނެލިއެވެ.

"ދެން މަންމައަށް އަންގަން ކިހިނެއް ހަދާނީ" ސުވައިދާ ބުނެލިއެވެ.

"މަންމަ އޯކޭ ވާނެހެން ހީވަނީ" ޝަރުވާން ހުރީ ޝައްކެއްގެ މަތީގައެވެ.

ދެމީހުން ވާހަކަ ދައްކަން ތިއްބާ އެހިސާބުން ބަޔެއްގެ ހިލަމެއްވީ އަޑަށް ދެމީހުންވެސް ގަސްތަކުގެ ތެރެއަށް ވަނެވެ. ޝަރުވާން ހާސްވެފައި ހުރި ނަމަވެސް ސުވައިދާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އެމީހުން ދިއުމުން ޝަރުވާން ސުވައިދާ ގޮވައިގެން ނިކުތެވެ. އަދި ރާޅު ޖަހާ ހިސާބުން ދެމީހުން ހިނގަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ވަރަށް މިނިވަން ކަމާއި އެކުގައެވެ.

= ނުނިމޭ =

+1
1
+1
6
+1
1
+1
0
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް