ދެމީހުންގެ ބައްދަލުވުން އެރެއަށް ނިންމާލީ ދެން ކޮންމެ ރެއަކުވެސް ބައްދަލު ވުމަށް ވަޢުދު ވަމުންނެވެ. މިރޭ ބަގީޗާގައި ފޮޅުނު މާތައް މޯޅިވިޔަ ނުދޭން ދެމީހުންވެސް މަސައްކަތް ކުރުމަށް އެތައް ވަޢުދާ ހުވާތައް ކުރަމުންނެވެ. ނަމަވެސް އެވަޢުދާއި ހުވާ ކުރި ކަމަށް ވިޔަސް ޝަރުވާން ހިތަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. މަންމަގެ ޖަވާބެއް ނުލިބޭތީއެވެ. މަންމަ ދެކޮޅު ހަދައިފިނަމަ ދެން ކަންތައް ވާނީ ކިހިނެއް ކަމެއް ޝަރުވާނަކަށްވެސް ނޭނގެއެވެ. މައްސަލައަކީ ސުވައިދާ އަކީ ޖިންނިއަކަށް ވުމެވެ. އިންސާނަކަށް ވީނަމަ މަންމަގެ ރުހުން ލިބިދާނެއެވެ. ނަމަވެސް ޖިންނިއަކާއި ކައިވެނިކޮއްގެން ދިރިއުޅެން އެއްވެސް އިންސާނަކު ގަބޫލެއް ނުވާނެއެވެ. ޝަރުވާން ގެއަށް އައި ވަގުތު މަންމަ ޝަރުވާންގެ އިންތިޒާރުގައި ހުއްޓެވެ. ޝަރުވާން ފެނުމާއި އެކު އައިސް ޝަރުވާންގެ އަތުގައި ހިފެހެއްޓިއެވެ.
"ކޮބާ ސުވައިދާ. އެއީ ވަރަށް ރަނގަޅު ކުއްޖެއް" މަންމަގެ ތައުރީފްގެ ބަސްތައް އަމުނައިލިއެވެ.
"ހިނގައްޖެ" ޝަރުވާން ދިނީ ކުރު ޖަވާބެކެވެ.
"ދިޔައީއޭ. ދެން ނާންނާނެތަ" މަންމަ ހުރީ ވަރަށް ހާސްވެފައެވެ.
"ކޮންތާކަށް ދާން އޮތީ. އަދި ރޭގަނޑު" މަންމަ ސުވާލުތައް ކުރަން ފެށިއެވެ.
"މަންމާ އެއީ އެއްބައި އިންސާނެއް. އަނެއްބައި ޖިންނިއެއް" ޝަރުވާން ބޭނުންވީ ފުރުސަތުގެ ބޭނުން ހިފާށެވެ.
ޝަރުވާންގެ މަންމަ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެއީ ޖިންނިއެއް ނަމަވެސް މިހާރު ސުވައިދާ ވަނީ އެގެއަށް ގެނެސް ވާހަކަ ދެކެވިފައެވެ. އަދި ސުވައިދާ ފެނުނު ދުވަހުން ފެށިގެން މަންމަގެ ހިތުގައި ވަރަށް ޚާއްސަ ގަދަރެއް ދެވިފައެވެ. އެއީ ޖިންނިއެއް ނަމަވެސް ސުވައިދާ ދޫކޮއްލާކަށް ބޭނުމެއް ނޫނެވެ. މަންމަ ހަމަހިމޭންވިއެވެ. ކުރިއަށް ދާންވީ ކިހިނެއް ހެއްޔެވެ. ލޯމަރާލާފައި އެންމެފަހުން އެއްބަސްވީއެވެ. މަންމަގެ އެބަސްތަކުން ޝަރުވާން އުފަލުން ފޮޅުނެވެ. އަދި އަވަހަށް ނިދަން ދަނީކަމަށް ބުނެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިގެން ގޮސް އެނދުގައި އިށީނެވެ. މަންމަގެ ރުހުން ލިބުނީތީ އުފަލުން ޝަރުވާން އިނެވެ. ކޮޓަރިތެރެއަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. މުޅި ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ނަމަވެސް ކޮޓަރީގެ ކޮންމެ އެއްޗެއްވެސް ދިޔައީ ޝަރުވާންގެ އުފަލުގައި ބައިވެރި ވަމުންނެވެ. ހެދުން ބަދަލުކޮއްލައިގެން އެނދުގައި އޮށޯވެ ދެލޯމަރައިލީ ނިދޭތޯއެވެ. ނަމަވެސް އެކަމެއް ޝަރުވާނަކަށް ކާމިޔާބެއް ނުވިއެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކޮއްގެންވެސް ނިދޭ ގޮތެއް ނުވުމުން ކޮޓަރިން ބޭރަށް ނިކުތެވެ. ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށް ބަލައިލީ ގަޑިން ވީ ކިހާއިރެއްތޯ ބަލާލާށެވެ. ގަޑިން ދޭއް ޖަހަނީއެވެ. މަންމަ އޮތީ ނިދާފައެވެ. ސިޓިންގރޫމްގެ ބޭރު ދޮރު ހުޅުވައި ބަލައިލިއެވެ. މުޅި ގޯތިތެރެއަށް އަނދިރިކަން ވަނީ ވެރިވެފައެވެ. ޝަރުވާން ކުޑަކޮށް ބޭރަށް ނިކުމެ ވަށައިގެން ހޯދައިލިއެވެ. ސުވައިދާ އެގަޑީގައިވެސް އެތާ އުޅެފާނެކަމަށް ހީކޮށެވެ. އިރުކޮޅަކު ބޭރުގައި ހުރުމަށްފަހު ގޭތެރެއަށް ވަނީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. ޝަރުވާން އައިސް ކޮޓަރިއަށް ވަދެ އޮށޯތެވެ.
ހެނދުނު ޝަރުވާނަށް ހޭލެވުނީ ވަރަށް ލަހުންނެވެ. މަންމަ ގޮވާ އަޑަށް އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުތީ ދިހަ މިނިޓްވެސް ނުވަނީހެވެ.
"ކީއްވެ މިހާ ހެނދުނާއި ތި ފެންވެރީ" ޝަރުވާން ފެނުމުން މަންމަ ސުވާލުކޮއްލިއެވެ. ޝަރުވާނަށް ދޭނެ ޖަވާބެއް ނޭގި ހުއްޓުން އަރައިފައި ހުއްޓެވެ.
"އޯކޭ ދެން ދޭ ސައިބޯން" މަންމަގެ މޫޑު އެހާ ރަނގަޅުހެނެއް ހިއެއް ނުވެއެވެ.
"ސުވައިދާގެ ޚަބަރެއްވިތަ" ޝަރުވާން ހިނގައިގަތުމުން މަންމަ ބުނެލިއެވެ.
"ނޫން އަދި ނުވޭ. ހީވަނީ މިރޭހެން ދެން ދިމާވާނީ" ޝަރުވާން ޖަވާބު ދިނެވެ.
"ދަރިފުޅާ ވަރަށް ވިސްނަންވާނެ ޖިންނިއަކާއި ގުޅޭއިރު. ރަށު މީހުންނަށް ސިއްރުކޮއްފައި ބާއްވާނީ އެއީ ޖިންނިއެއްކަން" މަންމަ ޝަރުވާނަށް ނަސޭހަތް ދިނީ ވަރަށް ލޯބިންނެވެ. މަންމަ އެހެން ބުނި އިރުވެސް މަންމަގެ އަޑުގައި ނުތަނަވަސްކަމެއް ހުރިކަން ޝަރުވާނަށް އިހުސާސް ކުރެވުނެވެ.
ސައިބޮއި ނިމިގެން ޝަރުވާން ބޭނުންވީ ބޭރަށް ނިކުމެލާށެވެ. ރަށުތެރޭގައި ބުރެއް ޖަހާލާށެވެ. އެގޮތަށް ރަށުތެރެއަށް ނުނިކުންނަތާވެސް މިހާރު އެތަކެއް ދުވަހެއް ވަނީ ވެފައެވެ. ޝަރުވާން ހިނގަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އިރުގެ ހޫނުން ސަލާމަތްވުމަށް ވީހާވެސް ހިޔާ ލިބޭ ހިސާބުންނެވެ. ޝަރުވާން ގޮސް މަޑުކޮއްލީ އަތިރިމަތީގައި ހުރި ކާނި ގަސްދޮށުގައެވެ. ކުޑައިރު ކުޅެން އަންނަ ހިސާބެކެވެ. އެކާނި ގަހަށް އަރާ ރައްޓެހިންނާއި އެކު މަޖާކުރާ ހަނދާން ޝަރުވާންގެ ހުރެއެވެ. ޝަރުވާން ގޮސް ހޮޅުއަށީގައި އިށީނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. ދުވާލު ގަޑީގައި ސުވައިދާ އާއި ބައްދަލު ނުވާނެކަން ޝަރުވާނަށް އެނގެއެވެ. އެހެން އިންދާ ޝަރުވާންގެ ލޮލުގައި އަޅައިގަތީ ވަރަށް ތުއްތު ކުއްޖެއް އެކަނި ޝަރުވާނާއި ދިމާލަށް އަންނަ ތަނެވެ. ބަލާބެލުމަށް އެކުއްޖާގެ އުމުރު ވާނީ ހަތަރު ފަސް އަހަރެވެ. ޝަރުވާން އެކުއްޖާ އާއި ދިމާލަށް ހިނގައިގަތީ އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ. ޝަރުވާން ގޮސް އެކުޑަކުއްޖާ ލޯބިން އުރައިލިއެވެ. އަދި ގެނެސް ޝަރުވާންގެ ގާތުގައި އިށީނުމަށް އެދުނެވެ.
"ސާބަސް. ހާދަހާ މޮޅޭ ކުޑަކުދިން ގެންގުޅެން" ޝަރުވާން ސިއްސައިގެން ދިޔައީ ފަހަތުން އަންހެނަކު އެހެން ބުނެލި އަޑަށެވެ. ޝަރުވާން ފަހަތަށް ބަލައިލިއެވެ. ފަހަތުގައި ހުރީ ސްކޫލް ދައުރުގައި ޝަރުވާންގެ ގާތުގައި ރައްޓެހިވާން އެހި ޝިފާއެވެ. ނަމަވެސް ޝިފާގެ މަންމަގެ ނުފޫޒާއި ބާރުން އެ ގުޅުން ހަފްތާއަކަށްވެސް ދެމިގެން ނުދިޔައެވެ. ޝިފާ އިތުރަށް ކިޔަވަން ބޭނުންވާ ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުވައިލީއެވެ. ޝަރުވާން ކަހަލަ ނިކަމެތި މީހަކާއި ކައިވެނި ކުރުވަން ބޭނުން ނުވާތީއެވެ. އެއީ ފައިސާ އާއި މުދާ ހުރި ތަނަވަސް އާއިލާ އެކެވެ.
"އާނ ވަރަށް މޮޅުވާނެ. އެކަމަކު އަދި ތިކަހަލަ ދަރިއެއް ލިބުމުގެ އުފަލެއް އަދި ނަސީބެއް ލިބިފައި ނެތް" ޝަރުވާން ބުނެލިއެވެ.
"އާނ. އަދި ވާނެ. އެއީ ވަކި ބަޔަކަށް އޮންނަ އެއްޗެއް ނޫން. ފައިސާ އާއި މުދަލުން ކަމެއް ވާނަމަ އަހަރެންނަށް ހުންނާނީ ހުރިހާ ކަމެއް ހާސިލްވެފަ" ޝިފާގެ އަޑުގައި ހުރީ ހިތްދަތިކަމެވެ. އެކަން ވަގުތުން ޝަރުވާނަށް އިހުސާސް ވިއެވެ. އަދި އެވާހަކަތައް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން ފާޅު ކުރިއެވެ.
"ކިހިނެއްވީ. މިއީ ކިހާ ލޯބި ދަރިއެއް. ކިހާ އުފާވެރި" ޝަރުވާން ބޭނުންވީ ޝިފާގެ ހަޔާތުގެ ވާހަކަ ޝިފާގެ ދުލުން ކިޔުއްވާށެވެ.
"އާނ ދޯ. ވަރަށް ލޯބި ކުއްޖެއް. ވަރަށް ފޫހިވެސް ފިލާ. އެކަމަކު އެއީ އެކަނިވެރި ދަރިއެއް. އަޅާލާނެ މީހެއް ނެތް. އަހަރެންގެ މައިންބަފައިން މިހާރު ބަލި" ޝިފާއަށް ގިސްލެވެން ފެށުނެވެ.
"ކޮބާ އެކުއްޖާގެ ބައްޕަ. އަހަރެންނަށް ބައްޕަ ކިޔުއްވަންވީނު" ޝިފާ ހަމައަކަށް އަޅުވަން ޝަރުވާން ހޭންފެށިއެވެ.
"އެއީ ރަށްމެދު ދަރިއެއް" ޝިފާގެ ލޮލުން ކަރުނައިގެ ކޯރު ދެމިގަތެވެ.
"އަހަރެން ހީކުރީ ކިޔަވަން ކަމަށް ދިޔައީ. އަދި ފައިސާއިން ހުރިހާ ކަމެއް ކުރެވޭނެކަމަށް" ޝަރުވާން ބުނެލިއެވެ.
"އަހަރެން ކިޔަވަން ދިޔައީ މެލޭޝިޔާއަށް. އެތާ ކިޔަވަން އުޅުނުތާ އެއް އަހަރުވީ ތަނާހެން އަހަރެންގެ ހަޔާތަށް ޒުވާނަކު އައި. އެ ޒުވާނާއި އަހަރެން ގުޅުނީ އަހަރެންގެ މައިންބައިފައިންގެ ރުހުމާއިއެކު. އެއީ މެލޭޝިޔާގެ ޒުވާނެއް. މުއްސަނދި ޒުވާނެއް. ފޮނި އުންމީދާއި އެކު ދެމީހުންގެ ދިޔައީ ބަގީޗާގައި މާފޮޅުވަމުން. އެގަސްތައް މިލާނެ އެއްވެސް ކަމެއް ނުކުރަން. އެހެން އުޅެނިކޮށް އަހަރެން ވަރަށް ބަލިވި. މަންމަ ބޭނުންވީ ދުވަސްކޮޅަކަށް އަހަރެން ރަށަށް ގެންނަން. މަހެއްހާ ދުވަސް. ރަށަށް އައިތާ ދެވަނައަށް ވީ ދުވަހު ވަރަށް ގަދައަށް ހޮޑުލާތީ ޑޮކްޓަރަށް ދެއްކިން. ލިބުނީ އަހަރެން އުންމީދު ކުރި ކަހަލަ ނަތީޖާއެއް ނޫން. އަހަރެން ބަނޑުބޮޑު. އަދި އެވާހަކަ އަހަރެންގެ ލޯބިވެރިޔާއަށް އެންގިން. އެ ކޯލަށްފަހު އަދިވެސް އޭނަ އާއި ނުގުޅޭ. ވީ ތަނެއް ހިސާބެއްވެސް ނޭނގެ" ޝިފާގެ ވާހަކަތައް އަޑު އަހާފައި ޝަރުވާނަށްވެސް ރޮވުނެވެ.
"ދެން އަޅާނުލާ. އެއީ މާޒީ" ޝަރުވާން ބުނެލިއެވެ.
"ލައްބަ އެއީ މާޒީ. އަހަރެން އަޑުއެހިން ޝަރުވާން މީހަކާއި އިންނަން އުޅޭ ޚަބަރު" ޝިފާ ބުނެލިއެވެ.
"ކާކު ބުނީ" ޝަރުވާން ހުރީ ހައިރާންވެފައެވެ.
"އަހަރެންގެ މަންމަގެ ރައްޓެއްސެއް ބުނީ މަންމަގެ ގާތުގައި. އޭނަ ގާތުގައި ބުނީ ޝަރުވާންގެ މަންމަޔޯ" ޝިފާ ބުނެލިއެވެ.
"އަހަރެންވެސް ދެން މީހަކާއި އިންނަން ވާނެ ދޯ. އަހަރެން އިންނާނީ އަހަރެން ކަހަލަ ނިކަމެތި އިންސާނަކާ" ޝަރުވާން ބުނެލިއެވެ.
"އެހެންވިއްޔާ އަހަރެންނަކަށް ވެސް ނުލިބޭނެ ދޯ. ދެން ޝަރުވާނާއި ވާހަކަވެސް ނުދެއްކޭނެދޯ" ޝިފާ ސުވާލު ކުރިއެވެ.
"ކޮބާ މިހާރު ޝިފާގެ މަންމަމެން" ޝަރުވާން މަޢުޟޫ ބަދަލު ކުރިއެވެ.
"ބައްޕަ އޮތީ ސްޓްރޯކެއް ޖެހިފައި. ވަރަށް ކުޑަކޮށް ހިނގެނީ. މަންމަވެސް ވަރަށް ބަލި. ދެން ހުރީ އަހަރެން. އަހަރެން މިއުޅެނީ އުޅޭ ހާލު. ބައްޕައެއް ނެތް ޔަތީމް ކުއްޖެއް ގޮވައިގެން" ޝިފާ އަނެއްކާވެސް އެވާހަކަ ދައްކަން ފެށިއެވެ.
އެމީހުން އެތާގައި ވާހަކަ ދައްކަން ތިއްބާ އެތަނަށް އައީ ޝަރުވާންގެ މަންމައެވެ. އަދި އައި ގޮތަށް އައިސް އެކުއްޖާ އުރައިލިއެވެ. އަދި އެކުއްޖާ ގޮވައިގެން ދުރަށް ޖެހިލި ގޮތުން ހީވީ ޝިފާ އާއި ޝަރުވާނަށް ވާހަކަ ދައްކަން ފުރުސަތެއް ދިނީހެންނެވެ.
"މިރަށުގައި ކިތައް ޝިފާ އުޅޭ. ބައިވަރު ދޯ" ޝަރުވާން ހޭންފެށިއެވެ.
"ނޭނގެ" ޝިފާ ބުނެލިއެވެ.
"އެކަމަކު އަހަރެންގެ ހިތަށް ޝިފާއެއް ނުލިބިގެން މިއުޅެނީ" ޝަރުވާން ބުނެލިއެވެ.
= ނުނިމޭ =