ހަމީދާގެ އުނދަގޫ ބޮޑުވީ ކީއްވެގެން ކަމެއް ސުވައިދާއަކަށް ނޭގެއެވެ. ނަމަވެސް އެކަންތައް އޮޅުން ފިލުވަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިރެއަކީ ކައިވެނީގެ ފުރަތަމަ ރެއެވެ. އެއްވެސް ވަރަކަށް ޝަރުވާން ހިތްހަމަނުޖެހޭ ކަމެއް ކުރާކަށް ސުވައިދާ ބޭނުމެއް ނޫނެވެ. އެހެންކަމުން އެއްވެސް ސުވާލެއް ނުކޮށް ގޮސް ކޮޓަރިއަށް ވަނެވެ. މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ސުވައިދާމެން ތިބީ ވަރަށް ވަރުބަލިވެފައެވެ. ނަސީބަކުން ކައިވެނީގެ ހަފްލާ ނިމިގެން އެތަން ސާފުކުރުމުގެ ކަންތަކާއި ހަވާލުވެ އިސްކޮށް އުޅުނީ ޝަރުވާންގެ މަންމައެވެ.
"ކިހިނެއްވެގެން ހަމީދާ އެއުޅެނީ" އެންމެފަހުން ކެތް ނުކުރެވިގެން ސުވައިދާ އަހައިލިއެވެ.
"ޝަރުވާނާއި ހިތާވީތަ" ޝަރުވާން އަނގައިން ނުބުނެ ހުރުމުން އަނެއްކާވެސް ސުވައިދާ ސުވާލު ކޮއްލިއެވެ.
"ނޫން. ދެން އެހެން ވަގުތަކު ދޯ" ޝަރުވާން ބޭނުންވީ އެހެން ވަގުތެއްގައި ހަމަޖެހިލައިގެން އެވާހަކަ ދައްކާށެވެ.
ރަށުގެ ރައްޔިތުންގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ ތިބީ އެރަށަށް ކުރިއްސުރެ އަންނަ އަދި ރަށުގެ މީހުންގެ ގަދަރު ލިބިފައިވާ ހަސަންބެ އަންނަންދެނެވެ. އޭނާ ކޮންމެ ފަހަރަކުވެސް މިރަށަށް އަންނަނީ ކޮންމެވެސް ބައެއްގެ ދަޢުވަތަކަށެވެ. ކޮންމެވެސް މީހަކު ބަލިވެގެން ނުވަތަ އެސްފިންނާއި ޖެހިގެންނެވެ. ކިތަންމެ ބޮޑު ޚަރަދެއް ކޮއްފައިވެސް ހަސަންބެ ގެނެސްފިއްޔާ އޭނާ އެކަމެއް ރަނގަޅު ކުރާތީ އަތުން ދާ ފައިސާއަކަށް އެއްވެސް މީހަކު ބަލާކަށް ބޭނުމެއް ނޫނެވެ. އެމީހުން ބޭނުންވަނީ އެމީހުންނަށް ޝިފާއެވެ. މިއީ މިރަށުގެ މީހުންގެ އާދައެވެ. ހަސަންބެ އަންނަ ތަން ބަލަން ޝަރުވާނާއި އޭނާގެ މަންމަ ހަލީމާވެސް ބަނދަރު ސަރަހައްދުގައި މަޑުކޮއްލައިގެން ތިއްބެވެ. ރަށުގެ ނެރުން ހަލުވި ދުވެލީގައި ދުއްވަމުން އައިސް ރަށުގެ ބަނދަރާއި ކައިރިކޮއްލީ ހަސަންބެ އައި ލޯންޗެވެ. އެމަންޒަރު ބަލަން ދުރުގައި ޝަރުވާން ހުއްޓެވެ. ހަސަންބެގެ އިސްތިގުބާލުގައި ތިބި މީހުން ހަސަންބެ ގޮވައިގެން ހިނގައިގަތީ ޝިފާމެންގެ ގޯއްޗަށެވެ. އެއީ ޝިފާގެ ބައްޕަ ބަލިވެ އުޅޭތީ ފަންޑިތަ ހަދައިދޭން އައި މީހެކެވެ. ހަސަންބެ ވަށާލައިގެން މީހުންތައް ތިއްބެވެ. ކޮންމެ މީހަކުވެސް އެދެމުން ދިޔައީ އެމީހެއްގެ ބަލީގެ ހައްލެވެ. ޝަރުވާން ދުރުގައި މަންޒަރު ބަލަން ހުރިއިރު އެމީހުން އުޅޭ ގޮތުން ހިނިވެސް އާދެއެވެ. ކޮންމެ ކޮންމެ ކަމަކަށް މިރަށު މީހުން ފަންޑިތަ ހަދައި ފަންޑިތަ ގަބޫލު ކުރާތީއެވެ. އެކަންތަކާއި އަބަދުވެސް ޝަރުވާން ދެކޮޅެވެ. އެމީހުން ދިޔުމުން ޝަރުވާން އޭނާގެ މަންމަ އާއި އެކީ ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވުމަށް އެމީހުން ދިޔައީ އެންމެ ހިޔާ މަގުންނެވެ. އެމަގުން ގެއަށް ދާން އެހާ އިރެއް ނުވާނެއެވެ. އެއީ އެހިސާބުން އެގެއަށް ދާން އޮންނަ އެންމެ ކުރު މަގެވެ. ޝަރުވާނާއި އޭނަގެ މަންމަ ގޮސް ގޯތިތެރެއަށް ވަންއިރު ސުވައިދާ އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
"ކޮންތާކުން މަންމަމެން ތިއައީ" ޝަރުވާންމެން ފެނުމުން ސުވައިދާ ވަރަށް އިހުތިރާމާއިއެކު އަހައިލިއެވެ.
"ބަނދަރަށް ގޮސްފައި މިއައީ. ހަސަންބެގެ އިސްތިގުބާލަށް. އެއީ މިރަށު މީހުން ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް" ޝަރުވާންގެ މަންމަ ބުނެލިއެވެ.
އެކަމަކު އެއީ އެއްވެސް އެއްޗެއް ނޭނގޭ މީހެއް. މީހުންގެ އަތުން ލާރި ހޯދަން އުޅޭ މީހެއް" ސުވައިދާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
ސުވައިދާގެ ވާހަކައަށް ހަލީމާ ޖަވާބު ނުދީ ހިނގައިގަތީ އެތެރެއަށެވެ. ކޮންމެ ގޮތެއް ވިޔަސް ރަށުގެ ރައްޔިތުންނާއި ދެކޮޅަށް ނިކުންނާނީ ކިހިނެއްހެއްޔެވެ. އެއީ ވާނޭ ކަމެއް ނޫނެވެ. އެއީ އެރަށުގެ ރައްޔިތުންގެ ލޯބި ލިބިފައިވާ މީހެކެވެ. އެންމެންވެސް އިހުތިރާމް ކުރާ ގަދަވެރި ބޭފުޅެކެވެ.
"މަންމައަށް ކިހިނެއްވެފައި އެހުންނަނީ" މަންމަ ދިއުމުން ޝަރުވާނާއި ސުވައިދާ ސުވާލު ކޮއްލިއެވެ.
"ކިހިނެއްވީ. އޭނާ އަހަރެމެންނަކާ ނުބެހޭ. ދެން ކޮންކަމެއް" ޝަރުވާން ޖަވާބު ދިނެވެ.
"ބަލަން ހުންނާތި ކަންތައް ވާގޮތް" އެހެން ބުނެފައި ސުވައިދާވެސް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
މެންދުރު ހޫނުން ގޭތެރޭގައިވެސް ކެތްކޮއްލެވޭ ވަރެއް ނުވެއެވެ. ފިނިކޮއްލުމަށްޓަކައި ޝަރުވާން ގޮސް ގޯތިތެރޭގައި ހުރި ގޮނޑީގައި އިށީނެވެ. ވަށައިގެންވާ އެންމެހާ ތަކެތިވެސް ހީވަނީ ހޫނުން ސަލާމަތް ވާން އުޅޭހެންނެވެ. ގަސްތަކުގެ ފަތްތައްވެސް ވަނީ މިލާފައެވެ. ހަވީރުގެ ފިންޏަށް އިންތިޒާރު ކުރާ ކަހަލައެވެ.
"އޭތް. ކަލޯ މިރަށަށް ވަރަށް މޮޅު މީހެއް އަތުވެއްޖެ. ހިނގާބަލަ ކަލޯއަށް ވެސް ފަންޑިތައެއް ހަދާލަން" މިއަދުވެސް ހަމީދާ އައީއެވެ.
"ފުރަތަމަ ހަމިއްތަގެ ބޮލަށް ފަންޑިތަ ހަދާބަލަ. މިހާރު ތިހުންނަނީ މޮޔަވެފައި" ޝަރުވާން އިނީ ވަރަށް ރުޅިއައިސްފައެވެ.
"ބަލަން ހުރޭ. އަހަރެންގެ ބޮލަށްތޯ ކަލޯގެ ބޮލަށްތޯ ފަންޑިތަ ހަދަންވީ. ޝިފާގެ ބައްޕަގެ ކަންތައް ނިމުނުހާ އަވަހަކަށް ކަލޭގެ މުޅި އާއިލާއަށް ފަންޑިތަ ހަދާލާނަން" ހަމީދާ ރުޅިއައިސްގެން ހިނގައިގަތީ ޝަރުވާނަށް އިންޒާރު ދީފައެވެ.
ޝަރުވާން އެކަމަކާއި ހާހެއް ނުވެއެވެ. މީހުން ދައްކާހާ ބިރަކަށް މިހާރު ޝަރުވާން ނުސިހޭނެއެވެ. މިހާރު ޝަރުވާން ހުރީ ހުރިހާ ކަމަކަށް ކެރިގެން ކުރިމަތިލައިގެންނެވެ. ކުރިން ވިއްޔާ މީހަކު އެއްޗެކޭ ބުނެލާއިރަށް ބިރުން ހަލާކުވާނެއެވެ. އެކަމަކު މިހާރު މިއީ ކުރީގެ ޝަރުވާނެއް ނޫނެވެ. ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުމާއި އެކު ޝަރުވާން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް ހިތުގައި ވަނީ އިންތިހާއަށް ބިރުވެރިކަން އުފެދިފައެވެ. އެ ހަމީދާ އެދެއްކި ވާހަކައިންނެވެ. ތެދެކެވެ. ހަސަންބެ އަކީ ވަރަށް މޮޅު މީހެކެވެ. އަދި ދުވަހަކުވެސް މީހަކާއިވެސް ނީދެ ހުރި މީހެކެވެ. ފައިސާ އާއި މުދާ ގިނަ މީހެކެވެ. މުޅި އަތޮޅުންވެސް ހޮވައިލެވޭ މީހެކެވެ.
އިރު އޭގެ ވާޖިބު އަދާކޮއްފައި އެނބުރި ދިޔައީ އަހަރެމެން އިންސާނުންނަށް އަރާމް ކޮއްލާނެ ރޭގަނޑެއް ހަދިޔާ ކޮއްފައެވެ. ނަމަވެސް އަހަރެމެން އިންސާނުންނަށް އޮންނަނީ އެ ރޭގަނޑުވެސް ކުރުވެފައެވެ. ދުނިޔެވީ ކަންތަކާއިގެންނެވެ. ކުޑަމިނުން އާޚިރަތްމަތިންވެސް ހަނދާނެއް ނުވެއެވެ. މިރޭވެސް އެމީހުން ތައްޔާރު ވަމުން އެދަނީ ރަށުގެ ގަދަރުވެރި އާއިލާއަކަށް ބޭސްފަރުވާގެ ބަދަލުގައި ރޫހާނީ ފަރުވާއެއް ހޯދައިދިނުމަށެވެ.
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިވެ ހަމަހިމޭންކަން ވެރިވަމުން ދިޔައިރު ރަށުގެ މެދުތެރޭގައި ބޮޑުމަގަށް ވާގޮތަށް ހަސަންބެގެ ބައިވެރިން އެތުރިގެން ތިބިއިރު ކައިރީގައި ޝިފާގެ އާއިލާގެ މީހުންވެސް ތިއްބެވެ. އެމަންޒަރު ބަލަން ދުރުގައި އެހެން މީހުންނަށް ނުފެންނާނޭހެން ޝަރުވާން ހުއްޓެވެ. ހަސަންބެ އަމުރަށް އެންމެންވެސް ދިޔައީ ކިޔަމަން ވަމުންނެވެ. ފުތަރަމަ ރޭގެ އެހާ ކަންތަކެއް ނެތެވެ. ހަމަ އެކަނި ހަސަންބެގެ ކިޔެވުމެވެ. އަދި ޝިފާގެ ބައްޕަގެ ފައިގައި ކޮންމެވެސް އެއްޗެއް ކިޔަވާފައި އުނގުޅަމުން ދިޔައެވެ. ނަމަވެސް އެއީ ކޮންއެއްޗެއް ކަމެއް ނޭގެއެވެ. އެ އެއްޗެއް އުނގުޅަމުން ދިޔައިރުވެސް ވަށައިގެން ތިބި މީހުން ދިޔައީ ކިޔަވަމުންނެވެ. އަންހެނުންނަށް ޚާއްސަ ސަަރަހައްދެއް ހަމަޖައްސާފައި އަދި އެ ސަރަހައްދު ބެލެހެއްޓުމަށް ބާރުގަދަ ފިރިހެނުން ބައިތިއްބާފައިވެއެވެ. ޝިފާގެ ބައްޕަގެ ފައިގައި އެ އެއްޗެއް އުނގުޅުމަށްފަހު ޝިފާ އާއި އޭނަގެ މަންމަގެ ފައިގައިވެސް އުނގުޅިއެވެ. އަދި ވަަށައިގެން ދުންދަނޑިތައް ރޯކޮށް ބިންމަތީގައި ހަރުކޮއްލިއެވެ. އެހިސާބުގަނޑުން ފެންނަނީ މަޑު އަލިކަމެކެވެ. ޝަރުވާން ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެނޭތޯއެވެ. އެތާ އޭނާ ހުއްޓާ ފެނިއްޖެއްޔާ ވަރަށް ގޯސް ވާނެއެވެ. ޝަރުވާން ސިއްސައިގެންގޮސް ހަޅޭލައިގަނެވުނީ ސުވައިދާ އައިސް ޝަރުވާންގެ ގައިގައި ކޮއްޓައިލުމުންނެވެ. ނަސީބު ވަރަށް ރަނގަޅެެވެ. ޝަރުވާންގެ ހަޅޭކުގެ އަޑު އެހެން މީހަކަށް އިވުނުކަމެއް ނޭނގެއެވެ.
"ބަލާބަލަ އެ ހަސަންބެ ކުރާކަމެއް. އަންހެން ކުދިންގެ ގައިގާ ބީހެނީ. އެއީ އޭނާގެ މަގުސަދަކީ" ސުވައިދާ ވަރަށް ސިއްރުން ބުނެލިއެވެ.
"އެއީ އަހަރެމެންނާއި ބެހޭކަމެއް ނޫނެއްނު. އެމީހުން ކުރާ ކަންތައް ބަލަންތިބެމާ" ޝަރުވާން ސުވައިދާގެ ވާހަކަ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
ކޮޅަށް ހުރެ ވަރުބަލިވެގެން ޝަރުވާން ބިންމަތީގައި އިށީނެވެ. ނަމަވެސް އިށީނުމުން ހަސަންބެމެން ކުރާ ކަންތަކެއް ނުފެނެއެވެ. އެހެން ވުމުން އިރު އިރުކޮޅާއި ކޮޅަށް ތެދުވެއެވެ. އަދި ކޮންމެފަހަރަކުވެސް ވަރަށް ސިއްރުން ވަށައިގެން ހޯދައިލަނީ އެހިސާބުން އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެެވެ. މީހެއްގެ ހިލަމެއް ނުވުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. އެމަންޒަރު ބަލަން ޝަރުވާންގެ ގާތުގައި އޭނަގެ އަނބިމީހާ ސުވައިދާ ފޫހި ފާޑަކަށް ހުއްޓެވެ. އެވަގުތުވެސް އެއްޗެއް ބުނެފިއްޔާ ޝަރުވާން ރުޅިއަތުވެދާނެތީ ބިރުންނެވެ.
"އޭތް. ކަލޭމެން ކާކަށް ފާރަލަނީ. ކަލޯގެ ގާތުގައި ތިއީ ޖިންނިއެއްތަ" ޝަރުވާންމެން ފެނުމުން ހަމީދާ ހަޅޭލަވައިގަތެވެ.
"މިއީ އެކުރާ ކަންތައް ބަލަނީ" ޝަރުވާނަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ.
"ކޮން ވާހަކައެއް. ކަލޭގެ ގާތުގައި ތިއީތަ އަނބިގޮއްޔެ. ހާދަހާ ތަފާތު މަންޖެއެކޭ" ހަމީދާ ބާރަށް ވާހަކަ ދައްކަން ފެށުމުން ޝަރުވާންމެން އެސަރަހައްދު ދޫކޮށް ދިޔައީއެވެ. ނަމަވެސް ހަމީދާ އެމީހުންގެ ފަސްފަހަތުން ދިޔައެވެ. ސުވައިދާއަށް މަލާމާތް ކުރަމުންނެވެ. ބީރައްޓެއްސަކަށް ވީމާ އެރަށުން ޖާގައެއް ނޯންނާނެކަން ސުވައިދާއަށް އަންގަމުން ދިޔައެވެ. ނަމަވެސް އެއަށް އެއްވެސް ރައްދެއް ޝަރުވާންވެސް އަދި ސުވައިދާވެސް ނުދެއެވެ. ނަމަވެސް ސުވައިދާމެން ގެއަށް ވަންނަންދެން ހަމީދާ އުނދަގޫ ޖެހުނެވެ.
ފަތިހުގެ ބަންގީގެ އަޑަށް ޝަރުވާ ލޯހުޅުވައި ބަލައިލިއިރު ކައިރީގައި ސުވައިދާ ނިދާފައި އޮތެވެ. ދެތިން ފަހަރަކު ޝަރުވާން ސުވައިދާއަށް ގޮވައިލިއެވެ. ނަމަވެސް އެއަށް ވުރެ މާގަދަައަށް ސުވައިދާއަށް އޮތީ ނިދިފައެެވެ. ޝަރުވާން އަވަހަށް ވުޟޫކޮއްލައިގެން މިސްކިތަށް ދާން ނިކުތެވެ. ގޭ ދޮރާށިން ބޭރަށް ނިކުތްއިރު ޝަރުވާނަށް ލިބުނީ ކުއްލި ސިހުމެކެވެ. މަގުމަތީގައި އާދަޔާޚިލާފަށް މީހުން ގިނައެވެ. އެންމެންވެސް ހާސްވެގެން ދެކޮޅަށް ދުވަނީއެވެ. ޝަރުވާން ގޮސް އެމީހުންގެ ގާތަށް ޖެހިލިއެވެ.
"މިސްކިތަށް އައިއިރު މަގުމަތީ މަރުވެފައި އޮތީ. ހީވަނީ ދެންމެހެން މަރާލީ" ސަމަދު ވާހަކަ ދެއްކި އަޑު ޝަރުވާނަށް އިވުނެވެ. ޝަރުވާން ވަރަށް ހާސްވިއެވެ. ސުވައިދާ އެކަހަލަ ކަމެއް ކޮއްފާނެބާއެވެ. އެކަމަކު ސުވައިދާ އޮތީ ގޭގައި ގަދައަށް ނިދާފައެވެ. އެކަހަލަ ރަހުމް ކުޑަ އަމަލެއް ކުރާކަށް ސުވައިދާއަށް ނުކެރޭނެއެވެ. މަރުވެފައިވާ މީހާ ޝަރުވާނަށް ފެނުނެވެ. އެއީ ރޭގައި ޝަރުވާނުމެންނަށް ޖެއްސުންކުރި ހަމީދާއެވެ. ހަމީދާގެ މުޅި ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ޒަޚަމް ކޮއްލާފައެވެ. ހަށިގަނޑުން ގެއްލުމެއް ނުލިބޭ އެއްވެސް ތަނެއް ނެތެވެ. އެއް އަތެއް ނެތެވެ. އެތަނުން ބައެއް މީހުން ބުނާ ގޮތުގައި އިންސާނަކަށް އެފަދަ ކަމެއް އެހެން އިންސާނަކަށް ކުރާކަށް ނުކެރޭނެއެވެ. އެއީ ދުވަހަކުވެސް މިރަށުން ފެނުނު މަންޒަރެއް ނޫނެވެ. ހަމީދާ ނަގައިގެން ރަށުގެ ސިއްޚީ މަރުކަޒަށް ދާން އެމީހުން ހިނގައިގަތުމުން ޝަރުވާން އެނބުރި ގެއަށް ދިޔައެވެ. ބާރު ބާރަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއިރުވެސް ސުވައިދާ އޮތީ ނިދާފައެވެ.
"ސުވައިދާ އަދިވެސް ނިދަނީތަ" ޝަރުވާން ސުވައިދާ ނަގައި ކޮޅަށް ޖެހިއެވެ.
"ކިހިނެއްވީ. ކޮންކަމަކާއި ހާސްވެގެން ތިއުޅެނީ" ސުވައިދާ ހުރީ ވަރަށް ހަމަޖެހިލާފައެވެ.
"ހަމީދާ މަރައިލީ ސުވައިދާތަ. ދޮގު ނުހަދާ ރަނގަޅަށް ބުނޭ" ޝަރުވާން ހުރީ ރުންކުރުވެފައެވެ.
"ކީއްކުރަން އަހަރެން އޭނާ މަރާލަންވީ. އެވާނީ އެ ހަސަންބެގެ ކަމަކަށް. ރަންނަމާރި އެރީކަމަށް. އެއީ މަކަރުވެރި ދޮގުވެރިއެއް. ނުލަފާ މީހެއް. އޭނާ ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް. އަދި އެ ހަސަންބެ މީހަކާއި ނީނދެ އެހުންނަނީވެސް އަންހެން ކުދިންނާ ބެހެން" ސުވައިދާ ފަތިވަރު ދަމާލިއެވެ.
އެއީ ތެދެކެވެ. ނިދަން ކޮޓަރިއަށް ވަނުމަށްފަހު އަދި ސުވައިދާ ބޭރަކަށް ނުދެއެވެ. ޝަރުވާނަށް ހޭލެވިގެންވެސް ސުވައިދާއަށް ގޮވީމަވެސް ހޭވެރިކަން ނުވިއެވެ. ދެން ހަމީދާގެ މަރުގެ ޒިންމާ ސުވައިދާގެ ބޮލުގައި އަޅުވާނީ ކިހިނެއްހެއްޔެވެ. އެއީ އަނބިމީހާއެވެ. ކޮންމެވެސް ވަރެއްގެ އިތުބާރެއްވެސް ކުރަންވާނެތާއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ހިޔާލު
Shruvaan gabooleh nukuraane thihuree jinni avalaafa viya
ކޮމެންޓްސް ބަންދުކުރެވިފައި