މައިންނަކީ ތަފާތު ކުލުނެއް އެބައެއްގެ ހިތުގައި އަށަގަނެފައިވާ ބައެއްކަން ހާމަވެގެންދަނީ އެމައިން ދަރިންނަށްޓަކައި ކުރާ މަސައްކަތްތަކާއި ތަހަންމަލު ކުރާ ޤުރުބާނީއިންނެވެ. މިފަހަރު 'ޒީޓައިމްސް'ގެ ނަޒަރުހިންގާލީ މިފަދަ މަޔަކަށެވެ. މާލެ އަށް އުފަން ސަލްމާ ޢަލީއެވެ. ނުކުޅެދޭ ދެފިރިހެން ދަރިންގެ މަންމައަށެވެ. ގިނަބަޔަކަށް ސަލްމާ ނަމުން ނޭގުނަސް ފެނިފައި ހުރުން އެކަށީގެންވެއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ބޯވާރޭގައި ނުކުޅެދޭ ދަރިފުޅާއިއެކު ވާރޭތެރޭ ގޮނޑިކޮށްޕަމުން ދިޔަ ފޮޓޯއިންނެވެ. އަޅުގަނޑަށްވެސް އަޅައިގަތީ މި ފޮޓޯއެވެ. އިތުރަށް ދިރިއުޅުމުގެ ޙާލަތު ބަލާލާހިތްވީ ހަމަ މި ފޮޓޯއިންނެވެ. ޢުމުރުން 58 އަހަރުގެ ސަލްމާ 'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ މަޔަކަށްވުމަށްފަހު ތަޙަންމަލް ކުރަންޖެހުނު ބުރަ ދިރިއުޅުމުގެ ތަޖުރިބާގެ ސަފްޙާތައް ހިއްސާކޮށްފައެވެ.
ދޮށީ ދަރިފުޅު މުޙައްމަދު ނާޖިދުގެ ނުކުޅެދުން
ސަލްމާ އަލަތު މަޔަކަށްވީ 1990 ވަނަ އަހަރުގެ އޭޕްރިލް މަހު 11 ވަނަ ދުވަހުގައި ތުއްތު ފިރިހެން ކުއްޖަކަށެވެ. ކޮންމެ މަޔަކުވެސް ބޭނުންވާނީ ބަނޑުއަޅައި ވިހާ ދަރިފުޅު ސިއްޙަތު ސަލާމަތުން ހުރި ދުޅަހެޔޮ ކުއްޖަކަށްވުމަށެވެ. އެހެނަސް ސަލްމާގެ ހިތަށް މާޔޫސްކަން ގެނުވައިދިނީ އަލަތު ދަރިފުޅު މުޙައްމަދު ނާޖިދުުގެ ޑައުންސިންޑްރޯމް ހުންނަ ކުއްޖަކަށްވެގެން ދިޔުމުންނެވެ. އެދުވަހު ކުރެވުނު އިޙްސާސްތައް އާކުރަމުން ފާހަގަކުރީ "ވަރަށް ވަރަށް ވަރަށް ދެރަވި" ކަމުގައެވެ. އެހެނަސް ގޮތްހުސްވެ މާޔޫސްކަމުގެ ތެރެއަށް ވެއްޓުމުގެ ބަދަލުގައި ބެލީ ހިތްވަރާއިއެކު ދަރިފުޅު ރަނގަޅުގޮތުގައި ބަލާ ބޮޑުކުރެވޭތޯއެވެ.
ލޯތްބާއި ކުލުނާއިއެކު ބޮޑުކޮށް މާފުށި ކުޑަކުދިންގެ މަރުކަޒުން ކިޔެވުމުގެ މަރުޙަލާ ކުރިއަށް ގެންގޮސް މިހާރު ޢުމުރުން 32 އަހަރުގެ ނާޖިދަކީ އަމިއްލަ އާމްދަނީއެއް ހޯދުމަށްޓަކައި ވެމްކޯގައި މަސައްކަތް ކުރަމުންދާ ޒުވާނަކަށް ވަނީ ވެފައެވެ.
ހަގު ދަރިފުޅު އަޙްމަދު އަލީފް
ސަލްމާގެ ހަގު ދަރިފުޅު އަޙްމަދު އަލީފް 1994 ވަނަ އަހަރު އުފަންވިއިރު ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެފައިވާކަމުގެ ޢަލާމާތެއް ފެންނާކަށް ނެތެވެ. އެހެނަސް، 'ސެރަބަލް ޕަލްސީގެ' ޝިކާރައަކަށް ވެފައިވާކަން އެނގިގެންދިޔައީ ދަރިފުޅުގެ ޢުމުރަށް 8 އަހަރު ފާއިތުވުމަށްފަހުއެވެ. ސެރަބަލް ޕަލްސީ އަކީ ހަރަކާތާއި 'ޕޯސްޗަރ' އަށް އަސަރުކުރާ އެކިއެކި ބައިވަރު ހާލަތްތަކެކެވެ. އެއީ އާންމުގޮތެއްގައި ދަރިފުޅު ބަނޑުގައި އޮންނައިރު ސިކުނޑިއަށް ލިބިގެންދާ ގެއްލުންތަކުގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ.
ދަރިފުޅުގެ ހާލަތު ފުރަތަމަ ފާހަގަވީ ކިހިނެއްތޯ ސުވާލު ކޮށްލުމުން ސަލްމާ ބުނިގޮތުގައި ދަރިފުޅު އަބަދުހެން އިންނަންފެށީ ވަރަށް މަޑުން ކަމަށާއި، ގޮވާލުމުން އަޑުއިވޭކަން އެނގުނަސް މޫނު އަނބުރާ ނުބަލާ ކަމުގައެވެ. އެކަން މާބޮޑަށް ފާހަގަވުމުން ޑޮކްޓަރަށް ދައްކާލަން ދިޔައީކަމުގައެވެ.
ވާރޭގެ ފޮޓޯއާއި އެހެނިހެން ހަނދާންތައް
ބޯވާރޭ ތެރޭ ނަގާފައިވާ އެ ފޮޓޯއާއި ބެހޭގޮތުން ސުވާލު ކޮށްލުމުން ސަލްމާ ކުޑަ ހިނިތުންވުމެއްގައި ޖަވާބުދިނެވެ. "އެއީ އެދުވަހު ސްކޫލުން ނިމިގެން ނުކުތްއިރު ބޯކޮށް ވާރޭވެހޭ. އޭނަވެސް ވަރަށް ބޭނުންވާނެ ވާރެއާއި ތެމިލަން. މަޑުކުރެވެން ނެތީމައާއި އެކު ތެމިގެން ދިއައީ."
ސަލްމާ ފާހަގަކުރި ގޮތުގައި އެކިއެކި އުނދަގުލުގަވެސް ދަރިން ހިންހަމަ ޖެހުނީމަ ވަރަށް އުފާވރއެވެ. އަދިވެސް އެހެން ހަނދާނެއް ފާހަގަކޮށްލަމުން ސަލްމާ ބުނީ ދެބެންވެސް އުޅޭނީ ވަރަށް ގުޅިގެން ކަމަށާއި، ދޮށީ ދަރިފުޅު ޑިއުޓީ ވަގުތުވެސް ވަރަށް ގުޅައި ކޮއްކޮގެ ޚަބަރު ބަލާ ހަދާ ކަމަށެވެ.
"ބޮޑުމީހާ ޑިއުޓީ ނިންމާފައި ގެއަށް އަންނައިރު އަލީފް ނިދާފައި އޮތިއްޔާވެސް ހިތްހަމައެއް ނުޖެހޭނެ. ކޮންމެވެސް ކަމެއްކޮށްފަ ހޭލައްވާލާ ސަކަރާތް ޖަހާލާފަ ނޫނީ އެރޭ ނުވެސް ނިދޭނެ. ދެން ޑިއުޓީއަށް ގޮސްވެސް ގުޅާފައި އަހާނެ މަންމަ ކޮއްކޮއާ ދިމާލަށް އެއްޗިހި ގޮވީތޯ، ކީއްކުރަނީތޯ. ކޮއްކޮމަތިން ވަރަށް ހަނދާންވެފަ ހުންނާނީ ގެއިން ބޭރު އުޅޭ ވަގުތު. ވަރަށް ލޯބިން އުޅޭނީ އަބަދުވެސް."
އަލީފްގެ ފާހަގަކޮށްލެވޭ އިތުރު ކަމަކީ، އެކިއެކި ދުވުންތަކުންވެސް ފެންނަ ކަމެވެ. ދިރާގު ރޯޑްރޭސްގައި ބައިވެރިވެ ފުރޮޅުލީ ގޮނޑީގައި މި ދުވުން ނިންމާލުމަށްފަހު ހިނިތުންވެލާފައި ހުރި ފޮޓޯއަކީވެސް ސޯޝަލްމީޑިއާގައި އާންމުވެގެންދިޔަ ފޮޓޯއެކެވެ. އެކަމާއި ސުވާލުކޮށްލުމުން ސަލްމާ ޖަވާބުގައި ބުނީ، "އަލީފް ސްކޫލުގައި އުޅުނުއިރުވެސް ދުވަން ބޭނުންވާނެ. ދެން ސްކޫލަށް ދާން ދަތިވުމަށްފަހުވެސް އެކަން ކުރަން ބޭނުންވާތީ އެވާހަކަ ދައްކާނެ. ދެން ރޯޑްރޭސްގައި ބައިވެރިވާން ބޭނުންވާ ވާހަކަ ރަޙުމަތްތެރިން ގާތުގަވެސް ކިޔައި ބައިވެރި ކޮށްދޭށޭ ކިޔާތީ ބައިވެރި ކޮށްދިނީ. ދެވޭވަރުވަންޏާ ދާނެ ކޮންމެ ފަހަރަކުވެސް. ހިތްވަރުގަދަ ކުއްޖެއް އެއީ."
އެހެނަސް ސަލްމާ ފާހަގަކުރި ގޮތުގައި ބައެއް މީހުންގެ 'ނެގެޓިވް ކޮމެންޓް' ތަކުން ވަރަށް ދެރަވެފައި ބައެއްފަހަރު ގެއިން ނުނުކުންނާނަމޭ ބުނާ ދުވަސްތައްވެސް އަންނަ ކަމުގައެވެ. ބައެއްމީހުންގެ ނަޒަރުގައި ނުކުޅެދުމެއް ހުންނަނަމަ ދެންވީ ގޭގައި އޮންނާށެވެ. މަދުންނަމަވެސް ބައެއް މީހުން އެކުދިންނާއި ދިމާލަށްވެސް ހިތުގައި ޖެހޭފަދަ ބަސްތައް ބުނާކަން ހިތާމަޔާއިއެކު ސަލްމާ ފާހަގަކޮށްލިއެވެ.
އަމިއްލަ ބަލިމަޑުކަން
އިންޓަވިއުގެ ވަކި ހިސާބަކުން ސަލްމާ ފާހަގަކުރިގޮތުގައި ހުދު އޭނާ އަކީވެސް ބޮޑު ބައްޔަކަށް ފަރުވާކުރާ މީހެކެވެ. 'ޕާކިންސަން' ބަލީގެ ޝިކާރައަކަށް ވެފައިވާކަން ސަލްމާ އަށް އެނގުނީ 2019 ގައެވެ. މިހާރުވެސް އަތް ތުރުތުރު އަޅާތީ ދަރިފުޅުގެ ކަންކަން ކުރަންވެސް ވަރަށް އުނދަގޫކަމަށް ފާހަގަކުރިއެވެ.
'ޕާކިންސަން ޑިޒީޒް' އަކީ ސިކުނޑީގެ ހަރަކާތާއި، ނަފްސާނީ ސިއްހަތާއި، ނިދުމާއި، ރިހުން އަދި އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވާ ބައްޔެކެވެ. މިބައްޔަކީ ދުވަސްވާވަރަކަށް އިތުރަށް ގޯސްވަމުންދާފަދަ ބައްޔެކެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވިނަމަވެސް ތެރަޕީތަކާއި ބޭސްތަކުގެ އެހީގައި އަލާމާތްތައް ކުޑަކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވެއެވެ. ތުރުތުރު އެޅުމާއި، މަސްތަކުގައި ރިއްސުމާއި، ވާހަކަ ދައްކަން އުނދަގޫވުން މިއީ މިބަލީގެ އެންމެ އާންމު ޢަލާމާތްތައް ކަމުގައި ބެލެވެއެވެ.
"ޕާކިންސަން އާއި އެކު އުޅެން ވަރަށް އުނދަގޫ. އެކަމަކު އަލީފް ވެސް މިހާރު ކުރިއާލާ ބަލާފަ ވަރަށް ރަނގަޅުވެއްޖެ. އޭނައަށް ކުރެވޭ މިންވަރަކުން ކަންކަންވެސް ކޮށްލާނެ. ބޭނުންވަނީ ކޮންމެވެސް ވަރަކަށް އަމިއްލައަށް ކަންކަން ރަނގަޅަށް ކުރެވޭ ދުވަހެއް މިންވަރު ކުރެއްވުން. އޭރުން އަޅުގަނޑު ނެތް ދުވަހެއްގައިވެސް ދަރިފުޅު ބަލާ މީހަކަށް ފަސޭހަވާނެތާ." ސަލްމާގެ އަޑުގައި ވަނީ މާޔޫސްކަމާއި އެކު އުންމީދެވެ.
ސަލްމާގެ ތަފާތު ހޮބީ
ސަލްމާ، ޒުވާން ޢުމުރުގެ ބޮޑުބައި ހޭދަކުރީ ދަރިންގެ ޚިދުމަތުގައެވެ. އަދިވެސް ހަމަ އެހެންނެވެ. އެހެނަސް ދަރިން ބޮޑެތިވުމުން ކޮންމެވެސް ވަރަކަށް ވަގުތު ތިޔާޤިވުމުން ހޮބީއެއްގެ ގޮތުގައި ފެއްޓީ ތަޢުލީމީ ޚަޒާނާ އިތުރުކުރުމަށެވެ. އިނގިރޭސި ބަސް ފަރިތަކަމާއިއެކު ބޭނުން ކުރުމުގެ އުންމީދުގައި ކޮވިޑް19ގެ ކުރިން އިނގިރޭސި ކޯހެއް ފެއްޓިކަމުގައި ވީނަމަވެސް ޕެންޑަމިކަށް ހުއްޓާލުމަށްފަހު އަނެއްކާވެސް ކުރިއަށް ގެންގޮސް މިހާރު ވަނީ އޭގެ އެޑްވާންސް ކޯސް ފައްޓާފައެވެ. އިނގިރޭސިބަސް ރަނގަޅަށް ދަސްވުމުން އިތުރަށް ކިޔެވުމުގެ ދޮރު ހުޅުވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވާތީއެވެ.
ސަލްމާ ފާހަގަކޮށްލި ކަންކަމާއި ދޭން ބޭނުންވާ މެސެޖުތައް
ސަލްމާ ފާހަގަކޮށްލި ގޮތުގައި ނުކުޅެދޭ ދެކުދިން ގޮވައިގެން އުޅޭއިރު ވަރަށް އުދަގޫ ކަމަށާއި، ޚާއްސަކޮށް ތަފާތު ދެބައްޔެއްގެ ދެކުދިން ވީމަވެސް އުނދަގޫ ވަޤުތުތަށް އަންނަކަމަށެވެ. އެހެނަސް ޢާއިލާގެ މީހުން ވަރަށް ރަނގަޅުކަމަށާއި އެމީހުންގެ އެހީ ލިބޭތީ އެގޮތުން ލުއިލިބޭކަން ފާހަގަކޮށްފައިވެއެވެ.
ދެކުދިންނަށް މެސެޖެއް ޚާއްސަ ކޮށްލިއެވެ. "މީހުން ކޮންމެ އެއްޗެއް ބުންޏަސް އެކަމާ ދެރަނުވޭ. އަބަދު ގޭގައި ނުތިބެ، ބޭރަށް ނުކުމެލާ އަމިއްލައަށް ކުރެވެން ހުރި ކަންތައް އަމިއްލައަށް ކުރަން ހިތްވަރާއިއެކު މަސައްކަތް ކުރަންވާނެ."
އަދި މުޖުތަމަޢަށް ދޭން ބޭނުންވާ މެސެޖަކީ، "މިކުދިންވެސް ބަލައިގަންނާށެވެ. ނުކުޅެދުންތެރިކަމެއް ހުރީތީ ނުވަތަ ތަފާތު ކަމެއް ހުރީތީ ބާކީނުކޮށްލާށެވެ." މިއެވެ.
ނިންމުން
އިންޓަވިއު ނިންމާލުމާއިއެކު ސަލްމާގެ ޖަވާބުތަކުން ފާހަގަވީ ކިތަންމެ އުނދަގުލުގައި އުޅުނެއްކަމަކު ދަރިން އުފާވާ ކަންކަން ކޮށްދެވޭ މިންވަރަކުން ކޮށްދިނުމަށް ސަލްމާ ވީވަރަކުން މަސައްކަތް ކުރާނެކަމެވެ. ކިތަންމެ ވަރުބަލިވެފައި މާޔޫސްވެފައި ހުއްޓަސް ދަރިންގެ ހިނިތުންވުން ވެގެންދާނީ މައެއްގެ އެންޓިބައެޓިކަށްތާއެވެ.
ނުކުޅެދޭ ކުދިންނަކީ މި މުޖުތަމަޢަށް އާބައެއްނޫނެވެ. އެހެނަސް ނުކުޅެދުމެއް ހުންނަ މީހަކާއި ދިމާލަށް އަދިވެސް ބަލާލެވެނީ ނުރަނގަޅު ނޫން ނަމަވެސް ތަފާތު ގޮތަކަށެވެ. އެފަދަ ކުއްޖަކާއި ޢާއިލާއިންވިޔަސް ނުވަތަ ބޭރުން ދިމާވިޔަސް ތަފާތުކޮށް ބަލާލުމުގެ ބަދަލުގައި ހިނިތުން ވެލުން ކިހިނެތްވާނެތޯއެވެ؟ އެކުދިންނާއި އެކުދިންގެ މައިންބަފައިންގެ ޙާލަތު އިނގޭނީ ހަމަ އެކަން ތަހަންމަލު ކުރަމުންދާ ބަޔަކަށެވެ. އެހެން މީހުންގެ އޯގާތެރި ނަޒަރުތަކާއި ހިނިތުންވުން ވެގެންދާނީ ކޮންމެވެސް ވަރެއްގެ ހިތްވަރަކަށްތާއެވެ. ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، މުޖުތަމަޢުގައި ކުއްޖަކު ތަފާތުވުމުން ނުވަތަ ވިސްނުމުގައި އެބަޔަކާއި ދެގޮތްވުމުން އެހެން ގޮތަކަށް ނަޒަރު ހިނގުނެއްކަމަކު މަޔަކަށް ދަރިން ވާނީ ޖަވާހިރުތަކަކައްތާއެވެ. ސަލްމާއަށްވެސް މި ދެ ދަރިންނަކީ ޖަވާހިރުތަކަކާއި އެއްފަދަ ބައެކެވެ. ސަލްމާގެ އުންމީދަކީ މުޖުތަމަޢު މިކުދިން ބަލައިގަތުމެވެ. އެކުދިންނަކީ ޚާއްސަ ކުޅެދުމެއް ހުންނަ ކުދިންގެ ގޮތުގައި ދެކުމެވެ.