November 23, 2024 17:25
Advertisement

-Advertisement-

ކުރުވާހަކަ: ނުވިސްނުނު

ގަޑިން ރޭގަނޑު ދިހަގަޑިބައި ވަނީއެވެ. މާދަމާ ރަށުން ބޭރަށް ދާންޖެހޭތީ ކޮންމެހެން ނިންމަންޖެހޭ ކަންތައް ނިންމަން އޮފީހުގައި މަޑުކޮއްލީމެވެ. އިރުއިރުކޮޅުން ލޯބިވާ އަނބިމީހާ ޒުލޭޚާ އަހަރެން ގެއަށް އަންނަނީ ކޮންއިރަކުންތޯ ގުޅާފައި އަހައެވެ. ލަސްވެގެންނެވެ. އަހަރެންނަކީ ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް ބޭރުން ކައިބޮއިހަދާ މީހެއް ނޫނެވެ. އަބަދުވެސް ބޭނުންވަނީ އަނބިމީހާ ކައްކާ ތަކެތި ކާށެވެ. އަހަރެން މާދަމާ ފުރާތީ މިރޭ ވަރަށް މީރުކޮށް ކައްކާފައި އިންތިޒާރުގައި އަނބިމީހާ ހުންނާނެކަން އެނގެއެވެ. ނަމަވެސް އަހަރެންނަކީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅޭ ތަނަވަސް މީހެއް ނަމަވެސް އެވިޔަފާރީގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލަހައްޓަމެވެ. ވިޔަފާރީގައި ކިތަންމެ ބިޒީ ނަމަވެސް އަބަދުވެސް އަނބިމީހާ ޒުލޭޚާގެ ޚަބަރު ބަލާ ވަގުތު ދީ އުޅެމެވެ. އޮފީސް ނިންމާލާފައި ގެއަށް ދާން ބޭރަށް ނިކުމެލިއިރު ކުޑަކޮށް ވާރޭ ވެހެމުން ދިޔައެވެ. މުޅި މަގުމަތި ވަނީ ފެންބޮޑުވެފައެވެ. ކުރިން ވާރޭ ވެހުނުކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ކުޑަކޮށް ދުވެލާފައި ގޮސް ކާރަށް އަރައި ދުއްވައިލީމެވެ. މާފަންނު ކޮޅުން ހެންވޭރު ކޮޅަށެވެ. ދުއްވަން ރޭގަނޑުގެ ވަގުތަށް ވުމުން ދުއްވަމުން ދިޔައީ މަޖީދީ މަގުންނެވެ. ޓްރެފިކް ވަރަށް ބާރު ބޮޑުވެ ތާށިވިއެވެ. އެންމެ ފަސޭހައިން ސަލާމަތްވާން ޖެހިގެން ހުރި މަގަށް އަޅައިލީމެވެ. މަގުމަތީގައި މީހުންތައް ވަރަށް މަދެވެ. ވިއްސާރަ ރެއެއްކަމުން އެންމެވެސް ގޭގައި މަޑުކޮއްލީހެން ހީވެއެވެ. މަދުން ނޫނީ މީހަކު ފެންނާނަކަށް ނެތެވެ. އަހަރެން ހުރީ ވީހާވެސް އަވަހަކަށް ގެއަށް ދާން ބޭނުންވެފައެވެ. ވެފައިވާ ވަރުބަލިން އަވަހަށް ނިދާލަންވެސް ބޭނުމެވެ. އަހަރެންގެ ކާރު މަޑު ދުވެއްޔެއްގައި ދަނިކޮށް ލޮލުގައި އަޅައިގަތީ ގޯޅިކަންމަތީގައި ހުރި ޒުވާން އަންހެން ކުއްޖެކެވެ. އެއީ ކޮން ކުއްޖެއް ބާއެވެ. މިގަޑީގައި ބޭރުގައި ރަނގަޅު އަންހެން ކުއްޖެއްނަމަ ނޫޅޭނެއެވެ. ހިތާހިތާއި ކިޔައިލެވުނެވެ. ނަމަވެސް އެއީ ކޮންމެވެސް އެހީއެއް ބޭނުންވާ ކުއްޖަކަށް ވެދާނެކަމަށް ހީކޮށް އަހަރެން އެކުއްޖާގެ ގާތަށް ކާރު ހުއްޓައިލީމެވެ. އަދި ކާރުގެ ބިއްލޫރިގަނޑު ތިރިކޮށް ތަނަކަށް ދާން ބޭނުންވަނީތޯ އަހައިލުމާއި އެކު އެކުއްޖާ އިސްއުފުލާ އަހަރެންނަށް ބަލައިލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ކުއްޖާގެ މުޅި މޫނަށް ވަނީ ބޮޑެތި ޒަޙަމްތަކެއް ލިބިފައެވެ. ކޮޅަށް ހުންނަން އުނދަގޫވެގެން ފާރުގައި ލެނގިލައެވެ.

"ހިނގާ ހޮސްޕިޓަލަށްދާން" އަހަރެން އެކުއްޖާ ހޮސްޕިޓަލަށް ގެންދޭވޭތޯ މަސައްކަތް ކުރީމެވެ.

"ނޫން. ނުދާނަން. ހެޔޮ މަރުވިޔަސް" އެކުއްޖާ ހުރީ ދާކަހަލަ ގޮތަކަށް ނޫނެވެ.

Advertisement

"ކިހިނެއްވީ. ހާދަ އަނިޔާއެއްވެފައި ތިހުރީ" އަނެއްކާވެސް އަހަރެން ސުވާލު ކުރީމެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ އިރުކޮޅެއް ހުރުމަށްފަހު ބިންމަތީގައި އިށީނެވެ. ދެން އަހަރެންނަށް ފެނުނީ ބިންމައްޗަށް ވެއްޓުނު ތަނެވެ. އަހަރެން އޭނަ ނަގައިގެން ކާރަށް އެރުވި އިރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. ލަސްނުކޮށް އަހަރެންގެ މިސްރާބުޖެހީ ހޮސްޕިޓަލާއި ދިމާލަށެވެ. އެކުއްޖާގެ އެއްވެސް އެހީތެރިއެއް ނެތެވެ. އަދި އެއީ ކާކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. މާލަސްތަކެއް ނުވެ އަހަރެންނަށް ހޮސްޕިޓަލަށް ދެވި އެކުއްޖާއަށް ފަރުވާ ދޭން ފެށުނެވެ. އަދި އަހަރެން ބޭރުގައި މަޑުކޮއްލީ އެކުއްޖާއަށް އެހީތެރިކަމެއް ބޭނުން ވެއްޖެއްޔާ އެކަމެއްގައި އެހީތެރިވެލުމަށެވެ.

"ކޮބާ އާތިކާގެ އެހީތެރިޔާ" ނަރުސް އެހެން ގޮވައިލުމުން އަހަރެން ގޮސް އެއީ ކާކުތޯ އަހައިލީމެވެ. ނަރުސް އަތުގެ އިޝާރާތުން އެކުއްޖާ އޮތް އެނދު ދައްކައިލިއެވެ. އެހިސާބުން އަދި ކިރިޔާ އެނގުނީ އޭނަގެ ނަމަކީ އާތިކާ ކަމެވެ.

"މިހާރު ކިހިނެއް" އަހަރެން އާތިކާގެ ގާތަށް ޖެހިލާފައި އަހައިލީމެވެ.

"ރަނގަޅު" އާތިކާ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

"ކޮބާ ގޭމީހުން. ހިނގާ ގުޅާލަން. ދީފާނަންތަ ނަމްބަރ" އަހަރެން ބޭނުންވީ އާތިކާގެ މައިންބަފައިންނަށް އެޚަބަރު ދޭށެވެ. އަހަރެންގެ އެދުމަށް އާތިކާ ޖަވާބު ދިނެވެ. އަދި މަންމަގެ ނަމްބަރުވެސް ދިނެވެ. އަހަރެން އެވާހަކަ ބުނަން އަވަހަށް އެނަމްބަރަށް ގުޅައިލީމެވެ.

"ހަލޯ. އާތިކާ ހޮސްޕިޓަލުގައިވީ. އަހަރެންނަށް މަގުމަތިން ފެނިގެން ގެނައީ" އަހަރެން ބުނެލީމެވެ.

"ހެޔޮ. ބާއްވާ މަރުވަންދެން. ދެން ނުގުޅާތި އާތިކާގެ ވާހަކައެއް ދައްކަން" އާތިކާގެ މަންމަގެ އަޑުގައި ހުރީ ރަހުމް ކުޑަ ގޮތެކެވެ.

އަހަރެންގެ ހިތް ފުނޑުފުނޑުވި ކަހަލައެވެ. ވަގުތުން އަހަރެން އަހަރެންގެ ލޯބިވާ އަނބިމީހާއަށް ގުޅައި އެވާހަކަ ހިއްސާ ކުރީމެވެ. އަހަރެން އެވާހަކަ ހިއްސާ ކުރިތާ ގިނައިރެއް ނުވަނީސް ޒުލޭޚާ ހޮސްޕިޓަލަށް އައެވެ. އަދި އަހަރެންނާއި އެކީ އާތިކާއަށް އެހީވުމުގައި ބައިވެރިވިއެވެ.

"މަންމަ ފޯނެއް ނުނަގާ. ދެން ކިހިނެއް ހަދާނީ" އަހަރެން ގަސްދުގައި އާތިކާއަށް ދޮގު ހެދީ އޭނަގެ ބަލިހާލަތަށްޓަކައެވެ.

"މަށަށް އެނގޭ ނުނަގާނެކަން. އެހެން ވިއްޔާ އަހަރެން ފުރުވައިލަދީ" އާތިކާ ދެލޯ މަރައިލިއެވެ.

"ކޮންތާކަށް. ތިއޮތީ ހޮސްޕިޓަލުގައި. ޑޮކްޓަރ ދޫކޮއްލީމަ ގެއަށް ދެވޭނީ" އަހަރެން އާތިކާ ހަމަޖެއްސޭތޯ އުޅުނީމެވެ.

"އަހަރެން ވާން އުޅޭ ފިރިމީހާގެ ގާތަށް. އެއީ ބިދޭސީއެއް. މުސްލިމެއް. ނަމާދު ކުރާ ރަނގަޅު މީހެއް" އާތިކާ ވާހަކަ ދެއްކީ ލޯމަރައިގެން އޮވެއެވެ. އެއަސަރު އެހެން މީހަކަށް ދައްކަން ބޭނުން ނުވާތީއެވެ. އާތިކާގެ ވާހަކައިން އަހަރެންނަށް ކޮންމެވެސް ކަމެއް އިހުސާސް ކުރެވުނެވެ.

"އެއީ ކާކު" އެ ވާހަކަ އަޑު އަހައިލުމުގެ ޝައުގުވެރިން އަހަރެން ފާޅު ކުރީމެވެ.

"އެއީ އިންޑިއާ މީހެއް. އަހަރެންނާއި އެކީ ކިޔަވަން އުޅުނު މީހެއް. އެއީ ބިދޭސީއަކަށް ވާތީ މަންމަމެން ނުރުހުންވަނީ. އަދި މަންމަ ބޭނުންވަނީ ރާއްޖޭގެ މީހަކާއި އިންނަން. މަންމަމެން އެބަހުރި ތަނަވަސް މީހަކު ހޯދާފައި. އަހަރެން ބޭނުމެއް ނޫން އެމީހާ އާއި އިންނާކަށް" އާތިކާ ވާހަކަ ކިޔައިދޭން ފެށިއެވެ.

"ދެން އެމީހާ އާއި އިންނަންވީނު" އަހަރެން ބުނެލީމެވެ.

"ނޫން. އަހަރެން ލޯބި ވަނީ މުދާވެރިކަމަކަށް ނޫން. އަހަރެން ނުގަބޫލު ވީމަ އަހަރެންނަށް އަނިޔާ ކުރީ. މިއީ އަލަށް ލިބުނު ޒަޚަމްތަކެއްނޫން. ކޮންމެ ރެއަކު އަނިޔާ ކުރޭ. ޒަޚަމްތައް ދޭ. އެންމެފަހުން ގެއިން ބޭރުކޮއްލީ" އާތިކާއަށް ރޮވެން ފެށުމުން އަހަރެން އެވާހަކަ ހުއްޓައިލީމެވެ. އަދި ވަރަށް ރަނގަޅަށް ވިސްނައިލީމެވެ. އެކަމުގައި އަހަރެންނަށް ވެވޭނެ އެއްވެސް އެހީއެއް ނެތެވެ. ނަމަވެސް އާތިކާ އެކަނި ހޮސްޕިޓަލަށް ދޫކޮއްލާފައި ދާކަށްވެސް އަހަރެން އަދި އަހަރެންގެ އަނބިމީހާ ޒުލޭޚާވެސް ބޭނުމެއް ނޫނެވެ. އަހަރެން އާތިކާ ގާތުގައި ބޭރަށް ގޮސްލާފައި އަންނާނެ ކަމަށް ބުނެ އެއްޗެއް ކާން ކެންޓީނަށް ވަނީމެވެ. އަހަރެމެން ހިނގައިގަތީ އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާލުމަށް އެދި ނަރުސް ކުދިންނަށް އަހަރެންގެ ނަމްބަރު ދީފައެވެ. ކެންޓީނަށް ވަދެ ކާންފެށުމުގެ ކުރިން އަހަރެން އަނެއްކާވެސް އާތިކާގެ މަންމައަށް ގުޅީމެވެ. ހޮސްޕިޓަލަށް އައުމަށް އެދި އެތައްފަހަރަކު އާދޭސް ކުރީމެވެ. ނަމަވެސް އާތިކާގެ މަންމަގެ ހިލަ ހިތް މަޑުވާ ގޮތެއް ނުވިއެވެ. އެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.

"ކާކު ތިއީ އަހަރެމެންނަށް ގުޅަން. ކަލޭ އާތިކާ ބެލެހެއްޓީމަ ނިމުނީނު" އާތިކާގެ މަންމަގެ ހަރުކަށި ޖުމްލަތައް އިތުރަށް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވަގުތުން ފޯނު ކަނޑާލާފައި ކެއުމާއިގެން ކުރިއަށް ދިޔައީމެވެ. އަހަރެންގެ ކޮންމެ ކަމެއްގެ ފަހަތުގައި އަހަރެންނަށް އެހީވާން ހުންނަ އަހަރެންގެ ލޯބިވާ އަނބީމީހާ އަހަރެންގެ ކުރިމަތީގައި އިނީ ކޮންމެ ކަމެއްގައިވެސް އެހީވާން އެބައިނީމޭ ބުނާ ކަހަލަ ގޮތަކަށެވެ. އަހަރެމެން ކައިގެން ހޮސްޕިޓަލަށް ވަންނަން ހިނގައިގަތް ތަނާ ނުދަންނަ ނަމްބަރަކުން ގުޅިއެވެ. އަހަރެން އަވަސް އަވަހަށް ފޯނަށް ޖަވާބު ދިނީމެވެ. އެއީ ހޮސްޕިޓަލުންނެވެ. އާތިކާގެ ހާލު ދެރަވެގެންނެވެ. އަހަރެން ދުވެފައި ގޮސް އެނދު ކައިރިއަށް ހުއްޓިލީމެވެ. އާތިކާ އޮތީ ދެލޯމަރައިގެންނެވެ.

"ކިހިނެއްވީ" އަހަރެން ނަރުސް ގާތުގައި އަހައިލީމެވެ.

"މަރުވީ" އަހަރެންނަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތް ހެންނެވެ. އަހަރެން އާތިކާގެ މަންމައަށް ގުޅުމުގެ ބަދަލުގައި މެސެޖް ކޮއްލީމެވެ. އާތިކާގެ މަރުގެ ޚަބަރު ދޭށެވެ. ލަސްތަކެއް ނުވެ އެމީހުން ހޮސްޕިޓަލަށް އައެވެ. ނަމަވެސް އެއިރު ވަނީ ވަގުތު ފާއިތުވެފައެވެ. އަހަރެން ހިތަށް އެރިއެވެ. މައިންބަފައިން ނުރުހޭ މީހަކާއި ގަދަކަމުން ކައިވެނި ކުރުވަން އުޅެނީ ކީއްވެހެއްޔެވެ. އަދި އެކައިވެނި ނުކޮއްފިއްޔާ އަނިޔާކޮށް މިވަރުގެ ޒަޚަމްތަށް ދޭން ޖެހޭބާއެވެ. އެމީހުންގެ ގޮތް ދޫނުކުރުމުގެ ސަބަބުން ގެއްލުނީ އެމީހުންގެ ދަރިފުޅުގެ ފުރާނައެވެ. ބޮޑެތި ޒަޚަމްތަކެއް ލިބި އެއަށް ކެތް ނުކުރެވިގެން މިދުނިޔެ ދޫކޮށް ދިޔައީއެވެ. އެގޮތަށް ކަންތައް ވާންވީ ސަބަބެއް އަހަރެންނަށް އުޅެއުޅެ ނުވިސްނުނެވެ.

= ނިމުނީ =

+1
2
+1
5
+1
1
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް