November 23, 2024 17:05
Advertisement

-Advertisement-

ކުރުވާހަކަ: ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ

ވަށައިގެން ތިބި މީހުންނަކަށް އަހަންނެއް ނުބަލަމެވެ. އަބަދުވެސް ބަލަނީ ކުރަން ބޭނުންވާ ކަންތައް ކޮއްލެވޭތޯއެވެ. ކޮންމެ ރެއަކުވެސް މާލޭގެ ދުވާ ޓްރެކަށް ދަނީ ފުރިހަމަ ސިއްޚަތެއްގައި ހުރުމަށް ކަސްރަތު ކޮއްލާށެވެ. އަހަރެން ކޮންމެ ރެއަކުވެސް ދަނީ އެކަންޏެވެ. އެހެން މީހަކާއި އެކީ ދަންޏާ ގިނަ ފަހަރަށް އެކަން އޮންނާނީ ނުވެފައެވެ. އެމީހަކަށް ނުދެވޭތީއެވެ. އެހެންވެ ބޭނުންވީ އެކަނި ކަސްރަތު ކޮއްލާށެވެ. އެއިރުން އެހެން މީހަކަށް އިންތިޒާރު ކުރާކަށް ނުޖެހޭނެތާއެވެ. ކޮންމެ ރެއަކުވެސް ޓްރެކުގައި އަހަރެން ހިތްހަމަޖެހޭ ވަރަށް ކަސްރަތު ކޮއްލަމެވެ. ބައެއް ރޭރޭ ތަންކޮޅެއް ލަސްވާ ފަހުންވެސް ގެއަށް އާދެވެއެވެ. އަދި ކައިވެނި ނުކުރާތީ ލަސްވެގެން އުޅޭނެ މީހަކު ނުހުންނާނެތާއެވެ. އެހެންވީމާ ކޮންމެ ގަޑިއަކު ގެއަށް އަޔަސް އެކަމާއި ބެހޭނެ މީހަކު ނުހުރެއެވެ. އެކަންވީ އަހަރެންގެ ބޮލަށް ވަރަށް ފަސޭހަ ކަމަކަށެވެ.

އަހަންނަކީ މައިންބަފައިންގެ މުއްސަނދި ކަމުގައި ދިރިއުޅެމުން އައި އުފާވެރި ޒުވާނެކެވެ. މައިންބަފައިންގެ ހުންނަނީ އަހަރެން އެކަންޏެވެ. އެހެން ވުމާއި އެކު އެމީހުންގެ ހުރިހާ ކަމެއް ހުންނަނީ އަހަންނަށް ހުއްޓިފައެވެ. އަހަރެން ބޭނުން ކޮންމެ އެއްޗެއް ލިބެއެވެ. ބޭނުން ކޮންމެ ކަމެއް ކުރެވެއެވެ. ނަމަވެސް އެ ތަނަވަސްކަމުގައި އުޅުނު ނަމަވެސް އަހަންނަކީ ވަރަށް ހިތްތިރި މީހެކެވެ. އެވާހަކަ މަންމަ އަބަދުވެސް ބުނާތީ އަޑުއަހަމެވެ. ކުޑައިރުވެސް އަބަދުވެސް އެހެން މީހުންނަށް އެހީވާން އުޅޭ ވާހަކައެވެ. އަހަރެންނަކީ މީހުންގެ ތެރޭގައި މާ ތަނަވަސްވެގެން އުޅެން ބޭނުންވާ މީހެއްވެސް ނޫނެވެ. އަބަދުވެސް ކަސްރަތު ކުރުމާއި ފޮތް ކިޔުމަކީ އަހަރެންގެ އާދައަކަށްވަނީ ވެފައެވެ. އަބަދުވެސް ރީތި ހަށިގަނޑަކަށް އަބަދުވެސް ލޯބި ކުރަމެވެ.

ރޭގަނޑުގެ ގަޑިއެވެ. އެހެންޏާވެސް އަހަރެން އާންމުކޮށް ކަސްރަތު ކުރަންދާ ގަޑިއަށް ޓްރެކަށް ދިޔައީމެވެ. މީހުން ގިނަހެން ހީވާ ރެއެކެވެ. ކުޑަކޮށް ވޯންއަޕް ކޮއްލާފައި މަޑުން ޓްރެކް ވަށައިގެން ދެބުރު ޖަހައިލީމެވެ. އަދި ކުޑަ ފެންފޮދެއް ބޮއިގެން އަނެއްކާވެސް ހިނގަންފެށީމެވެ.

Advertisement

"އޯހް. ހާދަ ވަރަކަށް ތި ކަސްރަތު ކޮއްލަނީ" އަހަރެންނާއި އަރާ ހަމަކޮއްލާފައި އެއްކުލާހެއްގައި އުޅުނު ހަމަދު ބުނެލިއެވެ. އަހަރެން ހިނިގަނޑަކުން ނިންމައިލީމެވެ. ހަމަދާއި އެކު އެހެން ބަޔަކުވެސް ތިއްބެވެ. އެމީހުން ދިޔައީ ރާއްޖެއިން ބޭރުގައި އޮތް މުބާރާތަކަށް ތައްޔާރު ވަމުންނެވެ. އެމީހުން އެދިޔަ ގޮތަށް ދިޔައީއެވެ. އަހަރެންވެސް ނިންމާލީ ފަސް ކިލޯ މީޓަރ ދުވެފައެވެ. ދުވެ ނިންމާލުމަށްފަހު ގެއަށް އައިސް އަހަރެން ސިޓިންގރޫމްގައި އިށީނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. ކައިރީގައި މަންމަ އާއި ބައްޕަ ކޮންމެވެސް ވާހަކަ އެއްގައި ތިއްބެވެ. ބައްޕަ އަކީ ވިޔަފާރީގައި އުޅޭ މީހަކަށް ވާތީ އެކަމުގައި މަންމަގެ އެހީތެރިކަން އިންތިހާއަށް ލިބެއެވެ. އެގޮތަށް އުޅުމަށް އަބަދުވެސް މަންމަ ނަސޭހަތްތެރިވެއެވެ.

"ދަރިފުޅާ ފޯނެއް" އަހަރެންގެ ފޯނު ރިންގުވާން ފެށުމުން މަންމަ ބުނެލިއެވެ. އަހަރެން ގޮސް ފޯނަށް ބަލައިލީމެވެ. އެގުޅަނީ ހަމަދެވެ. އަހަރެން ޖަވާބު ދިނީމެވެ.

"ކޮބާ ހިނގާބަލަ މިރޭ ދިމާވެލަން ކޮފީއަކުން" ހަމަދު ދައުވަތު ދިނެވެ. އަހަރެން އެދައުވަތު ގަބޫލުކޮށް ހަމަދު ބުނި ތަނަށް ދާން ބޭރަށް ނިކުންނަން ހިނގައިގަތީމެވެ.

"ދަރިފުޅާ އަވަހަށް އަންނާތި. ބަލައިގެން ދުއްވާތި" އަބަދުވެސް މަންމަ ދޭ ނަސޭހަތުގެ ބަސްކޮޅު އަޑު އިވުނެވެ.

"ލައްބަ. ކާރުގައި މިދަނީ" އަހަރެން މަންމައަށް ޖަވާބު ދިނީ ވަރަށް ލޯބިންނެވެ.

އަހަރެންގެ ކާރު މަޑުކޮއްލީ ހަމަދު ދައުވަތު ދިން ރެސްޓޯރަންޓްގެ ކުރިމައްޗަށެވެ. ކާރު ޕާރކް ކޮއްލާފައި އެތެރެއަށް ވަންނަން ހިނގައިގަތްތަނާ އަހަރެންގެ ލޮލުގައި ހަމަދުމެން އަޅައިގަތެވެ. އެތާގައި ތިބީ ހަމަދު އެކަންޏެއް ނޫނެވެ. އެހެން ބަޔަކުވެސް ތިއްބެވެ. އަހަރެން ގޮސް މޭޒު ދޮށުގައި އިށީދެ ކޮފީއަކަށް ބުނެލީމެވެ. އަހަރެން ބޭނުންވީ ކަޅު ކޮފީއެކެވެ.

"ހަމަދު އަންނަން ބުންޏަސް އަހަރެން ބިލް ދައްކާނީ" އަހަރެން ބުނެލީމެވެ.

"އޯކޭ. ތިއީ ތަނަސްވަސް މީހެއްނު. އަހަރެމެން މިއީ ފަގީރުން ދޯ" ހަމަދު ދޯ ދިނީ ކައިރީގައި ތިބި ދެކުދިންނަށެވެ. އެއީ ޒުވާން އުމުރު ފުރައިގެ ދެ އަންހެން ކުދިންނެވެ. އެއީ އަހަރެން ނުވެސް ދަންނަ ދެކުދިންނެވެ. ހަމަދު އެމީހުންނަށް އަހަރެން ތަޢާރަފް ކޮއްލަދިނެވެ. އެއީވެސް އަހަރެން ކަހަލަ ތަނަވަސް ކުދިންނެވެ. އެއީ އެއް އާއިލާއެއްގެ ދެކުދިންނެވެ. ހަމަދާއި އެކު މުބާރާތަށް ތައްޔާރު ވަމުންދާ ދެކުދިންނެވެ. ކޮފީގައި ވަރަށް ގިނައިރު އިނީމެވެ. ހަމަދާއި އެދެކުދިންނަކީވެސް ވަރަށް މީހުންނާއި ގުޅޭ ބައެކެވެ. ކޮފީ ނިމިގެން އަހަރެން ބިލް ގެނައުމަށް ބުނެލީމެވެ. ނަމަވެސް އެކަމަށް އެތަނުން އެއް ކުއްޖަކު ދެކޮޅު ހެދިއެވެ. އެމީހުންގެ ދައުވަތަކަށް އައިސް އަހަރެން ބިލް ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށް ބުންޏެވެ. އެކަމަށް އަހަރެން އެއްބަސްވީ ދެން އެހެން ކަންތައް ނުކުރުމަށް ޝަރުތު ކޮއްފައެވެ. ދެންފަހަރަކުން ބިލް ދައްކާނީ އަހަރެން ކަމަށް އެމީހުން އެއްބަސް ކުރުވީމެވެ.

އަހަރެން ގެއަށް އައިސް ހެދުން ބަދަލުކޮއްލައިގެން އޮށޯވެލީ ނިދާލާށެވެ. މަންމަމެންވެސް ވީ ބޭރުގައެވެ. އެނދުގައި އޮށޯވެ ހަމަޖެހި ނުލެވެނީސް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް ބަލައިލީމެވެ. ނުދަންނަ ނަމްބަރެކެވެ. ނަމަވެސް ޓްރޫކޯލަރ އިން ދައްކަނީ ރިހުލާ ކަމަށެވެ.

"ހަލޯ ކޮން ކުއްޖެއް" އަހަރެން އަހައިލީމެވެ.

"ރިހޫ. ރިހުލާ" އެކޮޅުން ޖަވާބު ދިނެވެ.

"ނުދަންނަން" އަހަރެން ފޯނު ބާއްވަން އުޅުނީމެވެ.

"މަޑުކޮއްބަލަ. މިއީ މިރޭ ބިލް ދެއްކި ކުއްޖާ" އެފަރާތުން ތަޢާރަފްވެލިއެވެ.

"އޯހް. އަނެއްކާވެސް ބިލެއް ދައްކަންވީތަ. ނަސީބަކުން ނުދައްކާ ބިލެއް ނެތް" އަހަރެން ހޭންފެށީމެވެ.

"ލައްބަ ދައްކަން ޖެހިއްޖެއްޔާ ދައްކަން. އެ ހެޔޮ ލޭގެ ބިލް ނަމަވެސް. ހިތުގެ ބިލް ނަމަވެސް" ރިހުލާ އަޑުގައި ހުރީ ޖެހިލުން ކުޑަކަމެވެ.

"އޯހް. ހިތުގެ ޑޮކްޓަރެއްތަ" އަހަރެން ހޭން ފެށީމެވެ.

"ނޫން. އެކަމަކު ތި ހިތަށް ފަރުވާ ކޮއްލެވިދާނެ" ރިހްލާވެސް ހޭންފެށިއެވެ.

އެރޭގެ ފޯނު ކޯލުން އަހަރެންގެ މުޅި ދިރިއުޅުމަށް ބަދަލު ގެނުވި ކަހަލައެވެ. މުޅި މީހާއަށް ދިރުން ގެނުވައިފިއެވެ. ނޭނގޭ އިހުސާސްތަކެއް ކުރުވައިފިއެވެ. ހިތް ތެޅެމުން ދިޔައީ އެއަޑު ދެވަނަ ފަހަރަށް އަހާލުމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅަން ނުކެރުނީ ރޭނގަޑުގެ ގަޑިއަށް ވާތީއެވެ. އެޚިޔާލުގައި ދެފަރާތަށް ފުރޮޅި ފުރޮޅިއޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. އަވަހަށް ފާރުގައި ހަރުކޮއްފައިވާ ގަޑިއަށް ބަލައިލީމެވެ. އަށްގަޑި ބައިވަނީއެވެ. ފާޚާނާއަށް ވަދެ އަވަހަށް ތައްޔާރުވެގެން ބޭރަށް ނިކުންއިރު ގޭގައި ގެންގުޅޭ މީހާ ކާން ހަދާފައި ހުއްޓެވެ.

"ކޮއްކޯ އާދޭ ކާން. މެޑަމް ބޭރަށް ދަނީ" އެމީހާ އަހަރެން ފެނުމުން ބުނެލިއެވެ. އެމީހާ އަކީ އަހަރެން ކުޑައިރުއްސުރެން މިގޭގައި ގެންގުޅޭ އިންޑިއާ އަންހެނެކެވެ. އަހަރެން ދެކެ ވަރަށް ލޯބިވާ މީހެކެވެ. އަހަރެން ގޮސް މޭޒު ދޮށުގައި އިށީނީމެވެ. ރަނގަޅަށް ސައި ބުއީމެވެ.

"މެޑަމް ބުނަނީ މިއަދު ލަސްވާނޭ. ކޮއްކޮ ބަލާށޭ" އެ މީހާ ބުނެލިއެވެ. މަންމަ އަބަދުވެސް ބޭރަށް ދާއިރު އޭނަގެ ގާތުގައި އަހަރެން ރަނގަޅަށް ބަލަން ބުނާނެއެވެ.

 އަހަރެން ބޭނުންވީ ރިހުލާއަށް ގުޅާލާށެވެ. ސައިބޮއި ނިމިގެން ވީހާވެސް އަވަހަކަށް ގުޅައިލީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. ފުރަތަމަ ރިންގުން ރިހުލާ އަހަރެންގެ ފޯނަށް ޖަވާބު ދިނެވެ. ފުރަތަމަ އަހަރެންގެ ބަސް ހުއްޓުނެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ވާހަކަ ދައްކަން ފެށީމެވެ. މަޑުމަޑުން މަޢުލޫ ބަދަލުކުރަމުން ގޮސް އަހަރެންގެ މަޢުލޫއަށް ބަދަލު ކޮއްލީމެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެންގެ މަޢުލޫ ވައިގައި ހިފައިފިއެވެ. އަހަރެން ބޭނުންވާ ކަންތައް މަޑުންމަޑުން އަނބުރަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއިއެކުގައެވެ. އެފޯނު ކޯލު ނިމުނީ އަހަރެންގެ ބޭނުން ފުދިގެންނެވެ. އަހަރެންގެ ހަޔާތަށް ރިހުލާ އަންނަން އެއްބަސްވީއެވެ. އަހަރެން އެކަން މައިންބަފައިންނަށް އަންގާނެ ގޮތަކާއި މެދު ވަރަށް ވިސްނީމެވެ. ދެފަރާތުގެ އާއިލާ އަކީވެސް ތަނަވަސް އާއިލާ ތަކަށް ވާތީ ގިނަފަހަރަށް އޮންނަނީ ކޮންމެވެސް ގޯހެއް ހިގައިފައެވެ. އެ ފޯނުކޯލް ނިންމާފައި އަހަރެން ބޭރަށް ނިކުތް ވަގުތަކީ މަންމަވެސް ގެއަށް ވަން ގަޑިއެވެ. އަހަރެން ވަރަށް ބިރުން ހުރެ މަންމަ ގާތުގައި އެވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. އަދި މަންމަ ގޭތެރެއަށް ވަދެ ސިޓިންގރޫމްގައި އިށީނުމުން އަހަރެން މަންމަގެ ގާތުގައި އެވާހަކަ ދެއްކީމެވެ. އަހަންނަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. އެ ކަމަކީ މައިންބަފައިންވެސް ތައްޔާރުވެ އަދި ކުރަން ބޭނުންވާ ކަމެއްކަން މަންމަ ބުނެދިނެވެ. އަހަރެންގެ ކައިވެނި ލަސްކުރާކަށް ބޭނުމެއް ނޫނެވެ. ލަސްތަކެއް ނުވެ އަހަރެމެންގެ ކައިވެނި ކުރެވުނީ ވަރަށް އުފާވެރިކޮށެވެ. ދެފަރާތުގެ އާއިލާގެ ފުރިހަމަ އެއްބާރުލުމާއި އެކުގައެވެ.

އަހަރެމެންގެ ކައިވެންޏަށް އަހަރެއް ވީތަނާ އަހަރެމެންނަށް ވަރަށް ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނެވެ. އަހަންނާއި ރިހުލާގެ ހުރިހާ ވަގުތެއްހެން ހޭދަ ކުރަމުން ދިޔައީ ދަރިފުޅާއި އެކުގައެވެ. ދަރިފުޅުގެ އެއްވެސް ކަމެއް އެހެން މީހަކާއި ހަވާލު ނުކުރަމެވެ. ހުރިހާ ވަގުތެއް ރިހުލާ ދަރިފުޅަށް ހޭދަކުރަމުން ދިޔައެވެ. ރިހުލާގެ ބެލުމުގެ ދަށުން ރަނގަޅު ތަރުބިއްޔަތެއް ދެމުންދިޔައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެން ބޭނުންވާ ކަހަލަ އަންބެއް ލިބުނީތީއެވެ.

އަހަރެން އުޅެމުން ދިޔައީ އެއްވެސް ފިކުރެއް ނެތި ވަރަށް އުފަލުންނެވެ. ރިހުލާގެ ބުރަ މަސައްކަތުން އަހަރެންގެ ދަރިފުޅަށް ރަނގަޅު ތަޢުލީމެއް ދިނެވެ. މިއަދަކީ ދަރިފުޅު އޯލެވެލް ނިންމާ ނަތީޖާ ލިބުނު ދުވަހެވެ. ނަތީޖާ ވަރަށް ފޮންޏެވެ. މުޅި ރާއްޖެއިން އެއްވަނަ ލިބުނީއެވެ. އުފަލުގެ ކޮޅެއް ނެތެވެ. އެކަމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ބޮޑު ހަފްލާއެއް ބޭއްވީމެވެ. އަދި އިތުރަށް ތައުލީމް އުނގެނުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ހުރިހާ ކަމެއް ނިންމީމެވެ. ދަރިފުޅަށް އަހަރެމެން ބޭއްވި ހަފްލާއަށް ފަހު އަހަރެމެން ގެއަށް އައިސް ވަންތަނާހެން ރިހުލާ ވަރަށް ގަދައަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ޑޮކްޓަރ ވަރަށް ރަނގަޅަށް ބެލުމަށްފަހު އެންގީ ޓެސްޓުތަކެއް ހެދުމަށެވެ. ޓެސްޓުގެ ނަތީޖާ ލިބުނީ އަހަރެންގެ ހީކުރި ގޮތަކަށް ނޫނެވެ. ރިހުލާ ކެންސަރަށް ޕޮސިޓިވް ވީއެވެ. އަހަރެން ހިތްވަރު އެލުވައި ނުލައި އެކަމާއި ކުރިމަތިލީމެވެ. ރިހުލާ އާއި ދަރިފުޅަށް ހިތްވަރު ދެމުން ދިޔަ ނަމަވެސް އަހަރެންގެ ހިތް ވަނީ ހަލާކުވެފައެވެ. މާގިނަ ދުވަހަކު ރިހުލާ އެބަލީގައި ހޭދަ ކުރާކަށް ނުޖެހި ނިޔާވީއެވެ. އަހަރެން އެކަނިވެރިވީއެވެ. ނަމަވެސް ދަރިފުޅުގެ މުސްތަގުބަލަށް ހިތްވަރު ކުރަމުން ދިޔައީއެވެ. ދަރިފުޅާއެކު ރާއްޖެއިން ބޭރަށް ބަދަލުވީ ރަނގަޅު ތަޢުލީމެއް ދިނުމުގެ ބޭނުމެއްގައެވެ.

އަހަރެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އަނެއްކާވެސް ރާއްޖެ ބަދަލުވީ ދަރިފުޅުގެ ކިޔެވުން ނިމުނީމައެވެ. ދަރިފުޅު ކިޔެވީ ޑޮކްޓަރ ކަމެވެ. ރިހުލާ ބަލިވި ހިސާބުން ދަރިފުޅުގެ ވިސްނުންވެސް ބަދަލުވީއެވެ. މާލެ އައިސް ދަރިފުޅާއި އެކު ދިރިއުޅުން ކުރިއަށް ދިޔަ ނަމަވެސް މިހާރު އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ގިނަފަހަރަށް އުޅެނީ ބަލިވެއެވެ. މިހާރު އުމުރުން ފަސްދޮޅަސް ފަސްއަހަރަށް ވުރެ މަތިވީއެވެ. ގިނަ ފަހަރު އަހަރެން އޮންނަން ޖެހެނީ އެނދުގައެވެ. ކޮޅަށް ހުންނާނެހާ ހިތްވަރެއް ނެތީއެވެ. އަހަރެން ކިތަންމެ ބަލިވި ނަމަވެސް އަހަރެންގެ ހުރިހާ ކަމެއް ވަރަށް ގާތުން ވަރަށް ރަނގަޅަށް ދަރިފުޅު ބަލަހައްޓައެވެ. އެއީ އަހަރެންގެ ލޯބިވާ އަންހެނުންގެ ތަރުބިއްޔަތެވެ. އަހަރެން އެނދުގައި އެކަނި އޮންނަ އިރުވެސް އަބަދުވެސް ރިހުލާގެ މަތިން ހަނދާންވެއެވެ. ދޮރު ފޮތިގަނޑު ހެލިލިޔަސް ހީވަނީ ރިހުލާ އަންނަހެންނެވެ. ގަހަކުން ފަތެއް ހެލިލިޔަސް މިހާރު އަހަންނަށް ހީވަނީ ރިހުލާ އަހަރެންގެ ގާތުގައި އުޅޭހެންނެވެ. ރިހުލާގެ ހަނދާންތަކާއި ދުރަކަށް ނުދެވުނެވެ. ފައިސާ އާއި ތަނަވަސް ކަން ލިބިފައިވީ ނަމަވެސް މިއީ ކޮންމެ އިންސާނަކަށްވެސް ދިމާވާނެ ކަންތަކެވެ. އެއްވެސް އިންސާނަކީ ތާއަބަދު ދުނިޔޭގައި އުޅެވޭނެ މީހެއް ނޫނެވެ.

= ނިމުނީ =

+1
1
+1
1
+1
5
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް