November 23, 2024 17:31
Advertisement

-Advertisement-

ކުރުވާހަކަ: އިންތިހާ

އެއީ ރަނގަޅު ވާހަކައެކެވެ. އަހަރެން އުފަންވީއްސުރެ އަހަންނަކަށް އެންމެ ރަނގަޅަށް އަޑެއް ނީވެއެވެ. އަހަރެންގެ މައިންބަފައިންވެސް ތިބީ އެގޮތަށް ނިންމައިގެންނެވެ. ޑޮކްޓަރަށްވެސް ދެއްކިއެވެ. ޑޮކްޓަރުގެ ޖަވާބަކީވެސް އަހަންނަށް އަޑު ނީވޭނެ ކަމަށެވެ. އަހަރެންގެ މައިންބަފައިން އަހަރެން ގެންގުޅެމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއި އެކުގައެވެ. އަޑު ނީވޭތީ ކުރިމަތިވަމުން ދާނެ ކަންތަކަށް ކެތްތެރިކަމާއިއެކު ކުރިމަތިލަމުންނެވެ.

އަހަރެންގެ އުމުރުން ހަތަރު އަހަރު ވީތަނާހެން އަހަރެންގެ މަންމަ އެހެން ކުއްޖަކަށް ބަލިވެ އިނެވެ. އަހަރެން ވަރަށް އުފާވިއެވެ. ލޯބި ކޮއްކޮއެއް ލިބޭތީއެވެ. އެ އުފަލަށް އިތުރުވީ އެހެން އުފާވެރި ކަމެކެވެ. އަހަންނަށް ކޮންމެވެސް ވަރަކަށް މީހުން ދައްކާ ވާހަކަ އަޑުއިވެއެވެ. މުޅިން ސާފު ނޫން ނަމަވެސް ކޮންމެވެސް ވަރަކަށް އިވެންފެށިއެވެ. އަހަރެން އެވާހަކަ މަންމަ އާއި ބައްޕަގެ ގާތުގައި ބުނީމެވެ. ނަމަވެސް އެއީ އެމީހުންނަށް ގަބޫލު ކުރެވުނު ކަމަކަށް ނުވިއެވެ. އަހަރެންގެ ވާހަކަ އަޑުއިވޭ ކަމަށް ނުވެ ގެއަށް އަންނަން އުޅޭ މެހެމާނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން ދިޔައެވެ. އަހަރެން އެކަމާއި އަޅައެއް ނުލަމެވެ.

އަހަރެންގެ އުންމީދު ކުރި ދުވަސް އައިސް ޖެހުނީއެވެ. އަހަންނަށް ލޯބިލޯބި ފިރިހެން ކޮއްކޮއެއް ލިބުނީއެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އަހަންނަށް އަޑު އިވުން އެހާ ރަނގަޅު ނުވިތާ ވާހަކަ ދައްކަން ވެސް އުނދަގުލެވެ. ނަމަވެސް އަހަރެންގެ ވަގުތުތައް ކޮއްކޮ އާއި އެކީ ހޭދަކުރަމުން ދިޔައީ ނުހަނު ލޯތްބާއި އެކީގައެވެ. ކޮއްކޮވެސް އަހަރެން ދެކެ ވަރަށް ލޯބިވާ ކަމުގެ އިހުސާސް ކުރެވެއެވެ. ދެކުދިންވެސް ބޮޑުވަމުން ދިޔައީ މައިންބަފައިންގެ ލޯބި ލިބިގެންނެވެ.

Advertisement

އަހަރެން އުމުރުން ހަތްއަހަރަށް އެޅީއެވެ. އަހަރެންނާއިއެކު ކޮއްކޮވެސް ބޮޑުވަމުން ދިޔައެވެ. އަހަރެން ސްކޫލް ދައުރު ފެށުނު ފަހުން އަހަރެންނަށް ވާނުވާ އެނގެން ފެށީ އަދި ކިރިޔާއެވެ. އަހަންނާއިއެކު އުޅެމުން ދިޔައީ ވަރަށް ވިސްނުން ތޫނު ކުދިން ތަކެކެވެ. ގިނަ ކުދިން އަހަންނަށް ވަރަށް އެހީތެރިވަމުން ދިޔައެވެ. ނަމަވެސް ބައެއް ކުދިންގެ ފަރާތުން ކެތް ކުރަން އުނދަގޫ ބަސްތައް އިވުނެވެ. އެކުދިންނަށް ހީވެފައި އޮންނަނީ އަހަންނަށް އަޑު ނީވޭ ކަމަށެވެ. އެހެންވުމުން އަހަރެން އެމީހުންގެ ގާތުގައި ހުއްޓާވެސް ކޮންމެފަދަ އެއްޗެކޭވެސް ބުނެފާނެއެވެ. އަހަންނަކީ ބީރެކެވެ. މޮޔައެކެވެ. މިކަހަލަ އެތައް އިބާރާތެއް ބޭނުން ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން އެވާހަކަ މަންމަމެން ގާތުގައި ނުބުނަމެވެ. މަންމަމެން ދެރަވެދާނެތީއެވެ. ސްކޫލުގައިވެސް އަހަރެން ފާޚާނާއަށް ގޮސް އެކަނި ރޯން ހުންނަމެވެ. ހިތްފުރޭވަރަށް ރޮވުމުން އަނެއްކާވެސް ކްލާހަށް އަންނަނީއެވެ. އެއީ އަހަންނަށް މެދުވެރި ކުރެއްވި ގޮތް ކަމަށް ނިންމައިގެންނެވެ. މިކަން ކްލާހުގެ ޓީޗަރަށް އަދި ކްލާސް ކުއްޖަކަށް ވެސް ނާންގަމެވެ. ސަބަބަކީ މިކަން އަންގައިފިނަމަ ބޮޑު ކަންތައްގަނޑަކަށް ވާން ބޭނުން ނުވާތީއެވެ. ބައެއް ފަހަރު އެތަނުން ކުދިން އަހަންނަށް މޮޔަ ކުއްޖާއޭ ކިޔާފައި ގޮވައެވެ. ނަމަވެސް އަހަރެން އެކަހަލަ ވަގުތު ތަކުގައި އަޑުއިވޭ ކަމަކަށް ވެސް ނުހަދަމެވެ.

ކިޔެވުމުގެ ގްރޭޑަކަށްފަހު ގްރޭޑެއް ބަދަލުވަމުން ގޮސް އަހަރެން ގްރޭޑް އަށެއްގައި އުޅުނު އަހަރެވެ. އަހަރެންގެ ހުރިހާވެސް ވިސްނުމެއް ހުރީ ރަނގަޅަށް ކިޔެވުމަށެވެ. އެހެން ހުރިހާ ކަމަކަށްވުރެ އަހަރެންގެ ވަގުތުތައް ހުސްކުރީ ކިޔެވުމަށެވެ. އަހަރެންނާއި އެކު ކޮއްކޮވެސް ކިޔެވުމާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް ކިޔެވުމުގެ ވަކި ހިސާބަކުން އަހަންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ކުރިން ސްކޫލްގައި ދިމާވަމުން އައި ކަންތައް މިފަހަރު ދިމާވާން ފެށީ ގޭތެރެއިންނެވެ. އަހަރެންގެ މައިންބަފައިން އަހަރެން ބާކީ ކުރަން ފެށީއެވެ. ހިއްސު ހަމަނުވާ ކުއްޖަކަށް ވީމައެވެ. އެމީހުންގެ ހުރިހާ ސަމާލުކަމެއް ހުރީ އަހަރެންގެ ކޮއްކޮއަށެވެ. ހެދުން ގަނެދިނުމާއި މީރު ކާތަކެތި ގަތުމުގައިވެސް ތަފާތެވެ. އަހަންނަށް އަޑު ނީވޭކަމަށް އަހަންނާއި ދިމާލަށް އެއީ ބީރު ކުއްޖެކޭ އަޅާނުލާށޭ ކޮއްކޮގެ ގާތުގައި ބުނާ އަޑު އަހަމެވެ. އެހިސާބުން އަހަރެން ކިޔެވުންމަތިން ފޫހިވާން ފެށިއެވެ. މަޑުމަޑުން މީހުންނާއި ދުރުވާން މަޖުބޫރުވާން ފެށުނެވެ. އަހަންނަށް އެހީތެރިވާނެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތްކަމުގެ އިހުސާސް ވިއެވެ. އެހިސާބަށް ކަންތައް ދިއުމުން އަހަންނަށް ކޮންމެވެސް ވަރަކަށް އަޑު އިވޭ ވާހަކަ މަންމަގެ ގާތުގައި ބުނެލީމެވެ. އަހަންނަށް ބުނެދެވެނީ ބައެއްފަހަރު އަތުގެ ހަރަކާތުންނެވެ. ނަމަވެސް މަންމަގެ ޖަވާބަކީ އަހަރެން އުޅެނީ ކޮއްކޮ ދެކެ މަންމަމެން ލޯބިވާތީ އެކަމާއި ހަސަދެވެރިވެގެން ކަމަށެވެ. އަހަންނަށް ގަބޫލު ކުރަންވެސް އުނދަގޫވިއެވެ. ނަމަވެސް މަންމަ އެވާހަކަ ބުނީ އަހަރެންގެ ގާތުގައެވެ. އެހެން މީހަކު ބުނި ވާހަކައެއް ނޫނެވެ.

ސްކޫލުގެ އަހަރު ނިންމާ ބޮޑު ޗުއްޓީއެއް ލިބުނެވެ. މަންމަމެން ބޭނުންވީ އަހަރެންގެ އާއިލާ އެކީ ކައިރި ރަށަކަށް ދަތުރު ގޮސްލާށެވެ. ސްކޫލު ބަންދު ދުވަސްވަރަށް ވީތީ މަންމަ އާއި ބައްޕަ އަހަންނާއި ކޮއްކޮ ގޮވައިގެން ކައިރި ރަށަކަށް ދިޔައެވެ. ހަފްތާއަކަށެވެ. ބައްޕަ އަށް ޗުއްޓީ ލިބުނީވެސް ހަފްތާއެކެވެ. އަހަރެމެން ދަތުރަށް ފުރައިގެން ގޮސް ދާން ހަމަޖެހިފައިވާ ރަށަށް ދެވުނީ މެންދުރުވާން އުޅެނިކޮށެވެ. އަހަރެމެން ބޭނުންވީ ގޭގައި ނުތިބެ ކޮންމެވެސް ތާކަށް ނިކުމެލާށެވެ. ރަށުތެރެ ބަލާލަން ނިކުންނާށެވެ. އެބުރުގައި މޫދަށްވެސް އެރިލަން ބޭނުންވިއެވެ. އެދުވަހަކީ އަވިމަޑު ދުވަހެކެވެ. ބޭރަށް ނިކުމެލަން އެންމެ ހިތްގައިމު ދުވަހެކެވެ. އަހަރެމެން ގޮސް ތުނޑީގައި މަޑުކޮއްލީމެވެ. އަދި އަހަރެމެން ގެންދިޔަ ކާ ތަކެތިން ބައެއް ކާން ތިބުމަށްފަހު އަހަރެން ހިނގައިގަތީ މޫދަށް އެރިލުމަށެވެ. މަންމަގެ ހުއްދަވެސް ހޯދައިގެންނެވެ. އަހަންނަށް ފަތަންވެސް އެނގޭތީ މޫދުގައި ވަރަށް މަޖާ ކުރީމެވެ. އިރުކޮޅަކުން ކޮއްކޮވެސް އައިސް އަހަންނާއި ބައިވެރި ވިއެވެ. ކޮއްކޮއަށްވެސް ކޮންމެވެސް ވަރަކަށް ފަތަން އެނގެއެވެ. އެކަނި މޫދުގައި އުޅެވޭވަރު ކޮއްކޮއަށް ވެއެވެ. ބައްޕަވެސް މޫދުގައި ދަނގަޑު ޖަހައިގެން މަސް ހިފަން އުޅުނެވެ. މަންމަވެސް އެންމެފަހުން މޫދަށް ފޭބިއެވެ. މޫދުގައި ވަރަށް ގިނައިރު މަޖާކުރަން އުޅުމަށްފަހު އަހަރެމެން މޫދުން އެރީ މެންދުރު ކާށެވެ. ނަމަވެސް ބައްޕަ ތަންކޮޅެއް ދުރުގައި އުޅޭތީ އަހަރެމެން ތިންމީހުން މޫދުން އެރީއެވެ. މަންމަ ގެނެސްފައި ހުރީ އަހަރެމެންނަށް ވަރަށް މީރު ކާއެއްޗެކެވެ. ވަރަށް ހަމަޖެހިލައިގެން އަހަންނާއި ކޮއްކޮ ކެއީމެވެ. އަދި ވަރުބަލި ފިލުވައިލުމަށް ގަސްދޮށުގައި އަހަރެން އޮށޯތީ އަވި އައިނުވެސް އަޅައިގެންނެވެ. މަންމަ ބައްޕަގެ އިންތިޒާރުގައި އިނެވެ. އަހަރެން އެހެން އޮއްވައި ނިދުނީއެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ މަންމަ އައިސް އަހަރެންގެ ގައިގައި ކޮއްޓައިލީމައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަންމަގެ މޫނަށް ރަނގަޅަށް ބަލައިލީމެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.

"ކިހިނެއްވީ" އަހަރެން އަތުގެ ހަރަކާތުން އަހައިލީމެވެ.

"ކޮއްކޮ ގެނބެނީ. ސަލާމަތް ކޮއްލަދީބަލަ. ދޭބަލަ. އަވަސް. އަވަސް" މަންމަވެސް ވާހަކަ ދެއްކީ އަތުގެ އިޝާރާތުންނެވެ.

އަހަންނަށް ދުއްވައިގަނެވުނީ މަންމަ އަތުގެ އިޝާރާތުން ދެއްކި ދިމާލަށެވެ. އަހަންނަށް ކޮއްކޮ އާދޭސްކޮށް އަތްހޫރާ ތަން ފެނެއެވެ. އަހަރެން ބާރަށް ގޮސް ކޮއްކޮގެ ގާތަށް ޖެހިލީމެވެ. ކޮއްކޮ އޮތީ ވަރަށް ވަރުބަލިވެފައެވެ. އަހަރެން ކޮއްކޮ ސަލާމަތް ކުރި ވަގުތަކީ ކޮންމެވެސް ވަރަކަށް އޮއި ގަދަވި ވަގުތެކެވެ. އަހަންނަށްވެސް އެހިސާބުގައި ހިފަހައްޓައިލެވުނީ ކިރިޔާއެވެ. ކޮއްކޮ ސަލާމަތް ކޮއްގެން އަންނަނިކޮށް ބައްޕަވެސް ދުވެފައި އައިސް އަހަންނަށް އެހީވިއެވެ. ކޮއްކޮއަށް އޮތީ ވަރަށް ބޮޑަށް ލޮނު ބޮވިފައެވެ. އެރަށުގެ ސިއްޚީމަރުކަޒަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް މާލެ ފުރިއެވެ. މާލެ އާދެވުނުއިރު އެމްބިއުލާންސް އޮތެވެ. ސައިރަން އަޅާފައި ބާރު ސްޕީޑެއްގައި ގޮސް އެމްބިއުލާންސް މަޑުކޮއްލީ އައިޖީއެމް ހޮސްޕިޓަލަށެވެ. އަހަންނާއި މަންމަ އާއި ދެމީހުން ބޭރުގައި މަޑުކޮއްލިއިރު ބައްޕަވީ ކޮއްކޮގެ ގާތުގައެވެ. ބައްޕަ ލަސްވެގެން ކޮއްކޮގެ ޚަބަރު ބަލަން ދޭތެރެއަކުން މަންމަ އަހަރެން ފޮނުވައެވެ. ކޮއްކޮއަށް ހުއްޓުމެއް ނެތި ޑޮކްޓަރުން ދިޔައީ ފަރުވާ ދެމުންނެވެ. އަހަރެން ކޮންމެ ފަހަރަކުވެސް އެވާހަކަ އެގޮތަށް މަންމަ ގާތުގައި ބުނާ ކޮންމެ ފަހަރަކު މަންމަ ރޯން ފަށައެވެ. އަހަރެންގެ ލޮލުންވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. މަންމަ އާއި އަހަރެން ބޭރުގައި ހުރި ގޮނޑީގައި ތިބީ ކޮއްކޮއަށް އަވަސް ޝިފާއެއް ދެއްވާތޯ ދުޢާ ކުރުމުގައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރިން ބައްޕަ ނިކުމެގެން އަންނަ ތަނެވެ. އަހަރެންނަށް ބައްޕަ އާއި ދިމާލަށް ދުއްވައިގަނެވުނެވެ. އަދި އަވަސް އަވަހަށް ކޮއްކޮގެ ހާލު އަހައިލީމެވެ. އަހަރެން ހީކުރީ ކޮއްކޮ މަރުވީމަ ބައްޕަ އަހަރެމެން ބަލާ އައީ ކަމަށެވެ. އަހަރެން ބައްޕަގެ ގައިގައި ބައްދާލައިގެން ހުއްޓާ މަންމަވެސް އަތުވެއްޖެއެވެ.

"ކޮއްކޮ ސަލާމަތް ކުރެވިއްޖެ. މިހާރު ރަނގަޅު. ހީވަނީ މިރޭ ގެއަށް ދޫކޮއްލާނެހެން" ބައްޕަ ވާހަކަ ދެއްކި އަޑު އަހަންނަށް ސާފުވިއެވެ.

"މިއީ ދަރިފުޅުގެ މަސައްކަތް. ދަރިފުޅު ނެތްނަމަ ކޮއްކޮ މިއަދު މަރުވީސް" މަންމަ އެހެން ބުނެފައި އަހަރެންގެ ގައިގައި ބާރަށް ބައްދައިލިއެވެ.

"މަންމާ އަހަންނަށް އަބަދުވެސް އަޑު އިވޭ. އެކަމަކު ވަރަށް ނުސާފު. ނަމަވެސް ކޮއްކޮ ގެނބެނީއޭ ބުނި ޖުމްލަ ވަރަށް ސާފުކޮށް އަޑު އިވުނު" އަހަންނަށް ރޮވުނެވެ.

މަންމަ އާއި ބައްޕަ އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އަދި އެމީހުންނަށް ކުރެވުނު ކަންތަކަށް މާފަށް އެދުނެވެ. ދަރިންގެ މެދުގައި ތަފާތު ކުރެވުނީމައެވެ. އަހަންނާއި މެދުގައިވެސް އިންތިހާއަށް ތަފާތު ކުރިއެވެ. ނަމަވެސް ހިއްސު މަދު މީހަކަށްވެސް ކަމެއް ކޮއްލަދެވިދާނެތާއެވެ. މީހަކަށް އެހީތެރިކަމެއް ދެވިދާނެތާއެވެ. ކުރިން އަހަރެން ބާކީ ކުރަމުން ދިޔައީ އިންތިހާ އަށެވެ. ނަމަވެސް މިހާރު އަހަންނަށް ލޯބި ލިބެމުން މިދަނީވެސް އިންތިހާއަށެވެ.

= ނިމުނީ =

+1
0
+1
3
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް