November 24, 2024 23:11
Advertisement

-Advertisement-

ވާހަކަ: މެންދަން-ތިންވަނަބައި

ކަމާލް ވަރަށް ހިތްހަމަޖެހުނެވެ. އޭނައަށް ފިހާރައިގެ އިސްމީހާގެ މަގާމް ލިބޭތީއެވެ. އެކަމަކުވެސް ކަމާލް ބޭނުންވަނީ އޭނަ އާއިއެކު މަސައްކަތްކުރާނެ އެހެން ކުއްޖެކެވެ. އެކަނި ފިހާރައިގައި އުޅެން އުނދަގޫވާނެ ކަމަށް ޝީމާގެ ގާތުގައި ބުންޏެވެ.

"މެޑަމް ދެން އަހަރެންނަށް ބިޓެއް ހޯދައިދީބަލަ. ބޭނުންވަނީ މޯލްޑިވްސް ކުއްޖާ" ކަމާލް އެހެން ބުނުމާއި އެކު ޝީމާއަށް ހީގަނެވުނެވެ.

"މޯލްޑިވްސްގައި ނެތް ރަނގަޅު ކުދިން" ޝީމާ ހޭންފެށިއެވެ.

"މެޑަމް ވައްތަރު އަހަރެން ލައިކުވަނީ. ރުޅި ނާންނަ މަޖާ ކުދިން" ދިވެހި ބަހަަށް ކޮށި ކަމާލް ވާހަކަ ދެއްކިއެވެ.

Advertisement

ކަމާލް ބޭނުންވަނީ ޝީމާ އެ ފިހާރައިގަަ މަސައްކަތް ކުރުމަށެވެ. އެހެން މީހަކު އަތުވެއްޖެއްޔާ ކަމާލަށް އެހާ ފަސޭހަ ނުވާނޭކަން އެނގެއެވެ.

މެންދުރަށް ފިހާރަ ލައްޕާފައި ގެއަށް ދިޔައީ އެކަންޏެވެ. މަންމަ މިއަދު މާބޮޑަށް ބަލިކޮށް އުޅޭތީ އަވަހަށް ގެއަށް ދިޔައީއެވެ. ޝީމާ ހިނގަމުން ދިޔައީ ހިތް ނުތަނަވަސްވެ ހުރެއެވެ. ފާއިޒް އާއި އެކީ ފޮނުވަދީފާނެ ބާއެވެ. ނުވަތަ ފިހާރައިން ވަކިވާން ބުނާނީ ބާއެވެ. އެވިސްނުމުގައި ހުއްޓައި ގެއާއި ހަމައަށް ނުދެވެނީސް ޝީމާގެ މަންމަ އާއި ދިމާވިއެވެ. އަތުގައި ކޮތަޅެއް އޮތެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"ތިއީ ކޮންއެއްޗެއް" ޝީމާ ސުވާލު ކޮއްލިއެވެ.

"އިިބްރާހިމްފުޅު ދިން ހަދިޔާއެއް ދެންމެ މަންމަ ފިހާރައަކަށް ދަނިކޮށް ދިމާވެގެން. ބުނި ކޮންމެވެސް ކާއެއްޗެކޭ" ޝަރީފާ ބުނެލިއެވެ.

"ފާއިޒް ބުނެފި ވިޔަފާރި ދަތުރެއްގައި ބޭރަށް ދާން. އަހަރެން ގޮވައިގެން ދާންށޯ ބޭނުންވަނީ" ޝީމާ އޭނަގެ މަންމަގެ ގާތުގައި އެވާހަކަ ބުނީ ވަރަށް ބިރުން ހުރެއެވެ.

"ކިހާ ދުވަހެއް ވާނެބާ" ޝަރީފާ ކޮއްލީ ސުވާލެކެވެ.

"ނޭނގެ. އެކަމަކު މަންމަގެ ރުހުން ނުލިބި އަހަރެން ނުދާނަން" ޝީމާ މަންމައަށް ޔަގީންކަން ދިނެވެ.

"މަންމައަށް އޯކޭ. ފާއިޒަކީ ވަރަށް ރަނގަޅު މީހެއް" މަންމަގެ ޔަގީންކަން ދިނެވެ.

ހެނދުނުގެ ފްލައިޓަށް ފުރަންދާން ޝީމާ ތައްޔާރުވަމުން ދިޔައިރު މަންމަ ޝީމާއަށް ދަތުރު ތައްޔާރު ކުރަމުން ދިޔައީ އެއްވެސް ކަމެއް އުނިނުކޮށެވެ. ކޮންމެ މަންމައަކުވެސް ބޭނުންވާނެ ފަދައިން ޝަރީފާވެސް ބޭނުންވީ އޭނާގެ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބުމެވެ. ތަންްދޮރުފިލާ ދުނިޔެއަށް ލޯ ހުޅުވިފައިވާ ދަރިއެއްގެ ގޮތުގައެވެ. ޝަރީފާވެސް ޝީމާ ފުރުވަން އެއަރޕޯޓަށް ދާން ބޭރަށް ނިކުތެވެ. އަދި ކާރު އަންނަންދެން ދިހަވަރަކަށް މިނިޓް މަޑުކުރަންވެސް ޖެހުނެވެ. ޝީމާ ފުރާތީ ޝަރީފާ ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް އެމަންޒަރު ނުދައްކަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޝީމާއަށް އެމަންޒަރު ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ކާރު އޭގެ ހަލުވި ދުވެލީގައި ގޮސް މަޑުކޮއްލީ ޓާމިނަލް ކައިރިއަށެވެ. އެމީހުން ކާރުން ފޭބިއިރު ފާއިޒު އެމީހުންގެ އިސްތިގްބާލުގައި ހުއްޓެވެ. ފޮށިތައް ހިފައިގެން އެމީހުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ޝަރީފާވެސް ފަހަތުން އެމީހުންނާއި އެއްވަރަކަށް އޭނައަށް ދެވޭނެ ހިސާބަކަށް ދިޔައެވެ.

"އަހަރެންގެ ދަރިފުޅު ވަރަށް ރަނގަޅަށް ބަލައިދޭތި" ޝަރީފާގެ އެންމެ ފަހުގެ އެދުން ފާޅުކުރިއެވެ.

"ޔަގީން. އަހަންނަށް އިތުބާރު ކުރާތީދޯ ތި ފޮނުވަނީ. އެހެން ނޫނަސް އަހަރެން ދެކެނީ ޝީމާ އަކީ އަހަރެންގެވެސް ދަރިއެއް ކަމަށް" ފާއިޒު ހޭންފެށިއެވެ. ފާއިޒު އެދިން އިތުބާރަށް ޝަރީފާގެ ހިތް އުފަލުން ފޮޅުނެވެ. ޝީމާ އާއި ފާއިޒު ޓާމިނަަލަށް ވަދެގެން ގޮސް ގެއްލެންދެން ޝަރީފާ ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުއްޓެވެ. އެމީހުން ގޮސް ލޮލަށް ގެއްލުމުން ޝަރީފާ ހިނގައިގަތީ އެނބުރި ގެއަށް ދާށެވެ.

ޝަރީފާއަށް ގެއަށް އާދެވުނުއިރު މެންދުރުވާން ގާތް ވަނީއެވެ. އަވަަހަށް ގޭތެރޭގެ ކަންތައް ނިންމާލެވޭތޯ އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. ކުރިމަތިން ޝަރީފާއަށް ސިފަވަމުން ދިޔައީ ޝީމާއެވެ. ޝަރީފާއަށް މަސައްކަތެއް ނުކުރެވުމުން ގޮސް އެނދުގައި އޮށޯވެލިއެވެ. އަބަދު ހަނދާންވަނީ ޝީމާގެ މަތިންނެވެ. ކިތަންމެ އިތުބާރެއް ކުރިނަމަވެސް ޝީމާ އެދިޔައީ ހިލޭ ފިރިހެނަކާއި އެކީގައެވެ. ޝީމާމެންނަށް އެމީހުންގެ މަންޒިލަށް ފޯރާނެ އިރެއްވެސް ނޭގެއެވެ. އެމީހުންގެ ޚަބަރެއް ވެސް ވާނީ އެމީހުންގެ މަންޒިލަށް ދެވުނު އިރަކުންނެވެ. ޝަރީފާ ކޮޓަރީގެ އެނދުގައި އޮވެ ވިސްނަމުން ދިޔައީ ޝީމާ އާއި މެދުގައެވެ. ހެނދުނު ފާއިޒުމެންގެ ގެއަށް ނުދެވޭތީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެގެއަށްވެސް ދާންޖެހޭނެއެވެ. އެގޭގައި ކުރަންހުރި ކަންތައް ޝަރީފާ ނުގޮސްފިއްޔާ ހުންނާނީ ނުކޮށެވެ. އެހެން އޮއްވައި ޝަރީފާއަށް ނިދުނީއެވެ. ހޭލެވުނީ ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ޝަރީފާ ގޮސް ބޭރުގެ ދޮރު ހުޅުވައިލިއެވެ. ޝަރީފާއަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ހުރީ އިބްރާހީމްފުޅެވެ. އޭނާ އަކީ ކުރިން ޝަރީފާ ކަމަކު ނުކިޔަންޔާ އެހެން އައިސްއުޅޭ މީހެއް ނޫނެވެ.

"ހާދަ ނުގަޑިއެއްގައި" އިބްރާހީމްފުޅު ފެނުމުން ޝަރީފާ އަހައިލިއެވެ.

"މިދެން ދަރިފުޅުވެސް ފުރީމަ ޝަރީފާ އެކަނިވެދާނެތީ އައީ" އިބްރާހީމްފުޅުގެ ޖަވާބު ކުރެވެ.

"ހާދަހާ ރަނގަޅޭ. ހާލު ބަލަންވާނެ" ޝަރީފާ އިބްރާހީމްފުޅު ގޭތެރެއަށް ވަންނަން ދައުވަތު ދިނެވެ.

"ކޮންއިރަކުން އެމަންޖެ އަންނަނީ" އިބްރާހީމްފުޅު އިތުރަށް ސާފުކޮއްލިއެވެ.

"އަދި ނޭގެ. ހިއެއްނުވޭ މާގިނަ ދުވަހެއް ވާނެހެން" ޝަރީފާ އެހެން ބުނެފައި ހިނގައިގަތީ ޖޫސްތައްޓެއް ހަދާދޭށެވެ.

"ކޮބާ އަދިވެސް އާއިލާގެ މީހަކު ޚަބަރެއްވެސް ނުވޭދޯ" އަނެއްކާވެސް އެހެން މަޢުލޫއެއް އިބްރާހީމްފުޅު ފެއްޓިއެވެ.

"އެމީހަކު ކުރިކަމެއް އެމީހަކަށް. މިހާރުވެސް މިއުޅެނީނު. އެމީހުން ވާހަކަ ދައްކަން ބޭނުމިއްޔާ ދައްކާނެ. ހަމަ ޔަގީނުންވެސް އަހަރެން ދައްކާނަން. އަހަރެންގެ ހިތުގައި އެމީހުންނާއި މެދު އެއްވެސް ކަމެއް ނެތް" ޝަރީފާ އޭނަގެ ހިތުގެ އުދާސްތައް ބޭރުކޮއްލިއެވެ.

"ދެން މީހަކާއި އިންނަން އުޅެބަލަ. ތިހެން ހުންނާކަށް ނުވާނެ އަމުދުން އަންހެނުން" އިބްރާހީމްފުޅުގެ އަސްލު މަޢުލޫއަށް ވާހަކަ ބަދަލުކޮއްލިއެވެ. ހަސަންފުޅު ބޭނުން ޖަވާބެއް ކުރިންވެސް އޮތީ ނުލިބިފައެވެ.

"މިހާރު ނޫޅޭނެ އިންނަން ރަނގަޅު މީހުންނެއް. ދެ ދުވަސް ވާނީ. އޮފް ކެނޑޭނެ" ޝަރީފާ ސީރިއަސްވިއެވެ.

"އަހަރެން ކިހިނެއް ވަނީ. ގޯހީތަ. މުސްކުޅީތަ. ނުވަތަ ފަލައީތަ" އިބްރާހީމްފުޅު ޖޯކަކަށް ހަދާފައި ވަރަށް ސީރިއަސް ކަމާއި އެކު ބުނެލީ ޝަރީފާގެ ރުހުމެއް ހޯދާށެވެ.

"އިބްރާހީމްފުޅާ. އިބްރާހީމްފުޅު ވަރަށް ރީތި. ރަނގަޅު. އެކަމަކު އަހަރެން ބޭނުންވަނީ ފުރަތަމަ އަހަރެންގެ ދަރިފުޅު ޝީމާ މީހަކާއި އިންނަން. ދެން އެއަށްފަހު އަހަރެން ތިކަމާއި ވިސްނާނީ" ޝަރީފާ ބުނެލިއެވެ.

އިބްރާހީމްފުޅަށް ބޭނުން ޖަވާބެއް ނުލިބުމުން ފަހުން އަދިވެސް އަންނާނަމޭ ބުނެ ހިނގައިގަތެވެ. ޝަރީފާވެސް ހިނގައިގަތީ ފާއިޒުގެ ގޯއްޗަށް ދާށެވެ. އެގެއަކީ އެހާ ގިނަ ބަޔަކު އުޅޭ ގެއަކަށް ނުވުމުން ފާއިޒްގެ މަންމަ އާއި ބައްޕަ ވަރަށް އެކަނިވެރިވެސް ވާނެއެވެ. އަދި އަމުދުން ފާއިޒު ނެތިއްޔާ އެކަނިވެރިކަން އިތުރުވާނެކަން ވިސްނޭތީ ޝަރީފާގެ ފިޔަވަޅުތައް އަވަސްކޮއްލިއެވެ. ޝަރީފާ އަށް އެގެއަށް ދެވުނުއިރު ހުރީ ވަރުބަލިވެފައެވެ. މާބާރަށް ހިނގުނީއެވެ. އަވަސް އަވަހަށް ގޯތީގެ ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ފާއިޒުގެ މަންމަ ހުއްޓެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ދެރަވެފައި ހުރިހެންނެވެ. އަދި ޝަރީފާ ފެނުމާއި އެކު މަޑު ހިނގުމެއްގައި ގޮސް ޝަރީފާގެ އަތުގައި ހިފެހެއްޓިއެވެ.

"ޝަރީފާ ބަލީތަ. އަހަރެން ހީކުރީ ބަލިވީކަމަށް" ފާއިޒުގެ މަންމަ އަހަލިއެވެ.

ފާއިޒުގެ މައިންބަފައިން އަބަދުވެސް ޝަރީފާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހާ ގިނަ ދުވަހު އެގޭ މަސައްކަތް ކުރިއިރުވެސް ޝަރީފާގެ ފަރާތުން އެއްވެސް ކަހަލަ ހިތްހަމަނުޖެހޭ ކަމެއް ފެނިފައި ނެތުމުން އެމީހުންވެސް ލޯބިވަނީއެވެ.

"ބައްޔެއް ނޫން. ޝީމާ ފުރުވަން ގޮސްފައި އައިތަނުން ނިދުނީ" ޝަރީފާ ބުނެލިއެވެ.

ޝަރީފާ ފާއިޒުގެ މަންމަ އަތުގައި ހިފައިގެން ގޮސް ބޭރުގައި ހުރި ޖޯލިފަތީގައި ބޭންދިއެވެ.

"ކޮބާ ކައިފިންތަ" ޝަރީފާ ވަރަށް ލޯބިން އަހައިލިއެވެ.

"މިއަދު ނެތް ކާހިތެއް. ފާއިޒު ފުރިފަހުން ވަރަށް ހިތް ނުތަނަވަސްވޭ އެބަ. ދުވަހަކުވެސް މިކަހަލަ ގޮތެއް ނުވޭ. އަނެއްކާ ކަމެއްވީބާއޭވެސް ހިތަށް އަރާ. އަދިވެސް ނުގުޅާ" ފާއިޒުގެ މަންމަ ވަރަށް ދެރަވެލާފައި ބުނެލިއެވެ.

"މަގޭ ދަރިވެސް އަދި ނުގުޅާ. ހީވަނީ އެމީހުންނަށް އަދި މަންޒިލަށް ނުފޯރަނީހެން. ދެރަނުވޭ" ޝަރީފާ މަސައްކަތް ކުރަމުން ދިޔައީ ފާއިޒުގެ މަންމަ ހަމައަކަށް އެޅުވޭތޯއެވެ.

= ނުނިމޭ =

+1
1
+1
5
+1
2
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް