November 23, 2024 16:35
Advertisement

-Advertisement-

ވާހަކަ: މެންދަން (ހަވަނަބައި)

ޝީމާ ކުރާނެ މަސައްކަތެއް އެނގޭނީ ފާއިޒު ފިހާރައަށް ވަނުމުންނެވެ. ފާއިޒު އަންނަންދެން ދެމީހުން މަޑުކޮއްލީ އެހެން މީހުން ކުރަމުންދާ މަސައްކަތް ބަލާށެވެ. އެމީހުން ކުރާ މަސައްކަތަށް އެއްވެސް ގޮތެއް ނުކިޔާ ޝީމާ އިނީ ފާއިޒު އަންނަންދެނެވެ. އެމީހުން ރެކުގައި ތަކެތި އަތުރަމުންދާ ގޮތަކީ ޝީމާއަށް އެހާ ހިތްހަމަޖެހޭ ގޮތަކަށް ނުވިޔަސް ކެތްކޮއްލައިގެން އިނީއެވެ. ޝިމާ އިސްވެ އެމީހުންނަށް ގޮތް ކިޔައިދޭން ފަށައިފިއްޔާ އެމީހުން ކުރަމުންދާ މަސައްކަތަށް ހުރަހެއް އެޅިދާނެތީއެވެ. އިރުކޮޅެއް ނުވަނީސް ފާއިޒު ފިހާރަތެރެއަށް ވަނީ އޭނަގެ ދެތިން ރައްޓެހިންނާއިވެސް އެކުގައެވެ.  ފާއިޒުގެ ފަހަތުން ކަހަލަ ގޮތަކަށް ކަމާލުވެސް ވަނެވެ. ފާއިޒު ފިހާރަތެރެއަށް ވަދެ އެތާގައި މަސައްކަތް ކުރިއަށްދާގޮތް ބަލައިލިއެވެ. އަދި ފާއިޒާއި އެކީގައި އައި މީހުންނަށް ފިހާރަތެރެ ދައްކާލުމަށްފަހު އެމީހުންނާއި އެކު ބޭރަށް ނިކުތެވެ. އެމަންޒަރު ބަލަން ޝަރީފާ އާއި ޝީމާ ތިއްބެވެ. ފާއިޒު އެނބުރި އައިސް އަނެއްކާވެސް ފިހާރައަށް ވަނީ ވަރަށް ހެވިފައި ހުރެގެންނެވެ.

"ކޮބާ މަންމަވެސް ގޮވައިގެންދޯ ތިއައީ" ފާއިޒު ޝީމާ އާއި ސުވާލުކޮއްލިއެވެ.

"މަންމަ ބިރުގަންނަނީޔޯ އަހަރެން އެކަނި އަންނަން. އެހެންވީމާ އެއައީ" ޝީމާ ވަރަށް އަދަބުވެރިކަމާއި އެކު ބުނެލިއެވެ.

Advertisement

"ތިކަމަށް ހައްލެއް ހޯދައިފިން. ދެން މަންމަވެސް ވަޒީފާ އަދާކުރާނީ ޝީމާގެ ގާތުގައި" ފާއިޒު އެހެން ބުނެލުމަށްފަހު ހީލިއެވެ.

"ދެން ކާކު ގޭގެ ކަންތައް ބަލަހައްޓާނީ" ޝަރީފާ ފިކުރުބޮޑުވީ ފާއިޒުގެ އާއިލާއަށް އުނދަގޫވެދާނެތީއެވެ.

"އެކަމާއި ހާސްނުވޭ. މިހާރު ބޭރު މީހެއް ގެންނަނީ. މާދަމާ ހެނދުނު މިރަށަށް އޭނަ އަންނާނެ" ފާއިޒު އެހެންބުނެފައި ހިނގައިގަތެވެ.

 ނަމަވެސް ފާއިޒު ބޭރަށް ނިކުމެ ފޯނެއްގައި މަޑުކޮއްލީއެވެ. ޝިމާމެން ކުރާނެ މަސައްކަތެއް ނޭނގި ފިހާރަތެރޭގައި ތިއްބާ އަނެއްކާވެސް ފާއިޒު ވަނެވެ. އަދި ފިހާރައިގައި ކުރަންހުރި މަސައްކަތްތައް ކިޔައިދިންއިރު އެވާހަކަތައް ކަނުލާ އަޑުއަހަން ޝަރީފާ އިނެވެ. މިރޭ ފިހާރައިގައި އަތުރަންޖެހޭ ތަކެތި އަތުރައި މާދަމާ ހަވީރު ފިހާރަ ހުޅުވަން ފާއިޒު ވަނީ ނިންމާފައެވެ. ޝީމާ އާއި އޭނަގެ މަންމަގެ އިތުރުން ހަތަރު ބިދޭސިން އެފިހާރައިގައި މަސައްކަތް ކުރާނެ ވާހަކަ އާއި އެމީހުންގެ މުސާރައަށް ދޭނެ ވަރު ޝީމާއަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި ހަވީރު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް ރަށުން ބޭރު ބޮޑުބެރު ގްރޫޕެއް އަންނަ ވާހަކަވެސް ބުންޏެވެ. އަދި އެފިހާރައިގެ ހުރިހާ ކަމެއް ބަލަހައްޓަން ޝީމާ އާއި ހަވާލުކުރީ ވަރަށް އިތުބާރުކޮއްފައެވެ. އަދި މިރޭ ޝީމާ ނިންމަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ބުނެ ގެއަށް ދިޔަޔަސް އޯކޭ ކަމަށް ފާއިޒު ބުނުމުން ޝީމާ އާއި އޭނަގެ މަންމަ ޝަރީފާ ދެމީހުން ގެއަށް ދާން ނިކުތްއިރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. ފުރާޅުތަކުގެ އަސްކަނިދަށުންލާފައި ގެއަށް ދިޔައީ ކޮންމެވެސް ވަރަކަށް ތެމިގެންނެވެ. މަގުމަތީގައީގައި ޖަހާފައި ހުރި ބައްތީގެ ފަނޑުއަލިކަމެއް ނޫނިއްޔާ މަގަށް އަލިއެޅިފައެއް ނެތެވެ. ވާރޭ ވެހޭތީ މަގުމަތީގައި މީހުންގެ ހަރަކާތްވެސް ވަރަށް މަދެވެ. ކޮންމެވެސް ވަރަކަށް މަގުގައި ފެންހެދިފައިވި ނަމަވެސް އެމީހުން ބޭނުންވީ އަވަހަށް ގެއަށް އަންނާށެވެ. ވިއްސާރަ ބޯކޮއްލާހެން ހީވާތީއެވެ. ޝަރީފާމެންގެ ނަސީބުވެސް ވަރަށް ގަދައެވެ. ހަމަ އައިސް ގެއަށް ވަނުމާއި އެކު ވާރޭ ބޯކޮއްލައިފިއެވެ. ވެހެމުން ދިޔަ ވަޔާއިއެކު ވައިވެސް ގަދަވާން ފެށީއެވެ. ޝީމާ ބޭނުންވީ ވީހާވެސް އަވަހަށް ނިދާލުމަށެވެ. ނަމަވެސް ގެއަށް ވަނުމާއި އެކު މަންމަގެ ވާހަކައިން ސަލާމަތް ނުވެވިގެން ނިދަން ނުދެވިފައި އިންނަން ޖެހުނީއެވެ. މަންމައަށް ހަމަޖެހުނު ވަޒީފާގެ ވާހަކަ ދެއްކުމުގައި ޝަރީފާ ވަގުތު ހޭދަކުރިއިރު އޭނަގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައީ އިންތިހާއަށެވެ.

"މަންމަ ހިއެއްވެސް ނުކުރަން މިކަހަލަ ވަޒީފާއެއް ލިބޭނެކަމަށް" ޝަރީފާގެ އުފާވެރިކަން ފާޅު ކުރިއެވެ.

"ދެން މަންމަ އުޅޭނީ އަހަރެންނާއި އެކު އަބަދުވެސް. މަންމައަށްވެސް ލުއިވާނެތާ އެއިރުން ދޯ" ޝީމާ އޭނަގެ މަންމަގެ ގައިގައި ބައްދައިލިއެވެ.

"ވަރަށް ވިއްސާރަ ރެއެއްދޯ. މަންމަ އެކަނި އޮންނަން ކެރޭނެތަ" ޝީމާ އަހަލިއެވެ.

"ވަރަށް ވިއްސާރަ. އެކަމަކު ދަރިފުޅަށް އުނދަގޫވެސް ވާނެ މަންމަ ކޮޓަރީގައި އޮންނަން" ޝަރީފާ އެހެން ބުނި ނަމަވެސް ޝަރީފާ ހުރީ އެކަނި އޮންނަންޖެހޭތީ ވަރަށް ބިރުންނެވެ. އަދި ޝީމާގެ ގާތުގައި އެވާހަކަ ބުނަން ނުކެރިފައި ހުރީވެސް ޝީމާވެސް މި ވިއްސާރަ ރޭގައި ބިރުން އުޅެފާނެތީއެވެ.

"އޯކޭ. އަހަރެން މިރޭ ނިދާނީ މަންމަގެ ގާތުގައި. މަންމަ އެކަނި އޮންނާނެކަމެއް ނެތް" ޝީމާ އެހެން ބުނެފައި އޭނަގެ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮއްލައިގެން ނިކުތެވެ. އަދި އަތުގައި އޭނަގެ އެނދުގައި އަޅާ ރަޖާވެސް އޮތެވެ. ޝަރީފާ އެމަންޒަރު ބަލަން ގޮނޑީގައި އިނީ ހިނިއައިސްފައެވެ. ދަރިފުޅުގެ ހެޔޮކަމުން ޝަރީފާ އިނީ އުފަލުން ފޮޅިފައެވެ.

"ދެންވެސް ހިނގާ ދާން ކޮޓަރިއަށް. މަންމަ ވާނެ އަހަންނަށް ވަރަށް އިބުރަތްތެރި ވާހަކައެއް ކިޔައިދޭން. އަހަރެން ކުޑައިރުވެސް މަންމަ ވަރަށް ގިނައިން ވާހަކަ ކިޔައިދެމެއްނު" ޝީމާ ކުޑަކުއްޖެއްހެން މަންމަގެ ގައިގައި އޮޅުލައިގަތެވެ. ދެމީހުން އެކީ ގޮސް ކޮޓަރިއަށް ވަދެ އޮށޯތެވެ. މަންމަގެ ބިތްދޮށުގައި އޮތީ ޝީމާއެވެ. އެއީ މަންމަވެސް ބޭނުންވި ގޮތެވެ. ދުވަހަކުވެސް މަންމައެއްގެ ކުރިމަތީ ދަރިއަކު ބޮޑެއް ނުވާނެއޭ ބުނާ ކަހަލައެވެ. ޝީމާގެ ލޯމެރެމުން ދިޔައެވެ. ނަމަވެސް ޝަރީފާގެ ލޮލަށް ނިދި ނައިސްގެން އުޅެނީ އޭނައަށް ލިބުނު ވަޒީފާއާއި މެދު ވިސްނެނީއެވެ. އެކަމުގެ އުފަލުގައެވެ.

"ކޮބާ މަންމާ ވާހަކަ. މިހާރު މި ނިދެނީ" ޝީމާ ގައިމަތީގައި އޮތް ރަޖާ ރަނގަޅުކޮއްލަމުން އަހަލިއެވެ.

"ދެން މި ވިއްސާރަ ރޭގައި ހިނގާ ނިދަން. އެހެން ރެއަކުން މަންމަ ކިޔައިދޭނަން. ދެން ދަރިފުޅާއި އެކު ހުރިހާ ވަގުތެއް ހޭދަކޮއްލާނެ ގޮތެއްދޯ މި ހަމަޖެހުނީ. އެހެންވީމަ ވާހަކަ ކިޔައިދޭން ވަކި ގަޑިއެއް ނޯންނާނެ" ޝަރީފާ ހޭންފެށިއެވެ.

މަންމަގެ ބަސްއަހައިގެން ޝީމާ ނިދާލުމުގެ ބޭނުމުގައި ދެލޯ މަރައިލިއެވެ. އަދި އެއް އަތުން ޝީމާގެ މަންމަގެ އަތުގައި ހިފަހައްޓައިގެންނެވެ. އިރުއިރުކޮޅާ ވެހެމުންދާ ވާރެތެރެއިން ގަދައަށް ވިދާލައެވެ. ވިދާލާ ކޮންމެ ފަހަރަކު މުޅި ކޮޓަރިއަށް އަލިވެގެންދެއެވެ. ބައެއްފަހަރު ކޮންމެވެސް ވަރަކަށް ގުގުރާލާ ނަމަވެސް އަޑު މަޑެވެ.  ދެމީހުންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ޝަރީފާއަށް ސިއްސައިގެން ދިޔައީ ޖެހި ބާރު ގުގުރިއެއްގެ އަޑާއި އެކުގައެވެ. ލޯހުޅުވައި ފުރަތަމަވެސް ބަލައިލީ ޝީމާއަށެވެ. ޝީމާ އޮތީ ގަދައަށް ނިދާފައިކަމުން ޝަރީފާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެހެން ނޫންނަމަ ޝީމާވެސް ސިއްސައިގެން ދާނެކަން ޔަގީނެވެ. ޝަރީފާ ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން ތިނެއް ޖަހަނީއެވެ. ޝީމާއަށް ހޭނުލެވޭހާ މަޑުން ޝަރީފާ އެނދުން ތެދުވެގެން ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. މުޅި ގޯތިތެރި އަނދިރިވެފައިވި ނަމަވެސް ވިދާލާ ވަގުތު މުޅި ގޯތިތެރެ ދިއްލެއެވެ. އިރުކޮޅަކު ކުޑަދޮރު ކައިރީގައި މަޑުކޮއްލުމަށްފަހު އަނެއްކާވެސް ގޮސް އެނދުގައި އޮށޯވެލިތަނާހެން ޝީމާއަށް ހޭލެވުނެވެ.

"ކޮބާ މަންމާ އަދިވެސް ނުނިދަނީތަ. ދެންވެސް ނިދަން އުޅެބަލަ. މާދަމާ އަކީ މަންމަ ވަޒީފާއަށް ދާން ޖެހޭ ދުވަސް. އެހެން ނޫނަސް ކިހާ ވިއްސާރަ ރެއެއް" ޝީމާ މަންމަގެ ގާތުގައި ބުނެލިއެވެ.

ޝީމާ އެހެން ބުނުމުން އާނއެކޭ ބުނެ ޝަރީފާވެސް ޝީމާ އާއި ޖެހިގެން އޮށޯތެވެ. ނަމަވެސް އިރުއިރުކޮޅާ ޝީމާއަށް ބަލައިލެވެނީ ޝީމާއަށް ހޭލެވޭތޯއެވެ. އެންމެފަހުން ޝީމާގެ ގައިގައި އަޅާފައި އޮތް ރަޖާ ރަނގަޅުކޮއްލުމަށްފަހު ޝަރީފާވެސް ނިދޭތޯ ދެލޯ މަރައިލިއެވެ. ނަމަވެސް ކޮންމެވެސް މީހެއްގެ ހިޔަނިވާހެން ހީވާތީ އިރުއިރުކޮޅާ ކުޑަދޮރާއި ދިމާލަށް ބަލައިލެވެއެވެ. އެމީހަކު ފެނިފައި ގެއްލެނީއެވެ. ވިދާލާ ކޮންމެ ފަހަރަކު އެމީހެއްގެ ހިޔަނި ވަރަށް ރަނގަޅަށް ޝަރީފާއަށް ފެނެއެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށް ހަދައިގެން ވަރަށް ގިނައިރު ވަންދެން އޮތުމަށްފަހު ޝީމާއަށް ގޮވައިލިއެވެ. ނަމަވެސް ޝީމާގެ ނިދި އެއަށް ވުރެ ގަދައެވެ. މިފަދަ ވިއްސާރަ ވިދާ ގުގުރާ ރޭގަނޑެއްގައި މިގޭ ދޮށުގައި އުޅޭނީ ކާކުބާއެވެ. އެއީ ދުވަހަކުވެސް ޝަރީފާއަށް ދިމާވި ގޮތެއް ނޫނެވެ. ޝަރީފާގެ ހިތް ބިރުން ތެޅެންފެށިއެވެ. މިރޭ ޝީމާ މި ކޮޓަރީގައި އޮތްކަން ނަސީބޭ ހިތަށް އެރިއެވެ. ބައެއްފަހަރު އެމީހަކު ދުރުން މާދުރުން ފެނެއެވެ. ބައެއްފަހަރު ކުޑަދޮރު ކައިރީގައި ލެނގިގެން ހުންނަހެންވެސް ހީވެއެވެ. ޝަރީފާ އެންމެފަހުން އެނދުން ތެދުވެގެން ކުޑަދޮރާއި ދިމާލަށް ހިނގައިގަތެވެ. އަދި ވަރަށް ސިއްރުސިއްރުން ބޭރު ބަލައިލީ އެމީހެއްގެ ހަގީގަތް ބަލައިލުމަށެވެ. ވަރަށް ސިއްރުން ފިލާހުރެ ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވުމުން ޝަރީފާ އިތުރަށް ބިރުގަތެވެ. ދުވެފައި ގޮސް ނިދާފައި އޮތް ޝީމާގެ ކޮނޑުގައި ހިފައި ބާރަށް ތަޅުވައިގަތެވެ.

"މަންމާ އަދިވެސް ނުނިދަނީތަ" ޝީމާ ލޯމަރައިގެން އޮވެ ވާހަކަ ދެއްކިއެވެ.

"ބަލާބަލަ. ތެދުވެބަލަ" ޝަރީފާ އާދޭސްކުރަން ފެށިއެވެ.

"މަންމާ އަދި ފަތިހަށްވެސް ނުގޮވައެއްނު. ފަތިހަށް ގޮވީމާ އަހަންނަށް ގޮވާބަލަ" ޝީމާ ބުނެލިއެވެ.

"ފަތިސް ކުރާކަށް ނޫނޭ މިގޮވަނީ. ހީވަނީ މިގޭދޮށުގައި މީހަކު އުޅޭހެން. ބަލާލަބަލަ" ޝަރީފާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"މީހެކޭ. މިގަޑީ ކާކު އުޅޭނީ. ބަލާބަލަ ވިދާލާވަރު. ގުގުރާ އަޑު މަންމައަށް ނީވެނީތަ. ދެން ކާކު މިގޭ ދޮށުގައި އުޅޭނީ. ކޮން ބޭނުމަކު. ކީއްކުރަން" ޝީމާ ހޭލާކަށް ބޭނުމެއް ނުވިއެވެ.

"އެހުރީ އެމީހާ. އެހުރީ" ޝަރީފާ އެންމެފަހުން ޝީމާގެ މޫނަށް ފެންޖެހުމުން ހޭލާފައި ވަށައިގެން ހޯދައިލިއެވެ. އަދި ކުޑަދޮރު ކައިރިއަށް ގޮސް ބޭރު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވާރޭ ވެހުންވެސް ހުއްޓިއްޖެއެވެ. ނަމަވެސް ގޯތިތެރެ އަނދިރިވެފައިވާތީ ދުރު ފެންނަން ވަރަށް އުނދަގުލެވެ.

"މަންމައަށް ހީވި ގޮތެއް އެއީ. މިހާރު އެގޮވަނީ ފަތިސް ނަމާދަށް. ދެން ޖިންނިއެއް ނޫޅޭނެ. ފަތިސްވީމަ އެމީހުން ހިނގައިދާނެ. އެހެން ނޫނަސް އެމީހުންނަށް ގޯނާ ނުކުރަންޏާ އެމީހުން ނުބެހޭނެ. އަދި އަމުދުން މިރަށަކު ޖިންނިއެއް ނުވެސް އުޅޭނެ. އުޅެންޏާ ފެންނަންވީތާ. މަންމަ ދެކުނިންތަ" ޝީމާ މަންމަ އާއި ސުވާލު ކޮއްލިއެވެ.

"ނުދެކެން" ޝަރީފާ ދިނީ ކުރު ޖަވާބެކެވެ.

"އެހެންވިއްޔާ ކޮންބިރެއް. ދެން ހިނގާ ނަމާދު ކޮއްލަން" ޝީމާ އޭނަގެ މަންމަ ޝަރީފާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ބިރު ނުގަތުމަށް އެދި ވުޟޫކޮއްލައިގެން އަންނަން އެދުނެވެ. މަންމަ އައުމުން ޝީމާވެސް ދާނެ ކަމަށާއި ފުރަތަމަ މަންމަ ދިއުމަށް އެދުނެވެ.

= ނުނިމޭ =

+1
1
+1
1
+1
7
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް