November 23, 2024 17:24
Advertisement

-Advertisement-

ވާހަކަ: މެންދަން (ހަތްވަނަބައި)

ޝަރީފާ ވުޟޫކޮއްލައިގެން އައުމުން ޝީމާވެސް ގޮސް ވުޟޫކޮއްލައިގެން އައިސް ދެމީހުން ނަމާދުކޮށް ނިމިގެން ޝަރީފާ އިށީނީ ޤުރުއާން ކިޔަވާށެވެ. ޝީމާ ގޮސް ސިޓިންގރޫމްގައި ހުރި ގޮނޑީގައި ފޯނާއި ކުޅެން އިނެވެ.

"އަޅެ ދަރިފުޅު ބިރެއްވެސް ނުގަނޭތަ" ޝަރީފާ ކޮޓަރީގެ ދޮރު ހުޅުވާލައި ބޭރަށް ނިކުމެ ބުނެލިއެވެ.

"ކޮން ބިރެއްތަ. އިރުއަރަން އެއުޅެނީ. ދެން ފަތިސްނަމާދަށް ގޮވީމާ އެމީހުން ދާނެއޭ ކިޔައެއްނު" ޝީމާ ހީލިއެވެ.

Advertisement

ޝަރީފާއަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން އަނެއްކާވެސް އެނބުރި ކޮޓަރިއަށް ވަނެވެ. ދެން ޝަރީފާ ބޭރަށް ނިކުތީ އިރުއެރި ފަހުންނެވެ. ސައިބޯނެ އެއްޗެއް ހަދަން ޝީމާ ގޮވައިގެން ބަދިގެ ފަރާތަށް ދިޔައެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ގަޑިން ހަތަރުގަޑިބައިވަނީއެވެ. މުޅި އެހިސާބުގައި ވަނީ އެކި ކުލައިން ފުއްޕާހަން އެލުވާލައިފައެވެ. ފާއިޒު އަލަށް ހުޅުވަން އުޅޭ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ތައްޔާރުވަނީއެވެ. ރަށުގެ ކުދި ބޮޑު އެންމެން އެތަނަށް ޖަމާވެފައިވަނީ ފޯރިގަދަ ބޮޑުބެރުގެ އައިޓަމް ދެކިލުމަށެވެ. އެފިހާރައަކީ އެރަށަށް އަދި އަލަށް އެފެންވަރަށް ހުޅުވާ ފުރަތަމަ ފިހާރައެވެ. އެއްވެފައި ތިބި މީހުންގެ ތެރެއިން ގޮސް ޝީމާ އާއި އޭނާގެ މަންމަ ޝަރީފާ ގޮސް ފިހާރަ ކައިރީގައި މަޑުކޮއްލިއެވެ. ގަޑިން ފަހެއްޖެހިތަނާހެން ބޮޑުބެރުގެ އައިޓަމަކާއި އެކީ އެފިހާރަ ހުޅުވައިދިނީ ފާއިޒްގެ މަންމަ އާއި ބައްޕައެވެ. ފިހާރަ ހުޅުވުމަށްފަހު ހާޒިރުވެ ތިބި މީހުންނަށް ހަވީރުގެ ސައި އޮތެވެ. އެ ރަސްމިއްޔާތަށް އެއްވެސް ބަޔަކަށް ޚާއްސަކޮއްގެން ދައުވަތު ނުދެއެވެ. އެރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ ކުދިބޮޑު އެންމެނަށް އެފުރުސަތު އޮތީ ހުޅުވާލައިފައެވެ. އެހެންކަމުން ރަށުގެ ވަރަށް ގިނަ ބަޔަކު އެރަސްމިއްޔާތުގައި ބައިވެރިވިއެވެ. ރސްމިއްޔާތުގެ ސައި ނިމުނު ނަމަވެސް ފިހާރައިގެ މުވައްޒަފުން މަޑުކުރަންޖެހުނީ އެކިކަންތައް ހަމަޖައްސާލާށެވެ. ފިހާރައިން މުދާ ވިއްކަން ފަށާނީ ރޭގަނޑު އަށެއްޖަހާއިރުގައެވެ. މި ވަގުތު އޮތީ އެހެނިހެން މަސައްކަތެވެ. ޝީމާ ފިހާރަތެރެއަށް ވަދެ ކައުންޓަރުގައި އިށީނެވެ. ކުރިމަތީގައި ހުރި ސިސްޓަމުން ފަހަރަކު އެއްޗެއް ޗެކް ކުރަމުން ގެންދިޔައީ މިރޭ އާންމުންނަށް ފިހާރަ ހުޅުވަންވާއިރަށް ސިސްޓަމް ރަނގަޅުތޯ ބެލުމަށެވެ.

"ކޮބާ ކީއްކޮއްލަނީ" ޝީމާ ސިއްސައިގެން ދިޔައީ ފާއިޒު އައިސް ޝީމާގެ ގާތަށް ހުއްޓި ސުވާލުކޮއްލުމުންނެވެ.

"މިދެން ޗެކެއް ޖަހައިލީ" ޝީމާ ހޭންފެށިއެވެ.

"ކައުންޓަރުގައި އިންނަން ކުއްޖަކު ވާނީ ހަމަޖައްސާފައި. ޝީމާ އަކީ މި ފިހާރައިގެ މެނޭޖަރު. ހުރިހާ ކަމެއް ބަލަހައްޓާނީވެސް ޝީމާ" ފާއިޒު ބުނެލިއެވެ.

"ދެން މަންމަޔޯ" ޝީމާ ސުވާލު ކުރިއެވެ.

"ޝީމާއަށް ދޯ އެނގޭނީ. ޝީމާ ތިއީ މެނޭޖަރު. ޝީމާ ބޭނުންވާ ކަމެއް ކުރުވާ" ފާއިޒު އެހެން ބުނެފައި އަނެއްކާވެސް ބޭރަށް ނިކުތެވެ. ހީވަނީ ކޮންމެވެސް ބަޔަކު އައިސްގެން އުޅޭހެންނެވެ.

އެމަންޒަރު ބަލަން ދުރުގައި ޝީމާގެ މަންމަ ޝަރީފާ ހުރީ އުފަލުން ހެވިފައެވެ. ފާއިޒު ބޭރަށް ނިކުތްތާ ފަނަރަވަރަކަށް މިނިޓްވީތަނާހެން ޝީމާމެން ގެއަށް އައީ ރޭގަނޑަށް ފިހާރައަށް ދާން ޖެހޭތީއެވެ. މިހާރު އިރު އޮއްސެނީއެވެ. އަވަހަށް ގެއަށް ދިޔައިއްޔާ އަވަހަށް އާދެވޭނެތާއެވެ. އެތަނުގެ މުވައްޒަފުންނާއި ހަވާލުކޮއްފައި ޝީމާމެން ގެއަށް އާދެވުނުއިރު މަޢުރިބަށް ގޮވައިފިއެވެ. އައިގޮތަށް އައިސް ޝީމާ ބޭނުންވީ ކުޑައިރުކޮޅަކަށް ނަމަވެސް ރެސްޓެއް ނަގާށެވެ. އަދިވެސް ދަތުރުގެ ވަރުބަލި ނުފިލަނީކަންނޭގެއެވެ. ޝީމާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލައިގެން އޮށޯތެވެ. ޝަރީފާ ދިޔައީ ބަދިގެއާއި ދިމާލަށެވެ. މިރޭ ފިހާރައަށް ދާންވާއިރަށް ކައްކަންވެސް ވާނެތާއެވެ. އެހެންނޫނީ ފިހާރައިން އާދެވޭއިރު ހުންނާނީ ވަރަށް ލަސްވެފައެވެ. އެހެންވުމުން ޝަރީފާ ބޭނުންވީ ކައިގެން ވަޒީފާއަށް ދާށެވެ. ޝީމާ ކޮޓަރިން ނުނިކުންނާނެކަން އެނގޭތީ ޝީމާ ނިކުންނަންވާއިރަށް ކޮންމެވެސް އެއްޗެއް ކައްކާށެވެ. ޝަރީފާ ބޭނުންވީ ތަންކޮޅެއް ފަސޭހައިން ކެއްކޭ އެއްޗެއް މިރޭ ކައްކާށެވެ. އެގޮތުން އެންމެ ފަސޭހަކަމަށް ގަބޫލު ކުރެވުނީ ގަރުދިޔަ އާއި ބަތެވެ. އެއީ ޝީމާއަށް ވެސް ވަރަށް މީރު ކެއުމެކެވެ. އަބަދުވެސް ދިވެހި ކެއުމެއް ހަދައިދޭން ޝީމާ ކުޑައިރުވެސް މަންމަގެ ގާތުގައި އެދެއެވެ.

ގަޑިން ހަތްގަޑިބައިވާން ގާތްވެފައި ހުއްޓައި ޝީމާ ބޭރަށް ނިކުތެވެ. އަދި މަންމަ ކޮބައިތޯ ބަލައިލާން ގޮވައިލިއެވެ. މަންމަގެ ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރު ހުޅުވާއިލިއެވެ.

"މަންމަ ތައްޔާރުވަނީދޯ. އަހަރެން ހީކުރީ މަންމައަށް ނިދިފައިކަމަށް އޮންނާނީ" ޝީމާ މަންމަގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

"މަންމަ އަކީ އެއްއިރެއްގައިވެސް ކޮންމެ ކޮންމެ ގަޑިއެއްގައި ނިދާ މީހެއް ނޫނޭ. އަދި ނުވެސް ނިދޭނެ ނިދަން އުޅުނަސް" މަންމަ ހޭފެށިއެވެ.

"އެހެންވީމަ ދޯ މަންމަ ތިހާ ސްމާރޓްކޮށް ތިހުންނަނީ. އަހަންނަށްވެސް ތިހެން ހުރެވޭނަމަދޯ. ބަލާބަލަ އަހަރެން ހުންނަ ގޮތް. ޗަބީކޮށް. ކުޑައިރުއްސުރެ އަހަރެން މިހުންނަނީ މިހެން. މޮޅު ފަރުވާއެއް ބުނެބަލަ" ޝީމާ އޭނަގެ މަންމަ އާއި ސަމާސަ ކޮއްލިއެވެ.

"ދެންމެ ދޮންބެ ދައްތަ ގުޅި" ޝީމާ އެހެން ބުނުމުން ޝަރީފާ ދިޔައީ ސިއްސައިގެންނެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންނަކީ ދުވަހަކުވެސް ޝަރީފާގެ އާއިލާ އާއި ގުޅުން ބޭއްވި ބައެއް ނޫންވިއްޔާއެވެ. ޝަރީފާ، ޝީމާ ގޮވައިގެން ކުޑައިރުއްސުރެ ދަތި ހާލުގައި އުޅުނުއިރުވެސް އެމީހުންނަކީ ދުނިޔޭގައި ތިބި ބަޔަކަށްވެސް ނުވެއެވެ.

"ކޮން ދޮންބެއެއް" ޝަރީފާ ނޭނގޭކަމަށް ހެދުނެވެ.

"މަންމަގެ ބޭބެ. މަންމަގެ ބޭބެގެ އަންހެނުން ގުޅީ" ޝީމާ ތަފްސީލް ކޮއްލިއެވެ.

"ކީއްކުރަންށޯ މިގުޅީ. އެމީހުން އެބައުޅޭތަ މިރަށުގައި" ޝަރީފާ ހިތްހަމަނުޖެހުމުގެ ރާގެއްގައި ބުނެލިއެވެ.

"އަހަރެން ފޯނު ނެގީމާ ބުނީ ކޮއްކޯއޭ ކިހިނެއްހެއްޔޯ ހާލު. މިއަދު ފިހާރަ ހުޅުވިތަނުން ދެކުނީމޯ" ޝީމާ ބުނެލިއެވެ.

"އަޅެ އަލަށްތަ އެމީހުންނަށް ޝީމާ ފެނުނީ. މީގެ ކުރިންވެސް ހުންނާނީ ފެނިފައި" ޝަރީފާ މަލާމާތުގެ ރާގަކަށް ހީލިއެވެ.

"އެމީހުން ބޭނުންވަނީކަންނޭނގެ އަހަރެމެންނަށް މިހާރު ވަޒީފާ ލިބި ފައިސާ ލިބެން ފެށީމަ ގުޅުން ބާއްވަން" ޝީމާ ޖަވާބު ދިނެވެ.

"ތިބުނީ ރަނގަޅަށް. ދެން އެކަމާއި ނުވިސްނާ ހިނގާ ކާންދާން. މަންމަ ހުންނާނެ ވަރަށް މީރުކޮށް ކާން ހަދާފައި" ޝަރީފާ ކޮޓަރިން ބޭރަށް ދާން ހިނގައިގަތެވެ. ޝީމާވެސް މަންމަގެ ފަހަތުން ބޭރަށް ނިކުތީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ.

"ހާދަ މީރޭ މަންމަ ކައްކާ ކެއުން. އަދި އަމުދުން ދިވެހި ކެއުމެއް ހަދައިފިއްޔާ ވަރަށް މީރު" ޝީމާ އޭނަގެ މަންމައަށް ތައުރީފް ކުރަމުން ދިޔައެވެ.

"މަންމައަށް އެނގޭ ދަރިފުޅަށް މީރުވާނެހާ އެއްޗެއް. ތިއީ މަންމަގެ ދަރިފުޅެއްނު" ޝަރީފާ ހީލިއެވެ.

"ދެން ބުނެބަލަ. އެމީހުން ގުޅައިފިއްޔާ ކިހިނެއްތަ ހަދަންވީ. ވާހަކަ ދައްކަންވީތަ ނުވަތަ ނުދައްކަންވީތަ" ކަންތައް ކުރާނެ ގޮތުގެ ލަފައަކަށް ޝީމާ އޭނަގެ މަންމަގެ ގާތުގައި އެހިއެވެ.

"ކޮންމެ ގޮތެއްވިޔަސް އެއީ ދަރިފުޅުގެ އާއިލާގެ މީހުން. އެކަމަކު މަންމަ ހިތަށް އަރަނީ މިހުރިހާ ދުވަހު އެމީހުން ކޮބައިބާއޭ" ޝަރީފާ ހުރީ ނުރުހުންވެފައެވެ.

އެމީހުންގެ ވާހަކަ ދިގުކުރެވޭކަށެއް ނެތެވެ. ވަޒީފާއަށް ދާ ގަޑި ކައިރިވަނީއެވެ. އެފިހާރައަކީ ކުރީގެ ފިހާރައަށް ވުރެ ދުރުގައި ހުރި ފިހާރައަކަށް ވުމުން ތަންކޮޅެއް ކުރިން ގެއިން ނިކުންނަން ޖެހޭނެއެވެ. އަވަސް އަވަހަށް ކައިނިމިގެން ގެއިން ނިކުމެވުނީ އަށެއް ޖަހަން ފަސްމިނިޓް ހުއްޓައެވެ. ބާރު ހިނގުމުގައި ދެމީހުން ގޮސް ފިހާރައަށް ދެވުނުއިރު ފިހާރަ ހުރީ ހުޅުވައިފައެވެ.

"މެޑަމް. މިއީ އާލަމް. ބޮސް ބުނި މެޑަމް ބުނާގޮތަށް ހުރިހާކަމެއް ކުރަން" ފިހާރައިގެ ކައުންޓަރުގައި އިން ބަންގްލަދޭޝްގެ މީހާ ޝީމާ ފެނުމާއި އެކު ވަރަށް އިހުތިރާމާއިއެކު ވާހަކަ ދައްކަން ފެށިއެވެ.

"އެހެންތަ. ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކުރަންވާނެ އިނގޭ" ޝީމާ އެމީހާއަށް ޖަވާބު ދިނެވެ.

އެވަގުތަކީ ފިހާރައިގައި އެއްވެސް ކަސްޓަމަރެއް ނެތް ވަގުތަކަށް ވުމުން ޝަރީފާ ބޭރަށް ނިކުމެ ބޭރުގައި ހުރި އަށިމަތީގައި އިށީނެވެ. އެމަގުން ހިނގާފައިދާ ކޮންމެ މީހަކުވެސް ފިހާރަ އާއި އަރައި ހަމަކޮއްލާފައި މަޑުކޮއްލަނީ ފިހާރައިގައި ހުރި ތަކެތި ބަލައިލުމަށެވެ. ޝީމާވެސް ހަރުގައި ހެދުން ތަރުތީބު ކުރަމުން ދިޔައެވެ. ކުއްލިއަކަށް ޝީމާ ސިއްސައިގެން ދިޔައީ އެ ފިހާރައަށް ދުވެފައި އައި ކުޑަކުއްޖަކު ވަދެ ރޯންފެށި އަޑަށެވެ. ފަހަތުން ކޮންމެވެސް އަންހެނެއް އެކުއްޖާއަށް ގޮވަމުން އައިސް ފިހާރައަށް ވަނެވެ. ޝީމާ ކުޑަކޮށް ބޭރަށް ޖެހި އެއީ ކޮންބައެއްތޯ ބަލައިލިއެވެ. އެއީ ޝީމާއަށް ގުޅި ފަހަރިއެވެ. ދޮންބެދައްތައެވެ. ޝީމާ ވަށައިގެން ހޯދައިލީ އޭނަގެ މަންމަ ފެނޭތޯއެވެ. އެމަންޒަރު ފެނިއްޖެއްޔާ މަންމަ ރުޅި އަތުވެދާނެތީ ޝީމާ ހުރީ ވަރަށް ބިރުންނެވެ.

"ސޮރީ ކޮއްކޯ. ދަރިފުޅު މިފިހާރައަށް ދުވެފައި ވަނީ އޭނައަށް ވަރަށް ރީތި ހެދުމެއް އެބައޮތޭ ކިޔާފައި. ދައްތަ މިއައީ ދުވެފައި. އެކަމަކު ދައްތައަށް ވުރެ ބާރަށް ދުވެފައި އައިސް ފިހާރައަށް ވަނީ" ޝީމާ ފެނުމާއިއެކު ދޮންބެ ދައްތަ ބުނެލިއެވެ. އެވަގުތަކީ ޝީމާގެ މަންމަވެސް ފިހާރައަށް ވަން ވަގުތެވެ. އެމަންޒަރު ވަރަށް ރަނގަޅަށް ޝަރީފާއަށް ފެނުނެވެ.

"ކޮން ހެދުމެއްތަ. ދައްތައަށް ދައްކަބަލަ" ޝީމާ ގޮސް އެކުއްޖާގެ ކޮލުގައި ހިފައިލިއެވެ.

"މިހެދުން" އެކުޑަ ކުއްޖާ ހެދުން ދެއްކުމުގެ ކުރިން ދޮންބެދައްތަ ގޮސް އޭނަ ބޭނުންވާ ހެދުމުގައި އަތް ޖައްސައި ޝީމާއަށް ދެއްކިއެވެ.

"ކިހާވަރެއްތަ މި ހެދުމަށް އަރަނީ" ދޮންބެދައްތަ ސުވާލު ކޮއްލިއެވެ.

"ކޮއްކޮއަށް މާރީތި ހެދުމެއްވީމަ އެއްޗެއް ދޭނެކަމެއްނެތް" ޝީމާ ހީލަމުން ބުނެލިއެވެ.

ޝީމާއަށް ޝުކުރު އަދާކުރުމަށްފަހު ދޮންބެދައްތަ އޭނަގެ ދަރިފުޅުގެ އަތުގައި ހިފައިގެން ގެއަށްދާން ހިނގައިގަތެވެ. ދޮންބެދައްތަ ފިހާރައިން ނިކުތުމާއިއެކު ޝަރީފާ އައިސް ޝީމާގެ ގާތަށް ހުއްޓުނެވެ.

"ދެން ވަރަށް ގާތްވާނެ. އެކަމަކު ދެން ތިއީ އާދައަކަށް ނުހަދާތި. އެހެންނޫނިއްޔާ އެމީހުން އަންނަން ފަށައިފާނެ" ޝަރީފާ ނަސޭހަތް ދިނެވެ.   

= ނުނިމޭ =

+1
0
+1
2
+1
3
+1
0
+1
2
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް