November 23, 2024 13:20
Advertisement

-Advertisement-

ވާހަކަ: މެންދަން (އަށްވަނަބައި)

"ދެން ވަރަށް ގާތްވާނެ. އެކަމަކު ތިއީ އާދައަކަށް ނުހަދާތި. އެހެން ނޫނިއްޔާ އެމީހުން އަންނަން ފަށައިފާނެ" ޝަރީފާ ނަސޭހަތް ދިނެވެ.

"ލައްބަ މަންމަ ނުބުނާ ގޮތަކަށް ކަމެއް ނުކުރާނަން" ޝީމާ ވަރަށް އަދަބުވެރިކަމާއިއެކު ޖަވާބު ދިނެވެ.

މަންމަގެ ބަސްއަހައިގެން އަބަދުވެސް އުޅެން ޝީމާ ބޭނުންވެއެވެ. މަންމަ އަބަދުވެސް ދޭ ނަސޭހަތަކީ އާއިލާގެ މީހުންނަށް ވުރެ އެހެން މީހުން ރަނގަޅު ނުވާނެކަމެވެ. އެހެންވުމުން އަބަދުވެސް އާއިލާގެ މީހުންނަށް ހެޔޮކޮށް ހިތައި ހާލުބަލަންވާނެއެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އެގޮތަށް ބަދަލު ނުހިފަންވެސް މަންމަ ވަނީ ނަސޭހަތް ދީފައެވެ.

Advertisement

ރޭގަނޑު އެގާރަ ޖެހީއެވެ. ފިހާރައިގެ ބަންދު ބޯޑު އެޅުވުމަށްފަހު ފައިސާ އާއި އެހެނިހެންކަންތައް ހަމަޖައްސަން ޝީމާ އަވަދިނެތި އުޅެނިކޮށް ޝީމާ ލޮލުގައި އަޅައިގަތީ ފިހާރަ ދޮރުމަތީގައި ދޮންބެ ހުއްޓައެވެ. ޝީމާއަށް ފެނުމާއި އެކު އެތެރެއަށް ވަދެވޭތޯ އަތުގެ އިޝާރާތުން އެހިއެވެ. ޖަވާބުގައި އާނއެކޭ ބުނުމުގެ ގޮތުން ޝީމާ ބޯޖަހައިލިއެވެ. ޝީމާގެ ހުއްދަ އާއި އެކު ދޮންބެ އެތެރެއަށް ވަދެ ފިހާރަތެރެ ވަރަށް ރަނގަޅަށް ބަލައިލިއެވެ. ދޮންބެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ.

"މިއައީ ކޮއްކޮ ބޭބެގެ ދަރިފުޅަށް ހެދުމެއް ހިލޭ ދިނީތީ ޝުކުރުވެރިވެލަން. އަދި ބޭބެއަށް ވެސް ހެދުމެއް ގަނެލަން. ބޭބެ ބިޒީކަމުން އާދެވުނުލެއް ލަސްވީ" ޝީމާގެ ދޮންބެ އިސްވެ ވާހަކަ ދައްކަން ފެށިއެވެ.

"ވަރަށް އަގުހެޔޮކޮއްލާފައި މިހުރީ މިދުވަސްކޮޅަށް. ޕްރޮމޯޝަންގެ އަގުގައި ހުރިހާ މުދަލެއްވެސް މިހުރީ. ދޮންބެ ކޮންކަހަލަ ހެދުމެއް ތި ހޯދަނީ" ޝީމާ ދޮންބެގެ ގާތަށް ޖެހިލަމުން ބުނެލިއެވެ.

"ކޮންމެވެސް ހެދުމެއް. އެކަމަކު ފަހުން ގަންނާނީ. މިދުވަސްކޮޅު ވަރަށް ތާށިކޮށް މިއުޅެނީ" ޖަވާބުގައި ދޮންބެ ބުނެލިއެވެ.

"އެހެންތަ. އެހެންވިއްޔާ ދެން ލާރި ލިބުނީމަތާދޯ ގަނެވޭނީ. ލާރި ލިބުނީމަ އާދޭ. ރަނގަޅު ޑިސްކައުންޓެއް ދޭނަން" ޝީމާވެސް ދޮންބެއަށް ޖަވާބު ދިނެވެ.

ޝީމާ އެހެން ބުނުމާއި އެކު ދޮންބެ ގޮސް ޝީމާގެ މަންމަ ޝަރީފާގެ ގާތަށް ގޮސް ހުއްޓުނެވެ. އެކަމަކަށް ޝީމާ ސަމާލުކަމެއް ނުދީ އަވަސްކޮއްލީ އަވަހަށް ހިސާބުތައް ނިންމާލުމަށްފަހު ގެއަށް ދެވޭތޯއެވެ. ޝީމާ ހިސާބު ނިންމުމުގެ މަސައްކަތުގައި އުޅެމުންދިޔައިރު ފިހާރައިގެ އެހެން މުވައްޒަފުން ދިޔައީ ހަރުތަކުގައި ހުރި ހެދުންތައް ތަރުތީބުކޮށް އަދި ހަރުތަކުގައި މަދުވެފައިވާ ހެދުންތައް އަތުރަމުންނެވެ. އިރުކޮޅަކުން ދޮންބެވެސް ފިހާރައިން ނިކުމެގެން ގޮސްފިއެވެ. އަދިވެސް ޝީމާގެ މަސައްކަތް ނުނިމޭތީ މަންމަ ފިހާރަތެރޭގައި ކޮޅަށް ހުއްޓެވެ. ޝީމާ ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. މާގިނައިރެއް ޝަރީފާ އިންތިޒާރުކުރާކަށް ނުޖެހުނެވެ. ޝީމާގެ މަސައްކަތް ނިމުމާއި އެކު ފިހާރައިގައި އުޅޭ ބޭރު މީހާއަތަށް ތަޅުދަނޑި ދީފައި ޝީމާ އާއި އޭނަގެ މަންމަ ގެއަށްދާން ހިނގައިގަތެވެ. މަގުތައް ކިތަންމެ އަނދިރިނަމަވެސް މަންމަ އާއި އެކު ދާތީ ޝީމާ އެއްވެސް ޖެހިލުމެއް ބިރެއް ނުގަނެއެވެ. މަގުގެ އެއްފަރާތުން ބާރަށް ހިނގަމުން ދިޔައިރު ވަރަށް މަދުން ނޫނީ މީހަކު ނުފެނެއެވެ. ޝަރީފާ ހުރީ ޝީމާގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ބިރުން އުޅޭހެންނެވެ. އިރުކޮޅެއް ނުވަނީސް ޝީމާމެންނަށް އެމީހުންގެ ގެއަށް އާދެވުނެވެ. އަދި އަވަސްކޮއްލައިގެން ހެދުން ބަދަލުކޮއްލި ނަމަވެސް ޝީމާ ބޭނުންވީ ނިދުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކާށެވެ. މިރޭ މާބޮޑަށް ބަނޑުހައިވާހެން ހީވެއެވެ. ޝީމާ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮއްލައިގެން ބޭރަށް ނިކުތްއިރު މަންމަ ކޮންމެވެސް ވިސްނުމެއްގައި އިންދާ ފެނުނެވެ. ހީވަނީ ކޮންމެވެސް ބޮޑުކަމެއް ލައިގަތީހެންނެވެ. ނުވަތަ ކުރީ ރޭގައި ވިއްސާރަވި ފަހުން މާބޮޑަށް ބިރުގަތީހެންނެވެ. ޝީމާ ގޮސް މަންމަގެ ގާތުގައި އިށީނެވެ.

"ކިހިނެއްވީ މަންމާ. ކަމަކާއި ދެރަވެފައިތަ" ޝީމާ ސުވާލުކޮއްލިއެވެ.

"ދުނިޔޭގެ ކަންތައް ހިނގަމުންދާގޮތް ހިތަށް އަރަނީ. މީހުންގެ ހުންނަ މުނާފިގުކަން އެހާމެ ބޮޑު" ޝަރީފާ ބުނެލިއެވެ.

"ކިހިނެއްވީ. ދޮންބެ އެއްޗެކޭ ބުނީތަ" ޝީމާ ބޭނުންވީ އެކަމުގެ މައުލޫމާތު ހޯދާށެވެ.

"އާނ. ދޮންބެ މައާފަށް އެދުނު. މަންމަ އެކަންވެސް ކުރިން. އެކަމަކު ކޮބާ އެމީހުން އަހަރެން ހާލުގައި އުޅުނު ދުވަހު" ޝަރީފާ އެމީހުންނަށް މައާފު ކުރި ނަމަވެސް ހިތަކުން އެކަމެއް ފިލައިގެން ނުދެއެވެ. އަދި އެއީ ދުވަހަކުވެސް ފިލައިގެން ދާނެކަމެއްވެސް ނޫނެވެ. ސަބަބަކީ ކުޑަކުއްޖެއް ގޮވައިގެން ޝަރީފާ އުޅުނު ހާލެވެ. މީހުންނަށް ނޯކިރީ ކޮއްދީގެން ލާރިކޮޅު ހޯދައިގެން ޝީމާއަށް ކިޔަވައިދޭންވި ގުރުބާނީއެވެ. ކިތަންމެ ވަރުބަލިވި ނަމަވެސް އެކަމެއް ނުދައްކާ ހިތްވަރާއި އެކު ކުރަމުންދިޔަ މަސައްކަތެވެ. ބޮލުގައި ރިއްސާތީ ނުނިދިފައި އޮތީ ކިތައް ރޭކަމެއްވެސް ނޭނގެއެވެ.

"ދެން އެކަމާއި ނުވިސްނާ. އެމީހަކު ކުރިކަމެއް އެމީހަކަށް. އެމީހުންނަކީ ކޮންބައެއްކަން މިހާރު މަންމައަށް އެނގޭނެއެއްނު. އެވަރު ވިސްނައިގެން އުޅުނީމަ ނިމުނީ" ޝީމާ އޭނަގެ މަންމައަށް ނަސޭހަތް ދިނެވެ.

"އެމީހުން އަދިވެސް ކޮންމެފަދަ ދެރައެއް ދީފާނެ. އެކަމަށް އެމީހުން އެއްވެސް ޖެހިލުމެއް ނުވާނެ. މިހާރު އަހަރެމެންނަށް ފައިސާ ލިބޭތީ ގުޅުން ބަދަހިކުރަން އެއުޅެނީ" ޝަރީފާގެ ހިތުގެ އުދާސްތައް ބޭރުކޮއްލިއެވެ.

"ކޮބާ މިހާރު އެއްކަލަ އިބްރާހިމްފުޅުބެ. ނުވެސް ފެނޭ" ޝީމާ ބޭނުންވީ އެމައުޟޫ ބަދަލުކޮއްލާށެވެ. އެހެން ނޫނީ މަންމަ އެކަމާއި މާބޮޑަށް ފިކުރުކޮއްފާނެތީއެވެ.

"ނޭނގެ ނުދެކޭތާ ދުވަސްކޮޅެއް ވެއްޖެ. އެއީ ވަރަށް ރަނގަޅު މީހެއް. މީހުންނަށް ވަރަށް ކަމޭހިތާ އޯގާތެރި މީހެއް" ޝަރީފާ ހިތުގެ ޝުޢޫރުތައް ބޭރުކޮއްލިއެވެ.

"އަސްލު މަންމަވެސް މިހާރު މާގިނަ ދުވަސްވެއްޖެ މީހަކާއި ނީނދެ ހުންނަތާ. އިބްރާހިމްފުޅުބެ ކަހަލަ ރަނގަޅު މީހަކާއި އިންނަންވީނު" ޝީމާ ބުނެލިއެވެ.

"މަންމަ ކެތްކުރީ ދަރިފުޅަށް ރަނގަޅު ހަޔާތެއް ހޯދައިދޭން. މިހާރު އެކަންވެއްޖެ. އެކަމަކު ދަރިފުޅު މީހަކާއި އިނީމަ މަންމަވެސް އިންނާނީ. އެހެން ނޫނިއްޔާ ދަރިފުޅާއި މަންމަ ވަކިން އުޅެންޖެހިދާނެ. އެކަމަށް ވަރަށް ބިރުގަނޭ މަންމަ" ޝަރީފާ ޝީމާ އާއި ވަކިން އުޅޭކަށް ބޭނުމެއް ނޫނެވެ. އަބަދުވެސް އުޅެން ބޭނުންވަނީ ޝީމާ އާއި އެކީގައެވެ.

"އެހެންވިއްޔާ މަންމަ ހޯދައިދީބަލަ ރަނގަޅު މީހެއް. މަންމަ ދައްކާ ކޮންމެ މީހަކާއި އަހަރެން އިންނާނަން" ޝީމާ ހޭންފެށިއެވެ.

"ސާބަހޭ. މިރަށަކު ނެތެއްނު ރަނގަޅު މީހުން ދަރިފުޅާއި އިންނަވަރުގެ. މަންމަ ބޭނުމެއްނޫން އިނދެފައި ދެދުވަސް ނުވަނީސް ދޫކޮއްލާ މީހަކު" ޝަރީފާވެސް ހޭންފެށިއެވެ.

ދެމީހުންގެ ވާހަކަ ދައްކަން ތިއްބާ ގަޑިން ވީއިރެއްވެސް ނޭނގުނެވެ. ޝީމާ ގަޑިއަށް ބަލައިއިރު ގަޑިން ބާރަޖަހާ ބޮޑުވަނީއެވެ. ދެމީހުންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. އަދި އެހާމެ ނިދިވެސް އައިސްފައެވެ. އެންމެފަހުން ދެމީހުން ދެމީހުންގެ ކޮޓަރިއަށް ގޮސް ވަނެވެ.

ފަތިހުގެ ބަންގީގެ އަޑުން ޝަރީފާއަށް ހޭލެވުނެވެ. ލޯ ހުޅުވާލައި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮޓަރީގައި ފަނޑު އަލިކަމެއް ހުއްޓެވެ. އަދިވެސް އިރުކޮޅަކަށް ނިދާލާފައި ދެން ފަތިސްނަމާދުކޮއްލާނަމޭ ހިތާ އަނެއްކާވެސް ދެލޯމަރައިލިއެވެ. ދެން ޝަރީފާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާހެން ހީވެގެންނެވެ. އެނދުން ތެދުވުމާއި އެކު ފާރުގައި ހަރުކޮއްފައިހުރި ގަޑިއަށް ބަލައިލިއެވެ. ހަތެއް ޖަހަނީއެވެ. މާގަދައަށް ނިދުނީއެވެ. އަދި ފަތިސް ނަމާދުވެސް ނުކޮށް އޮއްވައި އިރުއެރީއެވެ. ޝަރީފާ ވަރަށް ދެރަވިއެވެ. ޝަރީފާއަށް ނުހޭލެވެންޏާ ޝީމާއަށްވެސް ނުހޭލެވެއެވެ. މިރޭ ޝީމާވެސް އޮންނާނީ އެހެންވީމަ ފަތިސްނަމާދު ނުކޮށެވެ. އަވަހަށް ދޮރު ހުޅުވާލައިފައި ގޮސް ޝީމާއަށް ގޮވިއެވެ. އަވަހަށް ތައްޔާރުވެގެން ސައިބޯން އަންނަން ބުނިއިރު ޝަރީފާ ހުރީ އަދި ސައިވެސް ނުހަދައެވެ. އަވަހަށް ފާޚާނައަށް ވަދެ މޫނު ދޮވެ ދަތް އުނގުޅައިގެން ބޭރަށް ނިކުތީ ބަދިގެ އާއި ދިމާލަށް ދާށެވެ. މިއަދު މާލަހުން ހޭލެވެމުން ދެން އުޅެން ޖެހޭނީވެސް ތެޅިފޮޅެމުންނެވެ. ޝަރީފާ ބަދިގެއަށް ވަދެ ބަލައިލިއެވެ. ނަސީބަކުން ޕާނެއް އޮތެވެ. މިއަދު ރޮށިފިހަން ނުޖެހުނީތާއެވެ. ޝަރީފާ ހިތަށް އެރިއެވެ. އަވަސްކޮއްލައިގެން މަސްހުނިކޮޅެއް ހެދިއެވެ. އަދި ޝީމާ އަންނަންވާއިރަށް ސައިކުރާވެސް އުނދުނަށް އުދިއެވެ.

"ކޮބާ މަންމާ ސައިބޯން މިއައީ" ޝީމާ ބާރަކަށް ގޮވައިލިއެވެ. އަދިވެސް ޝީމާ އުޅެނީ ކުޑަކުއްޖަކު އުޅޭހެނެވެ.

"މި ނިމެނީ ދަރިފުޅާ" ޝަރީފާ ޖަވާބު ދިނެވެ.

"އަހަރެން ހީކުރީ ސައި ތައްޔާރުކޮއްފައި ކަމަށް ގޮވީ. އެކަމަކުވެސް ވަރަށް ބަނޑުހައިވެއްޖެ" ޝީމާ އައިސް ޝަރީފާގެ ގާތަށް ހުއްޓުނެވެ.

"މަންމައަށް ވަރަށް ލަހުން ހޭލެވުނީ. މަންމައަށް ހޭލެވުނީވެސް މީހަކު ދޮރުގައި ޓަކިޖަހާހެން ހީވާތީ" ޝަރީފާ ބުނެލިއެވެ.

"ސާބަހޭ. މަންމަ މިހާރު ޑޮކްޓަރަށް ދައްކަންވެއްޖެ" ޝީމާ އައިސް އޭނަގެ މަންމަގެ ގައިގާ ބައްދައިލިއެވެ.

"ދެން ތި އަނގަ ނުތަޅާ އާދޭ ސައިބޯން" ސައި ހަދައި ނިމުމުން ޝަރީފާ ބުނެލިއެވެ.

= ނުނިމޭ =

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް