December 3, 2024 22:17
Advertisement

-Advertisement-

އަނާރާ: ދީނީގޮތުން ހޭލުންތެރިކުރުވުމުގައި ފާހަގަކުރެވޭ ކަނބަލެއް

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛާ އަނާރާ ނަޢީމް ފާހަގަކުރެވިފައިވަނީ ދީނީގޮތުން ހޭލުންތެރި ކުރުވުމަށް މަސައްކަތްކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. ދީނީގޮތުން ހޭލުންތެރި ކުރުވުމަށް ޚާއްސަ ވީޑިއޯ މެސެޖު ސޯޝަލް މީޑިއާގައި މިހާރުވެސް ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ.

އަނާރާ ނަޢީމް

ހއ.ކެލާ އަށް އުފަން އަނާރާ ނަޢީމް އުމުރުން 9އަހަރު ވަންދެން އުޅުއްވީ ކެލާގައެވެ. އޭގެފަހުން މާލޭގެ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުއްވަނީ މާލޭގައެވެ. ޢާއިލާގައި ތިއްބަވަނީ މަންމައާއި ބައްޕަގެ އިތުރުން އެއްބަޑު އެއްބަފާ ބޭބެ އަދި ކޮއްކޮއެވެ. އަނާރާ އާއި ފިރިކަލުން އާދަމް ޝަފީޤުގެ 2 ކުދިން ތިއްބެވިއިރު، އަނާރާ ފާހަގަކުރެއްވި ގޮތުގައި އެންމެބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ފިރިމީހާގެ ފަރާތްޕުޅުންނެވެ.

Advertisement

" އަސްލު މިހިސާބަށް އައުމުގައި އެންމެބޮޑަށް އެހީތެރިވެދިނީ ފިރިމީހާ. ފުރަތަމަ ޑިގްރީ ހެދީވެސް ކައިވެނި ކޮށްގެންހުރެ. ޕީ.އެޗް.ޑީއާއި ހަމައަށް ކިޔެވުމުގަވެސް، މަޖިލީހަށް ހޮވުމުގަވެސް ފިރިމީހާގެ އެހީތެރިކަން ވަރަށްބޮޑު. ޝުކުރު އަދާކުރަން ބޭނުން ފިރިމީހާ އަށް."

ޝަރުޢީ ދާއިރާ ކިހިނެއް ފެށުނުކަމެއް؟

ފުރަތަމަ ޑިގްރީ ފުރިހަމަކުރެއްވީ ޤަތަރުންނެވެ. ޝަރުޢީ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނުގޮތް ހިއްސާ ކުރައްވަމުން ވިދާޅުވީ މައުޙަދުން ތަޢުލީމް ހާސިލްކުރެއްވިއިރު އޮންނަނީ ސައިންސާއި އާޓްސް ދެސްޓްރީމް ކަމަށެވެ. "އަޅުގަނޑު ނެގީ އާޓްސް. ވަރަށްބޮޑަށް ދީނީ ކަންތައްތަކަށް ޝައުގުހުރޭ. އެހެންވެ ބޮޑަށް ޝަރީއަތާއި ޤާނޫނުގެ ދާއިރާ ކިޔަވާހިތްވީ. ޤާނޫނަކީވެސް މިއީ ކަންތައްތައް އެކުލަވާލާ އިންތިޒާމްކުރާ ދާއިރާއެއްވީމަ"

ދިވެހިރާއްޖޭގެ ވެރިކަމުގެ ޑިމޮކްރެޓިކް ނިޒާމު ޝަރުޢީ ސިޔާސަތުގެ އަލީގަ މިމައުޟޫއަށް ޕީއެޗްޑީގެ ތީސިސް ލިޔުއްވާ ނިންމަވާފައިވާ އަނާރާ މިހާރު ގެންދަވަނީ ޕީ.އެޗް.ޑީގެ އެންމެފަހު މަރުޙަލާ ކަމުގައިވާ ވައިވާއަށް ތައްޔާރުވަމުންނެވެ. "މިމައުޟޫއަށް ތީސިސް ލިޔުނީމަ ޤަބޫލުކުރަނީ ސިޔާސީ ގޮތުން އަބަދުވެސް ބަސްވިކޭ މީހެއްގެގޮތުގައި ހުރެވޭނެ ކަމަށް" އަނާރާ ވިދާޅުވިއެވެ.

2019ވަނަ އަހަރުން ފެށިގެން ބާކައުންސިލްގެ އެކްސްކޯ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އަނާރާ ވަނީ އެކި ކޯޓުތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސްގެ އިތުރުން ކިޔަވައިދެއްވުމުގަ ކުރިން އުޅުއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވަޑައިގެންނެވުނީ ކިހިނެއް؟

އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި 1998ވަނަ އަހަރު ޕަބްލިކް އެގްޒަމިނޭޝަންގެ ސެކްރެޓަރީ އެއްގެ ވަޒީފާ އަދާކުރެއްވި އަނާރާ ވިދާޅުވީ ދީނީ ގޮތުން ކައުންސިލިން ދެއްވުމުގައި ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވި ކަމަށާއި، ދީނީ މަޢުލޫމާތު ހޯދުމަށް މީހުން ވަރަށް ގުޅުއްވާ ކަމަށެވެ.

" ކައުންސިލިންގ ދިނުމުގަ އުޅެނިކޮށް ދިމާވި ކުށްކުރާ ކުދިންވެސް މުޖުތަމައުގަ. އެމީހުންގެ ވާހަކަތަކުން އެނގުނު ރާއްޖޭގެ ހިންގުމުގެ ނިޒާމުގަ ކަންތައްތަކެއް ހުރިކަން. ބައެއްފަހަރަށް ހަމަނުޖެހުންތަކާ އެއްޗެހި ހިންގާކަން ކޮންމެވެސް ގޮތަކަށް ފަންޑިން ލިބިގެން. އެކަހަލަ ކަންތައް ހުރީމަ ހިތަށްއެރި އަސްލު ސިޔާސީ ދާއިރާއަށް ވަނީމަ ރަނގަޅު ކުރެވިދާނެ ކަންތައް ހުންނާނޭ. އަސްލު އަމިއްލަ ނަފުސަށް ޔަގީންކަންއޮވޭ ނުވިކޭނެކަން. އެގޮތަށް ސިޔާސީ ދާއިރާއަށް ވަނީ. އަސްލު ފިރިމީހާގެ ސަޕޯޓާއި ފިރިމީހާގެ ޢާއިލާގެ ސަޕޯޓާއިއެކު ކުރިމަތިލީ ފިރިމީހާގެ ދާއިރާ ކަމުގައިވާ މަކުނުދޫ ދާއިރާއަށް. ފިރިމީހާ އެއީ ހދ.ނޭކުރެންދޫ މީހެއް" 2014ވަނަ އަހަރުން ފެށިގެން 5 އަހަރުގެ ދައުރެއް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރެއްވި އަނާރާ ވިދާޅުވިއެވެ.  

ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގްރާމްތައް

އަނާރާ ވަނީ ދީނީގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ކުރިއަށް ގެންދަވާފައެވެ. އަދި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ތަފާތު ޕްރޮގްރާމްތަކުގެ އިތުރަށް ވަރަށްގިނަ ރަށްރަށުގައި ވަނީ ދަރުސް ދެއްވާފައެވެ.

" އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ހުރޭ އެނގޭ އެއްޗެއް އެހެން މީހުންނަށް ބުނެދިނުމުގެ ޝައުޤުވެރިކަން. އެހެންވެ ކުދި ވީޑިއޯ ކްލިޕް ރެކޯޑުކޮށްގެން ފޭސްބުކްއަށް ލަނީވެސް" އަނާރާ ވިދާޅުވިއެވެ.

ނިންމުން

މިވަގުތު ޕީ.އެޗް.ޑީ ޕްރޮގްރާމް ނިންމެވުމުގެ މަސައްކަތް ކުރައްވާތީ އިތުރު އެހެންކަންކަމަށް އެހާބޮޑަށް ވަގުތު ނުދެވުނު ކަމުގައިވިއަސް ކުރިއަށް އޮތްތާގައި ދީނީ މަޢުލޫމާތު ލިޔުއްވުމުގެ ޚިޔާލު ގެންގުޅުއްވާކަމަށް އަނާރާ ވިދާޅުވިއެވެ.

އަދި ޒުވާނުންނަށް އަނާރާ ދެއްވީ "ދީން މިއީ ލިބިފަހުރި އެންމެބޮޑު ނިއުމަތް. މިއީ ހަމައެކަނި ދުނިޔެއެއްނޫން އުޅެން އޮތް. އާޚިރަތަށްވެސް ވިސްނަންވާނެ. ދެދުނިޔޭގެ ކާމިޔާބު ހޯދަން ދުޢާކޮށް މަސައްކަތްކުރަން ޤުރުއާނުގައިވެސް އޮންނަނީ. އަމިއްލަ ނަފްސަށާއި ދެދުނިޔޭގެ ފައިދާ ލިބޭނެ ގޮތަކަށް ދިރިއުޅުން ކުރިއަށް ގެންދާށޭ" މިމެސެޖެވެ.

+1
1
+1
3
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް