ޝީމާ ސައިބޯން އިންއިރުވެސް އަނގަ ހުއްޓައެއް ނުލައެވެ. އެކަމާއި އޭނަގެ މަންމައަށްވެސް އިނީ އުނދަގޫވެފައެވެ.
"ދަރިފުޅާ ދެންވެސް އަވަސްކޮއްލަބަލަ" އެންމެފަހުން ޝަރީފާއަށް ކެތްނުކުރެވިގެން ބުނެލިއެވެ. ޝަރީފާގެ ބަސްއަހައިގެން ޝީމާ އަވަސް ކޮއްލައިގެން ބޭރަށް ނިކުތެވެ. ވަޒީފާއަށް ގަޑިޖެހިގެން ދިއުމަކީ ޝަރީފާއަށް އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭވަރުގެ ކަމެއް ނޫނެވެ. އަވަސްކޮއްލައިގެން ގަޑި ނުޖެހި ދެވުނީ ހަމަ ކިރިޔާއެވެ.
ހުކުރު ދުވަހަކީ ޝަރީފާމެންނަށް ހަފްތާގެ ތެރެއިން ލިބޭ ހަމައެކަނި ޗުއްޓީ ދުވަހެވެ. ވަޒީފާއަށް ނުދިޔަސް އެދުވަހަކީ ގޭތެރޭގެ ކަންތައް ކޮއްލަން ލިބޭ ދުވަހަށް ވުމުން އެދުވަސް ޚާއްސަވެފައިވަނީ ގޭތެރޭގައި ނުވެ ހުންނަ ކަންތައް ކޮއްލަން ލިބޭ ހަމައެކަނި ދުވަހަށެވެ. ޝަރީފާ އާއި އެކީ އެހީތެރިވުމުގައި ޝީމާވެސް އަވަދިނެތި އުޅުނެވެ. ހަވީރު ގަޑިއަށް ކަންތައް ނިންމާލެވޭތޯއެވެ. ހަވީރުގެ ގަޑި އަށް ކޮންމެވެސް ތާކަށް ދާން ދެމީހުންވެސް އޮތީ ވާހަކަ ދައްކައިފައެވެ. ޝަރީފާ އުޅުނީ އަންނައުނުތައް ދޮންނާށެވެ. ޝީމާ ގޭތެރެ ކުނިކެހުމާއިގެން އުޅުނެވެ.
"އައްސަލާމް އަލައިކުމް" ބޭރުން މީހަކު ސަލާމް ގޮވައިލިއަޑަށް ޝަރީފާ ސަލާމް ބަލައިގަންނަމުން ބޭރަށް ނިކުތެވެ. ދޮރު ކަނީގައި އަތް އަޅައިގެން އިބްރާހިމްފުޅު ހުއްޓެވެ.
"ހާދަހާ ދުވަހެއް ކޮއްލާފައި ތި ދައްކާލީ" އިބްރާހިމްފުޅު ފެނުމާއިއެކު ޝަރީފާ ބުނެލިއެވެ.
"އާނ. ޝަރީފާމެން އުޅޭލެއް ބުރަކަމުން ބައްދަލުވެސް ނުވަނީތާ" އިބްރާހިމްފުޅު އެތެރެއަށް ވަންނަމުން ބުނެލިއެވެ.
"އާނ. ހަފްތާގެ މިދުވަސް އެކަނި މިލިބެނީ ކަމެއް ކޮއްލަން. އެހެންވީމާ މިއަދަކީވެސް ވަކި ލުއި ދުވަހެއް ނޫން. ދެން އިބްރާހިމްފުޅު އައިމަތާ ވާހަކަވެސް ދެއްކޭނީ. ފެންނާނީވެސް" ޝަރީފާ ޖަވާބު ދިނެވެ.
"އަންނަންވީދޯ" އިބްރާހިމްފުޅު ހޭންފެށިއެވެ.
"ކޮބާ އަދިވެސް މީހަކާއި އިންނާކަށް ނުވޭތަ. ނުވިސްނަންތަ" އިބްރާހިމްފުޅު ބޭނުންވީ ޝަރީފާގެ ރުހުމެވެ.
"ނޫން ދެން ތިކަން ނުވެފައި އޮތީ" ޝަރީފާ ޖަވާބު ދިނެވެ.
"މީހަކާއި އިންނަންޏާ އަހަންނާއި އިންނާތި" އިބްރާހިމްފުޅު ކުރިންވެސް އެދެމުންދިޔަ ގޮތަށް މިފަހަރުވެސް އެދުނެވެ.
އެދެމީހުންގެ ވާހަކަ މެދުކެނޑުނީ ޝީމާ އައިސް އެމީހުންގެ ގާތުގައި އިށީނުމުންނެވެ. އިބްރާހިމްފުޅަކީ ޝީމާ ވަރަށް ލޯބިވާ މީހެކެވެ. އެގެއަށް މީހުން ނާންނަ އިރުވެސް އިބްރާހިމްފުޅު އެގެއަށް އައިސް އުޅޭތީއެވެ. އަދި އިބްރާހިމްފުޅުވެސް ދެކެނީ ޝީމާ އެއީ އޭނަގެ އުފަންދަރިއެއް ކަހަލަ ކުއްޖެއްގެ ގޮތުގައެވެ. ޝީމާ ތެދުވެގެން ގޮސް ޖޫސްތައްޓެއް ގެނައެވެ. އެއީ އަބަދުވެސް އިބްރާހިމްފުޅު އެގެއަށް އަތުވެއްޖެއްޔާ ޝީމާ އޭނައަށް ވަރަށް ކަމޭހިތައެވެ.
"އިބްރާހިމްފުޅުބެ މަންމައަށް އިންނާނެ ރަނގަޅު މީހެއް ހޯދައިދީފާނަންތަ" ޝީމާ އޭނަގެ މަންމަގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
"މަންމަ ހަމަ ހޯދަންވީ" އިބްރާހިމްފުޅު ގާތަށް ހިނިއައެވެ. އެއީ ރަނގަޅު ވާހަކެއްތާއެވެ. އެމީހަކު އިންނާނެ މީހަކު ހޯދާނީ އެމީހެއްތާއެވެ. އެހެން މީހަކު ހޯދާ މީހަކު ގިނަފަހަރަށް އޮންނަނީ ގޯސްވެފައެވެ. އެވާހަކައިގެ ތިއްބާ ގަޑިން އެގާރަ ޖަހަނީއެވެ. އިބްރާހިމްފުޅު އަވަސްވެގަތީ މިސްކިތަށް ދާން ތައްޔާރުވުމަށެވެ. ޝަރީފާމެންގެ ގާތުގައި ބުނެލުމަށްފަހު އިބްރާހިމްފުޅު އޭނަގެ ގެއަށް ދާން ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝީމާ ހުރީ ހެވިފައެވެ. ޝީމާ ބޭނުންވަނީ މިހާރު ކޮންމެވެސް ރަނގަޅު މީހަކާއި އަވަހަށް މަންމަގެ ކައިވެނި ކުރުވާށެވެ. އެގޮތުން ޝީމާއަށް ފެނުނު އެންމެ ރަނގަޅު މީހަކީ އިބްރާހިމްފުޅެވެ.
"ކޮބާ އިބްރާހިމްފުޅުބެ އާއި އިންނަންވީނު. ކިހާ ރަނގަޅު މީހެއް. މިހާރުވެސް އެދިޔައީ މިސްކިތަށް ދާން ލަސްވެގެން" ޝީމާ އޭނަގެ މަންމަގެ ކޮލުގައި ހިފައިލިއެވެ.
"މަންމަ ތިކަމާއި ވިސްނާނަން" އެންމެފަހުން ޝަރީފާ ޖަވާބު ދިނެވެ.
"ތިހެން ބުނެފައި ދެން ހުންނާނީ ހަނދާން ނައްތާލާފައި" ޝީމާއަށް ޔަގީން ނުވާ ފާޑަކަށް ބުނެލިއެވެ.
"އަހަރެން މިހާރު މިހުރީ ބޮޑުވެފައި. ދެން މަންމަ މީހަކާއި އިނީމަދޯ އަހަރެންނަށްވެސް އިނދެވޭނީ" ޝީމާ ހޭންފެށިއެވެ.
ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. ރަށުގެ ބަނދަރާއި ދިމާލުން މާދުރުނޫން ހިސާބެއްގައި ވަރަށް ރީތި ދޮންވެލިގަނޑެއް އޮވެއެވެ. ހަވީރު ގަޑިއަކީ ރަށުގެ މީހުން އެތަނަކަށް އެއްވާ ތުނޑިއެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އިށީނދެ އިނދެވޭ ގޮތަށް ގޮނޑިތައް ޖަހާ އެތަންވަނީ ވަރަށް ރީތިކޮއްފައެވެ. އެދިމާލަށް މޫދަށް އެރޭ މީހުންނަށް ފެންވެރޭނެ ގޮތާއި ކައިބޮއި ހެދޭނެ ގޮތަށް އެހިސާބު އޮންނަނީ ތައްޔާރު ކޮއްފައެވެ. ޝަރީފާ އާއި ޝީމާ ދެމީހުންވެސް ގޮސް ތުނޑީގައި ހުރި ޖޯލިފަތީގައި އިށީނެވެ. ވަށައިގެން ފެންނަނީ ހިތްގައިމު މަންޒަރުތަކެވެ. އެކި ވައްތަރުގެ ދޫނިތައް އައިސް ގޮސް އުޅެއެވެ. ބައެއް ދޫނިތަކުގެ ގޮވާ އަޑުން މުޅި ހިސާބުގަނޑު ވަނީ ގުގުމައިފައެވެ. ޝަރީފާ އަތުގައި އޮތް ޖޫސްޕެކެޓުން ފަހަރަކު އެތިފޮދެއް ބޯލަމުން ދިޔައިރު ހީވަނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އިންނަހެނެވެ.
"މަންމާ ކޮންކަމަކާއި ގެއްލިފައި" ޝީމާ އޭނަގެ މަންމަގެ އަތުގައި ހިފައިލިއެވެ.
"މިއީ ދުނިޔޭގެ ރީތިކަމާއި މެދު ވިސްނާލެވުނީ. އެކަމަކު ހިތަށް އަރާ މިއީ ދެން ވަގުތީ ތަނެކޭ. ކީއްވެހޭ އެންމެން މިތަނާއިހެދި މޮޔަވަނީ" ޝަރީފާ ހޭންފެށިއެވެ.
"މަންމާ ބަލާބަލަ. މިދިމާލަށް އެއަންނަނީ އިބްރާހިމްފުޅުބެ. އަތުގައި އެބައޮތް މަސްބާނާ ދޮއްޓެއްވެސް" ޝީމާ އޭނަގެ މަންމައަށް އިބްރާހިމްފުޅު ދެއްކިއެވެ. ހީވަނީ އިބްރާހިމްފުޅަށް އެމީހުން ފެނިގެން އެދިމާލަށް އަންނަހެންނެވެ. އެމީހުންނަށް ހީވީ ރަނގަޅަށެވެ. އިބްރާހިމްފުޅަށް އެމީހުން ފެނުނީއެވެ.
"ދެކުދިން މިތާ ކީއްކުރަނީ" ޝަރީފާމެންގެ ގާތަށް ހުއްޓިފައި އިބްރާހިމްފުޅު އަހައިލިއެވެ.
"ތީނަ މަސްބާނާ މަންޒަރު ބަލާލަން މިތިބީ" ޝަރީފާ ހޭންފެށިއެވެ.
"މިއަދު މަހެއް ނުބޭނުނީ. ނަސީބު ދެރަ ދުވަހެއް" އިބްރާހިމްފުޅު ބުނެލިއެވެ.
ޝަރީފާ އާއި އިބްރާހިމްފުޅު ވާހަކަ ދައްކަން ފުރުސަތު ދީފައި ޝީމާ މޫދާ ދިމާލަށް ހިނގައިގަތެވެ. އިބްރާހިމްފުޅު ގޮސް ޝަރީފާ އާއި ޖެހިގެން ދެވަނައަށް ހުރި ޖޯލީގައި އިށީނެވެ.
"އަހަރެންގެ ދަރިފުޅަށް މާރަނގަޅު މީހެކޯ ތިއީ" ޝަރީފާ ބޭނުންވާ މައުޟޫއަށް ވާހަކަ އަނބުރައިލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އެކަމަކު ޝަރީފާއަށް އަހަރެން ކަމަކު ނުދޭ. އަސްލު ކަމުދާންވީ ޝަރީފާއަށްދޯ. މިވީ އެއާއި އިދިކޮޅަށް" އިބްރާހިމްފުޅު ހޭންފެށިއެވެ.
އެންމެފަހުން އިބްރާހިމްފުޅުގެ ދައުވަތު އަނެއްކާވެސް ޝަރީފާއަށް ދިނެވެ. މިފަހަރު ޝަރީފާ ނޫނެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. ވަގުތުން އާނ އެކޭ ބުނެ އިބްރާހިމްފުޅުގެ ހުށަހެޅުން ގަބޫލުކުރިއެވެ. އިބްރާހިމްފުޅުގެ މަސައްކަތް ކާމިޔާބު ވުމުން އުފަލުން ހޭންފެށިއެވެ. އެމަންޒަރު ބަލަން ދުރުގައި ނޫން ނޫން ކަމަށް ހެދިގެން ޝީމާ ހުރީ ހެވިފައެވެ. ދެމީހުންގެ ވާހަކައިގައި ތިއްބާ އިރުއޮއްސެން ގާތްވަނީއެވެ. ދުނިޔެ މައްޗަށް ރަތްވިލާގެ އަސަރު ގަދަކުރަމުން ދިޔައެވެ. ކުރިން ލަވަކިޔަމުން ދިޔަ ދޫނިތައްވެސް އެމީހުންގެ ހާލިތަކާއި ދިމާލަށް އުދުހެމުން ދިޔައީ މާދަމާވެސް އަންނާނެކަމުގެ އުންމީދެއް ދެމުންނެވެ. އިރުވެސް އޭގެ ވާޖިބު އަދާކުރުމަށްފަހު އެނބުރި ދިޔައީ އަހަރެމެން އިންސާނުންނަށް އަރާމު ރޭގަނޑަކަށް ދައުވަތު ދެމުންނެވެ. ޝީމާ އެންމެފަހުން އައިސް ގެއަށްދާން އެދުމުން އެތިންމީހުންވެސް ގެއާއި ދިމާލަށް ހިނގައިގަތްއިރު ދުނިޔެމައްޗަށް އަނދިރިވަމުން ދިޔައެވެ.
= ނުނިމޭ =