September 18, 2024 10:38
Advertisement

-Advertisement-

ދަރަނި ނުދައްކާ ތިބި މީހުން ބިރުވެތިވާންޖެހޭ: މަރުވުމަށްފަހު ދަރަނި އަދާކުރެވެންދެން ފުރާނަ ވާހުށީ އެލުވިގެން- ޚުޠުބާ

ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެކެވެ. ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައެވެ. ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫނެވެ. އަދި ދަރަނި އަދާކުރުން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށްވެސް އެންމެ ފައިދާހުރި ގޮތެވެ. ބޮޑެތި ދަރަނި ނަގާންވާނީ އެފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެންނެވެ. ދަރަނި ނުދެއްކި ޝަރީޢަތަށް މައްސަލަ ހުށަހެޅި ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެކަން ވެގެން ނުވާނެއެވެ. އެފަދަ ދަރަންޏެއް ނެގުމަށްވުރެ އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް އިޤްތިސާދު ކުރުމެވެ. ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް ދަރަނި ދެއްކޭނެ ގޮތް މާތް ﷲ މިންވަރުކޮށްދެއްވާނެއެވެ.

ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެކެވެ. ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެކެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީނަމަ އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެކެވެ. އެހެންވެ އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެކެވެ.

ދަރަނީގެ މުޢާމަލާތެއް ކުރާއިރު އެކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެއެވެ. ކީރިތި ޤުރުއާނުގައި ވަނީ އެކަންކަކަމަށް އަމުރުކުރައްވައިފައެވެ.

Advertisement

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިއަސް އަދާނުކުރެވި އޮއްވައި ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވައިފައި ވެއެވެ. މާނައީ: " މާތް ﷲ ޝަހީދުންނަށް ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާހުއްޓެވެ". ވީމާ މީހަކު ދުނިޔެ ދޫކުރުމަށްފަހު އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެއެވެ. ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެމީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެކެވެ.

ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެކެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވައިފައި ވެއެވެ. މާނައީ: " އަތްމަތި ދަތި މީހަކަށް ދަރަނި ފަސްކޮށްދީފި މީހާއަށް ނުވަތަ ޢަފޫކޮށްދީފި މީހާއަށް ﷲގެ ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ޤިޔާމަތް ދުވަހު، އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ".

ދަރަނިވެރިޔާ ނިޔާވުމަށްފަހު އޭނާގެ ދަރަނި އަދާކުރެއްވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންނެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވައިފައި ވެއެވެ. މާނައީ: " މުއުމިނާގެ ފުރާނަވަނީ، އޭނާގެ ދަރަނީގެ ސަބަބުން އެލުވިގެންނެވެ. (އެބަހީ: އެ ފުރާނައާމެދު ވަކި ގޮތަކަށް ނުނިންމަވައި ފަސްކުރެއްވިގެންނެވެ.) އެއީ އޭނާގެ ދަރަނި އަދާކޮށްދެވިއްޖައުމަށް ދާންދެނެވެ". ހަމަ އެފަދައިން އިންސާނާ މަރުވުމަށްފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެއެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް