September 18, 2024 10:35
Advertisement

-Advertisement-

މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! މުސްކުޅި އުމުރުގައި އެކަނި އުޅެން ދޫކޮށްނުލާ- ހުކުރު ޚުޠުބާ

ތާރީޚީ ގޮތުން ބަލާއިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ އާއިލާއެވެ. އެ އާއިލާގެ އުނގަކީ ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ އަމާންކަމާއި ހިމާޔަތާއި ލޯބި ދިން އުނގެވެ. އިންސާނާގެ ޝަހުސިއްޔަތު ބިނާކޮށްދީ ތަހުޛީބު މުވާޠިނަކަށް ހަދައިދޭ މަދަރުސާއެވެ. އާއިލާއަކީ ކުއްޖާ ބޮޑުވެ، ދިރިއުޅުމުގެ ހަމަތަކާއި، އުސޫލުތަކާއި، ސަޤާފަތްތަކާއި، އާދަކާދަތައް ލިބިގަންނަ މަރުކަޒެވެ. ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީ އާއިލާތަކެވެ. އެހެންކަމުން އާއިލާއަކީ މުޖުތަމަޢުގެ ބިންގަލެވެ. މިބިންގާ ވަރުގަދަ ކުރެވިގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެއެވެ.

މިއަދު އިސްލާމީ އުންމަތް މިވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމަޢަކަށް ނުހަނު ބޭނުންވެފައެވެ. މި މުހިއްމު މަސައްކަތުގެ ހިއްސާދާރަކަށް ވުމަށް ކޮންމެ ފަރުދަކުމެ އަތުކުރި އޮޅައިލަމާ ހިނގާށެވެ. އާއިލާއެއް ފެށިގެން އަންނަނީ ކައިވެނީގެ މަތިވެރި ބަދަހި ގުޅުމުންނެވެ. އާއިލީ ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެވެ. މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ގުޅުމާއި މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތަކާއި ވާޖިބުތަކާއި ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތަކާއި ވާޖިބުތަކެވެ. އަދި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަޚުންނާއި އުޚުތުންގެ ގުޅުންތަކާއި އެފަރާތްތަކުގެ ޙައްޤުތަކާއި ވާޖިބުތަކެވެ. މާމައިންނާއި ކާފައިންނާއި ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނާއި އެމީހުންގެ ދަރީންގެ މެދުގައި އޮންނަންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެވެ. މިގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާންޖެހޭ ވާޖިބެކެވެ. އިންސާނީ ނަސްލު ބަލަހައްޓައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި ކެތްތެރި އާއިލާއެއްގެ ހިޔާވަހިކަން ލިބިގެންނެވެ.

އާއިލީ ގުޅުން ހަރުދަނާ ކުރުމަށްޓަކައި އާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމުކުރާން ޖެހެއެވެ. އާއިލާގެ ހުރިހާ މެންބަރުން ގުޅިގެން އާއިލާ ހަރުދަނާކުރާން މަސައްކަތްކުރާން ޖެހެއެވެ. އާއިލާގެ ތެރޭގައި އިހްތިރާމްކުރުމާއި އަގުވަޒަންކުރުން އޮންނާން ޖެހެއެވެ. ބިނާކުރަނިވި ފާޑުކިއުންތަކާއި ގުޅުންތައް ޤާއިމުކުރެވޭން ޖެހެއެވެ. އެކަކު އަނެކާގެ އަޑުއެހުމާއި އިހްސާސްތަކާއި ބޭނުންތައް އިހްތިރާމާއެކު ހިއްސާކުރުމުގެ މާހައުލެއް އުފައްދަން ޖެހެއެވެ. ކެތްތެރިކަމާއި ތަހައްމަލުކުރުން ކުރިއަށް ނެރެން ޖެހެއެވެ. ކެތްތެރިކަމާއި ތަހައްމަލުކުރުމަކީ ބިނާކުރަނިވި ގޮތެއްގައި ކޯޅުންތަކާއި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެއްކަން އަމިއްލައަށް ޤަބޫލުކޮށް އާއިލީ އެހެން މެންބަރުންނަށް ސާފުކޮށްދީ ވިސްނައިދޭން ޖެހެއެވެ. އާއިލާގެ މެންބަރުންގެ ތަޢުލީމާއި ކުރިއެރުމަށްޓަކައި ރޭވުންތަކެއް ރާވައި އަމަލީ މަސައްކަތްތައް ދުރާލައި ކުރާންޖެހެއެވެ.

Advertisement

ތިބާއަށް ﷲ ދެއްވާ މުދަލާއި ތަނަވަސްކަމަކީ ހަމައެކަނި ތިބާގެ މިލްކެއް ނޫނެވެ. އެ މުދަލަކީ އޭގައި އެތައް ބަޔެއްގެ ޙައްޤު އެކުލެވިފައިވާ މުދަލެކެވެ. އޭގެތެރޭގައި މައިންބަފައިންގެ ޙައްޤުތަކާއި ތިބާގެ އަޚުންނާއި އުޚްތުންގެ ޙައްޤުތައް ހިމެނޭ އެއްޗެއްކަން ދަންނާށެވެ. އާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި އެއިން ހޭދަކުރާށެވެ. ދުނިޔޭގައި ބާއްޖަވެރި ހަޔާތެއް ހޭދަކުރުމުން އެމީހުން މަހުރޫމް ނުކުރާށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ. މުސްކުޅި އުމުރުގައި އެކަނި އުޅެން ދޫކޮށްނުލާށެވެ!

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް