September 18, 2024 10:36
Advertisement

-Advertisement-

މަލާއިކަތުން ހެއްދެވީ ނޫރުން، ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުން – ހުކުރު ޚުޠުބާ

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެއީ ﷲ ތަޢާލާ މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެކެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތަށެވެ. މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫނެވެ. މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެއެވެ. އެބައިމީހުން ﷲ އަށް ނުއުރެދޭނެތެވެ.

މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚުލޫޤުން ކަމުގައި ނުވިޔަސް ﷲ ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް ﷲ ތަޢާލާ ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައެވެ. ބައެއް މީހުން ﷲ ލަޢުނަތްލެއްވި އިނބިލީހާއި މެދު ކުށްހީއެއް ކުރެވެއެވެ. އެއީ އިނބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމެވެ.

މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނެއެވެ. ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވައިފައިވެއެވެ. މާނައީ" މާތް ﷲ މަލާއިކަތުން ހެއްދެވީ ނޫރުންނެވެ. އަދި ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުންނެވެ. އަދި އާދަމްގެފާނު ހެއްދެވީ ތިޔަބައިމީހުންނަށް ސިފަކޮށްދެއްވައިފައިވާ ފަދައިންނެވެ".

Advertisement

މަލާއިކަތުންނަކީ މާތް ﷲ އަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔެކެވެ. މަލާއިކަތުންގެ އަދަދު ﷲ ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. މާނައީ: " އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުގެ އަދަދު އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ". ޢަރުޝި އުފުއްލެވުމަށް މަލާއިކަތުން ވެއެވެ. ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައި ވެއެވެ. ޖިބުރީލުގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމުލެއްވުމާއި މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވެއެވެ. ﷲ ތަޢާލާ އަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރުއާން ކިޔަވައި، ﷲ ހަނދުމަކުރާ މީހުންނަށް ރަހުމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވެއެވެ.

+1
1
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް