އިޤްތިސާދަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިއަދު ހަވީރުއެވެ. ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ހއ. އަތޮޅު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރުންނެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އާއި އެސްޓިއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް އާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހުގެ އިތުރުން ސަރުކާރުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން ކުރިއަށްގެންދާ މިޚިދުމަތުގެ ދަށުން 'ވިޓޯލް' އާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާކަމަށް ޝިމާދު ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ. ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޑީސަލާއި ލޯސަލްފާ ފިޔުލްއެވެ. މުސްތަގުބަލުގައި ބިންހިއްކައިގެން ރަނގަޅު ފިޔުލް ފާމްތަކާއި ޕޯޓެއް ތަރައްގީކޮށް ޒަމާނީ ފެންވަރުގައި ޚިދުމަތްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
" އެސްޓިއޯއިން ކުރާ ތެލުގެ ވިޔަފާރިއާއި ގުޅިގެން އަޅުގަނޑުމެން ނިންމީ އިންޓަނޭޝަނަލް ފިއުލް ބަންކަރިންއަށް ވީހާވެސް އަވަހަކަށް ނުކުންނަން. އެކަމަށްޓަކައި އަޅުގަނޑުމެންނަށް ފެންނަ އެންމެ ރަނގަޅު ޕާޓްނަރުންނަށް ދަޢުވަތު ދީގެން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ލިބުނީ މިދާއިރާގައި އެންމެ ރަނގަޅަށް ފައިހިއްޕައިފައިވާ ވިޓޯލްއިން. އޭގެ 6 މަސް ފަހުން މިފެންނަނީ މިކަމުގައި އަމަލީ ސިފަ ޖެހިގެންދާތަން. ފުރަތަމަ ފަށައިގަންނާނީ 2 ވައްތަރެއްގެ ކާގޯއިން. އެއީ ޑީސަލް ލަގްޒަރީ ޔޮޓްތަކަށާއި ބައެއް ބޯޓުފަހަރުތަކަށް ބޭނުންވާ. އަދި އޭގެއިތުރުން ކޮންޓެއިނަރ ވެސެލްތަކާއި ޑްރެޖަރުތަކާއި ބޮޑެތި އާގުބޯޓުތަކަށް ބޭނުންވާ ލޯ ސަލްފާ ފިޔުލް އޮއިލް އިން. ވިޓޯލް އާއެކު އަޅުގަނޑުމެން މިއެއްބަސްވުމުގައި ސޮއިކޮށް ވިޓޯލްއިން މިޕްރޮޖެކްޓް މާކެޓްކުރަން ފެށި ހިސާބުން ވިޓޯލް އަށް ދުނިޔޭގެ އެކިހިސާބުތަކުން އެންކުއަރީސް އަންނަން ފެށި. ވިޓޯލް އާއި އެސްޓިއޯ ގުޅިގެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ އުޅަނދުތަކަށް އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ޚިދުމަތްދޭން". ޝިމާދު ވިދާޅުވިއެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ރާއްޖެއިން ބޭރުގެ ބޮޑެތި ބޯޓުފަހަރުތަކަށް 14 ޚިދުމަތެއް ދިނުމުގެ މަސައްކަތް ވަނީ ހުޅުވާލެވިފައިކަމަށެވެ.
" ބައިނަލްއަގްވާމީ ފަރާތްތަކަށް، ރާއްޖެއިން ބޭރުގެ އާގުބޯޓުފަހަރަށް 14 ޚިދުމަތެއް ދިނުމުގެ މަސައްކަތް ވަނީ ހުޅުވާލެވިފައި. މިކަމުގެ ފައިދާކުރާނެ ސަރުކާރުގެ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް. މިހާރުވެސް އެބައިން ގްރީކުގެ 17 ބޯޓު އޮޕަރޭޓްކުރާ ކުންފުންޏަކުން ފެނުގެ އޯޑަރު ލިބިފައި. އެހެންވުމުން މިފެށިގެންދާ ބަންކަރިންގެ ޚިދުމަތަކީ މީގެ ޒާތުގައި ދިވެހިރާއްޖޭގެ އިޤްތިސާދަށް އަދި އަޅުގަނޑުމެން މި ފޯކާސްޓްކުރާ 400 މިލިއަން ޑޮލަރަށްވުރެ މާބޮޑު މަންފާއެއް ކުރާނެ މަސައްކަތެއް". ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގައި ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެސްޓިއޯއިންނެވެ. މި ޚިދުމަތް ދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓު ވަނީ ރާއްޖެ ގެނެސްފައެވެ. މިއަދު މި ޚިދުމަތް ފަށައިފައިވަނީ މިޚިދުމަތަށް ބޭނުންކުރާ މެރިން ބެއްލާއިން އެމްއެސްއެސްގެ ބޯޓު ވައިސީ ބެރިއަރއަށް ތެޔޮ ފޯރުކޮށްދީގެންނެވެ.
ބަންކަރިންގ އާއި ގުޅިގެން އިތުރު ޚިދުމަތްތައް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން މެރިޓައިމް ޚިދުމަތްތައް ދިނުމަށް އެމްޕީއެލް އިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އަދި ވޯޓަރ ބަންކަރިން އަށް ބޭނުންވާ ފެން ބާޖު ތުރާކުނުގައި ބޭއްވުމަށް އެމްޕީއެލް އާއި ތުރާކުނު ކައުންސިލާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ތުރާކުނުގައި ފެން ބާޖު ބާއްވައި އެބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައެވެ.
ރާއްޖެ ކައިރިން ގިނަ އަދަދެއްގެ ބޮޑެތި އުޅަނދުތައް ދަތުރުކުރާއިރު އެ އުޅަނދުތަކުން ބަންކަރިންގެ ޚިދުމަތް ރާއްޖެއިން ހޯދަން ފަށައިފިނަމަ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއަށް ލިބެން ފަށާނެއެވެ. އަދި އިޤްތިސާދަށް ހެޔޮ ބަދަލެއް އަންނާނެއެވެ.