September 20, 2024 15:49
Advertisement

-Advertisement-

އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން ނުވަތަ އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެ- ޚުޠުބާ

ހަދީޘްފުޅުގައި އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ﷺ ބަޔާންކޮށްދެއްވާފައިވަނީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. އެމީހުންގެ ހިތްތައް ބާއްޖަވެރިކުރުމެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެމީހުން ހިތުގައި ނުޖެއްސުމެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމެވެ. މިކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ.

ދެވަނަ ކަމަކީ މުސްލިމް އަޚަކަށް ކުރިމަތިވާ މުސީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާއި ކުރިމަތިވެދާނެ ބޮޑެތި މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭނަމަ މީސްތަކުންނާއި ކުރިމަތިވާ މުސީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރާށެވެ!

ޢިލްމުވެރިން ވިދާޅުވާގޮތުގައި ލޮބުވެތި ރަސޫލާ ﷺ ބަސްފުޅުން މުހުތާދުވެރިޔާއަށް އެހީވުމުގެ މާތްކަމާއި، އޭނާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެނގެއެވެ. އޭގެ ތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މަޢުނަވީ ކަންތައްތައް ވެސް ހިމެނޭނެއެވެ.

Advertisement

މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެކެވެ. އެއީ މާތްﷲ ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނަ ކަމެކެވެ. މާތް ﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލުބޭކަލުންނަކީ އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ އަކީ މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ.

ރަސޫލާ ހަދީސްކުރައްވައިފައިވެއެވެ. މާނައީ: "ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި ދަރަނި އަދާނުކުރެވުނު އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެދަރަނީން މިންވަރެއް އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ﷲ އެކަލާނގެ ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެތެވެ".

މާތް ﷲ ގެ ޙަޟްރަތުން ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުމެވެ. ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބަޔެކެވެ. ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިން އެގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ކިޔަމުއެވެ. ލައިގެންކާނެ އެއްޗެއް ނެތް ގޭގޭގެ މީހުން ބޯތަށި ހިފައިގެން އަވަށްޓެރިޔާގެ ގެއަށް ދިޔުމުން އެ ބޯތަށްޓަށް ލައިގެން ކާނޭ ތަކެތި އަޅައިދޭ ވާހަކަ އަހަރެމެން އަޑުއަހަމުއެވެ.

ކީރިތިރަސޫލާ ﷺ ހަދީޘްކުރައްވައިފައިވެއެވެ. މާނައީ "އޭނާގެ އަވަށްޓެރިޔާ ހައިހޫނުކަންމަތީގައި ވާކަން އެނގޭއިރު އޭނާ ބަނޑު ފުރައިގެން ހުންނަ މީހާއީ ތިމަންކަލޭގެފާނަށް ފުރިހަމައަށް އީމާންވާ މީހެއް ނޫނެވެ".

ފަސްވަނަކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށްޓަކައި މަސައްކަތް ކުރުމެވެ. އެއީ ނަބަވީ ހަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެކެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް